ފ. އަތޮޅުގެ މައްސަލާގައި ނިހާނާއި ޑރ. ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލަތަކެއް

ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާ އިން ފ. އަތޮޅުގައި ހިންގާ ބިޔަ މަޝްރޫއާ ގުޅޭ ގޮތުން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާނާއި ދީނާއި ފިކުރީ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ މަންދޫބު ޑރ. އަހުމަދު ޝަހީދާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ސޯޝަލް މީޑިއާގައި ބަދަލުކޮށްފި އެވެ.


ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު މިއަދު ރާއްޖެ އަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅު ކުއްލި ގޮތަކަށް އިއްޔެ ފަސްކުރެއްވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ފަތުރަމުންނެވެ.

"ފ. އަތޮޅު ސަލާމަތްވުމަކީ ރާއްޖޭގެ ޓޫރިޒަމް މަހުޖަނުން ވެސް އުފާ ކުރާނެ ކަމެއް،" ރަސްގެފާނުގެ ދަތުރުފުޅު ކެންސަލް ކުރެއްވުމާ އެކު، ކުރިން ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. ޝަހީދު ވިދާޅުވި އެވެ.

"ސަތޭކަ ޕަސަންޓު އިސްލާމީ ގައުމަކާއެކު ވިޔަފާރި އާއި ތަރައްގީ ހާސިލް ކުރުމާ ދެކޮޅު ހަދާ ބަޔަކު އުޅޭނަމަ އެއީ މައްސަލައެއް،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު އޭގެ ފަހުން ވިދާޅުވި އެވެ.

އެއަށް ރައްދު ދެއްވައި ޝަހީދު ވިދާޅުވީ ވިދާޅުވީ މަކަރާއި ހީލަތް ހެދުމަކީ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫން ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިންވަރަށް އީމާން ނުވުމަކީ އީމާންކަން ނެތް ކަމުގެ "100 ޕަސަންޓު ސިއްކަ" އެއް ކަމަށެވެ. އަދި އިސްތިގުލާލު ނައްތާލަން މަދު ބަޔަކު ކުރި މަސައްކަތް ފެއިލް ވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެމްޑީޕީން "ކިތަންމެ ވަރަކަށް ތެޅި ފޮޅުނަސް" ރައީސް އަބްދުﷲ ޔާމީން، ރާއްޖެ ތަރައްގީ ކުރެއްވުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅަށް ހުއްޓުމެއް ނާންނާނެ އެވެ. އަދި ރާއްޖެ އަށް 1-10 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓެއް.

ފ. އަތޮޅު ވިއްކުމާ ދެކޮޅުކަން ބައެއް މީހުން ހާމަ ކުރަމުން އަންނާތީ އެކަމަށް ރައްދު ދެއްވާ ނިހާނު ވިދާޅުވީ މުޅި މަންޒަރު ކަޝްފު ވެގެން ދިއުމުން މަންޒަރު ހާމަވެގެން ދާނެ ކަމަށެވެ. އަދި ތަނަކުން އިވޭ އަޑަކަށް ހެއްލެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާނު ކުރެއްވި ޓުވީޓެއް.

އިއްޔެ ޓުވިޓާގައި އެންމެ ގިނަ ބައެއްގެ ފާޑު ކިޔުންތައް ވެސް އަމާޒުވެގެން ދިޔައީ ނިހާނަށެވެ. ސަބަބަކީ، ދަތުރުފުޅު ފަސްކުރެއްވީ، ނިހާނު ބަޔަކާ އެކު ދެއްކެވި ވާހަކައެއްގެ އޯޑިއޯއެއް ލީކްވި ފަހުން ކަމަށް ވެފައި، އެ އޯޑިއޯގައި ފ. އަތޮޅުގެ މަޝްރޫއާ ބެހޭ ވަރަށް ގިނަ، އާންމުންނަށް ނޭނގޭ ވާހަކަތަކެއް ވެސް ހުރުމުންނެވެ. އެހެންވެ، އިދިކޮޅު ބައެއް ފަރާތްތަކުން މަލާމާތެއްގެ ގޮތުގައި ވެސް ނިހާނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޝަހީދު ކުރެއްވި ޓުވީޓެއް.

ނިހާނު ވިދާޅުވީ މާތް ﷲ ގެ ހަޒްރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށާއި "ޝަހީދަށް ކާމިޔާބެއް ނެތް" ކަމަށެވެ. "ފަހަރުގައި ޝަހީދަށް އެއް ދިނަށްވުރެ ގިނަ ދީނަށް ތަބާވާ މީހަކަށް ވެދާނެ،" ނިހާނު ވިދާޅުވި އެވެ. އެއާއެކު ޝަހީދު ވިދާޅުވީ އޭނާގެ ދިނާއި ނިހާނާ ބެހޭ ކަމެއް ނޫން ކަމަށެވެ.

ޝަހީދު ކުރެއްވި ޓުވީޓެއް.

މީގެ އިތުރުން ނިހާނު ވިދާޅުވި ގޮތުގައި ޝަހީދަކީ "ސަލްމާން ރުޝްދީ" ކަހަލަ ލާދީނީ، މުސްލިމުންގެ އަދުއްވެކެވެ. ސަލްމާން ރުޝްދީ އަކީ އިސްލާމް ދީނާ ދެކޮޅަށް ތަފާތު ލިޔުންތައް ލިޔުނު މީހެކެވެ.

ނިހާން ކުރެއްވި ބައެއް ޓްވީޓްތަކާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ކޮންމެވެސް ގޮތެއް ނިންމަވައިދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ބައިނަލް އަގުވާމީ ޑިޕްޕޭޓް ޝަހީދު ކުރެއްވި އެއް ޓްވީޓެއްގައި ވެ އެވެ.

ފ. އަތޮޅުގައި ބޮޑު މަޝްރޫއެއް ހިންގަން އުޅޭ ކަން ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅުން ސިއްރު ކުރަން ބޭނުންވާ ކަމަށާއި އެ އާއިލާ އިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް އެ ބޭފުޅުންގެ މުދަލަކަށް ހަދަން ކަމަށް ނިހާނުގެ އޯޑިއޯގައި ވެ އެވެ. ނިހާން ވިދާޅުވި ގޮތުގައި ފ. އަތޮޅުން ބައެއްގައި އިންވެސްޓް ކުރައްވަން އުޅުއްވަނީ ސައޫދީގެ ވަލީއަހުދުގެ މަގާމުގައި ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން އަބްދުލްއަޒީޒް އެވެ. އެހެން ނަމަވެސް، އެއީ ކޮން ބަޔަކާއެކު، ކޮން އިރަކު ދެއްކެވި ވާހަކަތަކެއް ކަމެއް ނޭނގެ އެވެ. އެ އޯޑިއޯއާ ބެހޭ ގޮތުން ނިހާން ވެސް މިހާތަނަށް އަދި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ސައުދީ ރަސްގެފާނުގެ އުންމީދީ ދަތުރުފުޅު ފަސް ކުރެއްވީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ކަމަށް ފޮރިިން މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.