ރަސްދޫގައި ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އިއްޔެ ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.
21 އޯގަސްޓް 2025 - 08:41
އއ. ރަސްދޫ އަދި އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ސަރުކާރުން އިއްޔެ ހަވާލުކޮށްފި އެވެ.
އެ ދެ ތަނުގެ މަސައްކަތް ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުންޏާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަހު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު އެވެ.
އެމްއޭސީއެލާ 63 ރަށެއްގައި ފިޓްނަސް ސެންޓަރު އިމާރާތް ކޮށްދޭން ވެސް މި ހަފުތާގައި ހަވާލުކޮށްފަ އެވެ. އަދި މަތިވެރީގައި އެއާޕޯޓު ހެދުމުގެ ހުރިހާ މަސައްކަތަކާއި އެ ތަން އޮޕަރޭޓް ކުރުން ވެސް ފިނޭންސް މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ އެމްއޭސީއެލާ އެވެ.
އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު (ވ) އާއި އެމްއޭސީއެލްގެ އެމްޑީ ޝަރީފު އިއްޔެ ސޮއިކުރައްވަނީ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނިޔަލަށް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސް މަޝްރޫއުއަކީ ވެސް ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ހިމެނޭ މަސައްކަތެކެވެ.
ރަސްދު އާއި އުކުޅަހުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތު ކުރަން ހާއްސަ ކޮޓަރިއަކާއި ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ހާއްސަ ކޮޓަރިއެއް ހިމެނޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވިސްނާލާ.
21 August 2025
މި ސަރުކާރުން ހާދަ ރުޅިއެއް އާދެޔޭދޯ ދިވެހި ވިޔަފާރިވެރިން ދެކެ. ދައުލަތުގެ ކުންފުނިތަކުން ހިންގަންޖެހޭ ފަދަ ބޮޑެތި ޕްރޮޖެކްޓްތަށް ބޭރުގެ ކުންފުނިތަކަށް ދިނުމަށްފަހު ދިވެހި ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުން ކުރެވޭނެފަދަ މަސައްކަތްތައް ދައުލަތުގެ ކުންފުނިތަކާއި ހަވާލުކުރަމުން ދަނީ ދިވެހި ވިޔަފާރިތައް ފުނޑާލުމުގެ ބޭނުމުގައި ކަމަށް ވެދާނެ!
ވަތަން އެދެނީ
21 August 2025
އެމްޓީސީސީގެ މަހާ ޖައްރާފު އަތަސް އަދި ބިންހިއްކުމުގެ ތަޖްރިބާ ކިތަންމެ ބޮޑަސް ރަސްމާލެ ހިއްކުން ހަވާލުކުރީ ބޭރުގެ ކުންފުނިތަކާ. ފަހަރެއްގަ ވެދާނެ ބޮޑެތި ޕްރޮޖެކްޓަކުގެ އަރިމަތިން އެއްޗެއް ހޯދަން ފަސޭހައީ ބޭރުގެ ކުންފުނިތަކުން ކަމަށް. އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުން ކުރެވޭ ފަދަ މަސައްކަތްތައް އެ ދާއިރާތަކާއި ނުގުޅޭ ދައުލަތުގެ ކުންފުނިތަކާއި ހަވާލުކުރަނީ ދިވެހި ވިޔަފާރިވެރިން އަތުން އެއްޗެއް ނުލިބޭތީ ބާ؟
ގައުމީ ދޫ
21 August 2025
ޑްރޯން އަރުވާތަނެއްބާ؟ މިހެން އަހާލަން މިޖެހުނީ، ދައުލަތުގެ އެއާރޕޯރޓް ކުންފުންޏާކާއި ކޮންސްޓްރަކްޝަން މަސައްކަތް ހަވާލުކުރީމަ!
ފައްތާހު
21 August 2025
އެމް އޭސީއެލް ސުޓާފުންގެ ބޯނަސް އޮތީ ކިހިނެތް.....ބޯނަސް
އަފްރާސިޔާބު
21 August 2025
އޭވިއޭޝަނާ ކުޅިވަރަކީ ވަކިނުކުރެނޭނެ ދެކަންތައް. އެހެންކަމުން އެމްއޭސީއެލް ކުޅިވަރަށް އިންވެސްޓް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
ހާސަރު
21 August 2025
ޝަރީފޫ މަހީނުކުރަން ޝަރީފު ތިދަރަޖައަށް ވެއްޓޭނެކަމަކަށް! އެމްއޭސީއެލް ގެ އަސްލު މަސައްކަތް ނުކުރެވިގެން އުޅޭއިރު ސިޔާސީ ބޭނުމަށް ސަރުކާރުން ބުނާހާކަމެއް ކުރަން ތިގޮތަށް ތިބޭނަމަ މިގައުމަށް އޮތީ ހަލާކާގެއްލުން ނޫން ކޮން އެއްޗެއް!
އަހްމަދުު
21 August 2025
މިކަލަހަ ކަންތައް ދިމާވާތީ، ހިތް ހަމަނުޖެހިގެން ވަރަށް އަވަހަށް އިސްތިއުފާ ދޭން އުޅޭ ވާހަކަ އެބަ ދެކެވޭ ރަށުތެރޭ.
ހުޅުދޫކަލޯ
21 August 2025
ވެރިކަން އޮޅުންބޮޅުންވެ ގައުމުގެ ކަންކަން ފާލުންނެއްޓި ބަނގުރޫޓުވުމުގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ.
އެންމެން ހެޕީ
21 August 2025
ދައްކަވަން ހުރި ތަނެއް ދައްކަވާނެ.
ހަބީލް
21 August 2025
ލާރިއެއްހުރި ކުންފުންޏެއް ވިއްޔާ ސަރުކާރުގެ ސިޔާސީ ވައުދު ފުއްދުމުގައި..ތިތަނަކީ މީގެ ކުރިން ސިޔާސީ ބޭނުމަށް ތިގޮތައް ގުރުބާންކުރި ތަނެއްނޫން..
1828
21 August 2025
ރަށްރަށުގެ ސަރުކާރުގެ އިމާރާތްތަކުގެ އާބާތުރަ ފިލުވަން މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ހަވާލުކުރަންވީނު؟ ބިންހިއްކަން ޖެހޭ ރަށްރަށުގެ ބިން ހިއްކުން އެމް.އެން.ޑީ.އެފް އާއި ހަވާލުކުރަންވީނު؟ އަދި އެ ހިއްކި ބިމުގައި ރިވެޓްމަންޓް ޖަހަން ކަރެކްޝަނަލް ސަރވިސްއާއި ހަވާލުކުރަންވީނު؟ ސަޅިވާނު؟