މާޅޮހުގައި މަރައިލި އަބްދުއްރަހުމާން
10 އޯގަސްޓް 2025 - 09:37
އއ. މާޅޮހުގައި ގޭގައި ނިދާފައި އޮއްވައި ބޮލަށް ދިން ވަރުގަދަ ހަމަލާތަކުގެ ސަބަބުން މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ރޭ މަރުވި އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައަށް މަހެއް ވީއިރު، އެ ރަށުން ބަޔަކަށް ތުހުމަތުތަކެއް ކޮށް، ބައެއް މީހުންގެ ފޯނާއި އަންނަނައުނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި، މާޅޮހު، އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ދިން ހަމަލައިގެ ތުހުމަތަށް ތިން މީހެއްގެ ގެ ފާސްކޮށް، އެކެއްގެ އަންނައުނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އެ ކަމަކު، އަދި އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެ އެވެ.
މި ކުރިއެރުންތަކާ ގުޅޭ ގޮތުން ފުލުހުންގެ ބައެއް އަދި ނުލިބެ އެވެ.
އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު ވެސް ކުރިން ހިފެހެއްޓި އެވެ. އެކަމަކު، ފަހުން ވަނީ ފޯނު ދޫކޮށްލައިފަ އެވެ.
އަބްދުއްރަހުމާން މަރުވީ، އޭނާގެ އަންހެނުން ނާޒިމާގެ މާހިޔައިގައި ނިދާފައި އޮއްވައި ދިން ހަމަލަތަކާ ގުޅިގެން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެނިކޮށް ޖުލައި 12 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. އުމުރުން 65 އަހަރެއް ކަމަކު މާޅޮހުގައި "ޖާނުން އެންމެ ވަރުގަދަ މީހާ" ކަމަށް އެ ރަށުގެ ގިނަ ބަޔަކު އިއްތިފާގުވާ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރު އެވެ.
އަބްދުއްރަހުމާން ދިރިއުޅު ގެ ކައިރީގައި ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މިދިޔަ މަހު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"މިހާރު" ގެ ނޫސްވެރިން ޖުލައި 13 ވަނަ ދުވަހު އެ ރަށަށް ގޮސް އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާއާ އިންޓަވިއު ކުރުމުން ބުނެފައި ވަނީ ފިރިމީހާ އަށް ހަމަލަދީފައި އޮއްވައި ފެނުނީ ފިރިމީހާ ނިދާފައި އޮތް ކޮޓަރިއަށް ފާހާނާއަކަށް ދިޔަ ވަގުތު ކަމަށެވެ. އެއީ އެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރެވެ.
"އަބްދުއްރަހުމާން ހަމަ މަރަށް ތެޅުނީ. އަޅުގަނޑު ބަލާލިއިރު މުޅި މީހާގެ މޫނުމަތީގައި އޮތީ ހުސް ލޭ. މީހެއްގެ ހަށިގަނޑުން ލޭ ފައިބާނީ އެ ވަރަށޭ އަޅުގަނޑަށް ބުނެވޭނީ. ކޮޓަރީގެ ފާރަށް ވެސް ބައިވަރު ލޭ ބުރާފައި ހުރި،" މާޅޮހުގެ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނާޒިމާ ކިޔައިދީފައި ވެ އެވެ.
އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އެ ގެ އަށް ދިޔަ ބައެއް މީހުން ކިޔައިދިން ގޮތުގައި ކޮޓަރީގެ ސީލިންއާ ހަމައަށް ލޭތައް ބުރައިގެން ގޮސްފައި ހުއްޓެވެ.
އަބްދުއްރަހުމާނަށް ހަމަލަދިން ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އަދި އަބްދުއްރަހުމާނާއި ނާޒިމާގެ ތިން ފިރިހެންކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅު ނިމާލް ވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ. އެހެންވެ، އެ ގޭގައި އުޅުނީ އަބްދުއްރަހުމާންގެ ދެމަފިރިން އެކަންޏެވެ.
އަބްދުއްރަހުމާނަށް ހަމަލަދިން ރޭ ދަންވަރު ތިނެއް ޖެހިއިރުއްސުރެ ފުލުހުން އަދިވެސް ވަނީ އޭނާ ދިރިއުޅުނު މާހިޔަގެ ސަރަހައްދު ބަންދުކޮށް، ތަހުގީގު ހިންގަމުންނެވެ. މާޅޮހުގައި ފުލުހުންގެ މަރުކަޒެއް ނެތް ނަމަވެސް އެ ރަށުގެ ސިއްހީ މަރުކަޒުން ފުލުހުންނަށް ހާއްސަ ޖާގައެއް ވަނީ ހަދައިފަ އެވެ.
އަބްދުއްރަހުމާން މަރައިލި މައްސަލައިގެ ތަހުގީގަށް މާޅޮހުގެ ގެއެެއްގެ ސީސޓީވީ ކެމެރާ ޗެކް ކުރުމަށް ފުލުހުންގެ ބައެއް ސާމާނު ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްުދުއްރަހުމާން ދިރިއުޅުނު މާހިޔައާގެ މާ ދުރު ނޫން ސަރަހައްދެއްގައި އޮންނަ "ހުރަސްމަތި ފަރާތް" ވެސް ފުލުހުންގެ ޓީމަކުން ބަލައި ފާސްކޮށްފައި ވެ އެވެ. އަދި އެ ގެ ކައިރީގެ ވަލުތެރެ އާއި އަތިރިމަތީގެ އެކި ސަރަހައްދުތައް ވެސް ފާސްކޮށް މާޅޮހުގައި ހުރި މަދު ކެމެރާތައް ވެސް ވަނީ ޗެކްކޮށްފަ އެވެ.
މީހަކު މަރައިލުން ފަދަ ބޮޑު ޖަރީމާއެއް ހިންގަން ކެރޭވަރުގެ ބަޔަކު 450 އެއްހާ މީހުން ދިރިއުޅޭ މާޅޮހުގައި ނޫޅޭނެ ކަމަަށް އެ ރަށުގެ މީހުން ގަބޫލުކުރެ އެވެ. އެހެންވެ، އެއްބަޔަކު ބުނަމުން އަންނަނީ އެހެން ރަށްރަށުގެ މަސްދޯނިފަހަރު މަހަށް ގޮސް އުޅޭ އަބްދުއްރަހުމާނަށް ހަމަލަދިނީ އެހެން ރަށެެއްގެ ބަޔަކު މާޅޮހަށް އަރައިގެން ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ޔަގީން މި ރަށުގައި އެހެން ރަށެއްގެ ގިނަ ބަޔަކު ނެތް. ދެން އެ ގެއަކީ [އަބްދުއްރަހުމާން ދިރިއުޅުނު ގެ] ރަށުގެ ވަރަށް ބިއްދޮށުގައި ހުންނަ ގެއެއް. އެ ގެއާ ދިމާލުން ޑިންގީއެއް ކައިރި ކޮށްފައި އެރުމުގެ ފުރުސަތު އެބައޮތޭ. އެކަމަކު އެ ކަހަލަ އިންޒާރެއް އައިސްފައި ނެތިއްޔާ ނުވެސް ބެލޭނެތާ. ބަނދަރަށް އާންމުކޮށް ލަފާ އުސޫލުން ހިއެއް ނުވޭ ރަށަށް އަރައިގެން އެކަން ކުރެވޭނެހެން،" ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު މިދިޔަ މަހު ވިދާޅުވެފައި ވެ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް އޮޓޮޕްސީ ވެސް ހެދި އެވެ. އެ ރިޕޯޓުން ވެސް ދެއްކީ ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ މަރުވީ ބޮލަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާނީ
21 August 2025
ސިހުރުގެ ސަބަބުން އެތައްވޭނެއް އުފުލުމަށްފަހު ދުނިޔެއިން ވަކިވެގެންދާ މީހުންވެސް މަދެއްނޫން. ﷲ އަޅަމެންނަށް ތެދުމަގު ދައްކަވާށި.
ޒަރިޔަންދު
13 August 2025
ވަރަށް ގިނަ ކޮމެންޓްތައް ކިއިއްޖެ. އޮއްޓަރެއްހުރި އެއްވެސް ކޮމެންޓެއް ނެތް. މުޅިންވެސް ހުރީ ޖެއްސުމަށް ކޮށްފަހުރި ކޮމެންޓް. ދިވެހިންގެ ބުއްދިފިލައިގޮސް ހުރި ހިސާބު ވަރަށްސާފު. ރައްޔިތުން ތަހުޒީބުވި ދުވަހަކުން ގައުމުގެ މުއައްސަސާތައް ރަނގަޅަށް މަސައްކަތް ކުރާނީ
ގެދޮރޭ
12 August 2025
ނީން ގެ ބަހަށް ވަރަށް ތާޢީދު. ވައްކަން ނުކުރާ ކުށެއް ނުކުރާ އަލިފުތަކެއް އުޅޭ ރަށެކޯ. އެކަމަކު ކޮޓަރީގަ އަގުބޮޑު ތަކެތި ހުރީމަ އެ ގަކެތި ހުރި ކޮޓަރީގަ ނިދަން އޮންނަން ރިކުއެސްޓް ކުރީ. ވައްކަންކުރާ ބަޔަކު ނޫޅެންޏާ ކޮންކަމެއްބާ އެއީ.
އައިމިނާ
10 August 2025
އެ ރަށުގަ އުޅެނީ ހުސް އަލިފު. ދެންއުޅެނީ ބޯކިރުތިކެއްފަދަ ބައެއް.
ޥަނަން
10 August 2025
ހީވަނީ ވަރަށް ދުރާލާ ރާވައިގެން ހަސަދައެއް ފިލުވާލީ ކަމަށް. ތިމީހާގެ ހިސްޓަރީ ރަނގަޅަށް ބަލަންޖެހޭ.
ރައުސް
10 August 2025
ވީނުވީއެއްނޭންގި މިގޮތައް މީހުންގެ ގޭތެެރެއަށްވަދެ މީހުން މަރާނަމަ ރާއްޖޭގަ ސީރިއަލް ކިލާއެއް އުޅެނީކަމަށްވެސް ވެދާނެ. މިގޮތަށް މިހާރުގިނައިން މަރާލާފަހުރީ އުމުރުން ދުވަސްވީމީހުންނަށް ޓާގެޓްކޮށްގެން. އިންވެސްޓިގޭޓު ކުރާއިރު ސީރިއަލްކިލާއެއް އުޅެކަމަށް ވިސްނަންޖެހޭ. ދެން އޮތީ އިންސާފު ހޯދުން މިގައުމުގަ ކެމެރާތައްކުރިމަތީ މަރާލެވުނު މީހުންނަށްވެސް އިންސާފެއްނުލިބޭ ވިޑިއޯތަކަކީ ކޯޓުން ގަބޫލުކުރާ ހެއްކަކަށްނުވޭ.
ރައުސޯ
10 August 2025
ނޫނޭވާ ބޭފުޅާއަށް ވާހަކަ ފޮތް ކިޔުމާއި ފިލްމު ބެލޭލެއް އަދިވެސް މަދީ. ބޯހަލާކުވެދާނެ މީހަކު. ތި މަރުތައް ހިނގި އެއްވެސް ރަށެއްގަ ނެތޭ އެހެން ދެވަނަ މަރެއް މަރާފަ ތިހެން. އެކިތަންތާ އެކިރަށުގަވީމަ އެނގޭ އެ ރަށަކު ސީރިއަލް ކިލަރއެއް އުޅެނީކީ ނޫންކަން. ދެން މުޅި ރާއްޖޭގަ އެއްރަށުން އަނެއްރަށުން ދުވަމުންދާ ސީރިއަލް ކިލަރއެއްދޯ މިއުޅެނީ. ބުރާންތިވެދާނެ މީހަކު
ގުދުގުދާބެއްޔާ
10 August 2025
އެބުނާ ކުރިއެރުމަކީ މަރުވުން!
ސަލީމު އިދުރީސް
10 August 2025
ކުރިއެރުން ލިބުނޭ ޖަހާނީ ނޫސްތަކައް އެގޮތައް މައުލޫތު ދިނީމަތާ! މިގައުމުގަ ކޮޑުމައްޗައް މަހުމަލާ ތަރިތައް އަރާފަ ތިބޭ ފުލުހުނާ ސިފައިން ތީފިސާރިބައެއް މުދާ ފޮނުވާހެން ޓެގު އަޅުވައިގެން މަރުވާމީހަ ބޭރަން ނުފޮނުވަ ގައުމުގަ އޮޓޮޕުސީ ހަދާލެވޭނެ ފެންވަރުނެތަސް ބޮޑެތި މަނަވަރާ ފައިޓާ ބޯޓު ހޯދުމުގެ ރޫހު އެބޭޅުން ހުރީ އެގޮތުން ފުރަތަމަ މަނަވަރު މިހާރުގެނެސްފެ ދެންހޯދާނީ މަތިންދާބޯޓު އުފުއްލާ މަނަވަރެއް ކަންނޭގެ
ާއަލިމޯޑު
10 August 2025
ޒަކިއްޔާ މަރާލައިފަ އޮތީ ކަރުގަ ވަޅި އަޅާފަ.އަބްދުރަހުމާނު މަރުވީ ބޮލުގަ އެއްޗަކުން ޖަހާ ލިބުނު އަނިޔާގަ. ދެމީހުންގެވެސް ބޭރުފުށުން ލިބުނު އަނިޔާ އޮތީ ފެންނަން. ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ މަރުވީ ލަކުޑި ބުރިއަކުން ދިން އަނިޔާއިންތޯ ސާބިތުކުރުން. މަރާލުމުގެ ގަސްތުގަތޯ ހަމަލާ ދިނީ. މީގެ ކުރީގެ ޝަރީއަތެއްގަ ނިންމާފަ އެބައޮތް ލަކުޑި ބުރިއަކީ އޭގެ ޒާތުގަ ހަތިޔާރެއް ނޫނޭ.މީހަކު މަރާލެވޭނެ އެއްޗެއް ނޫނޭ. އެހެންވީމަ ޕޯސްޓްމޯޓަމް ހަދަންޖެހޭނީ
އެކޮއި
10 August 2025
މިޤައުމުގައި މީހުންނަށް ޙަމަލާދީ މަރާލާ ޖިންނިއެއް އުޅެނީބާ؟ ޒަކިއްޔާގެ މަރަށް އަހަރެއްވާން ކައިރިވެއްޖެ. ފުލުހުން ނުސީދާގޮތެއްގައި ބުނަނީ ޒަކިއްޔާ މަރުވީ އަމިއްލައަށްކަމަށް. ދެން މިއޮތީ ޢަބުދުއްރަޙްމާނުގެ މަރު. އެންމެފަހުން އެމަރުވެސް ނިންމާނީ އެއީ އެއްވެސް އިންސާނަކު ކުރިކަމެއްނޫންކަމަށް. މިހާ ބައިމަދު ކުޑަކުޑަތަންކޮޅެއްގައި ހިންގާ މިފަދަބޮޑެތިކަންތައްތައް ނޭނގޭކަމަށްވަންޏާ ބޮޑެތި މުސާރައާއި އިނާޔަތްތައްނަަގައިގެން ތިބި ފުލުހުންގެ ބޭނުމެއްނެތް.