އައިޖީއެމްއެޗުން ތާޖުއްދީން ސްކޫލުގައި ހުޅުވާފައިވާ ފްލޫ ކްލިނިކަން ދެއްކި މީހަކަށް މިއަދު ހިދުމަތް ދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
21 މާޗް 2017 - 14:31
ހުމުގެ ރޯގާ ޖެހޭ މީހުންނަށް ހާއްސަ އިންފްލުއެންޒާ ވެކްސިން އިތުރު ފަރާތްތަކަށް ވެސް ޖަހައިދޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހަމަޖައްސައިފި އެވެ.
އެ އިދާރާ އިން ކުރިން ހަމަޖައްސާފައި އޮތީ މާބަނޑުމީހުންނަށް އެކަނި އެ ވެކްސިން ޖަހައިދޭ ގޮތަށެވެ.
ނަމަވެސް އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން އިންފްލުއެންޒާ ވެކްސިން އިތުރު ފަރާތްތަކަށް ވެސް މިހާރު ޖަހައިދޭނެ އެވެ.
އެ ވެކްސިން ޖަހައިދޭން މިހާރު ނިންމާފައި ވަނީ މާބަނޑުމީހުންނާއި އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުންނާއި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުންނާއި ޑައިލިސިސް ހަދަމުންދާ މީހުން އަދި އުމުރުން 65 އަހަރުގެ މީހުންނަށެވެ.
އެޗްޕީއޭ އިން ވަނީ މާލެ އާއި ރަށްރަށުގައި ވެކްސިން ޖަހައިދޭނެ ހާއްސަ ތަންތަން ވެސް ކަނޑައަޅައިފަ އެވެ.
ރަށްރަށުން ވެކްސިން ޖަހައިދެނީ މައިގަނޑު ގޮތެއްގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުންނެވެ. ނަމަވެސް މާލޭގައި ވެކްސިން ޖަހައިދޭނެ ހާއްސަ ތަންތަން އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ. އެއީ:
1- މާބަނޑު މީހުންނަށް (އައިޖީއެމްއެޗް، އޭޑީކޭ، ހުޅުމާލެ ހޮސްޕިޓަލް)
2- އެކި ސަބަބުތަކާ ގުޅިގެން ގުނަވަން ބަދަލުކޮށްފައިވާ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)
3- ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ އަދި ކެންސަރު ބަލީގެ ފަރުވާ ފުރިހަމަ ކޮށްފައިވާ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)
4- ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާކުރާ، އުމުރުން ތިން އަހަރުން މަތީގެ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)
5- ޑައިލިސިސް ހަދާ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)
6- އުމުރުން 65 އަހަރުން މަތީގެ މީހުން (ދަމަނަވެށި، އޭޑީކޭ ހޮސްޕިޓަލް)
ވެކްސިން ޖަހަން ދާއިރު އައިޑީ ކާޑާއި ޑޮކްޓަރުގެ ލިޔުން އަދި މާބަނޑު މީހެއް ނަމަ، އެ މީހުންނަށް ހާއްސަ ކާޑު ގެންދިއުމަށް އެޗްޕީއޭ އިން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންދު ނު ބަންދު
23 March 2017
ބަންދު ނުބަންދު ޔަގީން ނުޔަގީން ތަންކޮޅެއް އަވަހަށް އަންގާލަދީބަލަ. ޕްލީޒް
ރަށުމީހާ
22 March 2017
ކުޑަކުދިންނަށް ނުޖަހާދޭތަ؟؟؟؟.
ބީރުބަލް
22 March 2017
ވަރަށް ދެރަ ރަށްރަށުގައި ތިކަން ތިގޮތަށް ކުރިޔަށް ނުދާތީ. ސ. ހުޅުމީދޫ ހޮސްޕިޓަލް / ސިއްޙީ މަރުކަޒުންވެސް ހަމަ އެކަނި މާބަނޑު މީހުންނަށޯ ޖަހައިދެނީ. އެހެން ބަލިތަކާއި ގުނަވަން ބަދަލުކޮށްފައި ތިބޭ މީހުންނަކަށް ޖަހައެއް ނުދެޔޯ. ދެން ހެލްޓް ޕްރޮޓެކްޝަން އެޖެންސީއިން މިކަހަލަ ކަންތައްތައް ބަލަން އެބަޖެހޭ. އަދި ބޮޑު ބަޔާނެއް ނެރުނަސް އެ ހިދްމަތް ބޭނުންވާ މީހުންނަށް ނުލިބެންޏާ ބަޔާނުގެ ބޭނުމެއް ނެތެއްނު
އަބްދުއްލާ އަލީ
22 March 2017
ހަކުރު ބައްޔާ ހާޓް ޑިޒީޒަސް މީހުންނަކީ ވެސް ހައިރިސްކް މީހުންކަމަށް ކުރިން ވިދާޅުވި . މިހާރު ރިސްކް ނެތީތޯ ؟
ރަށު މުދިމް
21 March 2017
ރަށްރަށުގަ ތިބޭ މީހުން ކިހިނެތް ހަދަންވީ އެހެން ވީމަ. ގައިމު ދ. އަތޮޅަށް އަދި ތި ވެކްސިނެއް ނުލިބޭ. ހޮސްޕިޓަލު މީހުން ބުނަނީ ނޭންގެޔޯ ވެކްސިން ލިބޭނެ ކަމެއް. ކޮންމެސް މީހަކު އަޅެ ވާނުވާ ބަލާލަ ދީފަ އަންގާލަ ބަލަ.
ާޒައި
21 March 2017
ބަލަ މީސްލްސް އަށާ ރުބެއްލާ އަށް ވެކުސިން ދިންގޮތަށް ފްލޫ ވެކްސިން ވެސް ހަމަ ހުރިހަ ރައްޔިތުންނަށް ހަމަހަމަ ކަމާ އެކު ދޭންވީނުން
ްއަވަސްޖަވާބަކަށްއެދި
21 March 2017
ހާޓް ޕޭޝަންޓުންނަކީ ވެސް ހައިރިސްކް މީހުންގެ ތެރޭގައި ހިމެނޭ ބަޔެއް ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވަނީ އަންގަވާފައިނޫންތޯއެވެ؟ ވީއިރު، އެ މީހުންނަށް ވެކްސިން ޖަހައިދޭން ފަށްޓަވަނީ ކޮން ތާކުން ކޮން އިރަކުތޯއެވެ؟