ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ސަރުކާރުގެ އިތުރު މަޝްރޫއުތައް ހަވާލު ނުކުރެވޭނެ ގޮތަށް ނިޒާމުތައް ބައްޓަން ކުރަން ކޮމިޓީން ސަރުކާރަށް ހުށަހެޅި.
ރާއްޖޭގެ ފަރަކަށް ދަގަނޑުތަކެއް އަޅާފައި: 32 އަހަރު ކުރީގެ ގާނޫނަކުން ކުރާ ތިމާވެށީގެ ޖޫރިމަނާތައް ހޯދޭނެ ގޮތެއް ނެތް ކަން މަޖިލީހުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައި --
02 ޑިސެމްބަރ 2025 - 08:16
އުޅަނދުފަހަރު ފަރަށް އަރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާތައް އެތައް މިލިއަނަކަށް އަރަ އެވެ. އެކަމަކު އޭގެ އެއްވެސް ފައިސާއެއް ދައުލަތަކަށް ނުލިބެ އެވެ. އެއްވެސް ހުރަހެއް ނެތި އެ ވިޔަފާރިތައް، އެ އުޅަނދުތައް ރާއްޖޭގައި އޮޕަރޭޓް ވެސް އެބަ ކުރެ އެވެ.
މިއީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން ކުރި ތަހުގީގުން އެ ކޮމިޓީ އަށް ފާހަގަވި ކަންކަމެވެ.
މަޖިލީހުގެ ކޮމިޓީން މި ތަހުގީގު ފެށީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އެކި ގޮތްގޮތުން ގެއްލުން ދިނުމުގެ ސަބަބުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން އެ ފައިސާ ދައުލަތަށް ދައްކަމުން ނުދާ މައްސަލަ ސަމާލުކަމަށް އައުމާ އެކު އެވެ.
ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި ތަހުގީގު ރިޕޯޓްގައިވާ ގޮތުން އުޅަނދުފަހަރު ފަރަށް އެރުމުން ގިނަ އަދަދެއްގެ ޖޫރިމަނާ މިހާތަނަށް ކޮށްފައިވީ ނަމަވެސް ދައުލަތަށް އެ ފައިސާއެއް ނުލިބެ އެވެ. އެއް ފަރާތެއް ތަކުރާރުކޮށް އެކި ފަހަރުމަތިން ޖޫރިމަނާ ކޮށްފައި ވެ އެވެ. އެކަމަކު، އެއީ ހަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެފައި އޮތް ޖޫރިމަނާއެކެވެ. އެ ފަރާތުން އެއްވެސް ޖޫރިމަނާއެއް ނުދައްކަ އެވެ.
އެކަމަކު، ތަކުރާރުކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރިޔަސް ފައިސާ ނުދައްކައި ތިބެ ރާއްޖޭގައި އެ މީހުންގެ ވިޔަފާރި ހިންގާކަށް ހުރަހެއް ނެތެވެ. އެފަދަ ފަރާތްތަކުން ފައިސާ ނުދައްކައިފި ނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި އެކަށީގެންވާ ގޮތުގައި މަޝްވަރާ ވެސް ކޮށްފައިނުވާ ކަމަށް ކޮމިޓީގެ ރިޕޯޓްގައި ފާހަގަކުރި އެވެ.
"މިހާރު" އިން މިދިޔަ އަހަރު ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އެ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އޮތެވެ. ޖޫރިމަނާގެ 24 މައްސަލައެއް އޮތް އިރު، އޭގެ ތެރެއިން ދައުލަތަށް މިހާތަނަށް ލިބިފައި ވަނީ އެންމެ 50،000ރ. އެވެ.
ނުލިބި ހުރި ފައިސާގެ ތެރޭގައި ގިނައިން ހިމެނެނީ ބޮޑެތި އަދަދުތަކުން ކޮށްފައި ހުރި ޖޫރިމަނާތަކެވެ. އޭގެ ތެރޭގައި 100 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ހަ ފަރާތެއް ހިމެނެ އެވެ. އެއީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާ ކުރެވޭ އެންމެ ބޮޑު އަދަދެވެ. އެއީ 1993 ވަނަ އަހަރުގެ ގާނޫނެކެވެ.
މި ހުރިހާ އުޅަނދުތަކަކީ ވެސް ރާއްޖެއިން ބޭރުގެ އުޅަނދުތަކެވެ. އީޕީއޭ އިން ދިން ތަފާސްހިސާބުތަކުގައިވާ ގޮތުން ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ ތެރޭގައި ގިނައީ ވެސް ބޭރުގެ ކުންފުނިތަކުގެ އުޅަނދުތަކެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީގެ ތަހުގީގުގެ ބޭނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ހޯދުމުން އެ މިނިސްޓްރީން ބުނެފައިވަނީ ބޯޓު ފަހަރު ފަރަށް އެރުމުން މިހާރު ކުރާ ޖޫރިމަނާތަކަކީ މާބޮޑު އަދަދުތަކެއް ކަމަށެވެ. އެ އަދަދުތައް މުރާޖައާ ކުރަން ފެންނަ ކަމަށް ވެސް އެ މިނިސްޓްރީން ކޮމިޓީ އަށް ދިން ޖަވާބުގައި ވެ އެވެ.
ނަމަވެސް، އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ދެކޭ ގޮތުގައި އެއީ އެންމެ އެކަށީގެންވާ އަދަދުތަކެެވެ. އެ އަދަދުތައް ކަނޑައަޅާފައިވަނީ އެކަން ކުރަން އޮންނަ ފޯމިއުލާއަކުން ކަމާއި އެއީ އެކި ގައުމުތަކުގައި ވެސް މިފަދަ ކުށްތަކަށް ކަނޑައަޅާފައިވާ އަދަދުތަކާ ދާދި އެއްވަރެއްގެ އަދަދުތަކެއް ކަން އޮތޯރިޓީ އަދި ބަންޑާރަ ނައިބުގެ އޮފީހުން ވެސް ވަނީ ބުނެފަ އެވެ.
ޖޫރިމަނާކޮށްފައިވާ ގިނަ މައްސަލަތަކުގައި ޝާމިލުވާ ގިނަ ބޯޓުފަހަރަކީ ރިޕޯޓުގައިވާ ގޮތުން، އެކި ކަންކަމުގައި އޭޖެންޓެއް މެދުވެރިވެގެން ރާއްޖެ އަންނަ ބޭރުގެ ބޯޓުފަހަރަވެ. އެހެންވެ ޖޫރިމަނާ ކޮށްފައިވަނިކޮށް އެފަދަ ބޯޓުތައް ރާއްޖޭން ފުރައިގެން ދިއުމަށް ފަހު، ޖޫރިމަނާ ފައިސާ ނުދައްކައިގެން ދައުވާ ކުރާއިރު ގިނަ ދަތިތަކާ ކުރިމަތިވެ އެވެ.
ގާނޫނީ އޮނިގަނޑު މިހާރު އޮތް ގޮތުން ރާއްޖޭގައި އެ އުޅަނދެއް ބޭއްވުމަށް ލާޒިމުކުރާނެ ގޮތެއް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެ އެވެ.
އޮތޯރިޓީން ޖޫރިމަނާ ކުރަނީ ބޯޓު ފަރަށް އެރީމައެއް ނޫނެވެ. ނަމަވެސް، ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރާ ޖޫރިމަނާ އެވެ. އެހެންވެ، ފަރަށް އެރި ބޯޓު ފަރުން ނެގުމުން ނޫނީ ފަރަށް ލިބިފައިވާ ގެއްލުން ދެނެނުގަނެވޭނެ އެވެ. ފަރަށް އަރާ ބޯޓުފަހަރު ނުނެގުނު ކަމަށްވީ ނަމަވެސް ގާނޫނުގެ ތެރެއިން މިވަގުތު އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތެވެ. މިހާރު ވެސް އެގޮތަށް ނުނަގާ ހުރި ބޯޓުފަހަރު ހުރި ކަމަށް ރިޕޯޓްގައި ބުންޏެވެ.
އެހެން އެކަން އޮތުމުން ފަރުތަކަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތައް ދަނީ ލިބެމުންނެވެ.
ރިޕޯޓްގައި ބުނީ ޝިޕިން އޭޖެންޓުން ބޯޓު ގެންގުޅުމުގެ ތެރެއިން ބޯޓު ފަރަށް އެރިކަމުގައިވީ ނަމަވެސް، އޭޖެންޓް ޒިންމާ ކުރެވޭނެ ގޮތަކާއި މައްސަލައިގެ ތެރެއިން އޭޖެންޓުން ބަދަލުވުމުން ދެން އަމަލު ކުރެވޭނެ ގޮތެއް ގާނޫނީ އޮނިގަނޑުގެ ތެރެއިން ސާފުކޮށް އެނގެން ނެތް ކަމަށެވެ. ޖޫރިމަނާގެ ޒިންމާ އޭޖެންޓް ނަގަން ޖެހޭނެ ކަމަށް އޭޖެންޓުން ގަބޫލު ނުކުރާ ކަން ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި ދައުވާ ކުރަނީ އޭޖެންޓް ވެސް ހިމެނޭ ގޮތަށެވެ.
ޖޫރިމަނާ ދައްކަން ޖެހޭ ކަމަށް ކޯޓުން ކުރާ ހުކުމްތައް އިސްތިއުނާފު ކުރާ ހާލަތުގައި އެ އިސްތިއުނާފީ މައްސަލައިގައި ގޮތެއް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތުމުން ކޯޓު މަރުހަލާގައި އެފަދަ މައްސަލަތައް ދިގުލައިގެން ވެސް ގޮސްފައިވެ އެވެ.
މީގެ އިތުރުން ޖޫރިމަނާތައް ނުދެއްކުމުން އެ ފައިސާ ހޯދުމަށް ސީދާ އޮތޯރިޓީ އަށް ކޯޓަށް ދިޔުމުގެ ބާރެއް ނެތެވެ. އަދި އޮތޯރިޓީން ކުރާ ޖޫރިމަނާއެއް މިނިސްޓަރަށް އިސްތިއުނާފު ކުރެވޭ މަރުހަލާއެއް ވެސް އޮވެ އެވެ. މި ކަންކަމުގެ ސަބަބުން މައްސަލަ ލަސްވެ ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަން އޮތޯރިޓީން ފާހަގަކުރެ އެވެ.
ތިމާވެށީގެ މިފަދަ މައްސަލަތަކުގައި ޖޫރިމަނާކޮށް ދައިވާ ކުރަމުންދާ 1993 ވަނަ އަހަރުގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަން ބަންޑާރަ ނައިބުގެ އޮފީހުން ފާހަގަކޮށްފައިވީ ނަމަވެސް ޖޫރިމަނާގެ މައްސަލަތަކަށް ހައްލު ގެނައުމަށްޓަކައި ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ޒިންމާ މިހާތަނަށް ނަގާފައި ނުވާ ކަން ރިޕޯޓްގައި ފާހަގަކުރި އެވެ.
ތަހުގީގުން ކޮމިޓީއަށް ފާހަގަވި ކަންކަން ހައްލު ކުރަން ގިނަ ކަންތައްތަކެއް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން، ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ބަންޑާރަ ނައިބުގެ އޮފީހާއި އެންވަޔަރަންމަންޓް މިނިސްޓްރީ އަށް އެންގި އެވެ.
ތިމާވެއްޓަށް ގެއްލުމެއް ލިބިއްޖެ ނަމަ ބޯޓުގެ ވެރިފަރާތާ އެކު، އޭޖެންޓުން ވެސް ޒިންމާ ކުރެވޭނެ ގޮތަށް ގާނޫނާއި ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ހަ މަސް ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަން ވެސް އެންގި އެވެ.
މީގެ އިތުރުން:
- ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ގުޅިގެން ޖޫރިމަނާ ކުރާ މައްސަލަތަކުގައި މުއައްސާސަތަކުން ކަންކަން ނިންމުމަށް ކަނޑައަޅާ ވަކި ޓައިމްލައިންތަކެއް ގަވާއިދުގައި ހިމަނަން މިނިސްޓްރީ އަށް އެންގުން.
- ޖޫރިމަނާ ދައްކަން ޖެހޭ ފަރާތްތަކަށް ސަރުކާރުން ލިބެންޖެހޭ ފައިސާއެއްވާ ނަމަ އެ ފަރާތްތަކުން ސަރުކާރަށާް ދައްކަން ޖެހޭ ފައިސާ އާއި ސަރުކާރުން އެ ފަރާތްތަކަށް ދޭން ޖެހޭ އަދަދު އަޅައި ކިޔާ އޮފްސެޓް ކުރެވޭނެ ގޮތެއް އޮތްތޯ ބެލައި އެފަދަ ނިޒާމެއް ގާއިމް ކުރުން.
- ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް ސަރުކާރުގެ އިތުރު މަޝްރޫއުތައް ހަވާލު ނުކުރެވޭނެ ގޮތަށް ނިޒާމުތައް ބައްޓަން ކުރުން.
- ޖޫރިމަނާ ނުދައްކާ ނަމަ ވިޔަފާރި ކުރަން ދޫކޮށްފައިވާ ހުއްދަތައް ހިފެހެއްޓުން ނުވަތަ ބާތިލް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮއިގުޑާކަތިއްބެ
02 December 2025
އަންތަރީސްވޭ! ގަވާއިދާއި ގާނޫނު ހިންގަން ތިބިމީހުންގެ ބޭނުމަކީ ކޮބައިބާ. މަޖިލިހެއް، ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއްނެތް. ބޭނުންގޮތަކަށް އުޅެންވީ. މިވަރު ތަނެއްގައި ޖުރިމައިނާ ހުރެދާނެ ބަރިބަރިއަށް ހަކިފަޅާފަ. ގާނޫނު ފުށްފުރޭނިގަޑަކަށް ހަދާފަ އޮތީމަތާ ފުރޭނިގެން ޖީބަށްއެޅޭނީ.
ބޮޑުބެގެ ބެއްޔާ
02 December 2025
ތި ގާނޫނޫ މިހާރަށް ވަރަށް ބޮޑަށް ފެތޭ. ބޭނުންވަނީ ޖީބަށް ވަންނަ ގޮތަށް އޮންނަ ގާނޫނުތައް. މިޒަމާނަކީ ކޮރަޕްޝަންގެ ޒަމާން.
ދޮންތި
02 December 2025
ދިވެހިން ކަނޑު ކޮހުންނަށް ހަދައިގެން މި ރައިތުންގެ މެންބަރުންނޭ ކިޔައިގެން މިތިބަ ސަރުކާރުގެ އަޅުން ގަންނަ ގަނޑުދޯ. މިހާރު އޮތް ގާނޫނުގެ ދަށުންވެސް ގަވާއިދެއް ހަދައި ފައިން ނުދައްކާފީޔާ ބޯޓާއި ބޯޓުގައި ހުރިއެއްޗެއް ވެއްޖެއިޔާ ދައުލަތުގެ އެއްޗެއްކަމަށް ކަނޑަވއެޅީމާ އެނިމުނީ. އަދިވރާއްޖެ އަށް އިންވާޑް ކުލިއަރެންސް ލިބޭނީ މިއަށް އަމަލު ކުރަން އެބަސްވީމަ. ހަމަ ނުކުރާން ދަންމަން މާބޮޑުކަމަކަށް ހަދައި އިތުރުފަސް އަހަރު ލިބިގެންނޫނީ ނުކުރާންބތިތިބީ.
އޮޑިގޯސްވަނީ
02 December 2025
ޒަމާނަށް ނުފެތެނީ ގާނޫނެއްނޫން. އެތައްހާސް އަހަރުވީ ގާނޫނު އަދިވެސް ބޭނުންކުރޭ..މިސާލަކަށް ކައިވެނި، މުދާބެހުން.
ފަރަންޖީ
02 December 2025
މިގައުމުގައި ތިމާވެށްޓަށް އެންމެބޮޑަށް ގެއްލުންދެނީ ސަރުކާރުގެ މަޝްރޫޢުތަކުން. އެއީ ކޮންމެހެން ތިމާވެށްޓަށް ގެއްލުންނުދީ އެކަންނުކުރެވޭތީއެއްނޫން. އަގުހެޔޮކޮށް ކުރަން އަދި އަވަހަށްނިންމަންވެގެން. ތިމާވެށްޓަށް ގެންލުންކުޑަކޮށް ކުރެވޭނެއެތަށް ގޮތެއްއޮއްވަވެސް "ފަސޭހަކޮށް" މަސައްކަތް ނިންމަންވެގެން. ތިމާވެށީގެހުއްދައަކީ ހަމަ އަނދުނެއް. 1 ދުވަހުން ރިޕޯޓުހަދާފަ، މިނިސްޓްރީކުދިން "އިވެލުއޭޓްކުރަން" ބައިއަޅާފަ 5 ދުވަހުން ހުއްދަނެރޭގައުމެއް މިނޫނީނެތް.
ވެށި
02 December 2025
ސަރުކާރުން މިހާރު އެއްވެސް ވަރަކަށް ވެށްޓަށް ސަމާލުކަމެށް ނުދޭ! ވެށި ހަލާކުވެ މުރަކައިގެ ފަރުތަށް ކިސަޑު އެޅި މަރުވާގޮތަށް ކަން ކުރަމުންދަނީ! ވަރަށްވެސް ދެރަ!!
އަފްރާސިޔާބު
02 December 2025
ތިމާވެއްޓަށް ބަލައިގެން މިޒަމާނުގައި ކަންކަމެއްނުކުރެވޭނެ. ތަންކޮޅެއްކުރީގައި ފަންޖިފުޓީގައި މީހުން ދިރިއުޅުނީ. މިޒަމާނުގައި ޖެހޭނެ ވީއެންމެ ބޮޑަކަށް ޓެކްނޮލޮޖީގެ ބޭނުން ހިފައި ކުރިން ނުލިބޭ އާމްދަނީ ހޯދަން. މިސާލަކަށް ފަޅު ހިއްކުން. ފަޅު ހިއްކުމަކީ އެންވެރިކަމަށް ގެއްލުންވާކަމެކޭ ކިޔާލަ ކިޔާ ތިބުމަށްވުރެ ރަނގަޅީ އެތަންތަން ހިއްކައި ބޭރުގެ އިންވެސްޓަރުންނަށް 99 އަހަރަށް ވިއްކާލުން. 2 މިލިއަން ޑޮލަރު ދޭ ކޮންމެ ފަރާތަކަށް ގަނެވޭގޮތް ހެދުން.
ފަރަންޖީ
02 December 2025
މިގައުމުގައި ތިމާވެށީގެގާނޫނާ ތިމާވެށީގެ މިނިސްޓްރީއާ އީޕީއޭއެއްއޮތީ ބޭރުގެއެހީ ހޯދަން އެއީ މަޖުބޫރު އެއްޗަކަށްވާތީ! މިވަގުތު ތިމާވެށީގެ މިނިސްޓްރީއަކީ މުވައްޒަފުން ބޭރަށްދަތުކުރަންށާ ލިބޭއެހީން ކޮންސަލްޓަންޓުންނަށް ލާރިބަހަން އޮތްތަނެއް! ރަނގަޅުގާނޫނެއް ހެދެންނެތީ އެންމެ ބޮޑަށް ގެއްލުންދެނީ ސަރުކާރު މަޝްރޫޢުތަކުންކަމަށްވާތީ! ތިމާވެށްޓައްބަލައިގެން މަޝްރޫޢުތަށް ހިންގަންވީމާ އަގުބޮޑުވަނީ! އީޕީއޭ ފިޔަކޮށާފައެއޮތީ ނަމެއްގައި މިކަންކުރަންބޭނުންވާތީ.
އުދުހޭ
02 December 2025
ޖުމްހޫރީމައިދާނުގަ ލިޔުމެއް ހިފައިގެން ހުއްޓިހުރެބަލަ ގާނޫނު އަޕްޑޭޓްވަނީ ކިހާ އަވަހަކަށްތޯ ބަލަން. ބޭނުންވީމާ ހަފްތާއަކުން އެބަ ނިމޭ.
އަފްރާސިޔާބު
02 December 2025
ހަފްތާއަކުނުން ހަމަ އެދުވަހު އެބަނިންމާލެވޭ. ގާނޫނެއް ހަދައި ފާސްކޮށް ތަސްދީގު ކުރުމަށް. 100 އަހަރުވެސް ވެދާނެ އަތްނުލާ އިތިއްޔާ.
މުލޭ
02 December 2025
ޤާނޫނު ހަދަން ތިބި މީހިން މިބުނަނީ 32 އަހަރުގެ ކުރީގެ ގާނޫނެކޭ މިއޮތީ. އެއަކުން ވާނެކަމެއް ނެތޭ. ގާނޫނެއް ހަދާބަލަ ތިކަމަށް. ފުލުހުންގެ ކުރިމަތީގައި މީހަކު މަރާލާއިރު އެކަން ހުއްޓުވަން މަސައްކަތް ނުކޮށް ތިބެފައި އެކަން ހުއްޓުވަން އެއްވެސް މީހަކު މަސައްކަތް ނުކުރެޔޭ ފުލުހުން ބުނުން ކަހަލަ ކަމެއް ތިޔައީ.
ލަޠީ
02 December 2025
ރާއްޖެއަށްވުރެ ކަންކަމުގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ގިނަ އެހެން ޤައުމެއް ނުވެސް އޮންނާނެ ކަންނޭނގެއެވެ. އެހެނަސް މިފެންނަނީ ޤާނޫނާއި ޤަވާޢިދުތަކަށް ޢަމަލުނުކުރެވި އޮންނަތަނެވެ. ޤައުމަށް ލިބެންއޮންނަ މަންފާއެއްވެސް ނުލިބި އެކަމާއަޅާލާނެ ފަރާތެއްވެސް ނެތިވާތަނެވެ. ކޮމިޓީން ފާހަގަވި ކަންކަން ހައްލުކުރަން ހުށައެޅިޔަސް އަދި 6މަސްދުވަސް ފާއިތުވެ ދިޔަސް އެއިންތަނަކުން ތިކަމަކަށް އަޅައެއް ނުލާނެއެވެ. ކޮމެޓީން އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ.
މޯހަންބޭ
02 December 2025
މޯހަންމުތާ އެމް.އެމް.އެކުސްޕޯޓު ކިޔާ .، ކުންފުނިން ކިހާ ވަރެއް ޖޫރިމަނާ ދައަކަން އޮތްތޯ ބަލާލަދީބަލަ؟ އަދިވެސް ބައިއަޅައިގެން މުޅި ސަރުކާރަށް ހަންފަތުރައިގެން ހަމަ މިލިޔަނުން ވިޔަފާރި ކުރަނީ މޯހަންމުތާ ގުރޫޕު.