ޚިޔާލު / ކޮލަމް ށަވިޔަނި

ކޮލަމް ށަވިޔަނި: ކޭމްޕަކަށް ގެންގޮސް ލީމާ ވަޅި ހެރުން ހުއްޓޭނެތަ؟

މަރާމާރީއެއްގެ ހެކިތައް ފުލުހުން ދެނެގަންނަނީ: ކުށް ކުރުން ހުއްޓުވުމުގައި ސަރުކާރުތައް ފެއިލްވަމުންދާ އިރު ދުރު ރާސްތާގެ ސިޔާސަތެއް ނެތް -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މާރާމާރީގެ "މޫސުމެއް" އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ކުއްލި ފިޔަވަޅެއް އާދެ އެވެ. "ހާއްސަ އޮޕަރޭޝަންތަކު"ގައި ފުލުހުން ނުކުމެ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށް ގޭންގުތަކުގެ "ޖަގަހަތައް" ރޫޅާލަ އެވެ. ސިފައިން މަގުމައްޗަށް ނެރެ އެވެ. އެއް ދުވަހެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލީމާ މިހާރު މި އުޅެނީ "އިސްލާހީ ކޭމްޕެއް" ފަށައިގެންނެވެ.

ހޯމް މިނިސްޓަރުގެ ޕްލޭނަކީ ކުށުގެ ވެށީގައި އުޅޭ 18 އަހަރުން ދަށުގެ ކުދިން ފަޅުރަށެއްގައި ދެ މަސް ދުވަހު ގެންގުޅެފައި ހަ މަސް ދުވަހުގެ އިންޓާންޝިޕް ޕްރޮގްރާމެއްގައި ބައިވެރިކުރުމެވެ. ސުވާލަކީ އެ ހިސާބުން ހުރިހާ ކަމެއް ހައްލުވީ ހެއްޔެވެ؟

މައްސަލައަކީ މި އެވެ. ގޭންގުތައް ނުކުމެ ވަޅި ހަރައި މީހުން މަރައި ރަށު ތެރެ ނާމާންކޮށްލީމާ ތެޅިފޮޅިގެން ކޮންމެވެސް ކަންތައްގަނޑެއް ހިންގާލަނީ އެވެ. އެކަމުން މައްސަލައަށް ލިބޭ ހަގީގީ ފަރުވާއެއް ނެތެވެ. ކުށްކުރުމެއް ނުހުއްޓެ އެވެ. ކުށުގެ ތެރެއަށް ވަންނަ ކުޑަކުދިންނާއި ޒުވާނުން މަދެއް ވެސް ނުވެ އެވެ. ކަމެއް ހިނގީމާ އަވަސް ފިޔަވަޅެއް އަޅާލާ އުސޫލު ގެންގުޅޭހާ ހިނދަކު އެކަމެއް ނުވެސް ވާނެ އެވެ. މައްސަލައިގެ އަސްލު ސަބަބުތައް ކޮބާ ހެއްޔެވެ؟ އެ ކަންކަމާ އަޅާލާ ސަރުކާރެއް ނެތެވެ.

"ވަޅި ހަރައި މީހުން މަރަން ފެށީމާ ހިންގާލާ ޕްރޮގްރާމަކުން ހަގީގީ ހައްލެއް ނުލިބޭނެ އެވެ. އެއީ ހަމައެކަނި އާއްމުންގެ ލޮލުގައި އަޅުވާލާ އަނދުނެކެވެ. އޭގެ ބަދަލުގައި އޮންނަން ޖެހެނީ ކުށަށް އަރައިގަތުމުގެ ކުރިން އެކަން ހުއްޓުވުމުގެ ސިޔާސަތެކެވެ."

އުމުރުން އެންމެ 10 އަހަރުގެ ކުދިން ގޭންގުތަކާ ގުޅޭނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ގޭތެރެއިން ލިބެން ޖެހޭ ލޯތްބާއި އަޅާލުމާއި ތަރުބިއްޔަތު ނުލިބިގެންނެ އެވެ؛ ސަރުކާރުން ދޭން ޖެހޭ ރައްކާތެރިކަން ނުދޭތީ އެވެ. ދެން ތިބޭ މީހުންނަށް މިކަންކަން ވަރިހަމަވީމަ އެވެ. މި އަށް ވުރެ ވެސް ފުޅާކޮށް ވިސްނަންޏާ އާއިލާ ރޫޅުމާއި ފަގީރުކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމާއި ތޮއްޖެހުމުގެ ގޮންޖެހުންތަކެވެ. އަޅާނުލައި ދޫކޮށްލާފައި ހުރި އިޖުތިމާއީ މިފަދަ ބޮޑެތި މައްސަލަތައް މި ގޮތަށް ހުރެގެނެއް ކުށްކުރުމެއް ނުހުއްޓުވޭނެ އެވެ.

ދެން އޮތީ ގޭންގުތަކުގެ ވާހަކަ އެވެ. ގޭންގުތައް މުލުން ލުހެލަން މުޅި ދައުލަތް ނުކުޅެދިފައި އޮންނާކަށް ނުޖެހެ އެވެ. އެހެންވީމާ ގަސްދުގައި އެކަން ނުކުރަނީ އެވެ. އެއީ ފުލުހުންނަށާއި ފަނޑިޔާރުންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ބޮޑުން ނެރެ އަދަބު ދެވޭނެ އެވެ. އެމީހުންގެ ނެޓްވޯކްތަކާއި ކުށުގެ ވިޔަފާރިތައް ފުނޑާލެވޭނެ އެވެ. މިވެނި އެވެނި ގާނޫނެއް ނެތޭ ކިޔާފައި ބަހަނާ ދައްކާކަށް ނުޖެހެ އެވެ. އެކަމަކު ސުވާލަކީ އެކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ނައްތާލަން ޖެހެނީ އެ ސަބަބެކެވެ. ނުވަތަ ސަބަބުތަކެކެވެ.

އަމާން ވެއްޓެއް ގާއިމްކުރުމުގެ ވައުދު ރައީސް އަބްދުﷲ ޔާމީންގެ މެނިފެސްޓޯގައި އެބަ އޮތެވެ. އެކަމަކު އެކަން ކުރަނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ސިޔާސަތެއް ނެތެވެ. ކުށްކުރުން ހުއްޓުވުމުގެ ދުރު ވިސްނުމެއް ނުވަތަ ދިގު ރާސްތާގެ ޕްލޭނެއް ނެތެވެ.

ބޭނުންވަނީ އާއިލާތަކާއި ސްކޫލްތަކާއި މުޖުތަމައުގެ އެކި ފަރާތްތަކާއި މީޑިއާއާ ގުޅިގެން މަސައްކަތްކުރާ ވަށައިޖެހޭ ވިސްނުމެކެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކުގައި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އަމާޒު ހިފުމެވެ. ނަމެއްގައި ހިންގާލާ ކުޑަކުޑަ ޕްރޮގްރާމެއް ނޫނެވެ. ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ދެމެހެއްޓެނިވި، ހަރުދަނާ މަސައްކަތެކެވެ. އެކަމަކު އެ ހިސާބަށް ދިޔުމުގެ ކުރިން ސިސްޓަމް ތެރޭގައި ހުރި އެތައް ބައިވަރު މައްސަލަތަކެއް ހައްލުކުރަން އެބަޖެހެ އެވެ.

މިސާލެއް ދައްކަންޏާ، އަޚުލާގީ މައްސަލަތައް ހުންނަ ކުދިން ތައުލީމުން މަހުރޫމްވެގެން ދާ ގޮތް ފުދެ އެވެ. ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުން ކަމަށް ބުނާ އިރު، މައްސަލަތައް ދިމާވާ ދަރިވަރުންނާ މެދު ބައެއް ސްކޫލްތަކުން އަޅާ އެއް ފިޔަވަޅަކީ ސަސްޕެންޑްކޮށްލުމެވެ. މައްސަލައަކީ ފިޔަވަޅު އެޅުމެއް ނޫނެވެ. އެއާ އެކު ތައުލީމުގެ ފުރުސަތު ގެއްލިގެން ދިޔުމެވެ. އެހެން ނުވާނެ ގޮތަކަށް ވެސް ދަރިވަރުން ޒިންމާދާރުކުރެވިދާނެ އެވެ.

ޓްރެފިކާ ގުޅޭ ގޮތުން ހޭލުންތެރިކުމަށް ފުލުހަކު ދަރިވަރުންނަށް ކިޔަވާދެނީ.-- ފޮޓޯ: ޕޮލިސް

އަޚުލާގު ގޯސް ކުދިންނަށް ވެސް ތައުލީމީ ނިޒާމުގެ ތެރެއިން ފުރުސަތު ލިބެން ޖެހެ އެވެ. ސަސްޕެންޑްކުރީމާ އަމިއްލަ އަށް ކިޔެވުން ހުއްޓާލާ ކުދިން ވެސް އިސްލާހު ވެގެން އެނބުރި އަންނަން ހިތްވަރުދީ ބާރު އަޅަން ވެސް ޖެހޭނެ އެވެ. އެ ނިޒާމް އަބަދުވެސް އޮންނަން ޖެހޭނީ ހިނގަހިނގަ އެވެ. ކުދިން ކުށާ ދުރުކޮށް ބޭނުންތެރި ބަޔަކަށް ހެދުމުގެ އެންމެ މުހިއްމު އެއް ބަޔަކީ އުނގަންނައިދިނުމެވެ.

ހަގީގަތަކީ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކުދިންނަށް މާ ބޮޑު އަޅާލުމެއް ވެސް ނުދެވޭ ކަމެވެ. އެއީ އަނިޔާ އާއި އިހުމާލުގެ ސަބަބުން ހައްގުތަކުން މަހުރޫމްވެފައިވާ ކުދިންނެވެ. އެކަމަކު ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ މުއައްސަސާތައް އެއަށް ވުރެ މާ ބަލިކައްޓެވެ. ކަމާ ބެހޭ މިނިސްޓްރީ އާއި ޑިޕާޓްމެންޓްތައް އެއް އިރެއްގައި ވެސް ސަރުކާރުގެ "އެންމެ އިސް" ލިސްޓަކަށް ނާރަ އެވެ. އެފަދަ ތަންތަނުން ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ވަރަކަށް ބަޖެޓެއް ނުދެ އެވެ. ރަނގަޅު ރޭވުންތެރިކަމެއް، ހިންގުންތެރިކަމެއް ފަހިކޮށެއް ނުދެ އެވެ.

ކުށްކުރުން މަދުކުރެވޭނީ އެތައް ބައިވަރު މައްސަލަތަކަކަށް އެއްފަހަރާ ކަޅި ހިންގައިގެންނެވެ. ވަޅި ހަރައި މީހުން މަރަން ފެށީމާ ހިންގާލާ ޕްރޮގްރާމަކުން ހަގީގީ ހައްލެއް ނުލިބޭނެ އެވެ. އެއީ ހަމައެކަނި އާއްމުންގެ ލޮލުގައި އަޅުވާލާ އަނދުނެކެވެ. އޭގެ ބަދަލުގައި އޮންނަން ޖެހެނީ ކުށަށް އަރައިގަތުމުގެ ކުރިން އެކަން ހުއްޓުވުމުގެ ސިޔާސަތެކެވެ. އޭގެ ފެށުމަކީ ކުޑަކުދިންނަށް ދޭން ޖެހޭ އަޅާލުމާއި ރައްކާތެރިކަމެވެ. އާއިލާތަކަށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ މާހައުލެކެވެ. އެ ގާބިލްކަމެވެ. ފުދުންތެރިކަމެވެ.

ކޭމްޕުތަކަށް ކުދިން ގެންގޮސްގެން އެތައް ފިލާވަޅެއް ނަގައިދެވިދާނެ އެވެ. އުޅެންވީ ގޮތް ދަސްކޮށްދެވިދާނެ އެވެ. އެކަމަކު އެކުދިން އަނބުރާ އަންނަ އިރު ހާލަތު ބަދަލު ނުވަންޏާ އިސްލާހުވުމުގެ ފުރުސަތެއް ލިބޭނެ ހެއްޔެވެ؟ އަނެއްކާވެސް ކުށްކުރުމުގެ ވަށްބުރު ތަކުރާރުވާނީ އެވެ.

މިކަހަލަ ޕްރޮގްރާމްތަކާއި ކުއްލި ހާއްސަ އޮޕަރޭޝަންތަކުގެ މަތިން މީހުން މިހާރު ފޫހިވެއްޖެ އެވެ. ނަތީޖާއެއް ނުފެންނާތީ އެވެ. އިޚްލާސްތެރިކަމެއް އޮތިއްޔާ ދައްކަންވީ ވަށައިޖެހޭ ދުރު ވިސްނުމަކުން ކުށް މަދުކުރަން ފިޔަވަޅު އަޅާ ތަނެވެ.

33 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 3%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހީމް

19 June 2016

އެއްވެސްކަމެއް މުޅިން ހުއްޓުވުމަކީ ފަސޭހަކަމެއްނޫން. އެކަމަކު މިފިޔަވަޅުންވެސް ވަޅިހެރުން މަދުކުރެވޭނެ. އެއީ ވަޅިހަރާމީހުންގެ ތެރެއިން ބަޔަކު އެކަހެރިކުރެވުނީމަ އެމީހުނުް މަގުމަތިން ނުފެންނާނެ. އަދި އެމީހުންނަށް އެފުރުޞަތެއް ނޯންނާނެ.

The name is already taken The name is available. Register?

އަލީ ނަސީރު

19 June 2016

ނުހުއްޓުވޭނެ. މަދުކުރެވޭނެ. މުޅި މުޖުތަމައު ގަ ވަޒީފާ ނުލިބި މީހުން ގިނަ ވާ ވަރަކައް، މިކަންވެސް ދާ ނީ ހަމަ މައްޗައް.

The name is already taken The name is available. Register?

މަރިޔަން

19 June 2016

އެއްވެސް ކަމެއް ނުކުރުމަށް ވުރެ މިވަރުވެސް ރަނގަޅު އެހެން ނޫންތޯ؟

The name is already taken The name is available. Register?

ކާމިޔާބައް އެދެނެ.

19 June 2016

އާޓިކަލް ކިޔާލުމުން ދޭހަވަނީ ރަގަޅަށް ދިރާސާ ނުކުރެވި ލިޔެފައިވާ ލިޔުމެއްކަން.. ހަގީގަތަކީ ކުދިން ގޯސްމަގު ހިޔާރުކުރަނީ މާލެ ތޮއްޖެހި ރަގަޅު ބޯހިޔާވެހިކަމާއި އަދި ވަޒީފާ ނުލިބިގެންވެސް ނޫންކަން.. ވާނީ އަށް ގެންދިޔަ ގިނަ ކުދިންނަކީ ރާއްޖެތެރޭގެ ހަމަ ބޮޑެތި ރައްތަކަށް ނިސްބަތްވާ ރަށުފައި ދިރިއުޅެމުންދާ ކުދިން.، ހަގީގީ މައްސަލައަކީ ބައިން ބަފައިން ދަރިންނަށް އަޅާލަންޖެހޭވަރާ ގާތަށްވެސް އަޅާނުލެވޭކަން.

The name is already taken The name is available. Register?

ރުމާލު2

19 June 2016

ނަތީޖާ ފެންނާނެ ނަތީޖާ ފެންނާނެތީ ހަޖަމު ނުވެެގެން ކަލޭމެން އަސްލު ތިއުޅެނީ.

The name is already taken The name is available. Register?

މައިޝާރު

18 June 2016

ކޮންމެ ބައެއްވެސް ޒިންނާދާރުވުން މުހިންމު ކަމަށް ދެކެމެވެ. ހިތާމަޔަކީ ކޮންމެ މީހަކުވެސް އަނެކާއަށް ބަވާކަމެވެ.ތަފާތު ރިޕޯޓް ތައް ކިޔާލުމުން ނަފިރަތު އުގެދޭގޮށް ވާކަމެވެ މިފަދަ ލިޔުން ތަކަކީ ޒިންމާދާރު ކަމާއެކު އިލްމީނަޒަރަކުން ކިޔާލު ފޯރުކޮށްދެވިދާނެ ލިއުންތަށް ކަމަށް ދެކެމެވެ. ޢެބޫޓެއްގެ ހުރި ހޫނުކަމެއް އެނގޭނީ ހަމަ އެ ބޫޓަކަށް އަރީމައެވެ. ޒިންމާ ވުމަކީ ހަމަ އެންމެންވެސް ކުރަން ވާނެކަމެއް ކަމިގައި ދެކެމާ ހިނގާށެވެ

The name is already taken The name is available. Register?

އިބޫ

18 June 2016

ރަނގަޅު ދިރާސީ ރިޕޯޓެއް މައްސަަލަ އަކީ އުމަރު އަބަދު ވެސް އުޅެނީ އަމިއްލަ ގޮތެއްގައި ހަރުކަށި ޙިޔާލެއްގައި ކަނކަން ހިންގަން. މިއީ 21 ވަނަ ތައުލީމީ ގަރުނެއް،،، ކަންކުރާން ޖެހެނީ އިލްމީ ނަޒަރަކުން ހިކުމތް ތެެރިކަމާއި އެކު. 80ގައި އިސްލާހިއްޔާ އަށް ގެންގޮސް ވެލްޑިން ކުރަން ދަސްކޮށްޑީގެނ މައިތިރި ކުރި ބީދައިން އަދަކު ނުވާނެ،،، އާއިލީ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ ތަކުން، މައިންބަފައިންގެ އަޅަލުމުން ދޫޥެ ، ގޭންގް ތަކަޢި ގުޅިފަިއ ތިބި ކުިދން ޖެހެނީ ރަނގަޅު ޕްލޭންޑް ރިހިބިލިޓޭޝަން އެއްގެ ދަށުން ގެނަދަ، އަދި އެކުދންއަނބުރާ މުޖުތަމައު އަށ ްނެރޭ އިރު، އަނެއްކާ ވެސް މިހާރު މިއޮތ މާހައލު ކަމު ނުދަ ކަމަށް އަދި ތަޖުރިބާ ކާރި ސައިކޮލޮޖިސްޓްުން ބުނޭ

The name is already taken The name is available. Register?

އަހުމަދު

18 June 2016

ގޭންގްތަކަށް އެހީވާ މީހުން ވެސް ހިފާ ހައްޔަރު ކުރަން ޖެހެއެވެ. އެއީ ބޮޑެތި މީހުންނެވެ.

The name is already taken The name is available. Register?

ހަޤީޤަތް

18 June 2016

ފުލުހުން ބޭނުންވަނީ ކުށެއް ކުރީމައި އެކުށް ލީޑް ކުރާނެ ހެކި ހޯދުން. އެއީވެސް ކުރަންޖެހޭ ކަމެއް. އެކަމަށްފަހު އެ ކުށެއް ކުރަން މެދުވެރިވި ސަބަބު ހޯދާ އެއަށް ހައްލެ ހޯދުމަކީވެސް ފުލުހުން ކުރަންޖެހޭ ކަމެއްކަމުގައި ދެކެން. އަހަރެން ފުލުހުންގެ ތެރޭގައި 2015 އާއި ހަމައަށް އުޅުނު އިރު ދިމާވި ކަމެއް ހިއްސާކޮށްލާނަން. ރަށުތެރޭގައި ނުބައި އަރުވާފައި މަސްތުވާތަކެތި ބޭނުންކުރާ ކުއްޖަކު އައިސް ޕޮލިސް ސްޓޭޝަންގެ ގޯތިތެރެއަށް ވަންނަނީ. ނިކުންނަށް ބުނުމުން ނުވެތް ނިކުތް. ހީވަނީ އޭރުގައި ވެސް ހުރީ މަސްތުވެގެން ހެން. ދެން އެވަގުތު ތިބި ފުލުހުން ސްޓޭޝަންގެ އިމާރާތާ ކައިރިއަށް އެއްވެފައި މަޝްވަރާކޮށްފައި ދުއްވައިގަތީ އެކުއްޖާ ހައްޔަރުކުރަން. އެކުއްޖާ ހުރިތަނުން އެންމެ ފިޔަވަޅެވެސް ކުރިއަށްވެސް ފަހަތަވެސް ނުޖެހޭ. އެކުއްޖާ ބިންމައްޗަށް ވައްޓާލާފައި އެކުއްޖާގައި ބައެއް ފުލުހުން ތެޅި މަންޒަރުން އަހަރެން ދުށިން. އޭގެ ދުވަސްތަކެއް ފަހުން ދުވާލުގެ މެންދުރު ވަގުތުގައި ވޯޓްލާ މަރުކަޒެއްކައިރީގައި ދެ ޕާޓީގެ ދެމެދުގައި ކުޑަވަރެއްގެ ހިޔާލުތަފާތުވުމެއް އުޅޭތީ އެތަނަށް ދިޔަ ފުލުހުންގެ ތެރެއިން ބައެއް ފުލުހުންނަށް ކުރިން މި ބުނި ކުއްޖާ ކޮޅުފައިންނާއި އަތުން ހަމަލާ ދިން. ސަބަބު ވަރަށް ސާފް. ފުލުހުން އަނީޔާ ކުރީމައި އެކަމުގެ ހަސަދަ އެ ފިލުވާލީ ރޯމާ ދުވާލު، އެންމެގެން ކުރިމަތީގައި، އެއީވެސް އެކުއްޖާއަށް އަނިޔާ ނުދޭ ފުލުހުންނަށް އެކުއްޖާ ހަސަދަ ފިލުވާލީ. މިއަށްވުރެއް ފުލުހުން ކެތްތެރިވާން ޖެހޭ. މިއަށްވުރެއް ފުލުހުން ޕްރޮފިޝަނަލް ވާންޖެހޭ. މައްސަލައެއްގައި ގޮޅިއަށްލާފައި މަތިމައްޗަށް 15 އިން މުއްދަތު ޖެހުމަކުން ބައެއްކުދިން އިސްލާހެއް ނުވާނެ. އަދި ބައެއްކުދިން ނަސޭހަތް ދިނަސް އިސްލާހް ނުވާނެ. މިއަށްވުރެއް ވަޒީފާގެ ފުރުސަތުތައް އިތުރުވާންޖެހޭ. އެކަށީގެންވާ އާމްދަނީއެއް އެ ވަޒީފާ ތަކުން ލިބެންޖެހޭ. މައިންބަފައިން ޒިންމާދު ކުރެވެންޖެހޭ. މައިންބައިފައިންގެ މައްޗަށް އިހްމާލްވީ ކަމުގެ ދައުވާ އުފުއްލެންވީ އެކުއްޖާ މަރުވީމައެއްނޫ. ކުދިންނަށް އެކަށީގެން ވާ ތައުލީމް ލިބިދޭންޖެހޭ. ސްކޫލްތަކުގައި އޮންނަނީ ކިޔެވުމަށް ދައްކުދިންނަށް އަޅާ ނުލާ ދޫކޮށްލާ އުސޫލު. މިހެރަ މިހެރަ ކަންކަން ބަދަލުވާން އެބަޖެހޭ. އުމަރު ނަޞީރު ހޯމްމިނިސްޓަރކަމާ ހަވާލުވީ 2013 ނޮވެމްބަރ 19 ވަނަ ދުވަހު. ހައްލަކީ އުމަރު ކަމުގައި 2008 ގައި ކެމްޕޭން ކުރި. މިއަދު އަހަރެމެންނަށް އިނގޭ ހައްލަކީ އުމަރު ނޫންކަން. އަދި ޔާމީން ނޫކަން. ހައްލަކަށް އެހެންމީހަކު ބޭނުންވާކަން މި ދިވެހި ގައުމު އެބަބުނޭ. ދިވެހިންނަށްވެސް އެއީ ކާކުކަން ނޭނގޭ.

The name is already taken The name is available. Register?

ޢަލީ ޒާހިރު

18 June 2016

އުމަރު ނަސީރަކީ ޚިޔާލީ ފޮލާ ކައްކާ ބޮޑު އަނގަ ފޮންޏެއް ... އެއްވެސް ރިސަރޗެއް ކުރުމެއް ނެތި ގަޓް ފީލިންގ އަކަށް ޑިސިޝަން މޭކް ކުރީމާ ވާނީ ފްލޮޕޭ ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454