ލައިފްސްޓައިލް / މަރު

އެކުގައި 71 އަހަރު، މަރުވީ އެއްވަގުތެއްގައި

ވެރާ އާއި ވިލްފް: އެކުގައި 71 އަހަރު އުޅުމަށްފަހު ދުނިޔެ ދޫކޮށް ދިޔައީ ވެސް ދާދި އެކު އެކުގައި

04 އެޕްރީލް 2017 - 06:25

އިނގިރޭސި ވިލާތުގެ ދެމަފިރިއަކު ކައިވެންޏަށް 71 އަހަރު ފަހުން އެއް ވަގުތެއްގައި މަރުވެއްޖެ އެވެ. މި ދެމަފިރިންގެ ތެރެއިން ކުރިން މަރުވީ ފިރިމީހާ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އަނބިމީހާ ވެސް މަރުވީ ކަމަށް އެ މީހުންގެ ދަރިންގެ ދަރިޔަކު މީޑިއާގައި ބުނެފައިވެ އެވެ.

ވެރާ ރަސަލް، 91، އަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައިރު އޭނާގެ ފިރިމީހާ ވިލްފް، 93، އޮތީ މުސްކުޅިން ބަލަހައްޓާ ތަނެއްގައި ކަމަށް އެ މީހުންގެ ދަރިންގެ ދަރިއެއް ކަމަށްވާ ސްޓެފަނީ ވެލްޗް ބުންޏެވެ.

މާމަގެ އެންމެ ފަހުގެ ބަސްކޮޅު ހަނދާން ކުރަމުން ސްޓެފަނީ ބުނީ "އަހަރެމެން ދެ މީހުންނަކީ ކިހާ ގުޅޭ ދެމަފިރިންހޭ" ބުނެ ކާފަގެ ވާހަކަ ދެއްކި ކަމަށެވެ.

ވެރާ މަރުވީ އޭނާގެ ފިރިމީހާއަށް ކުރިމަތިވި ހަނދާން ނެތޭ ބަލީގެ ސަބަބުން އޭނާގެ މަތިން ހަނދާން ނެތުމުން ކުރިމަތިވި ހިތާމަޔާ އެކު ކުރިމަތިވި ބަލީގަ އެވެ.

ސްޓެފެނީގެ ކާފަ ކެއާ ހޯމްގައި އޮއްވާ މަރުވީ މިދިޔަ ބުދަ ދުވަހުގެ ހެނދުނު 6.50 ގަ އެވެ. ފިރިމީހާ މަރުވިކަން ނުވެސް އެނގޭ ހާލުގައި، ފިރިމީހާ އޮތް ތަނާ މާދުރުގައި ހުރި ހޮސްޕިޓަލެއްގައި އޮތް ވެރާ މަރުވީ ހަމަ އެ ދުވަހުގެ އެ ގަޑީގައި ފިރިމީހާ މަރުވިތާ އެންމެ ހަތަރު މިނިޓް ފަހުންނެވެ.

ސްޓެފެނީ ބުނި ގޮތުގައި އޭނާގެ ކާފައަށް ހަނދާން ނެތޭ ބަލި ޖެހުނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. މުސްކުޅިން ބަލަހައްޓާ ތަނަކަށް ގެންދިޔަތާ އަދި ވާނީ ދެތިން މަސްދުވަސް ކަމަށް ބުންޏެވެ. ކާފަ އެތަނުގައި އޮއްވާ މާމަ ކާފައަށް ގޮވާލަން ދިޔަ ނަމަވެސް ކާފައަށް މާމަ އެނގޭ ކަމަކަށް ނުވި އެވެ. މާމަގެ ހާލު ބޮޑުވީ އެ ހިސާބުން ކަމަށް ސްޓެފެނީ ބުންޏެވެ.

"އަހަރެން އާދިއްތަ ދުވަހު މާމަ އޮތް ހޮސްޕިޓަލަށް މާމައަށް ގޮވާލަން ދިއުމުން މާމަ ލޯ ހުޅުވާލާފަ އެހި ވިލްފް ކޮބައިހޭ،" ސްޓެފެނީ ބުންޏެވެ.

"ކާފަ މަރުވީ ހެނދުނު 6.50 ގަ. މާމަ މަރުވީ 6.54 ގަ. މާމައަކަށް ކާފަ މަރުވިކަމެއް ނުވެސް އެނގޭ،" ސްޓެފަނީ ބުންޏެވެ.

ވިލްފް އާއި ވެރާ ފުރަތަމަ ބައްދަލުވި އިރު ވިލްފަށް 18 އަހަރެވެ. ވެރާއަށް 16 އަހަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ވިލްފް އިޓަލީ އާއި ނޯތު އެފްރިކާއަށް ހަނގުރާމައަށް ދިޔައީ ވެރާއާ އެންގޭޖްވެފަ އެވެ. އަދި ހަނގުރާމަ ނިމިގެން މާ ގިނަ ދުވަހެއް ނުވެ މި ދެ މީހުން ކައިވެނި ކުރީ އެވެ. ވިލްފް މަސައްކަތްކުރީ ވެސްޓް މިޑްލޭންޑްސް ގައި އިންޖިނިއަރެއްގެ ވަޒީފާގަ އެވެ.

އިނގިރޭސި ވިލާތުގެ ލީސެސްޓާޝެއާގެ މި ދެމަފިރިން ދަރިން ބޮޑުވެގެން އެކި ތަންތަނަށް ދިއުމުން ވަކިން އެކަނިމާއެކަނި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުނެވެ. ނަމަވެސް އުމުރުން މާ ދުވަސްވުމުން މީގެ 10 ވަރަކަށް އަހަރު ކުރިން އެމީހުންގެ ފިރިހެން ދަރިފުޅު އަދި ސްޓެފަނީގެ ބައްޕަ ޕީޓާ ރަސްލް އާއި އާއިލާގެ ކައިރިއަށް ބަދަލުވީ އެވެ.

ވެރާ އާއި ވިލްފަށް ފިރިހެން ތިން ދަރިން ލިބުނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ މަރުވެފަ އެވެ.

ވިލްފް އާއި ވެރާގެ ދުނިޔޭގައި ތިބި ދެ ފިރިހެން ދަރިންގެ ފަރާތުން އެމީހންނަށް ފަސް މާމަ/ކާފަ ދަރިންނާއި ހަތް މުނިކާފަ/މުނިމާމަ ދަރިން އަދި ހޫރު ކާފަ /ހޫރު މާމަ ކިޔާ ވެސް ދެ ދަރިން އެބަތިއްބެވެ.

ސްޓެފަނީ ބުނި ގޮތުގައި މާމަ އާއި ކާފަ އަކީ އަބަދުވެސް ވަރަށް ލޯބިން އެކުގައި އުޅުނު އާއިލާ ދެކެ ވަރަށް ލޯބިވީ ދެމަފިރިންނެވެ.

0 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 48%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454