ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ގެމަނަފުށީގެ ޒުވާނާ އަފްލާހު
03 ނޮވެމްބަރ 2025 - 07:53
އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ދިވެހި ޒުވާނާ ވެސް ރޭ ނިޔާވެއްޖެ އެވެ.
އިއްޔެގެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.
އެމްޕީއެލްގެ ކޮޅުވެއްޓީގައި މަސައްކަތްކުރާ އަފްލާހުގެ އާއިލާގެ މީހަކު މިއަދު ބުނީ، އެ ހާދިސާގައި އަފްލާހުގެ "ފޫޅުން ތިރި އެއްކޮށް އޮތީ ޗިސްވެފައި" ކަމަށާއި އައިޖީއެމްއެޗަށް ގެންދިޔަ އިރުން ފެށިގެން އޮޕަރޭޝަން ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ގެމަނަފުށީގެ ޒުވާނާ އަފްލާހު
"އެކަމަކު، މާ ބޮޑަށް ހާލު ސީރިއަސްވެ ރޭ ދަންވަރު ހިތް ހުއްޓުނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެ ހާދިސާގެ މައުލޫމާތު އެނގޭ މީހުން ކިޔައިދިން ގޮތުގައި ކޮޅުވެއްޓި ބަންޑުންޖަހާލީ އެ އުޅަަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކެއްގެ ބެލެންސް ގެއްލިގެންނެވެ.
އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި އިއްޔެ ހަވީރު ކޮޅުވެއްޓި ބަންޑުންޖަހާޅުމާ އެކު މީހުން ސަލާމަތް ކުރަން ސިފައިން އެހީތެރިވަނީ.
"އެ ވަގުތު ހައިމާކުގެ ބެލެންސް ރަނގަޅު ކުރަން އެ އަށް އެރި މީހާ ހިފާލި ވަގުތު ހައިމާކް އަރިއަޅާލައިގެން ކޮޅުވެއްޓި ބަންޑުން ޖަހާލީ. އޭރު އަފްލާހު ތާށިވީ ކޮޅުވެއްޓި އާއި ހައިމާކާ ދޭތެރޭގައި،" އޭނާ ކިޔައިދިނެވެ.
މި ހާދިސާގައި ދިވެހި ޒުވާނާގެ އިތުރުން ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްއޫދު ހުސައިން ވެސް ވަނީ އިއްޔެ ނިޔާވެފަ އެވެ. އެއީ ވެސް އެމްޕީއެލްގެ މުވައްޒަފެކެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލި ވަގުތު އޭގައި 14 މީހަކު ތިއްބެވެ. އެ އެންމެން ސަލާމަތްކުރި ނަމަވެސް ހަ މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. އަނިޔާވި މީހުންނަށް މިހާރު ވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ވެސް މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުން ޖަހާލައި، ތިން މީހަކު މަރުވެފައި ވެ އެވެ. އޭގެ ތެރެއިން އެކަކީ ވެސް ދިވެއްސެކެވެ.
އަފްލާހު
އޭނާ މީގެ ކުރިން މަސައްކަތް ކުރަމުން އައީ ގެމަނަފުށީ ކައުންސިލް އިދާރާގެ ޑްރައިވަރެއްގެ ގޮތުގަ އެވެ.
ރަށުގެ އެކި ހަފުލާތަކުގެ ފޮޓޯ ނެގުމަށް މަޝްހޫރު އެ ޒުވާނާ ފ. ދަރަނބޫދޫގެ މީހަކާ ކައިވެނިކުރީ ވެސް ވަރަށް ފަހުންނެވެ. އަދި އަފްލާހުގެ މަންމަ ނިޔާވިތާ އަދި ވީ ހައެއްކަ މަހެވެ.
"ރަށުގެ މީހުންނާ ވަރަށް ގުޅޭ ވަރަށް ރަނގަޅު ޒުވާނެއް އެއީ. މަންމަ ނިޔާވެގެން އެ ކަމުގެ ހިތާމައިގައި މި ހުރިހާ ދުވަހު އުޅުނީ. ބައްޕަ ނިޔާވިތާ މާ ގިނަ ދުވަސްތަކެއް ނުވެ މަންމަ ވެސް ނިޔާވީ،" ގެމަނަފުށީގެ މީހަކު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްމާލި
06 November 2025
ސަލާމަތީ ގޮތުން ފެއިލްވެގެން ހިނގި ހާދިސާއެއްގައި އެމް.ޕީ.އެލް ގެ މުވައްޒަފުންތަކެއް ނިޔާވި އިރު ކޮބާތަ ކަންކަން ބަލަން ހަވާލުކޮއްފައި ތިބޭ މީހުން. މަސައްކަތް ކުރި މީހުން ތިބީ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތަ؟ ޕްރޮޓޮކޯލް އަކީ ކޮބާ؟
ޙަޤީޤަތް މީ
04 November 2025
ސިޔާސީ ބޭނުމަށް ކޮންމެ ރަށަކު އެއަރޕޯޓެއްގެ މަގުން އަޅަމުންދާއިރު ސީޕޯޓް އޮތް ހާލު ބަލާލުމެއް ނެތް. ލަދު.
×ޒޗ×ޗ
03 November 2025
ޖެހިޖެހިގެން ޢާއިލާގެ 3 މީހުން މަރުވުމުން ލިބުނު ހިތާމަ ހާދަހާ ބޮޑެވެ.
ފައިޝަންމުނީރު
03 November 2025
ތީ ސީދާ އެމް ޕީ އެލް ގެ މައްސަލަ އެއް. އޯކޭ މަ ކާލިޔަސް. މުދަލުގެ ވެރި ފަރާތުން އެލް ސީ އެއް ގެނައީމާ އެމް ޕީ އެލް ގަ ތިބޭ ބަޔަކު ވެސް ބަލަން ޖެހޭނެ އެ އެލް ސީ އަށް އަރުވަން ހުރި މުދަލަކީ އޭގެ ކެޕޭސިޓީއަށް ފިޓް ވާ އެއްޗެއް ތޯ. އެ ކެޕޭސިޓީ ނެތިއްޔާ މުދާ ދޫނުކޮށް އެ މުދާއުފުލޭ ވަރުގެ އެއްޗެއް ގެންނަން ދެން މަޑު ކުރަން. އަހަރެން ބެލި ބެލުމުން އެމް ޕީ އެލް ގެ އެސް އޯ ޕީ އާއި މުދާ އުފުލުމާއި ދޫކުރުމުގައި މިފަދަ އުސޫލެއް ނެތް. ދެރަކަމެއް.
ނޫސަންގު
03 November 2025
އެމްޕީއެލްއިން މަސައްކަތުގެ މާޙައުލްގައި އަޅަންޖެހޭ ރައްކާތެރި ފިޔަވަޅު އަޅާފައިވޭތޯ އަދި ވަޒީފާ އަށް ބޭނުންވާ ސޭފްޓީ ތަމްރީނު ދީފައިވޭތޯ ތަހްގީގު ކުރަން އެބަޖެހޭ. ފެންނަ މަންޒަރު ތަކަށް ބަލާއިރު އެހާދިސާ ހިގާފައިއެވަނީ ތަމްރީނު ނެތުން ނުވަތަ ފަރުވާ ކުޑަވުމުގެ ސަބަބުން. މިފަދަ އެތަށް ޙާދިސާ އެއް އެމްޕީއެލްގައި ހިނގާފައި އެބަހުރި. އެކަށީގެންވާ ފިޔަވަޅު އަޅާފައި ހުރި ހެނެއް ހިއެއް ނުވޭ.
ދޮން ހަސީނާ
03 November 2025
ކިތަށް ކޮޅުވެއްޓި ބަންޑުންޖަހާލާއި ކިތަށް މީހުންގެ ފުރާނަ ދިއުމުންތޯ ސަރުކާރުން މިކަންތައް މިވަނީ ކީއްވެތޯ ބަލައި ފިޔަވަޅެއް އަޅަނީ؟ ސަރުކާރުގެ ބޭނުމަކީ ކޮބައިތޯ؟
ހިންގުންތެރިކަން
03 November 2025
ދެބައިން ބާވެފަ ތިބި ސިފައިންނަށް މިއޮތީ ހުރިހާތަނެއް ހިންގަން ދޭ ޒަމާނެއް އައިސްފަ. ބޭކާރު ހަރަދު ކުރުން ނޫންކަމެއް ކުރާކަށް ނޭގޭނެ. ނިކަން ބަލާލަ އައި ޖީއެމްއެޗް
ދޫނިރާއްޖެ 2.0
03 November 2025
މީގަވެސް ހުސްއޮޅުވާލުން. އެކްސްކަވޭޓަރުތަށްއެރުވީ ކީއްކުރަންކަމެއް ކޮންތާކުން ކޮންތާކަށް ކީއްކުރަން ގެންދަންއުޅު އެއްޗެއްކަމެއް؟ އެހާބައިވަރު މީހުން 14މީހުން އޭގައި އެތިބީ ކާކުއަންގައިގެން ކީއްކުރަންކަމެއް؟ މިވަރު ހެވީއޮޕަރޭޝަނެއް ހިންގާއިރު ސޭފްޓީ ޕްރިކޯޝަންތައް ރަނގަޅަށް ޗެކްކުރިކަމެއް؟ ހުސް ސުވާލު؟؟ ދެމީހުން މަރުވެއްޖޭ ބުނީމަ ނިމުނީތަ؟ ފަސޭހައެއްނު މިހެން ބުނެލަން. ކަންކަމަށް އެށީގެންނުވާ މީހުން ކަންކަމާ ހަވާލުވެ ތިބިކަން ސާފުވެގެންމިދަނީ.
ރަމަ
03 November 2025
މިކުއްޖާގެ އާއިލާއަށް ދައުލަތުން މަރުގެދިޔަ ދޭންޖެހޭނެ އަދި އިހުމާލުވި ފަރާތްތަކާއިމެދު ފިޔަވަޅުއަޅަންޖެހޭނެ 2 ފުރާނަ ގެއްލިގެން އެދިޔައީ އެމް ޕީ އެލްގެ ބޮޑު އިހުމާލުން.
ޢެޑްމުންޑޯ
03 November 2025
ވަރަށް މުހިއްމު ޕޮއިންޓްތަކެއް ފާހަގަ ތިކުރީ ، މިޒުވާނާއަށް ހެޔޮރަޙްމަތްލައްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި!