ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވަނީ.
22 ސެޕްޓެމްބަރ 2025 - 22:55
ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އިތުރު 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ އެ މަނިކުފާނުގެ ވައުދެއް ކަމަށެވެ. އެކަމަކު އަހަރު ނިމެން ދެ މަސް ކުރިން އެކަން މިހާރު ވެސް ހާސިލު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑޮލަރު އޭޓީއެމް ބަހައްޓަން އެ މަނިކުފާނު ކުރިން ވައުދުވެވަޑައިގަތީ ވަރަށް މަދު ރަށްތަކެއްގައި ކަމަށް ވިޔަސް އެއީ ވަރަށް މުހިއްމު ކަމަކަށް ވާތީ އިތުރު ރަށްތަކެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ވަނީ ނިންމަވައިފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ މައްސަލަ ހައްލުކުރުމާއި ޓޫރިޒަމް ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ޑޮލަރު އޭޓީއެމް މުހިއްމު ކަމަށެވެ. އަދި ލޯކަލް ޓޫރިޒަމްގައި އުޅޭ ރަށްތަކުން އޭޓީއެމް ބަހައްޓައި ދޭން ވެސް އެދެމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އޭގެ ފައިދާ އެ ވިޔަފާރިތަކަށާއި އަދި ބޭންކިން ނިޒާމަށް ވެސް ލިބޭނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މ. މުލީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަނީ.
އެ މަނިކުފާނު ވިދާޅުވީ ޑޮލަރު އޭޓީއެމް ބަހައްޓާނީ ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ކަމަށެވެ. އެކަން އަންނަ އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ފަށާނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑު ވާނީ ބޭންކުގައި ދަންނަވާފައި [އޭޓީއެމް ބެހެއްޓުމަށް] ރާއްޖޭގައި ހުރިހާ އާބަން ސެންޓަރުތަކެއްގައި ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ރަށްތަކާއި ސިޓީތަކުގެ ތެރެއިން ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ތަންތަނާއި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ނަގައިގެން ޖުމްލަ 40 ރަށުގައި، އިތުރު 40 ރަށުގައި މި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ ފުރަތަމަ ފިޔަވައްސެވެ. އޭގެ ސަބަބުން ޑޮލަރުގެ އަގު މައްޗަށް ދާ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ބޭންކު މެދުވެރިކޮށް ދެން އަޅާ ފިޔަވަޅެއްގެ ގޮތުގައި ރައީސް ވިދާޅުވީ ރާއްޖެ އިން ބޭރުގައި ޑެބިޓް ކާޑުތަކުން ޕީއޯއެސް މެދުވެރިކޮށް ޑޮލަރު ކެނޑޭ އަދަދު 500ރ. އިން 1،000ރ. އަށް އިތުރުކުރުމެވެ. އެ ބަދަލު ގެންނަނީ ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން އަންނަ ނޮވެމްބަރު 11 ގަ އެވެ.
ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެ އިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3،000 ޑޮލަރަށް ބޮޑު ކުރަން ނިންމާފައިވާކަން ވެސް ރައީސް މުއިއްޒު މިރޭ އިއުލާން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު.
23 September 2025
އޭޓީއެމް ފަދަ ބޮޑު ބިޔަ މަޝްރޫއުތަށް ގެނެސްދެއްވި ރައީސް
ސުފްޔާން
23 September 2025
ރައްޔިތުންނަށް ވެފައިވާ ވައުދުތައް ރަނުންރަނަށް ފުދިގެންދާ މަންޒަރު މި ފެނިގެންދަނީ
މަރުޒޫގް
23 September 2025
ބަޔަކު މީހުން އޭޓީއެމް ބަހައްޓައިގެން ޖޯކް ޖެހިޔަސް އަހަރުމެންނަށް އިނގޭ އަހަރުމެންނަށް މިކަމުން ލިބޭ ލުއި ފަސޭހަ
އަހްމަދު ސަނީހް
23 September 2025
މީ ރައްޔިތުންގެ ވިސްނުން. މީ ރައްޔިތުންނަށް ލިބޭނެ ބޮޑު ފަސޭހައަކަށް ވާނެ.
އިސްމާއިލް އުޝާމް
23 September 2025
ރައީސް މުއިއްޒްގެ ވިސްނުން މިހުރީ މިގައުމުގެ އިގްތިސާދު ހަމަ ޔަގީނުންވެސް ކުރިއަރުވަން. މީ މުހިއްމު ކަމެއް.
އެޑްމުންޑޯ
23 September 2025
ވަރަށް މުހިއްމު ރަގަޅުކަމެއް ކަމެއް ، ލުއިފަސޭހަ ކޮންމެ ކަމަކީ ބަލައިގަންނަ ކަންތައްތައް
ވިވެހިފައިސާ
23 September 2025
ޑޮލަރުން ވިޔަފާރިކުރުމަކީ މަނާކަމެއް، ދެންކީއްކުރާ ޑޮލަރު އޭޓީއެމްއެއް
އަފްރާސިޔާބު
23 September 2025
ބަލަ ބެހެއްޓީ އޭޓީއެމް އެކޭ. އެއީ ވިޔަފާރިކުރާން ގެނައި އެއްޗެއްނޫނޭ. އެއަށް ޑޮލަރު އަޅާނީ ޑޮލަރު ހުރިމީހުން. ދެން ބޭންކުން ޑޮލަރު ނަގާނީ. ބޭންކުން ނަގާ އެއްޗަކީ ވިޔަފާރި ކުރާ އެއްޗެއްނޫނޭ. ގަނެ ވިއްކުމެއް ނޯންނާނެ އެޔަކު.
މަނަމް
23 September 2025
މުއިޒު އަކީ ގާބިލް ބޭފުޅެއް. ރާއްޖެއަށް ލިބުނު ބޮޑު ނަސީބެއް.
އެމެރިކާނޯ
23 September 2025
އެމެރިކާތަމީ..؟ އެމެރީކާ ފައިސާ އޭޓީއެމް އަޅަން؟