އެކްސިޑެންޓެއް ހިނގި ސަރަހައްދެއްގައި ފުލުހުން ހެކި ހޯދަން މަސައްކަތް ކުރަނީ: ނުރައްކާތެރިކޮށް ދުއްވުމަކީ ޖިނާއީ ކުށަކަށް ހެދުމަށް މަޖިލީހަށް ބިލެއް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
19 ޖުލައި 2025 - 22:00
އެއްގަމު އިންޖީނުލީ އުޅަނދުތައް ނުރައްކާތެރިކޮށް، ބިރުވެރިކަން އުފެދޭ ގޮތަށް ދުއްވުމަކީ ކުށެއް ކަމަށް ގާނޫނުލްއުގޫބާތުގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އެ ބިލްގައި ހުށަހަޅުއްވާފައިވަނީ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާއަށް އިސްލާހު ގެނެސް، ފަރުވާލެއް ނެތި ކުރާ ކަމަކުން ބިރުވެރިކަން އުފެދޭ ފަދަ ކަންކަމުގެ ތެރޭގައި، އިންޖީނުލީ އެއްގަމު އުޅަނދުތައް ނުރައްކާތެރިކޮށް ދުއްވުން ހިމެނުމަށެވެ.
އެ ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ހިމަނާފައިވަނީ ފަރުވާލެއް ނެތި ބިރުވެރިކަން އުފެދޭ ގޮތަށް ކުރާ ކުށްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް ދުއްވުން ހިމަނާފައި ނެތުމުގެ ސަބަބުން، މަގުމަތީގެ އެކްސިޑެންޓްތަކުގައި ގާނޫނީ ފިޔަވަޅު އެޅުމަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް ކަމަށެވެ.
މިހާރު ގާނޫނުލްއުގޫބާތު އޮންނަ ގޮތުން އެކްސިޑެންޓްތަކާ ގުޅިގެން އެ ގާނޫނުގެ ދަށުން ދައުވާ ކުރެވެނީ ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީހަކު މަރުވުން ނުވަތަ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ލިބުމުންނެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ފުރާނައަށް ނުވަތަ މުދަލަށް ގެއްލުމެއް ނުލިބޭ ހާލަތްތަކުގައި ފިޔަވަޅު އެޅުނަސް އެ ގާނޫނުގެ ދަށުން ދެވޭ އަދަބަކީ ޖޫރިމަނާ ކުރުން ނުވަތަ ވަކި މުއްދަތަކަށް ލައިސަންސް ހިފެހެއްޓުމެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅިއިރު، ދާދިފަހުން މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެ، އިތުރު ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަގުހުރަސް މުހިންމު
21 July 2025
ވަރަށް ރަނގަޅު ކަމެއް. މިއާއި އެކު މަގު ހިނގާ މީހުން މަގު ހުރަސް ކުރުމުގައިވެސް ޖުރިމަނާ ކުރެވޭ ކަންކަން އެކުލަވާލަންޖެހޭ. ފޯނަށްބަލައިގެން މަގުހުރަސްކުރުންފަދަ. މީގެ އިތުރުން މަގު ކައްޗަށް ހުރަސްކުރުމާއި، މަޑުކޮށްލުމެއްނެތި ކުއްލިއަކަށް މަގު ހުރަސްކުރުމަކީ ކުށެއްކަމަށްހަދައި އަމިއްލަ ޒިންމާގެ ކަމަކަށް ހަދަންޖެހޭ.
ޒަރީރ
20 July 2025
މީ ވަރަށް މުހިންމު ބިލެއް. އަދި ލައިސަންސް ދޫކުރާގޮތް ވެސް ބަދަލުކުރަންޖެހޭ. ލައިސަންސް ދޫކުރަންޖެހޭނީ ޕްރެކްޓިކަލް ޓެސްޓާއި ތިއަރީ ޓެސްޓުން ފާސްވުމާއެކު ސޭފް ޑްރައިވިން ކިޔަވަދޭ މަދުވެގެން 4 ވަރަކަށް ގަޑިއިރުގެ ކްލާސް ފުރިހަމަ ކުރުމުންނެވެ.
ޙހދސސ
20 July 2025
ލައިސެންސް ނަގާ އިރު ދަސްކޮށްދޭ ގޮތަކަށްނޫން މަގު މަތީ ދުއްވަނީ…އޯވަޓޭކުވެސް ކުރަނީ އެމީހަކު ހިތުހުރި ކޮޅަކުން ދުއްވުނުހާ ބާރަކަށް. މިއުޅެނީ ބިލުތަކާ ޤާނޫންތަކާ ޤަވާއިދު ނެތިގެނެއްނޫން….އޮތް އެއްޗެއްވެސް ތަންފީޒު ނުކުރާތީ
ގިނަދުވަސްވީ މީހެއްވިއްޔާ ހީވަނީ ޖެއްސުމަށް ދުއްވާހެން.
20 July 2025
25 އަހަރު ޓެކްސީ ކަންކުރާ މީހާވެސް، ގަވާއިދުފަޅި ދިނީމަ ދޯ އެފަޅިން ސައިކަލްތަކަށް އޯވަޓޭކް ކުރެވޭނީ.
މުހަންމަދު..
20 July 2025
ބިލު ހެދިދާނެ. އެކަމަށް އަހުލުވެރިވެ އެބިލް ތަންފީޒު ކުރަނީ ކޮންބައެއް .މޮނިޓަރ ކުރަނީ ކޮންބައެއް.ކުށްކުރީމަ އެކަން ނުހުއްޓުވޭ ގާނޫނު ތަންފީޒު ނުކުރެވޭތީ.ރިޕީޓްކޮށް ކުށް ކޮށްފަ ތިބި ކިތަށް މީހުން މަގުމަތީގަ އުޅޭބާ؟ ހަމަ އެކަނި ޖޫރިމަނާ ކުރިއަސް ނުފުދޭ.އެވެސް އާދައިގެ ނިކަމެތިންނާށް އޮންނަ ކަމެއް. ބާރަށް ދުއްވާފަ ދާމީހަކު ނުހުއްޓުވޭ .ފަހުން އެމީހަކު ނުވެސް ހޯދޭ. އޮޅިގެން ކުޑަކޮށް ބާރަށް ދުއްވާ މީހުން ހުއްޓުވޭ. އަމިއްލަ ޒިންމާ އިގޭ މީހުން މަދު.
ބޭގާނޫނު
20 July 2025
ގާނޫނާއި ގަވާއިދު ހެދިދާނެ. އެކަމަކު ހިންގޭނީ ރައްޔިތުން ހިންގަން ބޭނުމިއްޔާ. އަމަލުކުރަން ތިބި ރައްޔިތުންގެ ތިން ހަތަރު ގުނަ ރައްޔިތުން ގާނޫނު މުގުރަން ނުކުމެއްޖިއްޔާ ނުހިންގޭނެ. ގާނޫނު ހިންގަން ތިބޭ ބަޔަކަށްވެސް ކުރެވޭނީ ކުރެވޭނޭ ހާލަތެއް ރައްޔިތުން ދައްކައިގެން. ރާއްޖެއަށް ވަމުން މިދަނީ މިހެން. ގިނަ ރައްޔިތުން ގާނޫނާ ގަވާއިދާއި އުސޫލުތަކަށް ކިޔަމަންވެގެން އުޅޭކަށް ބޭނުމެއް ނުވާ ތާނގައި އެއާ ޚިލާފުވުން މޮޅުކަމަކަށް ހަދާނެ.
ސަރަގޯސާ
20 July 2025
ޤާނޫނުލް އުގޫބާތުގައި މަސްވާތަކެތި ވިޔަފާރި ކުރުމާއި ގެންގުޅުމާއި، ބޭނުން ކުރުމަކީވެސް ކުށެއް. ބިރުވެރިކަން އުފެދޭގޮތަށް ދުއްވުން ގާނޫނުލް އުގޫބާތުގައި ހިމެނީމަ އެކަން ހައްލުވަންޏާ މަސްތުވާތެކެތި މައްސަލަތައްވެސް މިރާއްޖޭގައި ހައްލުވެފައި އޮންނާނީ މިހާރު
ހަކީމ
20 July 2025
ސުވާލަކީ މޫނަށް ކަނދުރާ އަށް ބެލުމެއް ނެތި ތި ޤާނޫނަށް ޢަމަލު ކުރެވޭނެހޭ. ނުކުރެވެންޏާ ޤާނޫނު ފާސް ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން.
ބަދަން ސިތާރާ
20 July 2025
ލައިސަންސް ނެތި ދުއްވުމުގެ މައްސަލައަށް ހައްލެއް ލިބޭނީ އުޅަނުދުގެ ވެރިފަރާތް ޒިންމާކުރުވައިގެންކަމަށް ދެކެމެވެ. ލައިސަން ނެތި ވެހިކަލެއް ދުއްވޭނީ 1- އުޅަނދުގެ ވެރިފަރާތުން އުޅަނދު ދީގެން. 2- އުޅަނދެއް ވަގަށް ނަގައިގެން. ލައިސަންސް ނެތި ދުއްވީ ވެހިކަލް ދީގެން ކަމަށް ވާނަމަ ވެރިމީހާވެސް ފުރިހަމަ ޒިންމާ އުފުލަންޖެހޭ. ވަގަށް ސައިކަލުނެގިކަން ސާބިތުކޮށް ނުދެވިއްޖެއްޔާ ވެސް ވެރިމީހާ ޒިންމާކުރުވަން ޖެހޭ
1818
20 July 2025
މި ގައުމުގައި ޤާނޫނޫނާއި ޤަވާއިދު ހަދާފައި ނެތިގެން ތޯ ކަންކަން ވިއްސި ވިހާލަވެގެން މި ދަނީ؟ ފުލުހުންނަށް ފުލުހުންގެ ޒިންމާ އަދާކުރެވޭ ތޯ؟
raajje
20 July 2025
ގާނޫނުގައި ސީދާ އަދަބުކަނޑައެޅިފައިނެތް ކުށެއްކޮށްފިއްޔާ އެއީ ކުށަކަށްނުވާނެތަ؟ ގާނޫނުގައި ނެތްކުށެއް ކުރީމާ އަދަބުކަނޑައަޅާ ތަންފީޒުކުރާނެ ގޮތެއް މާއްދާއެއް ހަމައެއް ގަނޫނުގައިހިމެނީމާ އެލިބުނީވަރަށްބޮޑުހައްލެއް، ކުށާގުޅޭ ގާނޫނެއްނެތިގެން ދޭނެއަދަބެއްނޭންގިގެން ނުވަތަ ހެކިނުފެނިގެން ނުވަތަ ހެކިހޯދިގޮތް ކަމުނުގޮސްގެން ކުށްވެރިން ދޫކުރުމުގެބަދަލުގައި އެފަދަހާލަތްތަކުގައި އެކަމާމެދު ޢަމަލުކުރާނެގޮތެއް ގާނޫނުގައި އޮންނަންޖެހޭނުން؟