ވިޔަފާރި / ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް

ކުޅުދުއްފުށި ޕޯޓަށް ސީދާ ޓުޓިކޮރިން އިން މުދާ ގެންދަން ފަށައިފި

އިންޑިއާގެ ޓުޓިކޮރިން އިން އައި ބޯޓުން ކުޅުދުއްފުށި ޕޯޓަށް މިއަދު މުދާ ބާލަނީ: މިއީ އެ ބަނދަރަށް ޓުޓިކޮރިން އިން އައި ފުރަތަމަ ބޯޓު.---ފޮޓޯ: އެމްޕީއެލް

21 ނޮވެމްބަރ 2025 - 23:07

އިންޑިއާގެ ޓުޓިކޮރިން އިން ހދ. ކުޅުދުއްފުއްޓަށް ދާއިމީ ގޮތެއްގައި މުދާ ގެންދިއުމަށް އެމްޕީއެލް އިން ކުރާ މަސައްކަތްތަކުގެ ދަށުން، މުދާ ހިފައިގެން އައި ފުރަތަމަ ބޯޓު ކުޅުދުއްފުށި ޕޯޓަށް މިއަދު ބަނދަރުކޮށްފި އެވެ.

އެމްޕީއެލުން މިރޭ ބުނީ، ކުޅުދުއްފުށި ބަނދަރަށް މިއަދު ބަނދަރުކުރީ ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން އައި "ވީބީ ޕްރޮގްރެސް" ބޯޓު ކަމަށެވެ.

އެ ބޯޓުން އެ ސިޓީ އަށް ގެންދިޔައީ ދައުލަތުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި އަމިއްލަ ވިޔަފާރިއެއްގެ ޕެރިޝަބަލް ކާގޯ ކަމަށް އެމްޕީއެލުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި ވަގުތަށް ތާވަލް ކޮށްފައި ވަނީ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް ކޮންމެ މަހަކު އެއް ދަތުރު ކުރާ ގޮތަށެވެ. އެކަމަކު، މުދާ ގެންދާ އަދަދުގެ މައްޗަށް ބަލައި، ދަތުރުތައް އިތުރު ކުރާނެ ކަމަށް ބުންޏެވެ.

"ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ސީދާ ކުޅުދުއްފުއްޓަށް މުދާ ގެނެވޭނެ އިންތިޒާމް ހަމަޖެހުމުން، ކުޅުދުފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގުހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ އެވެ،" އެމްޕީއެލުން ލިޔުމުން މީޑިއާއާ ހިއްސާކުރި މައުލޫމާތުގައި ވެ އެވެ.

އުތުރު ސަރަހައްދުގެ މައި ބަނދަރު ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނަކާ އެކު މުޅިން އާ ހިދުމަތްތަކެއް މިދިޔަ އޮގަސްޓް މަހު ވަނީ ތައާރަފު ކޮށްފަ އެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް އަދި އަސާސީ މުދަލާއި ޑިއުޓީ ނުދައްކާ މުދާ ރައްކާ ކުރުމަށް ހާއްސަ ބޮންޑެޑް ސަރަހައްދަކާއި އުތުރުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކަށް ހާއްސަ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ހިމެނެ އެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓް ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން "ޑޮމެސްޓިކް ވިޔަފާރިވެރިން" މުދާ ބޭލުމަށް ހާއްސަ ތަނެއް ކުޅުދުއްފުށީ ޕޯޓުގައި ގާއިމްކޮށް މި އަހަރުގެ އޮގަސްޓް 26 ގައި ވަނީ ހިދުމަތް ފަށައިފަ އެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ބާވަތްތައް ކުޅުދުއްފުށި ޕޯޓަށް ގެންގޮސް ބަލްކްކޮށް، ރައްކާ ކުރާނެ ހާއްސަ ސަރަަހައްދެއް ވެސް އެ ދުވަހު ވަނީ ހުޅުވައިފަ އެވެ.

އެމްޕީއެލުން ވަނީ ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާ އެކު އޮގަސްޓް މަހު ބައްދަލުވުމެއް ބާއްވައި، އުތުރުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރު ކުރުމާއި މުދާ ގެންދިއުމުގެ އިންތިޒާމުތައް ރަނގަޅު ކުރުމުގެ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދީ، ވިޔަރާފިވެރިންގެ ހިޔާލު ހޯދާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލް މެދުވެރިވެގެން، ޓުޓިކޮރިން އިން އައްޑޫ ހިތަދޫ ޕޯޓަށް ދާއިމީކޮށް މުދާ ގެންދެވޭނެ އިންތިޒާމުތައް މިދިޔަ އަހަރު ވަނީ ރާވައިފަ އެވެ. އެންމެ ފުރަތަމަ މަހަކު އެއް ދަތުރު ހިތަދޫ ޕޯޓަށް ތާވަލް ކުރި ނަމަވެސް، މިހާރު މަހެއްގެ މައްޗަށް ކުރާ ދަތުރުގެ އަދަދު އިތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454