ރިޕޯޓް / ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާތަކުގެ ބޮޑު މަންޒަރު

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓު ގުނަނީ: އިންތިހާބުގެ ނަތީޖާއާ މެދު ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކާއި ހަގީގަތާ ތަފާތުތަކެއް އެބަ ހުރި -- ފޮޓޯ: ހުސެން ވަހީދު /މިހާރު

އަހުމަދު ހަމްދާން އަދި އާޒިމް ޒާހިރު

21 މެއި 2017 - 09:24

24 comments

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާ އެކި ފަރާތްތަކުން މާނަކުރަމުން ދަނީ އެކި ގޮތްގޮތަށެވެ. ނަތީޖާތައް މުޅިން ސާފުނުވަނީސް، މައި ދެ ޕާޓީން ވެސް އިންތިޚާބު ކާމިޔާބުވެއްޖެކަމަށް ދައުވާކުރި އެވެ. ކަމުގެ އަސްލަށް ރިޢާޔަތް ކުރުމެއް ނެތި، އިންތިޚާބުގެ ނަތީޖާ ތަފާތު އެކި ގޮތްގޮތަށް މާނަކުރަމުން ދާއިރު، އެވާހަކަތަކުގައި އެކުލެވިގެންވަނީ ކިހާވަރެއްގެ ބުރަދަނެއްތޯ ބަލައިލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ޖުމްލަ ނަތީޖާ (ގޮނޑީގެ ނިސްބަތުން) އޭގެ ކުރިން ބޭއްވި ދެ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ޖުމްލަ ނަތީޖާއާ އަޅާކިޔާލުމުން މައިގަނޑު ހަތަރު ކަމެއް ފާހަގަކުރެވެ އެވެ.

ވެރިކަންކުރާ ޕާޓީއަށް ފާޑުވެރި ވޯޓެއް ލުން

ސިޔާސަތުގެ އިލްމުވެރިން އިންތިޚާބުތަކުގެ މުހިންމުކަން ދެ ދަރަޖައަކަށް ބަހަ އެވެ. އެގޮތުން، ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ވަނަ ދަރަޖައިގެ (ފަސްޓް އޯޑާ) އިންތިޚާބުތަކުގެ ގޮތުގައި ބެލެވިދާނެ އެވެ. އެއާ ޚިލާފަށް، ލޯކަލް ކައުންސިލް އިންތިޚާބަކީ ދެވަނަ ދަރަޖައިގެ (ސެކެންޑް އޯޑާ) އިންތިޚާބެކެވެ. އެހެންކަމުން، އެހެން ޤައުމުތަކުގައި ވެސް ކަންހިނގާ އުސޫލުން، މިފަދަ އިންތިޚާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ފުރަތަމަ ދަރަޖައިގެ (ފަސްޓް އޯޑާ) އިންތިޚާބުތަކަށް ވުރެ މަދުވެދާނެ އެވެ.

މިގޮތުން، ވޯޓުލާން ނުކުންނަ މީހުންގެ ތެރެއިން ގިނަ ފަރާތްތަކަކީ، އެއިރެއްގައި އޮންނަ ސަރުކާރަކުން ކަންކަން ކުރާ ގޮތާ މެދު ފާޑުވެރި ނަޒަރަކުން ވޯޓުލާން ނުކުންނަ ފަރާތްތަކެވެ. ޚާއްސަކޮށް ވެރިކަމުގެ ދައުރުގެ މެދުން ބާއްވާ މިފަދަ އިންތިޚާބުތަކުގައި ވެރިކަންކުރާ ޕާޓީއަށް ނާކާމިޔާބުވުމަކީ ވާކަމެކެވެ.

އެހެންކަމުން، ފުރަތަމަ ކަމަކަށް، ނިމިދިޔަ އިންތިޚާބުން ފާހަގަވަނީ، މީގެ ކުރީގެ ލޯކަލް ކައުންސިލް އިންތިޚާބުތަކެކޭ އެއްގޮތަށް، ވެރިކަން ހިންގާ މައި ޕާޓީއަށް ވުރެ އިދިކޮޅު ޕާޓީއަށް މި އިންތިޚާބުގައި ކާމިޔާބު ކުރެވުނު ގޮނޑީގެ އަދަދު ގިނަކަމެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި ޑީއާރުޕީ 2011 ގައި އޮވެ އެ ޕާޓީން ގިނަ ގޮނޑި ކާމިޔާބުކުރިއިރު، 2014 އަދި 2017 ގައި ވެސް ގިނަ ގޮޑި ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީ އެވެ. ނަމަވެސް، ސާފުވާ އެއް ކަމަކީ، ވެރިކަން ހިންގާ ޕާޓީގެ ސިޔާސަތުތަކާއި މިސްރާބު ހުރި ގޮތާ މެދު ހިތްހަމަނުޖެހޭ ވަރަށް ގިނަ ރައްޔިތުން ތިބި ކަމެވެ.

އެކަމަކު ވެރިކަން ކުރާ ޕީޕީއެމަށް މި އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވުރެ ނިސްބަތުން މަދު ގޮނޑި ލިބުމަކީ އޭގެ ޒާތުގައި އިންތިޚާބީ ގޮތުން އާދަޔާ ޚިލާފު ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ދެ ޕާޓީގެ ނިޒާމާ ދިމާލަށް ދީލައިލުން

ދެވަނަ ކަމަކަށް، މި އިންތިޚާބުގެ ނަތީޖާއިން ވެސް ފެނިގެން މިދަނީ ދެ ޕާޓީއެއް ވަރުގަދަވެ، ކުދި ޕާޓީތަކުގެ މުހިންމުކަން ކެނޑެމުންދާތަނެވެ. އިންތިޚާބީ ތަހުލީލީ ނަޒަކުން ޕާޓީ ނިޒާމު ބެހިގެން ވަނީ މައިގަނޑު ކިތައް ޕާޓީއަށްތޯ ބެލުމަށް އާންމުކޮށް ގެންގުޅޭ އެއް އުޞޫލުކަމުގައިވާ 'އެފެކްޓިވް ނަމްބަ އޮފް ޕާޓީސް (އީ.އެން.ޕީ)' ހިސާބު ކުރުމުން، ދޭހަވަނީ ރާއްޖޭގެ ޕާޓީ ނިޒާމު މައިގަނޑު ދެ ޕާޓީއެއްގެ މައްޗަށް ބިނާވަމުން ދާތަނެވެ.

މި ވޭތުވެދިޔަ މަޖިލިސް އިންތިޚާބުގެ ނަތީޖާތަކާއި ލޯކަލް ކައުންސިލް އިންތިޚާބުގެ އީ.އެން.ޕީ އަދަދުތަކުން ވެސް ދޭހަކޮށްދެނީ މި މަންޒަރު ކުރަހަމުން ދާ ތަނެވެ. މާނައަކީ، ސިޔާސީ ގޮތުން ރާއްޖޭގެ މީހުންގެ ވިސްނުން މައިގަނޑު ގޮތެއްގައި ބެހިގެން މިދަނީ ދެ ބަޔަށް ކަމަށެވެ.

އެމްޑީޕީ ކުރިއަރަމުން ދިއުން

ތިން ވަނަ ކަމެއްގެ ގޮތުގައި ފާހަގަވަނީ، ވޭތުވެދިޔަ ތިން ލޯކަލް ކައުންސިލް އިންތީޚާބުގައި ވެސް އެމްޑީޕީގެ ކާމިޔާބު އެއް އިންތިޚާބަށް ވުރެ އަނެއް އިންތިޚާބުގައި ބޮޑުކޮށްފައިވާ ކަމެވެ. މާނައަކީ، އެމްޑީޕީގެ މައިގަނޑު (ކޯ) ސަޕޯޓަރުންތަކެއް ތިބިކަމެވެ. ޚާއްޞަކޮށް 2011 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު އެމްޑީޕީން ފާހަގަކުރެވޭ ވަރުގެ ކުރިއެރުމެއް މި އިންތިޚާބުގައި މިވަނީ ހޯދާފަ އެވެ.

އެގޮތުން 2014ގެ އިންތިޚާބާ އަޅާބަލާއިރު އެމްޑީޕީއަށް މި އިންތިޚާބުގައި ލިބިފައިވާ ކުރިއެރުމަކީ، ކޮންމެހެން "ކޯލިޝަން" ގެ ތެރެއިން ލިބުނު ކުރިއެރުމެއްތޯ ބުނަން ދައްޗެވެ. ނަމަވެސް، ބައެއް ވޯޓުތަކަކީ، މީގެ ކުރިން ކުދި ޕާޓީތަކަށް ސަޕޯޓްކުރި ފަރާތްތަކުގެ ވޯޓުތަކަށް ވުން ވެސް އެކަށީގެންވެ އެވެ.

ޕީޕީއެމަށް ވެސް ކުރިއެރުމެއް

ހަތަރު ވަނަ ކަމަކީ، 2014 ވަނަ އަހަރުގެ އިންތިޚާބާ އަޅާބަލާއިރު ޕީޕީއެމުން ވެސް މި އިންތިޚާބުގައި ކާމިޔާބުކުރި ގޮނޑީގެ ނިސްބަތް އިތުރުވުމެވެ. ޚާއްޞަކޮށް ޕީޕީއެމްގެ މައިގަނޑު ސަޕޯޓަރުން ހަމަ ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓުލާފައިވާކަމަށް ބެލެވިދާނެ އެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ވޯޓުލާން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވާފައިވަނިކޮށް، ޕީޕީއެމަށް ކާމިޔާބުވި ގޮނޑީގެ އިންސައްތަ އިތުރުވެފައި ވުމީ، ޕާޓީގެ މެމްބަރުން ޕާޓީ އާއި ޕާޓީގެ ލީޑަރުން އެއީ ދެ ފަރާތެއް ކަމަށް ބެލިކަން ދޭހަކޮށްދިން ކަމެކެވެ. މި ދޭހަވުން އިތުރަށް ވަރުގަދަ ކޮށްދެނީ 2013 ގައި ހަދާފައިވާ ތަފާސްހިސާބުގެ ދިރާސާއެކެވެ. އެ ދިރާސާއިން ދައްކާ ގޮތުން، ޕީޕީއެމްގެ ސަޕޯޓަރުން ރައީސް މައުމޫނާއި ރައީސް ޔާމީން ރޭޓުކުރާ (ގަޔާވާ) މިންވަރަށް ވުރެ، ޕާޓީ ރޭޓުކުރާ މިންވަރު ބޮޑެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ޔާމީނަށް ދީފައިވާ ރޭޓަކީ 63 އެވެ. ރައީސް މައުމޫނުގެ ރޭޓަކީ 82 އެވެ. ޕީޕީއެމްގެ ރޭޓަކީ 90 އެވެ.

ނަމަވެސް، ނިމިދިޔަ އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު، ރައީސް މައުމޫނުގެ މަޤުބޫލުކަން މިހާރު އޮތީ ކިހާ ވަރަކަށް ކަމާ މެދު ސުވާލު އުފެދެ އެވެ. ހަމަ އެހެންމެ، ރައީސް މައުމޫނުގެ ގޮވާލުމަށް ބެލުމެއް ނެތި، ޕީޕީއެމްގެ ސަޕޯޓަރުން ވޯޓުލައި، ޕީޕީއެމަށް ގޮނޑީގެ އިންސައްތަ އިތުރުވުމީ، އެއް ނަޒަރަކުން ބަލާއިރު، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންނެވި ސިޔާސީ ކާމިޔާބީއެއް ކަމަށް ބެލެވިދާނެ އެވެ.

ތެދުން ބޭރުން ހިންގާ ޕޮލިޓިކްސް

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގެ ވާހަކަތައް ދެއްކުމުގައި 'ޕޯސްޓް-ޓްރުތު ޕޮލިޓިސް' ނުވަތަ ތެދުގެ މައްޗަށް ރިޢާޔަތް ނުކުރާ ޕޮލިޓިކްސް ފެނިގެން ދިޔަ އެވެ. 'ރައްޔިތުން' ރައީސް ޔާމީނަށް 'ނޫނެކޭ' ބުނެފިއޭ، ބުނުން ފަދަ ވިސްނުންތަކަކީ، މި އިންތިޚާބުގެ ނަތީޖާއަށް އެކަނި ބުރަވެ ކަނޑައެޅިދާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.

އެހެނީ، ކުރިން ފާހަގަކުރި ފަދައިން، މިއީ މާ އާދަޔާޚިލާފު ނަތީޖާތަކެއް ނޫނެވެ. އަދި އެހެން ދެކޭ ނަމަ، 2011 ގައި އެމްޑީޕީއަށް ލިބުނު މާ ދަށް ނަތީޖާއަށް ބުރަވެ، ރައީސް ނަޝީދަށް ވެސް 'ނޫނެކޭ' ބުނެފިޔޭ ހަމަ ބުނެވިދާނެ އެވެ.

ނަމަވެސް، އިންތިޚާބުގެ ކުރިން ކަންކަން ހިނގާ ދިޔަ ގޮތާއި، ސަރުކާރުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް އިންތިޚާބުގައި ސަރުކާރަށް ފައިދާވާނެ ގޮތަށް ގިނަ ކަންކަން ބައްޓަންކޮށްފައިވާ ކަމަށް، އިންތިޚާބުގައި އޮބްޒާވުކުރި ބައެއް ފަރާތްތަކުން ބުނާތީ، މިއީ ސަރުކާރުން އުންމީދުކުރި ވަރަށް ލިބުނު ނަތީޖާއެއްތޯ ސުވާލުކުރެވިދާނެ އެވެ.

ހަމައެހެންމެ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ވެސް، ޕީޕީއެމަށް، އިންތިޚާބު ކާމިޔާބު ކުރެވިއްޖެޔޭ ބުނަމުން ދިޔުމަކީ ޕޯސްޓް-ޓްރުތު ސިޔާސަތު ހިންގުމެވެ. އަދި، މި އިންތިޚާބުގެ ނަތީޖާއިން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮންނާނެ ގޮތް އެނގިގެންދާ ކަމަށް ބުނުމީ ވެސް ޕޯސްޓް-ޓްރުތު ސިޔާސީ ބުނުމެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއިން އެނގެނީ ރާއްޖެ މި ވަގުތު ވަނީ ދެ ޕާޓީ ނިޒާމަކަށް ދީލާލައިފައި ކަމާއި، ޕާޓީ ސަޕޯޓަރުން ޕާޓީ އާއި ލީޑަރުން ވަކި ދެ ފަރާތެއް ކަމަށް ބަލައިގެންފާނެކަމާއި، މައި ދެ ޕާޓީ ވެސް އިންތިޚާބީ ގޮތުން ކުރިއަށް ޖެހިލާފައިވާކަމެވެ.

އެޑިޓަރުގެ ނޯޓު

ޙަމްދާން އަކީ އިނގިރޭސި ވިލާތުގެ ޔުނިވަސިޓީ އޮފް މެންޗެސްޓަ އިން ޑިމޮކްރަސީ އަދި އިލެކްޝަންސްގެ ދާއިރާއިން މާސްޓާސް އަށް ކިޔަވަމުންދާ ދަރިވަރެކެވެ. އާޒިމް އަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާއިން ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަމުންދާ ދަރިވަރެކެވެ.

24 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 2%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތަކުރު

21 May 2017

ބޮޑުމަންޒަރެއް ދައްކަންޏާ ވަރަށް ބޮޑަށް ފެންނަންވާނެދޯ. ތި ދައްކަނީ އިންތިހާބުގެ ނަތީޖާއާ ކުރީފަހަރުތަކުގެ ނަތީޖާއާ އަޅާކިޔާފަ ހުރި ވާހަކަތަކެއް. އެވެސް ނުކުތް ނަތީޖާއަށް އެކަނި ބިނާކޮށް. ހިތަކަށް ނާރާ ކިހިނެއްކަމެއް އެވަރުވެސް އެކުރީކީ ސަރުކާރު. ކޮބާ އޭގެ އަނެއްފުއް. އިދިކޮޅުފަރާތްތައް އުޅުނީ ވަރަށް ހާލުގަ ކެމްޕެއިން ކުރަން. އެހެންވީމަ ތީގެންތިފެނުނީ ވަރަށް ކުޑަ މަންޒަރެކޭ ބުނެވޭނީ.

The name is already taken The name is available. Register?

ކަމަނަ

21 May 2017

މިިއުމަކީ ދިރާސާތަކެއްގެ މައްޗަށް ލިޔެވިފައިވާ ޢިލްމީ ލިއުމެއް އެހެންކަމުން މިފަދަ ޢިލްމީ ލިއުމެއް ލިއުއްވާ އަޅުގަނޑުމެނާއިހަމައަށް ގެނެސް ދެއްވީތީ ދެ ލިޔުންތެރިންނަށާއި މިހާރު ނޫހަށް ޝުރު ދަންނަވަމެވެ. އެއަށްފަހު ލިޔުމާއި ބެހޭގޮތުން އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލާނަމަވެ. އާދެ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބަކީ ތިޔަ ލިޔުމުގައިވާ ފަދަ އިންތިޚާބެއް ނޫނެވެ. އެހެނީ އިންތިޚާބުގެ ނަތީޖާއިން ދޭހަވާކަމަށް ތިވިދާޅުވާ ކަންކަމަކީ ފްރީ އެންޑް ފެއަރ އިލެކްޝަންއެއްގައި މި ނަތީޖާ ނިކުތްނަމަ އެއިން ދޭހަވާނޭ ކަންކަމެވެ. ނަމަވެސް މިލިއުމަށް ކޮމެންޓް ކޮށްފައިވާ އެހެން ބައެއް ބޭފުޅުންވެސް ފާހަގަ ކުރައްވާފައިވާ ފަދައިން މި އިންތިޚާބަކީ އިންތިޚާބުގައި ވާދަ ކުރި ޕާޓީތަކަށް އިންތިޚާބީ މަސައްކަތެއް ކުރުމަށް އެއްވެސް ފުރުޞަތެއް ނުދީ އަދި ހަމަ އެހެނެމެ ވޯޓްލީ ގިނަ މީހުނަށްވެސް ސަރުކާރު ހިންގާ ޕާޓީއަށް ވޯޓް ނުލައިފިއްޔާ އެމީހެއް ނުވަތަ އެމީހެއްގެ ޢާއިލާ މީހެއް ސަރުކާރުގައި އުޅުނަސް ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު އިންތިހާއަށް ދައްކާ ކޮންމެ ޕާޓީއެއްގެ ވެސް މޫނުބަލާ ލޯގަނޑު ފަދަ އެޕާޓީއެއްގެ ލީޑަރުންގެ ހުރިހާ ބޭފުޅުން އެޕާޓީއެއްގެ ސަޕޯޓަރުންނާއި މުޚާތަބުކޮށް އެއްވެސް އެއްޗެކޭ ބުނެލުމުގެ ފުރުޞަތު ނުދީ ޖަލުގައި ބައިތިއްބައިގެން ވަރަށް ޚުދު މުޚުތާރު ކަމާއި އެކު ވެރިކަން ކުރާޕާޓީ ބޭނުންވަރަކަށް ކެމްޕެއިން އެމީހުން ބޭނުންތަނެއްގައި ބޭނުންވަރަކަށްކޮށް ތައްޔާރު ވުމަށް ފުރުޞަތުދީ ފުރިހަމައަށް ތައްޔާރުވެގެން ބޭއްވި އިންތިޚާބަކަށް ވުމުން ތިވިދާޅުވާ ނަތީޖާ މި އިންތިޚާބުން ފެންނަކަމަކަށް ނުދެންނެވޭނެއެވެ.

The name is already taken The name is available. Register?

ހަސަނު

21 May 2017

މި މެޗު ކުޅުނީ ފާޅުކަނބޮޑު ގޮތެއްގާ ރެފްރީ ގަނެލައިގެން، ސަރުކާރު ބޭނުން ވި މިންވަރަށް ލަސްކޮށް، އިދިކޮޅު ފޯވަޑުން ޖަލަށްލައި ކެމްޕޭނު ކުރިޔަ ނުދީ.

The name is already taken The name is available. Register?

ހަސަނު

21 May 2017

މި އިންތިހާބު އެހެން އިންތިހާބު ތަކާ ތަފާތު ވަނީ މި އިންތިހާބު ބޭއްވުނީ މިނިވަން ނެތި، އިލެކްޝަން ކޮމިޝަން ސަރުކާރު ފަރާތަކަށްޖެހި ހުސްވެފައި އޮވެ، ސަރުކާރު ނޫން ބަޔަކަށް ކޭމްޕޭނު ކުރަންވެސް ވުރަސްއަޅާ، ދައުލަތުގެ މުދަލާ ދައުލަތުގެ ތަމްތަނުގާ ސަރުކާރުން ހެސް ކިޔާފަ ކެމްޕޭނު ކުރަމުން..

The name is already taken The name is available. Register?

އަލްކަމިސްޓް

21 May 2017

ހަމައެކަނި ނަތީޖާތަކަށް ރިއާޔަތް ކޮށްފަ ތިއޮތީ އެހެންވީމަ ގޯހެއްނޫން. ނަމަވެސް މިނަތީޖާއަށް ވާސިލްވުމަށްޓަކައި ވަރަށް ބައިވަރު މަރުހަލާތަކެއް ކަނޑަތުކޮށްފަ ހުރީ. ވަކިބަޔަކަށް މަސްލަހަތު އިސްކުރާއުސޫލުން އިނތިހާބު ވަނީ އެތަކެއް ފަހަރު ލަސްކޮށްފަ. އިދިކޮޅު ޕާޓީ ތަކުގެ ބައްދަލުވުންތަކުގަ ފަށާ ކޮންމެ ޖަލްސާއެއްގައި ގުޅިފައިވާ ޕާޓީތަކުގެ ރާއީސުންނާ މުހާތަބުކޮށް ވާހަކަ ދައްކަން ފަށާއިރު އޭގެން އެއްވެސް ބޭފުޅަކަށް އެތާކު ނުއިނދެވޭ. އިދިކޮޅު ހަރަކާތް ހިންގާމީހުންނަށް ޖަލްސާކުރަން ތަންތަން ނުދީ. އެކިއެކި ކެމްޕެއިން ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ، ވަޒީފާ ގެ ބިރުވެރިކަމަށް ވޯޓުދިނުން ފަދަ އެތައްކަމެއް ހިނގިއިރު މިކަންކަން މިނޫންގޮތަކަށް ހިނގާފަ އޮތް އިންސާފުވެރި އިންތިހާބެއްގަ ކިހާވަރައެއްގެ ތަފާތެއް އަންނާނެ ކަމަށް ގަބޫލު ކުރެވޭތޯ. އެހެންވީމަ ބޮޑުމަންޒަރޭ ވިދާޅުނުވޭ ވިތްއައުޓް ޓޭކިން ދީޒް އިންޓު އެކައުންޓް.

The name is already taken The name is available. Register?

ދިރާސާ

21 May 2017

ބުނެލަންބޭނުންވަނީ ޕޕ އަށް ވޯޓްލީ ގިނަމީހުންނަކީ ވަޒީފާގެބިރަށް ވޯޓްލީމީހުން. ދެން pp ތާއީދުއޮތްވަރެއް އިނގޭނީ އަދި ފަހުން. އެކަމަކު އިދިކޮޅަށް ވޯޓްލީމީހުން ވޯޓްލީ މަޖްބޫރުކަމެއްނެތި ހިތުލޯބިން. އެހެންކަމުން އެ ވޯޓްތަށް 2018ގައިވެސް އިދިކޮޅަށްލިބޭނެ. އެކަމަކު ޕޕ އަށް ނުލިބިދާނެ. ސަބަބަކީ ރިޔާސީ އިންތިޚާބާއެކު ބޮޑެތި ބަދަލުތަށް ސިޔާސީ މަޤާމުތަކަށް އަންނާނެތ.

The name is already taken The name is available. Register?

އަލީ

21 May 2017

ކަލެއަށް ކިހިނެތް އިނގެނީ ތިކަމެއް...

The name is already taken The name is available. Register?

އަލީ

21 May 2017

މިއިންތަހާބުގެ ނަތީޖާއިން މަށައް ޔަގީންވާކަމަކީ 2018ގަ ރައްޔިތުންނައް އިންސާފުވެރި އިންތިހާބެއް ލިބުމުގެ ފުރުސަތު ކުޑަވިކަން.،

The name is already taken The name is available. Register?

ކުޑަދޫއަހްމަދު

21 May 2017

ތިޔަ ދެކުދީންވެސް ތިޔަ ކިޔަވާއެއްޗެއްހި ކިޔެވުން ހުއްޓާލައި، ގައުމަށް އިޙްލާސްތެރިވާށެވެ! އަޅުގަނޑު ތިޔަ ދެކުދީންނަށް ގޮންޖަހާފައި ބުނަމެވެ. ނިމިގެން ދިޔަ އިންތިހާބުން ސަރުކާރަށް ނޫނެކޭ ރައްޔިތުން ބުނެފައިވާ ގޮތް ނޫން އެހެންގޮތަކަށް ތިޔަ ބޭފުޅުން އިންތިހާބުގެ ނަތީޖާ މާނަކޮށްދީފިނަމަ ތިޔަ ކުދީންގެ ކޯހުގެ ފީއާއި މަހަކު 1000 ޑޮލަރުގެ ޕޮކެޓު މަނީ ތިޔަ ދެ ކުދީން ކިޔެވުމަށް ހަރަދުކުރަން ތައްޔާރެވެ! ކޮންމެ ހިސާބެއްޖެހިޔަސް، ޔާމީނަށް 70 ޕަސަންޓް ރައްޔިތުން އޮތީ ނޫނެކޭ ބުނެފައެވެ. އަދި 2018 ވަނަ އަހަރުވެސް 2019 ވަނަ އަހަރުވެސް ޔާމީނަށް ޔާމިޔާބުވާނެ ހަމަ އެއްވެސް ފޯމިއުލާއެއް އަދިއެއް އުޑުދަށުގައި އީޖާދުކުރެވިފައިނުވާކަން ފާހަގަކޮށްލަމެވެ.

The name is already taken The name is available. Register?

ޤޤ

21 May 2017

ޤާނޫނު އަސާސީގައި ކަންޑައަޅާފައިވާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއް، ކޯލީޝަން ހަދައިގެން ބަރުލަމާނީ ނީޒާމެއް ހިންގުން ނޫން، އެގޮތަ ހިންގަން ބޭނުން ނަމަ ޤާނޫނު އަސާސީ އިސްލާހުކޮށް ބަރުލަމާނީ ނިޒާމަށް ބަދަލް ކުރަންވީ!

The name is already taken The name is available. Register?

ހަސަން

21 May 2017

2014 ގައި ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑި ލިބުނީ އެމް.ޑީ.ޕީއަކަށް ނޫން. އެމް.ޑީ.ޕީ.އަށް ގިނަ ގޮނޑި ލިބުނީ ސިޓީ ކައުންސިލްތަކުން. މުޅި އިންތިޚާބުގައި ގިނަ ގޮނޑި ލިބުނީ ޕީ.ޕީ.އެމަށް.

The name is already taken The name is available. Register?

ނޫން ތިއީ ހުސް ދޮގު

21 May 2017

2014 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑި ލިބިފައިވާނީ އެމް.ޑީ.ޕީ.އަށް އެއީ ދެން އޮޅުވާލަން އުލުނަސް އިއްޔެ މެންދުރު ހިނގި ކަމެއްހެން ހަނދާން ހުރިކަމެއް ވީމާ ކިތައްމެ ޕީޕީއެމް އަށް ތާއީދު ކުރިއަށް ޙަޤީޤަތް ހާމަ ކުރުުމަށް ނަސޭހަތްތެރިވަން ސަލާމް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454