(ކ-ވ) ޝުޖާއު އުސްމާން، އަބްދުލްޣަނީ އަދި އަބްދުﷲ މުހައްމަދު
02 އޯގަސްޓް 2025 - 19:48
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ޖޭއެސްސީން މިއަދު ކުރި އިންޓަވިއުއަށް ފަހު ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަޔު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހަމަވިއިރު ،ޝައުގުވެރިކަން ފާޅުކުރެއްވީ ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދެވެ.
އެ ތިން ބޭފުޅުންނާ ޖޭއެސްސީން މިއަދު ކުރި އިންޓަވިއު ފަހު ވަނީ މާކްސް ދީފައި ކަމަށް މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
މެމްބަރުން މާކްސް ދެއްވާފައިވާ ގޮތަށް ބަލާއިރު އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ރައީސް މުއިއްޒަށް ލަފާ އަރުވަން "ހައިލީ ރިކޮމެންޑެޑް" ލިބިވަޑައިގަތެވެ. އަބްދުﷲ އަށް ލިބިވަޑައިގަތީ "ރިކޮމެންޑެޑް" އެވެ. ތަރުތީބަށް ބަލާއިރު ޝުޖާއު އުޅުއްވަނީ ތިންވަނައިގަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ. ރަައްޔިތުންގެ މަޖިލިހަށް ނަންތައް ފޮނުއްވާއިރު ރައީސް އިސްކަން ދެއްވާ ތަރުތީބު އޮންނާނީ ކަނޑައަޅައިފަ އެވެ.
އުއްތަމަ ފަނޑިޔާރަކަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީގެ ލަފާ މާދަމާ ރައީސް މުއިއްޒަށް ފޮނުއްވާނެ ކަމަށް ވެ އެވެ.
އުއުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު އެ މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށް ފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.
އެ މުއްދަތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ވެސް ޣަނީ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ޣަނީ ހުންނަވަނިކޮށް ސުޕްރީމް ކޯޓުން ނިންމި ބައެއް ނިންމުންތަކާ ގުޅިގެން ޑިސެމްބަރު 2019 ގައި ރައްޔިތުންގެ މަޖިލިހުން އޭނާ އެ މަގާމުން ވަކިކުރީ އެވެ. ނަމަވެސް މިދިޔަ އަހަރު ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އައްޔަން ކުރެއްވި އެވެ.
ކުރިން މެޖިސްޓްރޭޓްކަން ކުރެއްވި ޝުޖާއު އުސްމާން ކްރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނަވަނިކޮށް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2015 ވަނަ އަހަރު އެވެ. އަދި ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި 2018 ވަނަ އަހަރުން ފެށިގެން ހުންނަވަނިކޮށް އޮގަސްޓް 2020 ގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުﷲ މުހައްމަދަކީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މާނުު
03 August 2025
ޣަނީ އަކީ މަ ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެއް. ނަޒާހާއްތެރި ބޭފުޅެއް. އެހެން ފަޑިޔާރުންނާ ހިލާފަށް ކޮރަޕްޝަނާ ވަރަށް ދުރު މީހެއް ޣަނީ އަކީ
ޑރ ވާންޗޯ
03 August 2025
ފުރަތަމަ ބަލާލާފަހީވީ ޖޭއެސްސީއިން ލަފާދިނީ ޣަނީ ހައްޔަރުކުރާށޭ ކަމަށް.
ތެހެލާނުގެ އިބޫ
03 August 2025
އުއްތަމަ ހޮވަންޖެހޭނީ ރައްޔަތުން
އަހުމަދޭ
03 August 2025
މީތަ އެކިޔާ ތިންބާރު ވަކިވެފަ އޮންނަ ނިޒާމަކީ؟ ތިންބާރުގެ ތެރެއިން އެއް ބާރުގެ ވެރިޔާ (އުއްތަމަ ފަނޑިޔާރު) އައްޔަނުކުރަން ލަފާދޭން މިޖެހޭނީ އަނެއް ބާރުގެ ވެރިޔާ ރައީސަށް؟ ދެން ދަނީ އަނެއްކާ އަނެއް ބާރަށް (މަޖިލީހަށް). ނިކަން މިނިވަން ވާނެ އެންނު!
އަމަތުﷲ
03 August 2025
ކޮންމެ މީހަކު ލި ކަމުގައި ވިޔަސް އަހަންނަ އިނގޭ ކަމަކީ ކޯޓްތަކަށް ކުރީގެ ވެރިންހެން އަދުގެ ރައީސް އަތް ނުބާނާނެކަން. އެވަރުން ފުދޭ
އަހުމަދޭ
03 August 2025
ތިކަން އެބަ އެނގޭ ހައިކޯޓަށް އައްޔަންކުރަން ނިންމި ފަނޑިޔާރަށް ބެލީމާ. އަނގައެއް އޮތިއްޔާ ވާހަކަ ދެއްކިދާނެ ކޮންމެ މީހަކަށްވެސް
އައިމަން ތައުފީގް
03 August 2025
ވަރަށް ރަނގަޅު ޗޮއިސްއެއްކަން އިނގޭ މިއީ. ޔަގީން ވަނީ ނަޒާހާތްތެރި ކަމާއެކު ސުޕްރީމް ކޯޓް ހިންގާނެ ކަން.
އަހުމަދޭ
03 August 2025
އަޅެ އެނގުނު ގޮތެއް އަހަރެމެންނަށްވެސް ކިޔައިދީބަލަ. އަހަރެމެންވެސް އެނގެން ބޭނުން،
އެޗް އެމް
03 August 2025
ސ. ވަކީލުން ކީއްވެބާ ގަދަކަމުން ނޫނީ އާދޭސްކޮށްގެން މަގާމުތަކަށް ހޮވެން އުޅެނީ؟ ޖ. ބޮޑުމުސާރަޔާއި އިތުރު އިނާޔަތް ލިބުން އެދޭތީ. އެންމެންވެސް ބޭނުންވާނެ ލިބޭމިންވަރު އިތުރުވާން. ނަތީޖާ. ހިދުމަތް ދެވޭ ނިސްބަތްވެސް އޮންނާނީ ލިބޭމިންވަރެއްގެ ނިސްބަތުން...
ވޯލް
03 August 2025
މިމީހުންވިއްޔާ ކޯޓުތަކުގައި ފަންޑިޔާރުކަން ކޮށްފައި އެކަމުގެ ތަޖުރިބާ ލިބިފއި ތިބި މީހުން. އެކަމަކު ހައިކޯޓަށް ލާން އެއުޅެނީ ދުވަހަކުވެސް ގަޒީ ކަމެއް ފަންޑިޔާރުކަމެއް އަދި މެޖިސްޓްރޭޓް ކޯޓެއްގައިވެސް އެފަދަ ތަޖުރިބާއެއް ހޯދިމީހެއް ނޫން. މިދައްކަނީ އިސްތިއުނާފީ ކޯޓަށް ފަންޑިޔާރެއް ހޯދާ ވާހަކަ، ދަށުކޯޓުތަކުން ހެދޭ ގޯސް ރަގަޅުކުރަށް އޮތް އިސްތިއުނާފީ ކޯޓުގެ ފުރަތަމަ މަރުހަލާ ކޯޓުގެ ވާހަަކަ، ވެރިކަމަށް ހުރިހާ ކަމެއް ވިސްނާގެން ކަންކުރާތަން މިފެންނަނީ
މައިނާން
03 August 2025
މިޒަމާނަށް ނުފެތޭ މީހުން ލައިގެން ދެންވާގަޮތް ރައްޔިތުންނަށް ފެންނާނެ! ތިތާ ނެތޭ ބޭރު ގައުމެއްގެ ސަފީރެއް ކީއްކުރަން ވަކީލަކާ ވާހަކ ދައްކާލަން އެނގޭނެ މީހެއް! ފުރަތަމަ ފަހަރަށް ރާއްޖެގެ ސުޕްރީމް ކޯޓުގެ އެންމެ ފެންވަރުދަށް ބެންޗު އަދި އުއްތަމައެއް މި އަންނަނީ! މިއީ ދިވެހިންނަށް ހައްގު މިންވަރު ކަމަށްތަ މުއިއްޒު ހީކުރަނީ؟ ނިއު ޖެނެރޭޝަން ވިސްނާ!
ރިއްޕެ
03 August 2025
ފުރަތަމަ ފަހަރަށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންމެ ފެންވަރު ދަށް ބެންޗޭ އުއްތަމޭ؟ ކަލޭ ވާނުވާތަ؟ މިހާތަނަށް އައި އެންމެ ވީކް ބެންޗަކީ ޔާމީން ޒަމާނުގެ ބެންޗް. އެހެން ނޫނަސް ކަލޭ ތިބުނާހެން ޒަމާނަށް ފެތޭ ޖެންޒީއިންތަ ފަޑިޔާރުންނަށް ލާންވީ؟ އޭރަށްތަ ކަލޭ ހިންހަމަ ޖެހޭނީ؟ ކަލޭ ވީނު ޒަމާނަށް ފެތޭ 20 އަހަރުގެ ކުދިން ރާއްޖޭގެ ރައީސްކަމަށްވެސް ގެންނަން. ޒަމާނަށް ފެތޭ މީހާ ލީމަ މުލި ތަން ފަސާދަ ވާނީ.
ސުހާބާ
03 August 2025
މައިނާން. ކަލޭ ފެންވަރު ހުރި މީހާ ކީއްވެތަ އެ މަގާމަށް ކުރިމަތި ނުލީ؟ ކުރިމަތިލީ މީހުންގެ ތެރެއިންދޯ މީހަކު ހޮވޭނީ؟
ރައްޓެއްސެއް
02 August 2025
އުއްތަމަ ފަނޑިޔާރުކަން ލިބުމުންވެސް ޣަނީ މިސްކިތުން ފެންނާނެ ކަމަށް އުއްމީދުކުރަން.
ވޯލް
03 August 2025
މިސްކިތައް ގޮސް ނަމާދުކޮށް ހަފްތާގެ ހޯމަ ފުރާސްފަތި ރޯދަހިފާފަ ގޮސް ކޯޓުގައި މީހުންގެ ހައްޤަށް ނުވިސްނާ ހުކުމް ނުކުރާނެކަމަށް އުއްމީދު ކުރަނީ. މިރާއްޖޭގައި ވަރަށް ފެންނަ ކަމެއް، ނަމާދު ބަރާބަރަށް ކުރާނެ ހަފްތާގެ ދެދުވަހު ރޯދަ ހިފާނެ ގަވާއިދުން އުމުރާއަށް ދާނެ، އެކަމަކު ދުނިޔެވީ މުދާލާ އުފަށްލަށްޓަކައި އަނެކާގެ ހައްޤުތަކަށް ބެލުމެއްނެތި ކަންކަނ ކުރާނީ. އަނެކާގެ ހައްޤަކީ ހުދު މާތްރަސްކަލާންގެވެސް އަފޫކޮށް ނުކޮށްދެއްވާ ކަމެއް.
އަހުމަދޭ
03 August 2025
ފަސްވަގުތު މިސްކިތައް އެރީމާ ނިމުނީތަ؟ ދެން ތިމާ ކޮންމެ ވައްތަރަކަށް އުޅެ ކޮންމެ ކަމެއް ކުރިޔަސް ވަރިހަމަތަ؟