ފުރަން ގޮސްތިބި ބަޔަކު އެމްއެމްއޭ ސަރަހައްދުން ހިނގާފައި ދަނީ --ފޮޓ:ނިޝާން އަލީ/މިހާރު
12 އޯގަސްޓް 2025 - 22:45
އަންނަ ދިރާސީ އާ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހު ލިބޭ ގޮތަށް ހަދައި، ބަދަލުތަކާއެކު އެކަޑަމިކް ކަލަންޑަރު ނެރެފި އެވެ.
ކުރީގެ ސަރުކާރުން ބޮޑު ޗުއްޓީ ޖޫން/ޖުލައި އަށް 2021 ގައި ބަދަލުކުރި ނަމަވެސް އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށްވާތީ އޭގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އަރިހުން ގިނަ ބަޔަކު އެދުނު އެއް ކަމަކީ ވެސް ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށް ދިނުމަށެވެ. އެހެންވެ، ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހަށް ބަދަލު ކުރުމަކީ އެމަނިކުފާނުގެ ވައުދެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ޓެންޓެޓިވް (ވަގުތީ) އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ 27ގަ އެވެ. އެ ޓާމުގެ މިޑް ބްރޭކް އޮތީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ގަ އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. ބޮޑު ޗުއްޓީ ލިބެނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ.
- އަންނަ އަހަރުގެ އޭލެވެލް ކިޔަވައިދޭން ފަށާނީ ޖޫން 7 ގައި
- ފުރަތަމަ ޓާމު ޓެސްޓު، 30 އިން 9 އަށް
- ކޭމްޕާއި އިތުރު ހަރަކާތްތައް: އޮގަސްޓް 22 އާއި 25ގައި ކީސްޓޭޖް 1 އަދި 2އަށް
- އެއް ސްކޫލުން އަނެއް ސްކޫލަށް ކުދިން ބަދަލުކުރުން: އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އަށް
- ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ: މާޗް 1 އިން 8 އަށް އަދި ނޮވެމްބަރު 12 ގައި
- ދެވަނަ ޓާމު ޓެސްޓް: ޑިސެމްބަރު 1-10 އަށް
- 2027ގެ ދިރާސީ އާ އަހަރު ކިޔެވުން ފެށުން ޖެނުއަރީ 13 ގައި
ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. އެކަމަކު، ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން ދިރާސީ އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކުރީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ އަލުން ޑިސެމްބަރަށް ޗުއްޓީ ބަދަލުކޮށް ކަލަންޑަރު ހެދުމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫސީ) ރައީސް އަދި ޓޫރިޒަމް އެމްޕޮލޮއީސް އެސޯސިއޭޝަން (ޓީމް)ގެ ސެކެޓްރީ ޖެނަރަލްކަން ވެސް ކުރައްވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު (މާއްޓެ)ގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މިފަހަރު ކަލަންޑަރު ހެދުމުގައި މައުރޫފް (މާއްޓޭ)ގެ ވަރަށް ބޮޑު އެހީއެއް ލިބުނު. އެ ދާއިރާ މީހުންގެ ހިޔާލު ލިބުނު. އަހަރުގެ މެދަށް ދެ ހަފްތާ ލާފައި ކަލަންޑަރު ހެދީ، ރިސޯޓު މުވައްޒަފުންނަށް ވެސް ޗުއްޓީ ލިބޭނެ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.
"ކަލަންޑަރަށް ގެނައި ބަދަލުން މޭ މަހާއި ސެޕްޓެމްބަރު މަހާއި ދޭތެރޭ ތިން ޗުއްޓީއިން ހަތަރު ހަފްތާ ލިބޭނެ."
އަންނަ އަހަރުގެ ކަލަންޑަރުގައި ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ހުރީ ވަކިކޮށްފަ އެވެ. އަދި ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކަލަންޑަރަށް ގެނެސްފައިވާ އާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ބަދަލު ގެންނަން ނިންމެވީ އެކަޑަމިކް ކަލަންޑަރުން އެންމެނަށް ވެސް ޗުއްޓީތަކާއި ބަންދު ދުވަސްތަކުގެ އިތުރުން މުހިންމު ދުވަސްތައް ސާފުވާނެ ގޮތަށް ހެދުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޓޯޕީ
13 August 2025
ޓްއަރިޒަމް ދާއިރާގަ އުޅޭ މީހުން ބިޒީވާ ދުވަސް ވަރަށް ޑިސެމްބަރ ވެގެން އެމީހުންގެ އާއިލާ ތަކާއި އެކު ބޮޑު ޗުއްޓީ ހޭދަ ނުކުރެވިގެން ރިސޯޓް ބޯއިސް ރޯން ފެށީމަ އަނެއްކާ ޗުއްޓީ ޖޫން ޖުލައި އަށް ބަދަލު ކުރަން ދެން އަންނަ ސަރުކާރަކުން ނޫޅުނިއްޔާ ރަނގަޅު. ކޮންމެ ފަސް އަހަރަކުން ތަންތާ ނަމާ ކުލަ ބަދަލު ކޮށް ސިޔާސީ ހައިޖާނުގަ ރައްޔިތުން ފިތިފަ ތިބެން ހަދައިގެން މި ޤައުމު ފަހަތަށް ޖެހުމުންނާ ލިބޭ ގެއްލުމަށް ވެރިން ޒިންމާ ކުރުވަން ޖެހޭ. ޤާނޫނުތައް ހަދާބަލަ
ވޯލް
13 August 2025
ކޮން އިރަކު ކޮން ބެލެނިވެރިނެއްތޯ އެދުނީ. މިއި ކީ ބެލެނިވެރިން އެދިގެން ކުރި ކަމެއް ނޫން. މިއީ ސަރުކަރުގެ / ދައުލަތުގެ ވެރިން ނިއު އިޔަރ އަށް ޗުއްޓީއަށް ދާން ބޭނުން ވެގެން ކުރި ކަމެއް. ރާއްޖޭގެ އާބާދީގެ މަސައްކަތް ތެރިންގެ ތެރެއިން ބޮޑު އިންސައްތައެއް މަސައްކަތް ކުރާނީ ސީަދާ ގޮތުންނާ ނުސިދާ ގޮތުން ޓޫރިޒަމް އިންޑަސްޓްރީގައި ޑީސެމްބަރަކީ ރާއްޖޭޣެ އެންމެ ޕީކް ދުވަސްވަރު. މިއީ މިސަރުކާރު ކަމެއް ނުކުރެވޭތީ ކުރު ގަޅުވާލާމަ ކުރި ބޭކާރު ކަމެއް.
އ އަރީފް
13 August 2025
ރާއްޖެއަށް މޫސުން ރީތި ބެލެނިވެރިންނާއި ދަރިވަރުންނަށް ފައިދާ ކުރުވަނިވި ދުވަސްވަރަކަށް ބޮޑު ޗުއްޓީ ބަދަލު ކުރަން ބޭނުންނަމަ މިއަހަރު 10ގަ އުޅޭ ކުދިން އެގްޒާމު ހެދުމަށް ރާވާފައި އެވާ ދުވަސްވަރަށް ( ފެބްރުއަރީ މާޗަށް ) އޯލެވެލް ބަދަލުކޮށް ޗުއްޓީ އެދުވަސް ވަރަށް ރޭވުން ރަގަޅު. އަދި އޭލެވެލް ކުދިން ޖޫންގައި ފަށާނަމަ އެއީ ވަރަށް ފުރިހަމަ ގޮތަކަށް ވާނެ ކަމަށް ފެނޭ.
ދާއިންް
13 August 2025
ތިޔަ ހެއްދެވީ ހަމަ ހަދަންޖެހޭ ގޮތަށް. އާއިލާއެކު އަރާމު ޗުއްޓީއެއް ކުރިއެކޭ އެއްފަދައިން އަހަރެމެންނަށް ދެން ލިބޭނެތާދޯ.
އަނީގާ
13 August 2025
ރަގަޅު ނިންމުމެއް. ދެން ވިއްސާރަޔާ ނުވެ ރަށަށް ގޮސްލާފަ އާދެވޭނެ ކަމަށް އުއްމީދުކުރަނީ.
ނުއައިމިން
13 August 2025
އެދެވޭ ބަދަލެއް. ހުރިހާ ގޯހެއް ހެދީ އެންޑީޕީ އިބޫ ސަރުކާރުން. ޝުކުރިއްޔާ ރައީސް މުއިއްޒު.
ދުސާ
13 August 2025
މިހާރު ހުކުރެއް ހޮނިހިރެއް ނޯވޭ. ހަފްތާގެ ދުވަސްތައް ވެސް އޮޅިފަ މި ތިބެނީ. ހަފްތާ ބަންދު ނުލިބި ސްކޫލް ދޮށަށް ދުވެދުވެ މައިންބަފައިން ވެސް ތިބެނީ ވަރުބަލިވެފަ.
މަދީހާ
13 August 2025
މެޖޯރިޓީ ބެލެނެވެރިންގެ ކަންބޮޑުވުމަށް ހައްލު ތިޔަ ހޯދާދެއްވީ.
މަހުދީ
13 August 2025
ޖޫން ޖުލައި ބޮޑު ޗުއްޓީ ދިނުމަކީ ކުދިންނަށް ދިން ބޮޑު އަނިޔާއެއް ކަމަށް ސިފަވަނީ.. އަބަދުވެސް ޖޫން ޖުލައި އެއީ ބޮޑު ވިއްސާރަ މޫސުމެއް، އެކުދިންނަށް އެއްވެސް ކަމެއް އެދުވަސްކޮޅުގަ ނުކުރެވޭނެ. އެއްވެސް ތާކަށްވެސް ނުދެވޭނެ
ވިސާމާ
13 August 2025
ހަމަ ހަގީގަތުގަވެސް ބެލެނެވެރިއެއްގެ ހައިސިއްޔަތުން މި ގެނައި ބަދަލަށް ޝުކުރު ދަންނަވަން ރައީސް މުއިއްޒު އަށް