ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓްގެ ތެރެއިން: ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
17 ނޮވެމްބަރ 2025 - 23:18
ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އަންނަ އަހަރުން ފެށިގެން އާސަންދަ ހަމަޖައްސައިދޭން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ސޯޝަލް ސެންޓުގައި ބޭއްވި ހާއްސަ ހަފުލާގައި ރައީސް ވިދާޅުވީ ނަފުސާނީ ބައްޔަކީ މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި ނަމަވެސް އެކަމަށް ކުރާ ފަރުވާތަކަށް މިއަދާ ހަމައަށް ވެސް އާސަންދަ ނުލިބޭ ކަމަށެވެ.
އެކަމަކު، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނަފުސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިއަދާ ހަމައަށް ވެސް ނަފުސާނީ ބައްޔަށް ކުރާ ހަރަދު އާސަންދަ އިން އެއްކޮށް ކަވާއެއް ނުވޭ. އަޅުގަނޑުމެން އެންމެން ހައިރާންވެފައި މި ތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް އެކެއް ޖެނުއަރީން ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވާ ވާނެ،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން މީގެ ކުރިން ވަނީ ދަރިމައިވުމުގެ މައްސަލަތަކާ ގުޅޭ ބައެއް ފަރުވާއަށް ވަކި ޝަރުތަތަކާ އެކު އާސަންދަ ލިބޭ ގޮތް ވެސް ހަދައިފަ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި އިވެންޓްގެ ތެރެއިން: ނަފްސާނީ ބަލީގެ ހުރިހާ ފަރުވާއަކަށް އާސަންދަ ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާ ތަރައްގީ ކުރަން ރައީސް ވަނީ މިރޭ ފާހަގަކުރައްވައިފަ އެވެ. އެކަމަށް އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ވެސް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި ސީޓީ ސްކޭން ހިދުމަތް ގާއިމް ކުރާނެ އެވެ. އަދި ޓާޝަރީ ހޮސްޕިޓަލްތަކުގެ ތެރެއިން އެމްއާރުއައިގެ ހިދުމަތް ނެތް ހޮސްޕިޓަލްތަކުގައި އެކަން ވެސް ފަށާނެކަން ރައީސް އިއުލާން ކުރެއްވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރަށްރަށުގެ ސިއްހީ މަރުކަޒުތައް އެ ރަށެއްގެ ނިސްބަތުން ތަރައްގީކޮށް، ރަށުން ބޭރަށް ނުގޮސް ކޮންމެ ރަށެއްގައި ވެސް ތިބެގެން ލެބޯޓްރީ ޓެސްޓްތައް ހެދޭނެ މިންވަރަށް އެ ހިދުމަތް ފުޅާކޮށް މުވައްޒަފުން ހޯދާނެ ކަމަށެވެ.
އަދި ސީ އެމްބިއުލާންސްގެ ފްލީޓް އާ ކުރުމަށް ގެންނަ ފުރަތަމަ 10 ސީ އެމްބިއުލާންސް ހޯދުމަށް ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަލަޑޭ
18 November 2025
އެންމެން ވެސް ތިބީ ނަފްސާނީ ބައްޔައް ބޭސް ކުރަން ޖެހިފަ.
އައްބެ
18 November 2025
ރާއްޖޭގައި މިހާރު ބޮޑެތިވާ ކުދިންނަށް ދިރިއުޅުމުގައި ދިމާވާ އެކިކަހަލަ އުނދަގޫތަކާއި ކުރިމަތިލާކަށް ނޭނގޭ. ސުކޫލުގައި ދިމާވާ ކުޑަކުޑަ ކަމަކުން ކުއްޖާ ނަފްސާނީވޭއެބަ. އޮފީސް މާހައުލުން ދިމާވާ ކަންކަމުގެ ސަބަބުން ވަރަށް ފަސޭހައިން ނަފްސާނީވޭ އެބަ. އަޅުގަނޑުމެން ބޮޑުވީ ކުލާސްތެރޭގައި ކުދިންގެ ފަރާތުން އިންތިހާއަށް އަނިޔާއާ ލިބިގެން. ރިޕީޓްވެގެން ކުލާހުގައި ތިބޭ ބޮޑެތިކުދިން އަނިޔާކުރޭ. މިއަދު އެކަމުގެ ސަބަބުން ކަންކަން ތަހަންމަލްކުރަން ދަސްވެއްޖެ.
ހުސްފޭކު
17 November 2025
ފުރަތަމަ ރާއްޖޭގެ މީހުން "ނަފްސާނީ" ބައްޔަކީ ވާއެއްޗެއް ކަމަށް ގަބޫލުކޮށްގެން ތިކަމެއް ވާނީ. އިހަށް ދުވަހު އޭޑީއެޗްޑީ ބޭސް އެމެންޑްމެންޓް މަޖްލީހުން ބޭރުކުރީ. އަދިވެސް ދިވެހީންގެ ކަމަކީ ނަފްސާނީ މީހުންނަށް ޖެއްސުންކޮށް މަލާމާތްކޮށް ދިރިނޫޅެވޭވަރަށް ދަތިއުދަގޫކުރުން.