26 އޮކްޓޯބަރ 2025 - 10:03
ސިނގިރޭޓު ވައްކަމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު، ފުލުހުން މިއަދު އާއްމުކޮށްފި އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ނުވަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެންމެ ފަހުން މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށް، ތަހުގީގުގެ ބޭނުމަށް ކޯޓުގެ އަމުރަށް އިއްޔެ ބަންދުކުރީ:
1- އަހުމަދު ޝަމީމް- ހދ. ވައިކަރަދޫ، ނޫރަލީގެ (42 އަހަރު)
2- އަހުމަދު ފިރުޝާން- ހ. ރުމޭނިއާ (35 އަހަރު)
3- ހުސައިން ސާމިހް- އައްޑޫ ހިތަދޫ، ޗާންދަނީގޭ (35 އަހަރު)
އޭގެ ތެރެއިން ތަހުގީގުގެ ބޭނުމަށް ޝަމީމާއި ސާމިހު ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ ހަތް ދުވަހަށެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނަގަން ފަންޑުކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވިޔަފާރިވެރިޔާ، އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އަދި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވަނީ ހައްޔަރުކޮށްފަ އެވެ.
ދިގަލީގެ ބަންދަށް ދިން 10 ދުވަހުގެ މުއްދަތު ހަމަވެ، އެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އާއްޓޭގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު އަދި ހަމައެއްނުވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އަދި އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
ސިނގިރޭޓު ވައްކަމާ ގުޅިގެން މިހާރު ބަންދުގައި ތިބި ނުވަ މީހުން.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައި ވަނީ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި ސިނގިރޭޓް ކޮންޓެއިނާތައް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި އެ ކުންފުނީގެ ބެލުމުގެ ދަށުގައި ބެހެއްޓީ އެ ސިނގިރޭޓުތައް ވަގަށް ރާއްޖެ އެތެރެކުރި މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ނުފޮނުވޭތީ ކަމަށް ކަސްޓަމްސް އިން ބުނެފައި ވެ އެވެ. އެ ކޮންޓެއިނާތައް ވަގަށް ނެގިކަން ކަސްޓަމްސް އަށް އެނގުނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބުނޖި
26 October 2025
ކޮބާ ވޭޕު އެތެރެކުރި މިނިސްޓަރު ދަރި ޖޫރިމަނާ ދައްކައިފިތަ؟؟؟
ދޫނިރާއްޖެ 2.0
26 October 2025
މިރާއްޖޭގެ އެއްވެސް މައްސަލައެއްގައި އަސްލު މައްސަަލަ (ރޫޓުކޯސް) ގަ އަތެއްނުލެވޭނެ... ބަނޑު އަކިރިއަށް ގޮތްގޮތް ހަދާނީ... އަދި މިވަރު ބޮޑުއިހުމާލެއް ވެފަ ނުނީ އަތްދަށުން ދިޔައިމަވެސް ތިމާމެންގެ ނާގާބިލުކަން ގަބޫލުކޮށް ޒިންމާނަގާ، ދުނިޔޭގެ ލަދަށްވެސް ކަމާގުޅޭ ތަންތަނުގެ ވެރިން އިސްތިއުފާއެއްވެސް ނުދޭނެ،،، ވާނީ ހައްތާ ގަދަ.... ތިބޭފުޅުން އަޑުއައްސަވަމުން ތިގެންދަވަނީ ދޫނިރާއްޖެ 2.0 މެގަހާޓްޒް... ޝުކުރިއްޔާ////
ފައްސިޔަ
26 October 2025
ވަރަށް މަޖާތަ؟ ހަހ
1181
26 October 2025
ދިވެހިރާއްޖޭގެ ހުރިހާ ހިސާބަކުންވެސް ބޭފުޅުން ޝާމިލުވާ ވަރަށް ޝާމިލް ވައްކަމެއް ދެއްތޮ.
ކޮލަމާހުއްޓާ
26 October 2025
ކޮބާހޭ ތިކަމުގަ ބައިވެރިވި އެމްޕީއެލްއާއި ކަސްޓަމްސްގެ މީހުން. އެމީހުންގެ އަތެއްނެތި ތިކަންނުވާނެ.
އޮނަރަބްލް އަފީފު ދީދީ
26 October 2025
ވަގުންވެސް ހިފާ ހައްޔަރު ކުރާންވާނެ. އެހެން ނަމަވެސް މިވައްކަމުގައި ދައުލަތުގެ އެތައް އިދާރާއެއްގެ (ނުވަތަ ބައެއްޙާލަތުގައި މިފަދަ ކަންކަން ކޮށްފައިވާގޮތަށް ބަލާނަމަ ވައްކަމުގައި ބައިވެރިވެފައި) ބައިވެރިވުން ނުވަތަ އިހްމާލު އޮތް އިރު މިދެންނެވި އިދާރާ ތަކުން ބައިވެރިވި އެންމެން ދެނެގަނެ ފިޔަވަޅު އެޅުމަށާއި އަދި މިފަދަ ކަންކަން ތަކުރާރު ނުވާނެގޮތަށް ކަންކަން ހަރުދަނާ ކުރަން އެއްވެސް ކަމެއް ކުރާތަން ފެންނަމުން ނުދޭ. ދެންކިހިނެއް ވައްކަން ހުއްޓޭނީ.
ކަރީމު
26 October 2025
ބޮޑޫ ދެ މަހުޖަނަކު ހީކުރިވަރަށް ވުރެން ގިނަދުވަހު ބަންދުގަ ބާތިއްބާފި، ދެން ހޭވި ހޭވި ހެން މިވަނީ އިތުރު، މިކަން ނިމޭއިރު ބޮޑު ދެމަހުޖަނުން ތިޔަ އައްމު މީހުން ބޮލަށް މިކަން ޖަހާފަ ސަލާމަތް ނުވިއްޔާ ކިތައްމެހާވެސް ރަނގަޅު.
ޑަން ހިލު މިޔާ
26 October 2025
ތިޔަ ހުރިހާ ބޭފުޅުންނަކީ ވަގު ބޭފުންއުތަ؟