ޖަސްޓިސް ބިލްޑިން އެނެކްސް ރައީސް މިއަދު ހުޅުއްވައިދެއްވަނީ - ފޮޓޯ/ރައީސް އޮފީސް
27 ޖުލައި 2025 - 18:11
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި "ޖަސްޓިސް ބިލްޑިންގް އެނެކްސް" މިއަދު ހުޅުވައިފި އެވެ.
މި އިމާރާތް ހުޅުއްވައިދެއްވީ، މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ ވިދާޅުވީ އެ އިމާރާތަކީ ފަހުގެ ތާރީހެއްގައި ސަރުކާރުން ޝަރުއީ ދާއިރާގެ އިމާރާތެއް އެޅުމަށް އެންމެ ބޮޑު ހަރަދެއް ކުރި އިމާރާތް ކަމަށެވެ. އަދި އެ މަސައްކަތް ނިންމުމަށް ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދިން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތައް ދުވަހެއް ވަންދެން ނުނިމި ދިގުލައިގެން ދިޔަ އެތަކެއް މައްސަލަތަކަށް އަލަށް ހަމަޖެހުނު ޖަސްޓިސް ބިލްޑިންގުގެ އެނެކްސްގެ ސަބަބުން ވަނީ ހައްލު ވެފައި. އުއްމީދަކީ އަލަށް ހަމަޖެހުނު އިމާރާތުގެ ސަބަބުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތުގެ ދުވެލި ހަލުވިވެ، ފަސޭހަކަމާއި އަވަސްކަމާ އެކު ރައްޔިތުންނަށް އަދުލު އިންސާފު ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދިއުން." އަމްޖަދު ވިދާޅުވި އެވެ.
ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވުމަށްފަހު ރައީސަށް ފިލައެއް އަރުވަނީ - ފޮޓޯ/ރައީސް އޮފީސް
އަމްޖަދު ވިދާޅުވީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް އާ އިމާރާތަށް ބަދަލުވި ނަމަވެސް މާލޭގެ ޖަސްޓިސް ބިލްޑިންގައި މިހާރު ވެސް ހިންގަމުންދާ ކޯޓުތައް އަދިވެސް ހިންގަމުންދަނީ ވަރަށް ގިނަ ދަތިތަކަކާ އެކު ކަމަށެވެ. އަދި އެކަމަށް ދާއިމީ ހައްލެއް ލިބޭނީ ހުޅުމާލޭގައި ގާއިމްކުރާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ނިމި، ބޭނުންކުރަން ފެށިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅު ތެރޭގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް އެފަދަ ދަތިތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައިވާ ގޮތުގައި، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގައި ހެދި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރުމަށް ހާއްސަ 10 ކޮޓަރި އާއި ޑްރަގް ކޯޓުގައި ޝަރީއަތް ކުރުމަށް ފަސް ކޮޓަރި ހުންނާނެ އެވެ.
ޖަސްޓިސް ބިލްޑިން އެނެކްސްގެ ދިދަ ނަގަނީ - ފޮޓޯ/ރައީސް އޮފީސް
އޭގެ އިތުރުން ފަނޑިޔާރުންނަށް ހާއްސަކޮށް 17 ކޮޓަރި ވެސް ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ހުންނާނެ އެވެ. އެއީ ކްރިމިނަލް ކޯޓަށް 12 އަދި ޑްރަގް ކޯޓަށް ފަސް ކޮޓަރި އެވެ.
ޑީޖޭއޭއިން ކުރިން ބުނެފައިވާ ގޮތުގައި އާ އިމާރާތުގެ ފަސޭހަތަކާ އެކު، ޝަރީއަތްތައް ވެސް އަވަސްވެ، ކޯޓު ރޫމް މަދުވުމުގެ ޝަކުވާ މިވަގުތަށް ހައްލު ވާނެ އެވެ.
"މިއީ ލިބޭނެ ވަރަށް ބޮޑު ލުޔަކަށް ވާނެ. ކޯޓު ރޫމުތައް އިތުރުވުމުގެ އިތުރުން ޖާގަ ވެސް ވަރަށް ބޮޑަށް ތަނަވަސް ވާނެ. މިއީ ފަނޑިޔާރުންނަށާއި އެ ކޯޓުތަކުގެ މުވައްޒަފުންނަށް ވަރަށް ފަސޭހައެއް. ކްރިމިނަލް ކޯޓު ބާވެ، އެ ތަނުގައި މަސައްކަތް ކުރަން ޖެހުނީ ވަރަށް ދަތި ހާލުގައި. ޑްރަގް ކޯޓު ވެސް އެހާ ދަތި،" އޮފިޝަލް ވިދާޅުވި އެވެ.
އެ އިމާރާތުގެ ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.
އެންމެ ބާރު ބޮޑު އެއް ކޯޓު، ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރީ އެ ތަން ހިންގަމުންދިޔަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެ އިމާރާތުގެ ބައިތައް ވެއްޓޭތީ އެވެ. އެ މައްސަލަތަކާ ހެދި ކްރިމިނަލް ކޯޓުގެ މަސައްކަތް ބައެއް ފަހަރު ހުއްޓި މަސައްކަތްތަކަށް ބުރޫއަރަ އެވެ. އެ ދަތިތަކާ އެކު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން މަސައްކަތް ކުރާތާ ކިތަންމެ ދުވަހެކެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތައުފީޤްް
28 July 2025
މި ވެރިކަން ފެށުމާއެކު ރައީސް މުއިއްޒު އެންމެ ގިނައިން ދެއްކި އެއްވާހަކަމިއީ. މި ކޯޓްތަށް ފެންވަރު ރަނގަޅަށް ގާއިމްކޮށްދޭނެ ވާހަކަޔާއި. ކޯޓްތަކާއި ޖުޑީޝަރީއަށް އަޅާނުލާއޮތްއޮތުން ނިމުމަކަށް ގެންނާނެ ވާހަކަ. މިއަދު ބަހާއި އަމަލާއި ދިމާކޮށްފީމު.
ހާނިފްް
28 July 2025
ޒަމާނުއްސުރެ ކޯޓްތަކަަށް ދިމާވެފައިވާ ޖާގައިގެ މައްސަލަތަކަށް ބޮޑުލުޔެއް މިލިބުނީ 2 ދައުރުގެ ފަހުން.
ޖައުފަރްް
28 July 2025
ރައީސް މުއިއްޒުއަކީ ވައުދު ރަނުން ރަނަށް ފުއްދަވާ ރައީސެކޭ. ހަމަ މާ ބޮޑަށްވެސް ތަފާތީ.
އެނެކްސް
27 July 2025
ޤައުމިއްޔަތު މިނިސްޓަރ ނިދާފަ ދޯ! ރައީސް އަށް ސްޕީޗް ތައް ލިޔަން ވަރަށް ބިޒީކޮށް އުޅުނީ ކަމަށްވާނީ.... ދިވެހި އެންމެ ބަހެއްވެސް ނެތިއްޔޭ ތިތަނުގެ ނަމުގައި. ޤައުމިއްޔަތު މިނިވަނެއް ނުވިތާ... ޕަކާސް
ކޮރަލް
27 July 2025
ޑްރަގް ކޯޓް އެއް ހުރުމުގެ ބޭނުމަކީ ކޮބާތޯ އެވެ.؟ އެހެން ކޯޓް ތަކުން ޖަލަށް ލާ ހުކުމް ކުރާ މީޙުން ދޫކޮށްލަން ހަދާފަ ވާ ކޯޓް އެކެވެ.
އައިމިނާ
27 July 2025
ކޯޓުގެ ޢިމާރާތްބޮޑުވިވަރަކަށް ބޮޑެތި ޝަރީޢަތް ކުރެވެނީ.
އައިމިނާ
27 July 2025
އެހެން ގައުމުތަކުގަ ހަތަރުދަނޑި ޖަހާފަ ފަންކޮޅެއް އަރުވާފަ އޮތަސް ޝަރީޢަތް ބަރާބަރަށް ހިންގާ އިންސާފުން ޙުކުމްކޮށްލާ. މި ގައުމުގަ ޝަރީއަތަށްވުރެ ޢިމާރާތް ފުރިހަމަވާންޖެހޭނީ. އިންސާފަށްވުރެ ކޯޓު ގެ ޢިމާރާތް މުހިއްމުވަނީ. ޙައިރާން ހީވޭ!
އައިމިނާ
27 July 2025
ކޮބައިތޯ އަބްދުއްރަޙްމާނުގެ މަރުގެ މައްސަލަ. ކޮބާތޯ ޚަބަރަކީ.
ޛޖޖޖޖޖ
27 July 2025
ސާބަހޭ! ޡަކިއްޔާއާ އޭގެ ކުރީގެ މީހުންގެ ކަންކަންވެސް ބަލަންވާނެ. ވަލިއްޔުލް އަމުރުގެ ޒިންމާ އުފުލާ ކުދިން ޖެހޭނެ ތާރީޚް ޖަހައިގެން އެކަން ބަލަން. ގިޔާމަތް ދުވަހު ވެރިމީހާއާ ސުވާލުކުރާއިރު އޭނާއަށްވެސް ފަސޭހަވާނެ ރައްޔިތުން އެޒިންމާ ނަގައިގެން ތިބީމަ.
ވާނުވާއުވާލާ
27 July 2025
އިމާރާތެއް ހުރެގެން އިންސާފުލިބޭނަމަ ދެން ތިކަން ވާންވާނެ. ޓެކްނޮލޮޖީގެ ޒަމާނުގައި ކޯޓު ރޫމެއް ނެތިގެން ޝަރީއަތް ނުހިންގުނު ކަމަށް ބުނަންޏާ ދެން އަނެއްކާ ދައްކާނީ ކޮން ބަހަނާއެއް ކަމެއް ނޭންގެ. މުވައްޒަފުންނެތޭ ކަންނޭގެ ދެން ކިޔާނީ. ވާނުވާ ބަންދަށް ޖެހުމަށްފަހު ޝަރީއަތް ނުހިންގާ ވޭތުވާ ކޮންމެ ދުވަހަކީ އިންސާފުން އެއްކިބާވެފައިވާ ދުވަހެއް. ހައްލު ބޭނުންވަނީ މިކަމަށް