މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ބަންޑުންޖަހާލި ކޮޅުވެއްޓި ކައިރީގައި ސިފައިން ހަރަކާތްތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް
06 ނޮވެމްބަރ 2025 - 23:47
ރާއްޖޭގައި ކޮޅުވެއްޓި އާއި ބާޖު އަދި ޓަގްތައް އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެ މަސައްކަތުގެ ކެޕޭސިޓީ ނުވަތަ ޝަރުތު ހަމަނުވާ ކެޕްޓަނުން ކަން ފާހަގަކުރެވޭ ކަމަަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެކަމަކު، އެ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމެއް ނުވަތަ ދެން އަމަލު ކުރާނެ ގޮތެއް އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ނެތެވެ.
ކޮޅުވެއްޓި އާއި ބާޖާއި ޓަގް އޮޕަރޭޓް ކުރާ ކެޕްޓަނުންނާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޯޓް މިނިސްޓްރީން އިއުލާނެއް ނެރުނީ، މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް އާގުބޯޓަކުން މި މަހުގެ ދެ ވަނަ ދުވަހު ބޭލި ދެ އެކްސްކަވޭޓަރެއް އެރުވި ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
އެ ހާދިސާ ހިނގި ގޮތުގެ އެތެރޭގެ ތަހުގީގެއް އެމްޕީއެލުން ކޮށް، އޭގެ ވަގުތީ ނަތީޖާ މިއަދު ވަނީ ނެރެފަ އެވެ. އެ ތަހުގީގުގެ ހޯދުންތަކާ ހަވާލާދީ، އެމްޕީއެލުން ބުނީ، ކޮޅުވެއްޓިގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށާއި އެ އުޅަނދު ބަންޑުންޖަހާލީ އޭނާ އެދިގެން އެކްސްކަވޭޓަރެއް އެއްފަރާތަކަށް ޖެއްސުމުން ކަމަށެވެ.
އެމްޕީއެލްގެ ބަނދަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓި ދުއްވުމަށް 100 ގްރޮސް ޓަނޭޖަށް ވުރެ މަތީ އުޅަނދު ދުއްވުމުގެ ކެޓަގަރީގެ ލައިސަންސް އޮންނަން ޖެހޭ ކަމަށް އެމްޕީއެލުން ބުނެ އެވެ. އެކަމަކު، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ، އެމްޕީއެލުން ބުނިި ގޮތުގައި އެ އުޅަނދު ދުއްވި ކެޕްޓަންގެ އަތުގައި އެ ކެޓަގަރީގެ ލައިސަންސެއް ނެތެވެ.
އެއީ މި އަހަރުގެ ތެރޭގައި ހިނގި ތިން ވަނަ ހާދިސާ ކަމަށް ވާއިރު، އެ އިން ކޮންމެ ހާދިސާއެއްގައި ބައެއްގެ ފުރާނަ ވަނީ ގެއްލިފަ އެވެ. އެކަމަކު، އޭގެ ސީރިއަސްކަން މިހާތަނަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި ނެތް މައްސަލާގައި "މިހާރު" އިން މިއަދު ރިޕޯޓެއް ލިޔެފައި ވަނިކޮށް އެމްޕީއެލްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ މީޑިއާ ސްޓޭޓްމަންޓެއް ފަހުން ނެރެފަ އެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ ކޮޅުވެއްޓި އާއި ޓަގާއި ބާޖު އޮޕަރޭޓް ކުރާއިރު ގަވާއިދާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން ނުރައްކާތެރި ގިނަ ހާދިސާތައް ވަނީ ހިނގާފައި ކަމަށެވެ. އެހެންވެ، މިނިސްޓްރީން ބެލި ބެލުމުގައި ފާހަގަވީ، ލޭންޑިންކްރާފްޓާއި ބާޖާއި ޓަގު އޮޕަރޭޓް ކުރަނީ ކެޕޭސިޓީ ނެތް ކެޕްޓަނުން ކަމެވެ.
އެހެންވެ، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގައި ކެޕްޓަނުންގެ ގޮތުގައި ހަރަކާތްތެރިވެވޭނެ މީހުންގެ ޝަރުތުތައް އެ ކަމާ ގުޅޭ ގަވާއިދާ ހަވާލާދީ ހަނދާން ކޮށްދީފަ އެވެ. އެއީ ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް މުދާ ބަރު ކުރުމާއި މުދާ އުފުލުމާ ގުޅޭ ގަވާއިދެވެ. އެ ގަވާއިދުގައިވާ ގޮތުން:
● ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ އުޅަނދުފަހަރުގެ ތެރެއިން 100 ގްރޮސްޓަނުން ފެށިގެން ބޮޑެތި އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ 3،000 ގްރޮސްޓަނުގެ ކެޕްޓަނުންނަށް.
● ދަގަނޑު ނުވަތަ މައުދަނުން ބަނދެފައިވާ 24 މީޓަރަށް ވުރެ ދިގު ނުވަތަ 100 ގްރޮސް ޓަނޭޖާ ހަމައަށް ހުންނަ އުޅަނދުފަހަރުގެ ކެޕްޓަނުންގެ ގޮތުގައި ތިބެވޭނީ ނިޔަމި ކަމުގެ ސަނަދު އޮތް އަދި އެ އުޅަނދެއްގެ ގްރޮސް ޓަނޭޖާ އެކަށީގެންވާ ކެޕޭސިޓީގެ ޓަނޭޖުގެ ހުއްދަ ލިބިފައިވާ ކެޕްޓަނުންނަށް.
ކޮޅުވެއްޓި އާއި ބާޖު އަދި ޓަގްތައް ދުއްވަނިކޮށް އެކްސިޑެންޓުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވަނީ އެ ތަކެތީގެ ސައިޒަށް ބަލައިގެން މުދާ ބަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އަދި އޮޕަރޭޓް ކުރާ މަތީގައި ދަންނަވާފައިވާ ސައިޒުތަކުގެ އުޅަނދުފަހަރުގައި މި ދެންނެވި ކެޕޭސިޓީގެ ކެޕްޓަނުން އެ އުޅަނދުފަހަރު ދުއްވައި އަދި އޮޕަރޭޓް ކުރުމަށާއި އުޅަނދުފަހަރު ބަރުކުރުމުގައި ސްޓެބިލިޓީ ނުގެއްލޭ ގޮތަށް ބަރުކުރުމާ އެކު، މުދާ ރަނގަޅަށް ލޭޝް ކޮށްގެން ދަތުރުކުރަށް ފެށުމަށް ސަމާލުކަން ދިނުމަށް އާންމުކޮށް އަންގާ އިއުލާން ކުރަމެވެ،" މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ އެމްޕީއެލް ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓި އާއި އޭގެ ކެޕްޓަނާ ގުޅޭ ގިނަ މައްސަކަތަކެއް އެ ކުންފުނީގެ ތަހުގީގުގައި ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސާއި ނިޔަމިކަމުގެ ސެޓްފިކެޓް ނެތުން ހިމެނެ އެވެ.
އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި މި މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު ކޮޅުވެއްޓި ބަންޑުންޖަހާޅުމާ އެކު މީހުން ސަލާމަތް ކުރަން ސިފައިން އެހީތެރިވަނީ.---ފޮޓޯ: އެމްއެންޑީއެފް
އެ ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނަސް، މުދާ ބަރުކުރާ ޑެކްގައި ލަކުޑި އަޅާފައި ނެތް ކަމަށް އެމްޕީއެލުން ބުންޏެވެ.
"އަދި ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތް. އެއީ ލޭންޑިން ކްރާފްޓްގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް،" އެމްޕީއެލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވެއްޓި
07 November 2025
ސިޔާސީ މީހުންގެ ނުފޫޒުން ފެންވަރުދަށް، ޝަރުތު ހަމަނުވާ މީހުން ވަޒީފާތަކައް ވައްދަންޏާ ވާނީ ތިޔަހެން. އަދި ތީ ފެންނަން ހުރި ކުޑަ ވަރެއް.
ޤަވާއިދު
07 November 2025
ކައްޕިއާއި އުޅަނދުގެ ހުރިހާ ޑޮކިއުމަންޓް ހުށަހަޅައިގެން ނޫންތަ ކަސްޓަމުންނާ އެމްޕީ އެލްއިން ހުއްދަ ދެނީ ބޯޓުފަހަރަށް ނުވަތަ ޕޯޓަށް ކައިރިކޮއްގެން މުދާ އަރުވަން؟؟ ލައިސަން ނެތް ކައްޕި އެއް ހުއްޓާ ކީއްވެ މުދާ އެރުވީ؟؟
ސަރ
07 November 2025
ސަރުކާރުގަ ތިބިމީހުންގެ ސަރުތު ހަމަވޭތަ?
މަނަސްލަން
07 November 2025
ފާހަގަ ކޮއްގެން ތިބެ މުސާރަ ނަގަނީ. ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަގަނީ ރިޝްވަތު.
މިނިސްކާ
07 November 2025
ދެރަކަމެއް ހުވާ، ކޮންމެ ކަމެއްވީމަ ނޫސްބަޔާނަކުން ނިންމާލަނީ، ކަންތައްތައް ބަލަންތިބޭ މީހުން ފެއިލްވެ ހާދިސާއެއް ހިގީމަ އޭގެ ޒިންމާ އެހެންމީހުންގެ ބޮލަށް ކަނޑާލެވޭތޯ އެންމެންވެސް އުޅެނީ، ނިޔަމިކަމުގެ ސެޓްފިކެޓާއި ކޮމްޕީޓެންސީ ސެޓްފިކެޓް ދެނީ އުޅަނދު ދުއްވަންޖެހޭ މީހާއަށް، ކޮންމެހެން އެމީހާގެ އެއްޗެއް އެގޭތޯ ބަލާފައެއްނޫން، އެމީހާއަށް އެއްޗެއް އެގުނަސް ނޭގުނަސް ކުންފުނިން ބޭނުންވަންޏާ ލައިސަންސް ލިބޭނެ، އެހެންވީމާ ތިކަހަލަ ހާދިސާތައް ހިނގާނެ
ކީއްކުރާނީ
07 November 2025
ދިވެހިން ބައިތިއްބަން ވެގެން ހަމައިގަ ނުތިބޭ މީހުންވެސް ބަހައްޓަން ޖެހޭ.
ސަލީމު އިދުރީސް
07 November 2025
ލައިސަން އޮތްމީހަކައްވުރެ ނެއްމީހަވެސް މޮޅުވެދާނެ މިގައުމުގަ ލައިސަން ލިބޭގޮތައް ބަލާއިރު ފައިސާ ހުރިނަމަ ގޭގަ ހުރެގެން ލިބޭއެއްޗެއްތިއީ! ހުރިހާކަމެއް އޭނަބޮލައް ކަނޑާލާ ނާގާބިލު ބޮޑުންގެ މޫނުމަތި ރީތި ކުރަނީ
ޱރ ޖާނަރލިސްޓް
07 November 2025
އަބަދުވެސް ނޫސްވެރިން މިދުވަނީ މާޒީ ފަހާ މިހެންހުންނައް މައްސަލަތައް ކަންވުމުގެ ކުރިން ދިރާސާކޮށް ނޫސްތަކުގަ ލިޔާނަމަ ކަންވުމުގެ ކުރިން ލައްކަގިނަކަންތައް އިސްލާހުވާނެކަން ހަމަޔަޤީން.
ޖަރީމާގެ
07 November 2025
އަދިވެސް މަނިކުފާނަށް ގޯސްވީ ނޫސްވެރިންތޯ؟
ޖަރީމާގެ
07 November 2025
ވަރުވަރުގެ ޑެޕިއުޓީ މިނިސްޓަރުންނާ، ސްޓޭޓް މިިނިސްޓަރުންނާ، ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރުން ލައިގެން ޓްރާންޕޯޓް މިނިސްޓްރީ ކީއްތަ މިކުރަނީ. ޒިންމާއެއް ނެތް ބައެއް ގޮވައިގެން ގަދަ ނިދީގައި ތިބުމަށްވުރެ ކަންކަން ތަންފީޒުކުރުމަށް މުސާރަލިބޭ މީހުންތައް އެކްޓިވޭޓް ކުރަން ގޮވާލަން
ޢަލީބެ
07 November 2025
ޖެހިޖެހިގެން 3 ކޮޅުވެއްޓި ބަންޑުންޖެހުނީމަވެސް ވީގޮތެއް ހާމަނުޖުރޭ. މުދާ އުފުލާނެ ބޯޓުގެ މިންތަކާ މުދާ ޖައްސަންޖެހޭ ގޮތާ ބަރުކުރާނެ ވަރު ބަލާނެގޮތެއް ދެނެހުރީ ކާކުބާ. ޓްރާންސްޕޯޓް މިނިސްޓްރީ ނުހުންނަ ޒަމާނެއްނެތް. ޕޯޓް އޮތޯރިޓީގަ ޓެކްނިކަލް ގޮތްކިޔާލާނެ މީހަކުނެތް. ބަރުމަރުކާ ލެވެލް ޖަހަނީވެސް ދުއްވާލައިގެންނަމަ މޮނިޓަރިން މައްސަކަ. ހާދިސާ ހިނގުމުގާ ބޮޑަށްފާހަގަވަނީ ވުޒާރާތަކުގެ ޒިންމާދާރުކަމެއްނެތްކަން
ޖަރީމާގެ
07 November 2025
ވީގޮތް ވަރަށް ސާފު. ބެލެންސް ނުކޮށް އުޅަނދަށް ތަކެތި އެރުވުމަށްފަހު ތަކެތި މޫވްކޮށްގެން އެންމެ ފަހުން ބަންޑުންޖަހާލީ. މޫސުމަށް ބަލާފައި ބެލެންސް އެޖަސްޓު ކުރަން ކައްޕިއަށް ނޭނގުނީމަ އޭގެކުރިންފަހަރު އެހެން އެވީ. ސިފައިންގރ ކޮޅުވެއްޓީގައި ހުރި ތަކެތި އަދި ތަފްސީލު ނޭނގޭތީ އެއްޗެއް ބުނާކަށް ނޭނގޭ.
ޖަހީމް
07 November 2025
އެކަން އެނގިހުރެ އަޅާނުލާ ތިބެނީ ކީއްވެ..މެރިންޕޮލިސް ކޯސްޓްގާރޑް ބޭނުމަކީ ކޮބާ..އުޅަނދުފަހަރު ރަޖިސްޓްރީ ނަމްބަރ ނުޖަހާ ދުުއްވާއިރު ފެންނަ ބަޔަކު ނޫޅޭ.
ޖަރީމާގެ
07 November 2025
ރަނގަޅު ވާހަކައެއް. އުޅަނދު ބަނަދަރަށް ވަންނައިރަށް އަދި ފުރުމުގެ ކުރިންވެސް މިކަހަލަ ޗެކްތައް ހަދަންޖެޭގޮތަށް ލާޒިމްކުރަން ވަރަށް މުހިންމު. ގަވާއިދެއް އޮތަސް ތަންފީޒު ނުވަންޏާ ނެތުމެކޭ ހަމަހަމަ. މިސާލަކަށް އާން ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައި އޮތަސް ތަންފީޒުކުރާނެ ބައެއް ނެތީމަ ހުރިހާ ތަނެއްގައިވެސް ހަމަ ގަދަޔަށް ކުރިއަށް ދަނީ. ކޮރަޕްޝަންވެސް ގާނޫނުން މަނަޔަސް ތަންފީޒު ނުވޭ