ވަޖީހާއި ސެންކޯ ޝަރީފް ވެސް ކަންބޮޑުވުމާ އެކު ފާހަގަކުރެއްވީ ތިން ކޮޅުވެއްޓި ބަންޑުންޖަހާލައި މީހުންތަކެއް މަރުވިއިރު ސީރިއަސްކަން ނުފެނުނު މައްސަލަ
ލޭންޑިން ކްރާފްޓެްއް ބަންޑުން ޖަހާލާފައި.--ފޮޓޯ: އެމްއެންޑީއެފް
06 ނޮވެމްބަރ 2025 - 09:11
މާލޭ ކޮމާޝަލް ހާބަރުގައި ބޯޓުތަކުން މުދާ ބާލާ މަންޒަރު އެކަކަށް ވެސް އާ ވެގެންނެއް ނޫޅޭނެ އެވެ. އެކަމަކު މި މަހުގެ ދެ ވަނަ ދުވަހު، ކޮޅުވެއްޓިއަކަށް ބޯޓަކުން އެކްސްކަވޭޓަރުތަކެއް ބާލާތަން ފެނުމުން އެ މަންޒަރު ވީޑިއޯކުރި މީހުން އެކަން ކުރީ އާދަޔާ ހިލާފު ކަމެއް އިހުސާސް ވެގެން ކަމަށް ބެލެވެ އެވެ.
ކޮޅުވެއްޓީގައި ދެ އެކްސްކަވޭޓަރު ބާއްވާފައި އޮތް އިރު، ފެންނަނީ އެ ފުރިފައި އޮތް ތަނެވެ. އެތައް ބަޔަކު އޭގައި ތިބި އިރު އުޅަނދު ބެލެންސް ކުރަން އެކަކު އެރީ ކޮޅުވެއްޓީގައި އޮތް އެކްސްކަވޭޓަރަށެވެ. އޭނާ އެ އަށް އަރައި ބެލެންސް ކުރަން ހިފާލުމާ އެކު ކޮޅުވެއްޓި ބަންޑުން ޖަހާލައި ހިނގި ނުރައްކާތެރި ހާދިސާގައި ދިވެއްސަކާއި ބިދޭސީއެއްގެ ފުރާނަ ގެއްލުނީ އެވެ.
އެއީ މި އެއް މަސްތެރޭގައި ރާއްޖޭގައި ހިނގި ކޮޅުވެއްޓި ބަންޑުންޖަހާލުމުގެ ދެވަނަ ހާދިސާ އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ރޭ ވެސް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ތިން މީހަކު އެ ފަހަރު މަރުވި އެވެ. އެ ހާދިސާ ހިނގީ މާލެ އިން ފުރައިގެން ދަތުރުކުރި "އަލްމާކް ފިޔަ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ބަންޑުންޖަހާލައިގެންނެވެ. އެ އަށް ވެސް އަރުވާފައި އޮތީ ވެހިކަލެކެވެ. ކޮޅުވެއްޓި ބަންޑުންޖަހާލި އިރު ދެ މީހަކު ތިބި ކަމަށް ވަނީ އެ ވެހިކަލްގެ ތެރޭގަ އެވެ.
މޫސުން ވެސް ވަރަށް ގޯސް އެ ރޭ ކޮޅުވެއްޓި ބަންޑުން ޖަހާލި ސަބަބަކީ ސީދާ އެއީ ކަމަށް ނޭނގުނަސް، ކޮޅުވެެއްޓި ބެލެންސް ކުރަން ވެހިކަލް އެކި ކޮޅުކޮޅަށް ޖައްސަން އުޅުން ކަމަށް ބެލެވެނީ ހާދިސާ ހިނގި އިރު އޭގައި މީހުން ތިބުމުންނެވެ.
އޭގެ ކުރިން މި އަހަރުގެ ޖޫން މަހު ވެސް ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި ދެ މީހަކު މަރުވި އެވެ.
އެކަމަކު، މިވާ ގޮތަށް ވިސްނާލަނީ ކޮން ބައެއް ހެއްޔެވެ؟ މި އަހަރުގެ މިހާތަނަށް މިފަދަ ތިން ހާދިސާއެއް ހިނގައި އެތައް ބަޔަކު މަރުވިއިރު އެއްވެސް ބައެއްގެ ފަރާތުން ސީރިއަސްކަމެއް އަދި މި ވާހަކަ ދައްކާ ތަނެއް ވެސް ނުފެނެ އެވެ. ސަރުކާރުގެ އިދާރާތަކުން އެޅި ފިޔަވަޅެއް، ގޯހުން ހިނގި ކަމެއް ބުނެއެއް ނުދެވެ އެވެ. ވިއްޔާ ބަލަނީ އެ ވާހަކަ ވީހާ ވެސް ބޮޑަށް ނުދައްކައި ހިމޭނުން ތިބެވޭތޯ އެވެ.
އެންމެ އާންމު ބަސް "ތަހުގީގު ކުރަމުން އެބަދަން" އެ ހިސާބުން ނިމުނީ އެވެ. ދެން މުޅި ގައުމު "ހައްޕު" ކިޔައިގެން ތިއްބާ ފެންނަނީ އަނެއްކާ ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އެތައް ބައެއްގެ ފުރާނަ ގެއްލޭ ތަނެވެ.
ބޯ ދަގަނޑު ފިލައިން ވަރުގަދަކޮށް ބަނދެފައިވާ ކޮޅުވެއްޓިތަކަށް ވާ ގޮތަކާ މެދު އެކަކު ވެސް ވިސްނައެއް ނުލަ އެވެ.
މިދިޔަ މަހުގެ 15 ދުވަހުގެ ރޭ ބަންޑުންޖަހާލި ކޮޅުވެއްޓިން މީހުން ސަލާމަތްކުރަން ސިފައިން މަސަައްކަތްކުރަނީ.---ފޮޓޯ: އެމްއެންޑީއެފް
އެ މައްސަލާގައި އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ އެއްބޭފުޅަކީ ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރު ސާވޭ ކުރުމާއި ފެންވަރު ބެލުމުގައި އަމިއްލަ ގޮތުން އިސް ދައުރެއް އަދާކުރައްވާ މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) އެވެ.
އޭނާ ވެސް ހުންނެވީ މިހާ ސީރިއަސް ހާދިސާތައް އެއް އަހަރު ތެރޭގައި ފުލުފުލުން ހިނގިއިރު މި ގައުމުގެ އިދާރާތަކާއި އާންމުން ހިމޭނުން ތިބޭތީ ހައިރާންވެވަޑައިގެންފަ އެވެ.
"އަޅުގަނޑު އަމިއްލަ ގޮތުން ވެސް އިދާރާތަކުގައި ދަންނަވައިފިން މިވާ ގޮތެއް ބަލައި ކަނޑުދަތުރުފަތުރުކުރާ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބައްލަވަން ހާއްސަ މަސައްކަތްތަކެއް ފައްޓަވައި ދެއްވާށޭ. ކަނޑުގައި ދުއްވާ ކޮންމެ އުޅަނދަކީ ސަލާމަތީ ގޮތުން ވަކި ކަންތައްތަކެއް ފުރިހަމަ ވާން ޖެހޭ އުޅަނދެއް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށް ވެސް ހީއެއް ނުވޭ އެކަން މިހާރު ބަލާ ހެންނެއް،" ޓްރާންސްޕޯޓް މިނިސްޓްރީގައި އެކި ފަހަރުތަކުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ވިދާޅުވި އެވެ.
ކޮޅުވެއްޓިތަކުގެ ސާވޭ ކުރައްވާ ސެންކޯ ޝަރީފް ވިދާޅުވި ގޮތުގައި ބަލަންޖެހޭ ވަރަށް ބަލާ ނަމަ ކޮޅުވެއްޓިތައް ބަންޑުންޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ. އޭގެ ތެރޭގައި ކޮޅުވެއްޓީގައި ތިބެންޖެހޭ މީހުންގެ އަދަދާއި ލޯޑް ކުރަންޖެހޭ ވަރާއި ބެލެންސް ކުރާނެ މިންގަނޑުތަކަށް ރަނގަޅަށް އަމަލު ކުރާ ނަމަ ބަންޑުން ނުޖަހާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
"ކޮޅުވެއްޓިއަކީ ވަރަށް ފްލެޓްކޮށް ބަނދެފައި އޮންނަ އެއްޗެއް. ވަކި އަތަކަށް ބަރުކޮށްފިއްޔާ އަނެއް އަތަށް އަރި އަޅާލާނެ. ކޮޅުވެއްޓިތަކުގެ އަޑީގައި ހަދާފައިވާ ބޮޑެތި ތާނގީތަކަށް ފެން ވެސް ލޮނު ވެސް ލާން ޖެހޭނެ ބެލެންސް ކުރުމަށްޓަކައި. އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ދަމަހައްޓަން ކުރާ ކަމެއް. މި ހުންނަނީ ޓެކްނިކަލް ކަންކަން،" ސެންކޯ ޝަރީފް ވިދާޅުވި އެވެ.
"އެ ކަންކަން ނޭނގޭ ބަޔަކު އެ އަށް އަރައި އެކްސްކަވޭޓަރު އެއްޗެހި އަރުވައިގެން އުޅެފިއްޔާ ބަންޑުންޖަހާލާނެ. އޭގެ ޒިންމާ ކޮޅުވެއްޓީގެ ކެޕްޓަން ނަގަން ޖެހޭނެ. އެކަމަކު ސުވާލަކީ އެ ޒިންމާ އެބަ ނެގުވޭތޯ؟ ސަލާމަތާއި ރައްކާތެރިކަން ބެލޭތޯ؟."
ސެންކޯ ޝަރީފް ވިދާޅުވީ، ކޮންމެ ކޮޅުވެއްޓިއަކަށް ވެސް އެއްޗެހި އެރުވޭނެ އަދަދާއި މީހުން ތިބޭނެ އަދަދު އެ އުޅަނދަކަށް ހުއްދަ ދޭއިރު ކަނޑައަޅާފައިވާ ކަންކަމެވެ. އެކަމަކު، އެމްޕީއެލް ކައިރިން ކޮޅުވެއްޓި ބަންޑުންޖަހާލި މަންޒަރު ފެންނަ ވީޑިއޯ އަށް ބަލާއިރު އެ އަށް އަރުވާފައިވާ ދެ އެކްސްކަވޭޓަރު ކިރިޔާ އެ އަށް ފިޓުވަނީ އެވެ. ފުލުހުން ދިން މައުލޫމާތައް ބަލާއިރު 14 މީހަކު އެ ކޮޅުވެއްޓީގައި ހަރަކާތްތެރިވި އެވެ.
"އަޅުގަނޑު އުޅެގެން ވެސް އަދި އެ ހާދިސާ ހިނގި ގޮތުގެ އެއްވެސް މައުލޫމާތެއް ނުލިބޭ. އެކަމަކު، ބަލާ ބެލުމުން ވަރަށް ބޮޑު ކަމެއް ގޯސްވެގެން މިކަން ހިނގާފައި މި އޮތީ،" ސެންކޯ ޝަރީފް ވިދާޅުވި އެވެ.
ކަނޑުދަތުރުކުރާ އުޅަނދު ފަހަރު ޑިޒައިން ވެސް ކުރައްވާފައިވާ އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު ވަޖީހު ދެކެވަޑައިގަންނަވާ ގޮތުގައި އެފަަދަ މުދާ އުޅަނދަކަށް އަރުވާއިރު، އެކަމުގެ މާހިރެއް ހުންނަން ވާނެ އެވެ. އުޅަނދުގެ ތެރޭގައި މުދާ ހަމަަޖައްސަން ޖެހޭނީ ތަޖުރިބާ ހުރި މީހެއްގެ އިރުޝާދުގެ ދަށުންނެވެ.
"ލޯޑްކުރުން އެއީ ވަރަށް ވިސްނައިގެން ކުރަން ޖެހޭ ޓެކްނިކަލް ކަމެއް،" އޭނާ ވިދާޅުވި އެވެ.
ކަނޑުދަތުރުފަތުރު ކުރުމާ ބެހޭ ގަވާއިދުތައް ހެދުމާއި ރާއްޖޭގައި މަސްދޯނި ބަނުމުގެ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ކުރިން އިސްދައުރެއް އަދާކުރެއްވި ވަޖީހު އަށް ވިސްނިވަޑައިގަންނަވާ ގޮތުގައި ކޮޅުވެއްޓިތައް ބަންޑުންޖެހުމާއި އެ އުޅަނދުތަކުގެ ޑިޒައިންގެ ދައުރު މާ ބޮޑަކަށް ނެތެވެ. ނަމަވެސް އެކަން ގުޅިފައި އޮތީ މުދާ އެރުވުމުގައި އަމަލުކުރެވޭ ގޮތާ އެވެ.
"ޑިޒައިނިންގެ މައްސަލައެއް ނޫން. ހަމަ ލޯޑްކުރެވޭ ގޮތަކުން. އެ ވަރަށް ނުބެލެނީ. ލޯޑްކުރާ އިރުގައި އެއީ ވަރަށް ވިސްނައިގެން ކުރަން ޖެހޭ ކަމެއް،" ވަޖީހު ވިދާޅުވި އެވެ.
ކަނޑުއުޅަނދުފަހަރަށް މުދާ ބަރު ކުރުމުގައި އެ އުޅަނދެއްގެ ސްޓެބިލިޓީ އަށް އެންމެ ރަނގަޅު ގޮތަކީ އޭނާ ވިދާޅުވި ގޮތުގައި އެންމެ ބަރު މުދާ އެންމެ އަޑިއަށް ލާފައި ލުއި މުދާ އެ އަށް ވުރެ މައްޗަށް އެރުވުމެވެ.
ކޮޅުވެއްޓިއަކީ ވަރަށް ފްލެޓްކޮށް ބަނދެފައި އޮންނަ އެއްޗެއް. ވަކި އަތަކަށް ބަރުކޮށްފިއްޔާ އަނެއް އަތަށް އަރި އަޅާލާނެ. ކޮޅުވެއްޓިތަކުގެ އަޑީގައި ހަދާފައިވާ ބޮޑެތި ތާނގީތަކަށް ފެން ވެސް ލޮނު ވެސް ލާން ޖެހޭނެ ބެލެންސް ކުރުމަށްޓަކައި. އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ދަމަހައްޓަން ކުރާ ކަމެއް.--- ސެންކޯ ޝަރީފް
ކަނޑުދަތުރުފަތުރާއި އުޅަނދުފަހަރާ ގުޅޭ ދާއިރާ އިން އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލު ކުރައްވައި، އެ ރޮނގުން ވަރަށް ދިގު މުއްދަތެއްގައި ރާއްޖެ އަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ވަޖީހު ތަކުރާރުކޮށް އެދިވަޑައިގަތީ ގަވާއިދުތަކަށް މީހުން އަހުލުވެރި ކުރުމަށެވެ.
"ހާއްސަކޮށް ކަނޑުއުޅަނދުފަހަރު ދުއްވާ މީހުންނާއި އޭގައި މަސައްކަތްކުރާ މީހުން. ދެން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އެ ކަމަށް ބާރު އަޅަންޖެހޭ،" އުމުރުން 70 އިން މަތީގައި އުޅުއްވި ނަމަވެސް މިހާރު ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ އެކި ވެރިންނަށް ތަޖުރިބާކާރެއްގެ ހައިސިއްުޔަތުން އެކަން ހަނދާން ކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވި އެވެ.
"މިހާރު މާ ބޮޑަށް ވެސް ފަރުވާ ކުޑަ. އަޅުގަނޑަށް ހީވަނީ އެންމެން ވެސް ޕުޝް ކުރައްވަންވީ އޮޑިދޯނި ފަހަރު ބަނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް. މީހުންނަށް އެނގެން ވެސް ވީ އެ ގަވައިދު،" ވަޖީހު ވިދާޅުވި އެވެ.
އޭނާ އެ އިޝާރާތްކުރެއްވީ "ދިވެހިރާއްޖޭގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު" ގެ ނަމުގައި 2017 ވަނަ އަހަރު ގެޒެޓްކުރި ގަވާއިދަށެވެ. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނުން ބާރު ލިބިގެން ހަދާފައިވާ އެ ގަވައިދުގައި އުޅަނދުތަކުގެ ފެންވަރު މަތިކުރަން ކުރަން ޖެހޭނެ ހުރިހާ ކަމެއް ވަރަށް ތަފްސީލުކޮށް ބަޔާންކޮށްފައި އެބަ އޮތެވެ.
އެ ގަވައިދުގެ އެއް ޗެޕްޓަރު އެއްކޮށް ހާއްސަކޮށްފައި އޮތީ ކަނޑު އުޅަނދު ފަހަރުގެ "ހިފިހުރުން" ނުވަތަ ސްޓެބިލިޓީ ކަށަވަރުކުރަން އަޅަން ޖެހޭނެ ފިޔަވަޅުތަކަށެވެ.
ގަވައިދުގައިވާ ގޮތުން އެކަން ދޫކޮށްލާފައި އޮތީ އޮޑިވެރިންނާ ހިސާބުން ނިމޭ ގޮތަކަށް ނޫނެވެ. ގަވައިދުގެ 26.2 ވަަނަ މާއްދާގައިވާ ގޮތުން އުޅަނދުގެ ސްޓެބިލިޓީއާ ބެހޭ މައުލޫމާތު ކަމާ ބެހޭ ފަރާތަށް ހުށަހަޅައި އެޕްރޫވް ވެސް ކުރަން ޖެހެ އެވެ.
ވަޖީހު ވިދާޅުވީ ބަރު މުދާ އުފުލާ އުޅަނދުތަކުގެ ސްޓެބިލިޓީ އާއި ސަލާމަތީ ގޮތުން ކަށަވަރުކުރަން ޖެހޭ އެހެން ކަންތައްތައް ޓްރާންސްޕޯޓް މިނިސްޓްރީން ގަވައިދުން ބަލަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ކަހަލަ އުޅަނދުތައް ދަތުރު ފަށަން ވުމުން ހާއްސަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް ވެސް ބައެއް ގައުމުތަކުގައި އުސޫލުތައް ހުރެ އެވެ.
މީގެ މާނައަކީ އުޅަނދުގެ ސީވާދިނަސް އަކީ ފުރަތަމަ ރަޖިސްޓަރީކުރާ އިރު ބަލާފައި ނިންމާލެވޭ ކަމަކަށް ނުވުމެވެ.
"ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ އެ ތަނެއްގެ ޓްރާންސްޕޯޓް އޮތޯރިޓީން. މިވެނި ތަނަކުން ފުރައިގެންނޭ މިދަނީ. އެ ދާ ދަތުރުގައި ދިމާވެދާނެ ކަންތައްތަކާ ގުޅޭ ގޮތުން [މައުލޫމާތުދީ] ނަގަން ޖެހޭ ހުއްދައެއް ނަގަން ޖެހޭ،" ވަޖީހު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި އެ ގޮތުން ބަލަން ޖެހޭ ގިނަ ކަންތައްތައް އޮންނަނީ ނުބެލި އެވެ.
"ރާއްޖޭގައި ޓްރާންސްޕޯޓް މިނިސްޓްރީއަކަށް ނުބެލެޔޭ އަަޅުގަނޑު ދަންނަވާނީ. ބަލަންވާ ވަރަށް، ބަލަންވާ ކަންތައްތައް ނުބެލެއޭ،" ވަޖީހު ކަންބޮޑުވުމާ އެކު ވިދާޅުވި އެވެ.
ކަނޑުދަތުރުތަކުގައި ފަރުވާ ކުޑަކުރެވެނީ ވަޖީހު ވިދާޅުވި ގޮތުގައި ދިވެހިންނަކީ ކަނޑުމައްޗަށް މާ ފަރިތަ ބަޔަކަށް ވާތީ އެވެ. އެހެންވެ މާ ބޮޑަށް ކަންފަސޭހަ ވަނީ އެވެ.
"އަޅުގަނޑުމެންނަށް މިވާ ގޮތަކީ މާ އީޒީ ކޮށްލެވެނީ. ކަނޑުދަތުރޭ ކަނޑުދަތުރޭ، ދިވެހިންނަކީ ކަނޑުމައްޗަށް ވިހާފައި ތިބި ބައެކޭ،" ކަނޑު ދަތުރުގައި ދިވެހިންގެ ވިސްނުން ހުންނަ ގޮތް އޭނާ ސިފަކުރެއްވި އެވެ.
ވަޖީހާއި ސެންކޯ ޝަރީފަކީ ކަނޑުދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަމާއި ގަވާއިދުތަކަށް ކިހާ އަހުލުވެރި ބައެއް ކަން އެ ދާއިރާގައި އުޅެ މުސްކުޅިވެފައިވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ. އެއީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު ދެ ބޭފުޅުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކަމާ ގުޅޭ ގަވާއިދުތަަކާއި ފޮތްތައް ލިޔުއްވާފައި އެބަހުއްޓެވެ. މިހާރު ވެސް ނުސީދާކޮށް ނަމަވެސް ލަފާ ދެއްވަ އެވެ.
އެކަމަކު ވަޖީހެކޭ އެއްގޮތަށް ސެންކޯ ޝަރީފް ވެސް ވިދާޅުވީ، ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަން މިހާރު ޓްރާންސްޕޯޓް މިނިސްޓްރީ އަށް ބެލޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ތެދުތެދަށް ބުނާ ނަމަ ޓްރާންސްޕޯޓް މިނިސްޓްރީގެ ސީ ޓްރާންސްޕޯޓާ ބެހޭ ބައި އޮތީ ފެއިލް ވެފައި. މިވަރުގެ ބޮޑު ކަންތައްތަކެއް ވެގެން އުޅޭއިރު އެ ބޭފުޅުންގެ އަޑެއް ނީވޭ. އެންމެ ކުޑަވަރަކަށް ޓީވީތަކަށާއި ނޫސްތަކަށް މީގެ ކަންބޮޑުވުން އެ ބޭފުޅުން ވިދާޅުވެ ދެއްވިތޯ؟ ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް މި ތިން ހާދިސާގެ ވެސް ދެއްވިތޯ؟ ބަޔަކު ހޭލުންތެރި ކުރެއްވިތޯ؟" ސެންކޯ ޝަރީފް ވިދާޅުވި އެވެ.
މިހާރު މާ ބޮޑަށް ވެސް ފަރުވާ ކުޑަ. އަޅުގަނޑަށް ހީވަނީ އެންމެން ވެސް ޕުޝް ކުރައްވަންވީ އޮޑިދޯނި ފަހަރު ބަނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް. މީހުންނަށް އެނގެން ވެސް ވީ އެ ގަވައިދު،"--- ވަޖީހު
އޭނާ ވިދާޅުވީ، ކަނޑުއުޅަނދުފަހަރު އަހަރަކު އެއްފަހަރު ސާވޭ ކުރަންޖެހޭނެ ކަމަށާއި ސަލާމަތީ ސެޓްފިކެޓްތަކާއި އެ އުޅަނދުތަކުގައި ތިބޭ މީހުންގެ ސެޓްފިކެޓްތައް ބަލަން ޖެހޭނެ ކަމަށެވެ. އަދި ހާއްސަކޮށް ކޮޅުވެއްޓި ފަދަ އުޅަނދުތައް ބަންޑުންޖަހައި މީހުން މަރުވުން ފަދަ ބޮޑެތި ހާދިސާތައް ހިނގާ މި ދުވަސްވަރު ކޮޅުވެއްޓިތައް ބަލައި، ވެގެން އުޅޭ ގޮތެއް ބެލުމުގެ ސާވޭތަކެއް ކުރަން ޖެހޭނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެން ޓްރާންސްޕޯޓް މިނިސްޓްރީގައި އުޅުނުއިރު މެރިޓައިމް އިވެލުއޭޝަން ބޯޑެއް، އެޑްވައިޒަރީ ބޯޑެއް އޮންނާނެ. އެ ދެ ބޯޑުން ކަންކަން ބަލާނެ. ފިޔަވަޅު އަޅާނެ. އެކަމަކު، މިހާރު މި އުޅެނީ ތިން ކޮޅުވެއްޓި ބަންޑުންޖަހައި ބައެއްގެ ފުރާނަ ގެއްލުމުން ވެސް އަޑެއް ނީވިގެން،" ސެންކޯ ޝަރީފް ވިދާޅުވި އެވެ.
"ކޮންމެ އުޅަނދެއްގައި ލޭންޑިންކްރާފްޓެއް އޮންނަން ޖެހޭ ގޮތަށް މަޖުބޫރު ކުރަންޖެހޭ. އޭރުން ކޮންމެ ފަދަ ހާދިސާއެއް ހިނގިޔަސް އެ ލޭންޑިންކްރާފްޓަށް މީހުންނަށް އަރައިގެން ކަނޑުމަތީގައި ތިބެވޭނެ. އެ އޮންނާނީ ފެންމަތީގައި. އެންމެ ކުޑަމިނުން ކޮންމެ އުޅަނދަކަށް ލޭންޑިންކްރާފްޓް މަޖުބޫރު ކުރަންޖެހޭ."
މި އުޅެނީ ކޮޅުވެއްޓި ބަންޑުންޖަހާލުމުގެ ހާދިސާތައް ހިނގައި މީހުންގެ ފުރާނަ ގެއްލޭތީ އެވެ. ގައިމު ވެސް ބަޔަކު ކަންބޮޑުވާ ވަރަށް މި އަހަރު އެކަނި އެ ހާދިސާތައް ހިނގި އެވެ. އެތައް އާއިލާއަކަށް އޭގެ ހިތާމަވެރި އަސަރު ކޮށްފި އެވެ. އެކަމަކު، އަހަރެމެންގެ އިދާރާތައް ތިބީ ގަދަ ނިދީގަ އެވެ. ތަހުގީގުގެ ނަތީޖާއެއް އެޅި ފިޔަވަޅެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަލީބެ
07 November 2025
ކޮޅުވެއްޓީގަ ކަރުދިގު އެކްސްކަވޭޓަރު ބެހެއްޓުމަކީ އޮލަނޣެއް ކޮޅަށް ބެހެއްޓުން ކަހަލަ ކަމެއް. ބަރު އޮންނާނީ ޖައްވުގަ. ކުޑަކޮށް އަރިއަޅާލިޔަސް އެދާގޮތަށް އަނގަވަތަށް ޖެހޭނެ. ކުޑަމިނުން ރަނގަޅަށް އައްސާވެސް ނުލާހުންނަ މުދާ ދެތިން ޕެލެޓު އެއްފަރާތަކަށް ވެއްޓުނަސް އޭގެކަންތައް ދާ ސަބަބަކީ ހުންގާނު ހިފަންދަސްކޮށްގެން އެނގޭނެ ކަމެއްނޫނެވެ.
ކުޑަސައިހު
06 November 2025
ދަތުރު ދުވާ ނުކިއާތި ވާގޮތެބާ؟
ހަސަންރަހާ
06 November 2025
https://edition.mv/accident/21390?ref=article-related ބިއްލުރި ޕެލެޓް ތެރޭ ތާށިވި ދެމީހެއްގަ ހަބަރު
ހަސަންރަހާ
06 November 2025
https://mihaaru.com/business/88833 (28 މާރިޗް 2021) '... މި އެކްސިޑެންޓުތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓުގައި ވަނީ އެމްޕީއެލްގައި އެސްއޯޕީތައް ހުރި ނަމަވެސް އެއަށް އަމަލު ނުކުރާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ޝާހިދު ވަނީ އެ އެސްއޯޕީތަކަށް އެމްޕީއެލުން އަމަލު ކުރާ ކަމަށާއި އެއީ ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ހަސަންރަހާ
06 November 2025
2/2:.. ޓަގެއްގެ ވާ ކަޑައިން ގޮސް މީހެއްގެ ގައިގާޖެހި އެމީހާ ނިޔާވިއެވެ. ސަރަހައްދުތެރޭ ހިނގާފައި ދިޔަ އަންހެން މުވައްޒަފެއްގެ ފައި މަތިން ކޮންޓޭނަރު އުފުލާ އުޅަނދު ގޮސް އެ ކަމަނާގެ ދެފައި ޗިސްވެ ދެފައިވެސް ބުރިކޮށްލަން ޖެހުނެވެ. ކޮންޓޭނަރު އުފުލާ އުޅަނދުން ޖެހި އިތުރު އެކްްސިޑެންޓެއްގައި މީހަކަށް އަނިޔާ ވިއެވެ. ފަހުރުވެރި ކަމާއެކު ބުނަމުންދަނީ ހުރިހާ ޑޕޓ ހެޑުންނަކީ އޮސްޓްރޭލިއާ އިން މާސްޓަރސް ހައްދަވާފަ ތިބި އިލްމީ ކުޅަދާނަ ބޭފުޅުން ކަމަށެވެ!
ނަނަނަ
06 November 2025
ލޯޑު ކުރެވޭ ގޮތަކުން ނޫން.. އަދިވެސް ވަނީ ކިހިނެތްކަން އެނގޭ ބަޔަކު އުޅޭހެން ހީނުވޭ.. ލޯޑު ކޮށްގެން ދުއްވަދުއްވާ އޮއްވާ ބަންޑުން ޖަހަނީ ކީއްވެތޯ ބަލާބަލަ.. އަދިވެސް ރޯނުއެދުރުންގެ ވާހަކަ ތިލިލިޔަނީ..
ސެންކޯ
06 November 2025
އެއީ ލޯޑުކުރެވޭ ގޮތުން، ރޯނު އެދުރުހެދިގެން ނޫޅެބަލަ
ހަސަންރަހާ
06 November 2025
ކޮޅުވެއްޓި ބަންޑުން ޖެހުމުގެ ހާދިސާތަކެއް ހިނގައިފިއެވެ. މިފަހަރު ދެމީހެއްގެ ފުރާނަ ގެއްލިގެންދިޔައީ އެމްޕީއެލް ގެ ތެރެއިން ކަމަށްވެސް ބުނެވިދާނެއެވެ. މޕލ އަކީ ރާއްޖޭގެ ވަޒީފާ ގެ މާހައުލުގައި ގިނަ އަދަދެއްގެ ބައެއްގެ ފުރާނަ ދިޔަ ސޭފްޓީ ރިކޯޑު ވަރަށް ދަށް ތަނެކެވެ. މިފަހަރި ކޮޅުވެއްޓި ބަންޑިުން ޖެހުމެވެ. މީގެ އަހަރުތަކެއް ކުރިން ބޯޓެއްގެ ކުރޭނެއް އޮޕަރޭޓް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާ އެކެވެ. އެފަހަރުވެސް މީހަކު ނިޔާވިއެވެ. 2/2
ސަބަސްޓިއަން
06 November 2025
އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ ކަނޑުގެ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރާގޮތް ހަރުދަނާކުރަންވެއްޖޭ. އޮޑިފަހަރުގެ ކެޕްޓަނުންނަކީ އޮޑިފަހަރުގެ ދަތުރުގެ ރައްކާތެރިކަމަށް ޒިންމާނަގާ ފަރާތްކަމަށްވާތީ ލައިސަންސް ދޫކުރާ ނިޒާމް ހަރުކަށިކުރަންއެބަޖެހޭ.
އަބްދުﷲ
06 November 2025
ފާއިތުވީ 10 އަހަރަށް ބަލާލާއިރު މުދާ އުފުލާ ދޯނިފަހަރާއި، ކޮޅުކޮޅުވެއްޓި ބަންޑުން ޖެހުމުގެ ހާދިސާގައި ކުރީގަ އުޅެނީ ކޮޅުވެއްޓި ބަންޑުން ޖަހާލުން. ބަންޑުން ޖަހާލުމުގެ ސަބަބަކީ ކޮޅުވެއްޓި ދުއްވާ ކެޕްޓަނުން ނަގާފައިވާ އުޅަނދު ދުއްވުމެގެ ލައިސަންސަކީ ނިޔަމި ކަމުގެ ކޯސް، އަދި އިންޖީނު އުޅަނދު ދުއްވުމުގެ ލައިސަންސް. ސްޓެބެލިޓީ އަދި ބެލެންސް، ކާރގޯ ލޯޑިން ކިޔަވާފައެއް ނެތް.
އޯކޭދޯ
06 November 2025
ހުރިހާ މިނިސްޓްރީ އެއް އުޅެނީ ކެމްޕޭންކުރުމުގައި ދެން ކޮންކަމެއް ރަނގަޅުވާނީ