ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ ބިންގާ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ފުވައްމުލަކުގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުން އަޅުއްވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
04 ނޮވެމްބަރ 2025 - 20:14
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރު މި ރަށުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް ފުވައްމުލަކަށް ވަޑައިގަތުމުން މި ރަށުގެ ގިނަ ބަޔަކު ވަނީ އެއާޕޯޓުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ މީހަކާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ފުވައްމުލަކުގެ އެކި ދާއިރާތަކުގެ މަޖިލިސް މެމްބަރުންނެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އޮގަސްޓް 7، 2023 ގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޑެޓްއާ އެވެ. ދައުލަތުގެ ބަޖެޓުން 469.8 މިލިއަން މިލިއަން ހަރަދުކޮށްގެން ހިންގާ އެ މަޝްރޫއުގެ ދަށުން އަޅަނީ ތިން ކޮޓަރީގެ 400 ހައުސިން ޔުނިޓެވެ.
މި ރަށުން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، ބޯހިޔާވަހިކަމަކީ މިވަގުތު މި ރަށަށް ދިމާވެފައިވާ އެންމެ ދަތި އެއްކަމެވެ. އާބާދީގައި 13،000 އެއްހާ މީހުން ދިރިއުޅޭ މި ރަށަށް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ބޭނުންވެ އެވެ.
ފުވައްމުލަކުގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ފުވައްމުލަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި މި ރަށުގައި މިއަދު ވަނީ އެހެން ވަރަށް ގިނަ މަޝްރޫއުތައް ވެސް ފައްޓަވައިދެއްވައިފަ އެވެ. އަދި ބައެއް ޚިދުމަތްތައް އިފްތިތާހު ވެސް ކޮށްދެއްވި އެވެ.
- ފުވައްމުލަކުގެ ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ފެށުން
- ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ފެށުން
- ފުވައްމުލަކުގެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުން
- ބީއެމްއެލްގެ ޑޮލަރު އޭޓީއެމްއެއް ހުޅުވުން
- މާދަނޑު އަވަށު ފުޓްސަލް ދަނޑު ހުޅުވުން
- ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތް ފެށުން
- ނޭޝަނަލް ލައިބްރަރީގެ ބްރާންޗެއް ހުޅުވުމުގެ މަސައްކަތް ފެށުން
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުވައްމުލަކަށް ވަޑައިގެން ތުއްތު ކުއްޖަކު އުރާލައްވައިގެން.-- ފޮޓޯ: ރައީސް އޮފީސް
ރައީސް މިރޭ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރައްވާނެ އެވެ. އަދި މި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މި ރަށުގައި ޖަލްސާއެއް ވެސް މިރޭ ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ރާއްޖޭގެ އެންމެ ދެކުނަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް މާދަމާ ވަޑައިގަންނަވާނީ އައްޑުއަށެވެ. ރައީސް މާދަމާ އެންމެ ފުރަތަމަ ވަޑައިގަންނަވާނީ އައްޑޫ ހުޅުދު އާއި މީދުއަށެވެ. އަދި އެއަށް ފަހު އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ވެސް ވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސްނާ
05 November 2025
މިކަމުގެ ސަބަބުން ދެން ގޯތި ނުލިބގެން އުޅޭކަށް ނުޖެހޭނެ އެއްނު. ވަރަށް ސަޅި ކަމެއް އިނގޭ ރައީސް
ޒާނާ
05 November 2025
މިއީ އަހަރެމެން ފުވައްމުލަކު ސިޓީ މީހުންނަށް ވަރަށް އުފާވެރި ހަބަރެއް
އަދުނާން
05 November 2025
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވަނީ
ޢަލީ ކުރުސީ
05 November 2025
ސޯލިހްގެ ރައީސްކަމުގައިވެސް ތިޔަ ކުންފުނި ހިމެނޭގޮތައް ތިޔަ މަޝްރޫޢުގައި ސޮއިކުރި! ޢެއްވެސް ޤާބިލުކަމެއްް ހުރި ބައެއްނޫން!
ޱރ ބިލްޱިންގ
05 November 2025
ތިޔަ އެޅި ބިންގާ އެގޮތުގަ އޮންނާނެ އަނެއް 5 އަހަރުވެސް
ޖިބްރީލް އަމީން
04 November 2025
ޝުކުރިއްޔާ ރައީސް. ފުވައްމުލަކުގައި ބޯހިޔާވަހިކަން ދެވެން އޮތީ ތިގޮތަށް. ވީހައިވެސް އަވަސް ގޮތެއްގައި ތި ޕްރޮޖެކްޓް ނިންމަވައި ދެއްވުމަކީ ވަރަށް ބޮޑު އެދުމެއް. ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަށަވަރުވުން. ތި ކަމުގައި އިސް ނެންގެވީތީ ވަރަށްވެސް ބޮޑަށް ޝުކުރިއްޔާ
ރަށިމޫލެ
04 November 2025
400 ނުވާނެ ހުވަނދަކަށް ވެސް. ތިވެސް ލިބޭނީ މިހާރު ވެސް ގޯތި އޮތް މީހުންނަށް.
މާނިއުބެ
04 November 2025
ފުވައްމުލަކު ރައްޔިތުންނަށް ވަރަށްވެސް ބޮޑަށް މަރުހަބާ. ރައްޔިތުންނަށް މި ދައުރުގައި ލިބިގެން މިދާ ތަރައްޤީ އަކީ މި ގަރުނާ ވެސް ނުބައްދަލު ތަރައްގީއެއް. ހުރިހާ ޝުކުރެއް ރައީސް އަށާއި އަޅުގަނޑުމެންނަށް
މާލެމީހާ
04 November 2025
މާލެ ރަށްވެހީންގެ ތެރެއިން ގެދޮރު ނެތް މާލެ މީހުންނަށް ފުވައްމުލަކުގައި މިއަޅާ 400 ހައުސިން ޔުނިޓަށް ކުރިމަތި ލެވޭނެ ކަމަށް އުންމީދު ކުރަން. އަތޮޅު ތެރޭ މީހުން މާލެއިން ބޯހިޔާ ވެހިކަން ހޯދަންވީމަ އޯކޭ، މާލޭ މީހާ އަތޮޅު ތެރެއިން ހޯދަންވީމާ އޯކޭއެއް ނޫން. ވަރަށް ފައްކާ ވިސްނުމެއް!
ކުމާރު.
04 November 2025
އަމަލީ މަސައްކަތް ނުފެށޭ ތަނެއް ނެތް! އެ ގޮތުން އަމަލީ މަސައްކަތް އެންމެ ރަނގަޅަށް ފަށާފައިވަނީ އައްޑޫ ގައި !! އަމަލީ މަސައްކަތް ނިމުނު އިރު ހުޅުދޫ އާއި ހުޅުމީދޫ ގައި ވަނީ އިންސާނުން ދިރި އުޅެވޭނެ ކަމުގެ ޔަގީން ކަން ކަނޑަ އެޅިގެން ގޮސްފައި