ޖޭއެސްސީން ބުނީ މި އަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަަތައް ބެލުމަށް ފަހު ސާބިތުވެ، ފިޔަވަޅު އަޅަން ނިންމީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 3.4 ޕަސެންޓަށް ކަމަަށް. އެއީ ހަ ފަނޑިޔާރުން.
ޖޭއެސްސީ: ހައި ކޯޓުގެ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ވަނީ ފަށާފައި--- ފޮޓޯ/މިހާރު
21 ނޮވެމްބަރ 2025 - 22:33
ވަކި ފަނޑިޔާރަކަށް ވާތީ ތަހުގީގުކުރުމަށް ސަމާލުކަން ނުދޭ ކަމަށާއި ބަލަނީ ހުށަހަޅާ ޝަކުވާ އާއި ހެކިތަކަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނެފި އެވެ.
އެ ކޮމިޝަނުން އެހެން ބުނީ، ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށުމާ ގުޅިގެން ކުރީގެ ބައެއް ފަނޑިޔާރުންނާއި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ދިފާއުގައި ނެރުނު ބަޔާނެއްގަ އެވެ.
ޖޭއެސްސީން ބަލަމުންދަނީ ހައި ކޯޓުގައި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްސަލައިގެ އިތުރުން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލަތަކެވެ.
އެ ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންދާ މި ދަނޑިވަޅާ ދިމާކޮށް ޖޭއެސްސީން މިރޭ ނެރުނު ބަޔާނުގައި ބުނީ، އެ ކޮމިޝަނަށް ހުށަހަޅާ ސުލޫކީ މައްސަލަތައް ބަލާއިރު، ސަމާލުކަންދެނީ ވަކި ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރަކަށް ވާތީ ވަކި ގޮތަކަށް އަމަލު ކުރުމަށް ނޫން ކަމަށެވެ.
ކޮންމެ ކޯޓެއްގައި މަސައްކަތްކުރާ ފަނޑިޔާރަކަށް ވިޔަސް ޖޭއެސްސީ އަށް ހުށަހަޅާ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ އަލީގައި މައުލޫމާތު ސާފުކޮށް، ބަލަންޖެހޭ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ބެލުމަށް ފަހު ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލަން އެ ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް ބުންޏެވެ.
ސުލޫކީ މައްސަލަތަކުގެ ގޮތުގައި ޖޭއެސްސީ އަށް މި އަހަރުގެ މިހާތަނަށް 176 ޝަކުވާ ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތަހުގީގު ކުރަން ނިންމާފައި ވަނީ 57 ޝަކުވާ އެވެ. މައްސަލަ ބެލުމަށް ފަހު ސާބިތުވެ، ފިޔަވަޅު އަޅަން ނިންމާފައިވަނީ ހުށަހެޅި މައްސަލަތަކުގެ ތެރެއިން 3.4 ޕަސެންޓަށެވެ.
އެއީ ހަ ފަނޑިޔާރުންނަށް ކަމަށް ޖޭއެސްސީން މިރޭ ބުންޏެވެ.
"މިއީ، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާ ނަމަ މަދު އަދަދެކެވެ،" ޖޭއެސްސީން ބުންޏެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުން ފަނޑިޔާރު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކުރަން ޖޭއެސްސީން މިދިޔަ ބުދަ ދުވަހު ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަކުރު...
22 November 2025
ސުޕްރީމް ކޯޓުގެ ފަޑިޔާރުންނަށް ހެދިގޮތް ފެނިފަ، ޖޭއެސްސީއިން މިދައްކާ ވާހަކައަށް އެއްވެސް އިތުބާރެއް ކުރެވޭނީ ކިހިނެއް.
ލޯޔަރު
22 November 2025
ފިޔަވަޅު އަޅަނީ ބުނާގޮތަށް ހުކުމް ކުރަން ދެކޮޅު ހަދާ ފަނޑިޔާރުންނަށް، އެކަން ނޭނގޭ މީހަކު މިޤައުމަކު ނެތް
އަބްޑޫޅް +
22 November 2025
"ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރާއިރު ބަލަނީ ހެއްކަށް"؟ އެހެން މީހުންގެ ކަންކަމުގަ ހެކި ނުބަލަނީތަ؟
ބަލަންޖެހޭނެ.
22 November 2025
ޢާންމު ފަރުދަކާމެދު ކުރެވޭ ތުހުމަތަށް ސަމާލުކަން ދޭ މިންވަރަށްވުރެ މާބޮޑަށް ފަނޑިޔާރަކާމެދު ކުރެވޭ ތިހުމަތަށް ސަމާލުކަންދީ މައްސަލަ ބަލަން އިސްކަން ދޭންޖެހޭނެ. ފުލުހުންނާއި، ދައުލަތުގެ ވަކީލުންނާއި، ފަނޑިޔާރުންނަކީ އެމީހުން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ނާޖާއިޒު ފައިދާތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުބައެއް. އެހެންވީމާ އެމީހުންގެ މައްޗަށް ކުޑަވެސް ތުހުމަތެއް ކުރެވިއްޖެނަމަ އެކަމެއް ބަލަންޖެހޭނެ. ފިޔަވަޅުވެސް އަޅަންޖެހޭނެ.
ކޮރަލް
22 November 2025
ޑްރަގް މައްސަލަ ތަކުގަ މީހުން މިނިވަން ވުމަކީ އާއްމު ކަމެކެވެ. އެއީ އެންމެ ގިނައިން ފައިސާ ގެންގުޅޭ އެއް ބައެވެ. ވީމާ ފަނޑިޔާރުންގެ ކަންކަން އިންޓެލް އިންބަލާ ރެކޯޑިންގް އަޑު އަހާނަމަ ނަމަ ވަކި ކުރަން ޖެހޭ ފަދަ ބޮޑެތި ފައިސާ ގެ މައްސަލަ ތައް ހުންނާނެ ކަމަށް ބެލެވެ އެވެ.
ސޮބީހާ
21 November 2025
ތިޔާގެ ތެރެއިން ބައެއް ފަނޑިޔާރުންގެ މައްސަލަ އުޅުން އެކަށީގެންވޭ, ނަމަވެސް ދީބާނާޒް މެންފަދަ ފަނޑިޔާރުންގެ މައްސަލަ އުޅޭނެކަމާއިމެދު ޝައްކު,
ބޮޑުއައިންތު
22 November 2025
ދީބާނާޒު ދެ އަހަރު ކިރިމިނަލް ކޯޓުގަ ހުރެގެން ނިންމީ ދެ މައްސަލަ. ޙައިކޯޓުގަ މިއަދަށް ދެ އަހަރުވީއިރު ނިންމީ 3 މައްސަލަ. މިވަރުގެ ފަނޑިޔާރުން ކޯޓުގަ ބައިތިއްބަން ހެޔޮނުވާނެ.
އުދުހޭ
21 November 2025
ނުފޫޒު ފޯރުވުން ރައްޔިތުން ބަލައިނުގަންނާނޭކަން އެނގޭނެ އިންތިހާބުން. ބަލަންތިބޭ.
ޢެޑްމުންޑޯ
22 November 2025
އިންތިޚާބުން އެކެއްޗެއްވެސް ނޭގޭނެ ، ދިވެހިން ވޯޓްދެނީ އެއްނޫން ، ވޯޓް ވިއްކަނީ ، ދެން ކޯއްޗެއް އެގޭނީ
8983232
22 November 2025
ވޯޓު ވިއްކާނަމަ ޔާމީނާ އިބޫ 2 ވަނަ ދައުރަކަށް ހޮވޭނެ. ނުދެނީ ކޯއްޗެއް. ބްރިޖާ ގެއާ ލާރިއާ. އެކަމަކުވެސް ދިވެހިން ބުނީ ރަނގަޅެއް ނޫނޭ.