އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޯޓިޒަމްގެ ސަބަބާއި ވެކްސިންގެ ރައްކާތެރިކަމާ މެދު ޓްރަމްޕު ވަނީ ސާބިތުނުވާ އެތައް ވާހަކައެއް ދައްކަވާފައި. -- ފޮޓޯ: އޭއެފްޕީ
23 ސެޕްޓެމްބަރ 2025 - 06:38
އޯޓިޒަމް ހުންނަ ދަރިން ލިބުމާ، މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމާ ގުޅުން ހުރި ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކެވުމުން ސައިންސްވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އޯޓިޒަމާ ބެހޭ ގޮތުން ހާއްސަ އިއުލާނުކުރުމެއް އެބަ އޮތް ކަމަށް ވައިޓް ހައުސް އިން ބުނުމަށް ފަހު ޓްރަމްޕު ދެއްވި ބަޔާނުގައި ވިދާޅުވީ މާބަނޑު މީހުން ޓައިލެނޯލް ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. ޓައިލެނޯލް އަކީ ޕެރަސެޓަމޯލްގައި ހުންނަ އެސެޓަމިނޯފެންގެ އެންމެ މަޝްހޫރު ބްރޭންޑް ނަމެވެ. އަދި އެމެރިކާގައި ވެސް މިއަށް އާންމުކޮށް ކިޔާ ނަމެވެ.
މުޅި ދުނިޔޭގައި އުފައްދާ ޕެރަސެޓަމޯލްގެ 40 ޕަސެންޓަށް ވުރެ ބޮޑު ބައެއް ބޭނުންކުރަނީ އެމެރިކާ މީހުން ކަމަށް ހިސާބުތަކުން ދައްކަ އެވެ. އަދި އެސެޓަމިނޯފެން ހުންނަ ބޭސްތަކަށް ކޮންމެ އަހަރަކު ހަތަރު ބިލިއަން ޑޮލަރު އެމެރިކާގައި ހޭދަކުރާ ކަމަށް ވެސް ދައްކަ އެވެ.
އެމެރިކާގައި ދަނީ އޯޓިޒަމް ހުންނަ ކުދިން އުފަންވާ ރޭޓް މަތިވަމުންނެވެ. މީގެ ކުރިން 2000 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު އޯޓިޒަމް ހުންނަ ކުދިން އުފަންވާ ރޭޓަކީ ކޮންމެ 150 ކުއްޖަކުން އެއް ކުއްޖެކެވެ. އެކަމަކު މިހާރު ކޮންމެ 30 ކުއްޖަކުން އެއް ކުއްޖަކީ އޯޓިސްޓިކް ކުއްޖެކެވެ. މާބަނޑު ދުވަސްވަރު ޕެރަސެޓަމޯލް ބޭނުންކުރުމާ އޯޓިޒަމް ނުވަތަ އޭޑީއެޗްޑީ ފަދަ ނިއުރޯޑިވެލޮޕްމަންޓަލް ޑިސްއޯޑާސްތައް ހުންނަ ކުދިން ލިބުމާ ނަންބަރުތަކުން ގުޅުވާލެވިދާނެ ދިރާސާތައް ވެސް ޝާއިއުކޮށްފައި އެބަހުއްޓެވެ.
ނަމަވެސް ވަކި ކަމަކާ ގުޅޭ ގޮތަށް ނަންބަރުތަކުން މިހެން ކަމެއް ދިމާވާ ގޮތަށް ދިރާސާއެއްގައި ފެނުމަކީ ކަމުގެ ސަބަބު ހޯދުމެއް ނޫނެވެ.
މާބަނޑު އިރު ޕެރަސެޓަމޯލް ބޭނުންކުރި މީހުންނަށް އޯޓިސްޓިކް ކުދިން ގިނައިން ލިބިފައިވުމާ އެ ބޭހާ ގުޅުވޭ ސައިންޓިފިކް، ސާބިތު ހެއްކެއް ނެތެވެ. ޕެރަސެޓަމޯލްއާ އޯޓިޒަމްއާ ނަންބަރުތަކުން ގުޅުވޭ ދިރާސާތަކުގައި ވެސް އޯޓިޒަމްގެ ސަބަބަކީ ޕެރަސެޓަމޯލް ކަމަކަށް ނުބުނެ އެވެ. އަދި އޭގެ ހެއްކެއް ވެސް ނެތެވެ. ބުނެފައިވަނީ އޯޓިޒަމްއާ ގުޅެނީ އެހެން ސަބަބުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި އެންމެ ބޮޑު އެއް ސަބަބަކީ މަންމަ އާއި ބައްޕަގެ ޖެނެޓިކްސް އެވެ. މިއީ އޯޓިސްޓިކް ކުއްޖަކު ލިބުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ސައިންސްޓިފިކް ގޮތުން ސާބިތުކުރެވޭ ކަމެކެވެ. މައި މީހާގެ ދިރިއުޅުމުގެ ވައްޓަފާޅި ނުވަތަ ލައިފްސްޓައިލާއި މާހައުލުގެ ހާލަތާ، ޕެރަސެޓަމޯލް ބޭނުންކުރަންޖެހުމާ ގުޅުން ހުރެ އެވެ. އެއީ ވައިރަލް އިންފެކްޝަންތަކާއި ސިއްހީ އެހެން މައްސަލަތައް ވެސް ފަސޭހައިން ދިމާވާ ސަބަބަކަށް ވާތީ އެވެ. ޕެރަސެޓަމޯލްގެ ސަބަބުން އޯޓިޒަމަށް މަގު ފަހިވާ ކަމުގެ ހެއްކެއް ނެތް އިރު، ޕެރަސެޓަމޯލް ބޭނުންކުރަންޖެހޭ ހާލަތަށް މައިމީހާ ގެންދާ ސަބަބުތަކުގެ ތެރޭގައި ވެސް އޯޓިޒަމަށް މަގު ފަހިކުރުވާ ކަންކަން ހުރި ކަމަށް ބެލެވެ އެވެ.
މީގެ އިތުރުން ޕެރަސެޓަމޯލްއާ އޯޓިޒަމްއާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުކޮށްދޭ ގިނަ ދިރާސާތަކެއް ވެސް އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް ދިރާސާ އަކީ ސްވިޑެންގެ 2.5 މިލިއަން ކުދިން ބައިވެރިކޮށްގެން މިދިޔަ އަހަރު ކުރި ދިރާސާއެކެވެ.
ސްވިޑަންގައި، މާބަނޑު ދުވަސްވަރު މައިމީހާ ޕެރަސެޓަމޯލް ބޭނުންކުރާ ނަމަ އޭނާގެ މެޑިކަލް ރެކޯޑްތަކުގައި އެކަން ހިމަނަ އެވެ. ޕެރަސެޓަމޯލް ބޭނުންކުރި މައިންނަށް އޯޓިޒަމް ހުރި ކުއްޖަކު ލިބުމުގެ ނުރައްކާ ކުޑަ މިންވަރަކަށް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދެއްކި އެވެ. އެކަމަކު ހަމަ އެ މައިން ޕެރަސެޓަމޯލް ބޭނުން ނުކުރާއިރު ލިބުނު ކުދިންގެ މައުލޫމާތާ އެއްކޮށްލުމުން މި ހިސާބު ދިމައެއް ނުވެ އެވެ. [މާނަ އަކީ، ޕެރަސެޓަމޯލް ބޭނުން ނުކުރާއިރު ވެސް އޯޓިސްޓިކް ކުދިން ލިބިފައި ވުމުން ނަންބަރު މަތިވެފައިވުމެވެ.]
"ޕެރަސެޓަމޯލް އިން ގެއްލުން ލިބިދާނެ ކަމަށް ބުނާ ވާހަކައާ ދެކޮޅަށް މިއީ ވަރުގަދަ ހެއްކެއް،" މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ސްޓޮކްހޯމްގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގެ ޑރ ވިކްޓާ އަހްލްކްވިސްޓް ވިދާޅުވެފައިވެ އެވެ.
އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިޝިއަންސް އެންޑް ގައިނަކޮލޮޖިސްޓްސް ފަދަ ސިއްހީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޓައިލެނޯލްގައި ހިމެނޭ އެސިޓަމިނޯފެން އަކީ ތަދު ކަނޑުވަން ބޭނުންކުރާ ބޭސްތަކުގެ ތެރެއިން މާބަނޑު ދުވަސްވަރު ބޭނުންކުރަން އެންމެ ރައްކާތެރި އެއް މާއްދާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިއްޕަޓޭ
24 September 2025
މީނަ ދައްކާހާ ވާހަކައަށް ހެއްލިގެންއުޅޭ ދިވެހިންވެސް އުޅޭ.
ބަގަޅޭެ
23 September 2025
މިއަދު ބޭހުގެ ސައިޑް އިފެކްޓަކީ އެދެން މާކަ ބޮޑު ކަމަކަށް ނުވާކަމަކަށް ބަޔަކަށް ވިސްނަދީ ވާވައްދައިފި. ނަތީޖާއަކީ އިންސާނުން އުފަްދާ ބޭހުން ލިބޭ ގެއްލުމަކީ އެއީ ނޯމަލް ކަމެއްގެ ގޮތުގައި އެއްބަޔަކު ގަބޫލް ކުރަން ފެށުން. ހަގީގަތަކީ އެއްވެސް ބޭހެއް އޭގައި ސައިޑްއިފެކްޓެއްނެތް ބޭހެއް ވުޖޫދު ނުކުރެވޭކަން. ދެން ހިތާމައަކީ ބޭހުން ކޮންމެވެސް ފަސޭހަކަތަކެއްވެސްވުން. މީގަ މިއޮތީ ފަސޭަހައާ ގެއްލުން އެކުވެފައި. ދެން ހަދާނެގޮތެއް ނޭނގިއޮތްކަމެއްމީ. ވައައުލަމް
ށސ11
23 September 2025
ވެކްސިން ގެ ވާހަކަވެސް ހިމަނާލިނަމަ
ބަނޖް
23 September 2025
ރައީސް ޑޯނޯލްޑް ތި ވިދާޅުވީ ތެދުކޮށް. ކިރިޔާވެސް ތަނެއްގަ ރިއްސާތީ ޑޮކްޓަރަކަށް ދައްކާއިރަށް ޕެރެސެޓްމޯލް ކާށޭ ބުނޭ، ކުރިން މަވެސް އެއްވެސް ވަަރަކަށް އެޗްޑީސީ އެއް ނުހުރޭ. އެކަމު ޑޮކްޓަރު ބުނެގެން ޕެރެސެޓްމޯލް ކާން ފެށުމުން މިހާރު ކޮންމެސް ވަރަކަށް އެޗްޑީސީ އެބަވޭ.
ކަޅުބެ
23 September 2025
މަށަށް ތިކަމުގަ ސައިންސްވެރިންގެ މޮޔަކަން މާބޮޑު. ޓްރަމްޕަކީ ހަމަޖެހޭ މީހެއް ނޫންކަން ސައިންސްވެރިންނަށް ނޭނގެނީތަ؟
ކަށިކެޔޮ
23 September 2025
ޓުރަމްޕަކީވެސް ބަލިމަޑުކަމެއްގެ އަސްލެއް.