ދުނިޔެ / އިޒްރޭލް

ދުނިޔޭގެ ލޯ ގަތަރަށް، ފަލަސްތީނު މަތިން ހަނދާން ވެސް ނެތް

މިއަދު ދުނިޔޭގެ ކޮންމެ ދިމާލަކަށް ބެލިޔަސް ފެންނަނީ މުސްލިމުން އެއް ބަޔަކު އަނެއް ބައެއްގެ ކަރުގައި ހިފަމުންދާ މަންޒަރެވެ. ލީބިޔާ، އިރާގު، ސީރިޔާ އަދި ޔަމަންގައި ހަނގުރާމަތަކެއް ހިނގަމުން އެ ދަނީ ހަމަ މުސްލިމުންގެ ދޭދޭ ޖަމާއަތްތަކުގެ މެދުގަ އެވެ. އެ ލޭއޮހޮރުވުންތަކުގައި އެމެރިކާ އާއި ވިލާތުގެ ގައުމުތައް ބައިވެރިކޮށްގެން އެ މީހުން ލައްވައި ހަމަލާ ދެނީ ވެސް ހަމަ މުސްލިމުންނަށެވެ.

އެންމެ ފަހުން އުފެދުނު މިފަދަ މައްސަލައަކީ، ލޭއޮހޮރުވުމަކަށް ނުވިޔަސް މުސްލިމުންގެ މެދުގައި ބައިބައިވުމާއި ދެކޮޅުވެރިކަން އުފެދިގެން ދިޔަ މައްސަލައެކެވެ. އަރަބި-އިސްލާމީ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލުމުން، އިސްލާމީ އުންމަތް ބައިބައިވެ އެއް ބަޔަކު އަނެއް ބަޔަކަށް ހަސަދަވެރިވެ ދެކޮޅުވެރިވެފައިވާ މިންވަރު ހާމަވެ އެވެ.

މުޅި ދުނިޔެ މިއަދު ބަލަމުން ދަނީ ގަތަރު މައްސަލަ އަށެވެ. ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީގައި ވަނީ ގަތަރާއި ސައޫދީ އަރަބިއްޔާ އާއި މިސްރުގެ ވާހަކަ އެވެ. މެދުއިރުމަތީގައި ދެކެވެނީ ގަތަރު އެކަހެރި ކުރުމުން ގަލްފަށް ކުރިމަތިވާނެ ގެއްލުންތަކުގެ ވާހަކަ އެވެ. ބައިނަލްއަގުވާމީ މަސްރަހުގައި ދެކެވެނީ، ގަތަރު މައްސަލައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަރައިފާނެ ލޮޅުމެއްގެ ވާހަކަ އެވެ.

ސައޫދީ އަރަބިއްޔާ އާއި މިސްރާއި އެމިރޭޓްސް އަދި ބަހްރައިން އިސް ނަގައިގެން ގަތަރާ ގުޅުން ކަނޑައިލީ ގަތަރުން ޓެރަރިޒަމަށް ވާގިވެރިވަމުންދާ ކަމަށް ބުނެ އެވެ. ހިޒްބުﷲ އާއި އަލްގާއިދާ އަދި ހަމާސް ޖަމާއަތާއި އައިއެސް ޖަމާއަތަށް ގަތަރުން އެކި ގޮތްގޮތުން އެހީވާ ކަމަށް ބުނެ އެވެ. އީރާނާ އެކު ގަތަރުން ގާތް ގުޅުމެއް ބާއްވާ ކަމަށް ބުނެ އެވެ.

މި ހުރިހާ ބަހަނާތަކެއް ދައްކައި، ގަތަރާ ގުޅުން ކަނޑައިލި އިރު، އެންމެ ކައިރީގައި ޖެހިގެން އޮތީ ޓެރަރިޒަމްގެ ބަފާ ކަމެއް މި ގައުމުތައް ހަނދާނެއް ނެތެވެ. ބައިނަލްއަގުވާމީ މުޖްތަމައާ ދެކޮޅަށް އަދި ބައިނަލްއަގުވާމީ މުއާހަދާތަކަށް ގޮން ޖަހައި ފާޅުގައި ޓެރަރިޒަމް ހިންގާ އިޒްރޭލުގެ އަމަލުތަކާ މެދު މާ ބޮޑު ފަރުވާލެއް ނެތެވެ.

އިޒްރޭލުން ފަލަސްތީނު އަޅުވެތިކޮށް އެ ގައުމުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ފާޅުގައި ޓެރަރިސްޓު ހަމަލާތައް ދޭތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ފަލަސްތީނުގެ ބިމުން އިޒްރޭލު ބޭނުންވާ ކޮންމެ ތަނެއް ފޭރެމުން ޔަހޫދީންގެ ތަންތަނަށް ހަދަމުން ދާއިރު، މިއީ ޓެރަރިޒަމަށް ނުވަނީ ހެއްޔެވެ؟

އިޒްރޭލާއި މިސްރުން ފަލަސްތީނުގެ ޣައްޒާ ހިސޯރު ކޮށްފައި އޮންނަތާ މިއީ 11 ވަނަ އަހަރެވެ. ޣައްޒާ އަށް ބޯފެނާއި ކާބޯތަކެއްޗާއި ކަރަންޓު ވެސް ލިބެނީ އިޒްރޭލާއި މިސްރުން ދިނިއްޔާ ދިން ވަރަކަށެވެ. ޣައްޒާގެ ދެ މިލިއަން މީހުން، އިޒްރޭލާއި މިސްރުގެ މި އަޅުވެތިކަމުގައި ތިބޭތާ މިހާ ދުވަސްވީ އިރު، މިއީ ޓެރަރިޒަމްގެ އަމަލަކަށް ނުވެ އެވެ.

ދިގުދެމިގެންވާ ހިސޯރެއްގައި އޮތުމުން ޣައްޒާގެ ރައްޔިތުން ވަޒީފާ އަދާކުރަން ދާނެ ތަނެއް ނެތުމުން، ގިނަ މީހުންނަކީ ވަޒީފާއެއް ނެތް މީހުންނެވެ. އެއްގަމު އުޅަނދުތަކުގައި ބޭނުންކުރާނެ ތެޔޮ އެކަށީގެންވާ ވަރަކަށް ނުލިބެ އެވެ. ކަރަންޓު ލިބެނީ ދުވާލުގެ މަދު ވަގުތުކޮޅަކަށެވެ. ބޯފެނާއި ނަރުދަމާ ނިޒާމު ވަނީ ގާތްގަނޑަކަށް ފެއިލްވެފަ އެވެ.

މީގެ އިތުރުން އިޒްރޭލުން ކޮންމެ ވަގުތެއްގައި ވެސް ޣައްޒާ އަށް އަރައިގެންފާނެ ކަމުގެ ބިރުގައި ނުވަތަ ހަމަލާތަކެއް ދީފާނެ ކަމުގެ ބިރަށްޓަކައި، އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫ އަރާފައި އޮންނަތާ ކިތަންމެ އަހަރެކެވެ. ޣައްޒާގެ ރައްޔިތުން ދިރިއުޅެމުން އެދަނީ ކުދި ގޮޅިތަކެއްގައި ނޫނަސް، ހަގީގަތުގައި ޣައްޒާއަކީ މިހާރު ފުރިހަމަ މާނައިގެ ޖަލެކެވެ.

ފަލަސްތީނުގެ ބިންތަކާއި ސީރިޔާގެ ބިންތަކަށް ވެރިވެގަނެގެން އޮތީ އިޒްރޭލެވެ. ފަލަސްތީނުގެ ރައްޔިތުން މަރައި ނިކަމެތި ހާލު ޖައްސަނީ އިޒްރޭލެވެ. ހަތިޔާރެއް ނެތް ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ޒަމާނީ ހަތިޔާރުތަކުން ހަމަލާ ދެނީ އިޒްރޭލުންނެވެ. ފަލަސްތީނުގެ އާންމުން އެމީހުންގެ ގޭގޭގައި ނިދާފައި އެ ގެތަކަށް ބޮންއަޅައި އެމީހުންނާ އެކު ބިމާ ހަމަކޮށްލަނީ އިޒްރޭލެވެ.

އެކަމަކު ވެސް އިޒްރޭލާ އެކު ސިޔާސީ ގުޅުމާއި ވިޔަފާރީގެ ގުޅުންތަކާއި ދަތުރުފަތުރުގެ ގުޅުންތައް ދަމަހައްޓަން މިސްރަށް އެންމެ ރަނގަޅެވެ. ބަޔަކު ޓެރަރިޒަމަށް ވާގިވެރި ވާތީ، އެ ބަޔަކާ ގުޅުން ކަނޑައިލާ ނަމަ، ގުޅުން ކަނޑައިލަންވީ އިޒްރޭލާ ނޫންބާވަ އެވެ.

މި ހުރިހާ ކަމެއްގެ އިތުރުން، މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަގްސާ އަދިވެސް އެ ހުރީ އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގަ އެވެ. ފަލަސްތީނުގެ ބިމުގައި ޔަހޫދީންގެ ދައުލަތް ގާއިމުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް މަސްޖިދުލް އަގްސާގައި އަޅުކަން ކުރުމުގެ ފުރިހަމަ މިނިވަންކަމެއް އެއްވެސް މުސްލިމަކަށް ނެތެވެ. އެ މިސްކިތަށް ވަދެވެނީ އިޒްރޭލުން ހުއްދަ ދޭ މީހަކަށް، ހުއްދަ ދޭ ވަގުތަކަށެވެ.

ޣައްޒާގެ ރައްޔިތުންނަށް މިވަގުތު ކުރިމަތި ކޮށްފައިވާ އެންމެ ބޮޑު އުނދަގުލަކީ އެ ސަރަހައްދަށް އެކަށީގެންވާ ވަރަށް ތެޔޮ ފޯރުކޮށްނުދިނުމެވެ. އެހެންކަމުން ޣައްޒާގެ އިންޖީނުގެ ދުވާލުގެ ގިނަ ވަގުތު ބަހައްޓަންޖެހެނީ ބަންދުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ 14 ހޮސްޕިޓަލާއި 16 ސިއްހީ މަރުކަޒުން އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވަނީ ނުކުޅެދިފަ އެވެ.

ޣައްޒާ އަކީ ހަމާސް ޖަމާއަތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ވާއިރު، އިޒްރޭލާއި މިސްރުން ބަލަނީ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގަ އެވެ. އެހެންކަމުން މިސްރު ސަރުކާރުން ވެސް އަދި އިޒްރޭލު ސަރުކާރުން ވެސް ހަމާސްއާ އެކު އެއްވެސް މުއާމަލާތެއް ނުހިންގަ އެވެ.

މި މައްސަލައާ ހުރެ ޣައްޒާ އަށް ބޭނުންވާ ތެޔޮ ގަންނަން ޖެހެނީ މިސްރުން ނުވަތަ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނު ސަރުކާރުންނެވެ. ނަމަވެސް ޣައްޒާ އަށް ތެޔޮ ވިއްކުމުގައި ފަލަސްތީނު ސަރުކާރުން ކުރިން ގެންގުޅުނު ޓެކްސް އިސްތިސްނާ ކުރުމުގެ ސިޔާސަތު އުވައިލުމުން ޣައްޒާ އަށް ތެޔޮ ލިބެނީ އަސްލު އަގަށް ވުރެ ދެ ގުނަ ބޮޑުކޮށެވެ.

ފަލަސްތީނު ސަރުކާރުން އެޅި މި ފިޔަވަޅާ ގުޅިގެން ހަމާސް އިން ވަނީ ފަލަސްތީނު ސަރުކާރުން ތެޔޮ ގަތުން ހުއްޓާލައިފަ އެވެ. ފަލަސްތީނު ސަރުކާރުން ހަމާސް އަށް ތެޔޮ ވިއްކަނީ އިޒްރޭލުން ގަނެގެން ކަމަށްވާ އިރު، ހަމާސް އިން ފައިސާ ނުދެއްކިޔަސް ފަލަސްތީނު ސަރުކާރުން ބަރާބަރަށް އިޒްރޭލަށް ފައިސާ ދައްކަންޖެހެ އެވެ. އެހެން ނޫން ނަމަ، ހުޅަނގު އައްސޭރި އަށް ތެޔޮ ވިއްކުން ވެސް އިޒްރޭލުން ހުއްޓައިލާނެ އެވެ.

ޣައްޒާގެ މި ހިސޯރުގެ ވާހަކަ ހުއްޓާލާފައި، އިޒްރޭލުން މިހާރު ޣައްޒާގެ ރައްޔިތުންނާ މެދު އަމަލު ކުރާ ގޮތަށް އެކަނި ބެއްޔަސް، ގުޅުން ކަނޑައިލަންވީ ގަތަރާ ނޫން ކަން އެނގޭނެ އެވެ. މިދިޔަ ހަފުތާ ބަންދުގައި ވެސް އިޒްރޭލު ސިފައިން ވަނީ ޣައްޒާ އަށް މިސައިލް ހަމަލާތަކެއް ދީފަ އެވެ.

މި ހަމަލާތަކުގައި ހަމާސްގެ މަރުކަޒުތަކެއް ހަލާކު ކޮށްލި އެވެ. އިޒްރޭލުން ބުނި ގޮތުގައި ހަމަލާ ދޭން ޖެހުނީ ޣައްޒާގެ ތެރެއިން އިޒްރޭލުގެ ސަރަހައްދަށް ރޮކެޓް ހަމަލާތަކެއް ދިނުމުންނެވެ. އެ ހަމަލާތައް ދިނީ ހަމާސް ޖަމާއަތުން ނޫން ކަމަށް ވިޔަސް، ޣައްޒާ އޮތީ ހަމާސްގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، ޣައްޒާގެ ތެރެއިން އިޒްރޭލަށް ދޭ ކޮންމެ ހަމަލާއަކަށް ހަމާސް ޒިންމާވާންޖެހޭނެ ކަމަށް އިޒްރޭލުން ބުނެ އެވެ.

ނަމަވެސް ޣައްޒާގެ ތެރެއިން މި ފަހުގެ ތާރީޚެއްގައި އިޒްރޭލަށް ހަމަލާއެއް ދިން ކަމެއް ބައިނަލްއަގުވާމީ އެއްވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެ އެވެ. އެހެންކަމުން ހަމާސް އިން ވެސް ބުނަނީ، އިޒްރޭލަށް ހަމަލާ ދިން ކަމަށް ބުނަނީ ޣައްޒާ އަށް ހަމަލާއެއް ދިނުމަށް ދައްކާނެ ހުއްޖަތެއްގެ ގޮތުން ކަމަށެވެ.

ނަމަވެސް މިއަދު ފަލަސްތީނުގެ މައްސަލަ ވަނީ ދުނިޔޭގެ ލޯތަކަށް ފަރުދާވެ ގެއްލިފަ އެވެ. އިޒްރޭލުން މުސްލިމުންގެ ހައްގުތައް ފޭރިގެންފައިވަނީ ކިހާ ވަރަކަށް ކަމެއް މުސްލިމުން ވެސް ހަނދާނެއް ނެތެވެ. ޔަހޫދީން މުސްލިމުންގެ ބިންތައް ފޭރިފައިވަނީ ކޮން ފަދަ އަނިޔާވެރި ގޮތަކަށް ކަމެއް ވެސް މުސްލިމުން ހަނދާނެއް ނެތެވެ. ވީއިރު ދުނިޔޭގެ އެހެން ގައުމުތައް، އެކަން ހަނދާން ކުރަންވީ ވަކި ކީއްކުރަން ހެއްޔެވެ؟

16 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 95%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ

29 June 2017

ދިވެހިސަރުކާރުގަތިބި ވެރިން އދ ގެ މޭޒަކައް އަރާފަ މިއާޓިކަލް މިގޮތައް ކިޔާލަދީބަލަ ކޮންމެހެން ގަތަރާ ގުޅުން ނުކަނޑަ

The name is already taken The name is available. Register?

އެޖެންޓްސް އޮފް ކެއޮސް

29 June 2017

އާލު ސުއޫދުންގެ އެޖެންޓުން ރާއްޖޭގައިވެސް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވޭ. މިއެޖެންޓުންގެ މަސައްކަތަކީ ދީން ނިވާފަތްގަނޑަކަށް ހަދައިގެން ފިތުނަ ފަސާދަ އުފެއްދުން.

The name is already taken The name is available. Register?

މެކުސް

28 June 2017

މަމެން ތަމެން ކިޔާހަ ކޮމެންޓުކުރަނީ ގަމާރެއް

The name is already taken The name is available. Register?

ށަމާސް

28 June 2017

ޢަހުމަދު ވެސް ޓީވީއެމަށް އަރާ ކިޔަނީ ގަތަރު ގޯހޭ

The name is already taken The name is available. Register?

އަހުމަދު

28 June 2017

މިހާރު ސައޫދީ އަކީ މުސްލިމިނުްމުސްލިުމުންނާއި ޖައްސާ ފިތުނައުފައްދާ ބައެއް .އަމިއްލަޖީބު ފުރާބައެއް. ވެރިކަމުގަތިބިތަނެއް.

The name is already taken The name is available. Register?

މުހައްމަދު

28 June 2017

ފަލަސްތީނަށް އެހީ ވަނީ ގަތަރުން. ދެން ގަތަރާ ގުޅުންކެޑި ބަޔަކު ކޮން ފަލަސްތީނެކޭ ކިޔާކަށް؟

The name is already taken The name is available. Register?

ޢެމް.އޭ.ކަރީމް

28 June 2017

ތިއީ އަލްސުއޫދު އާއިލާއިން ބޭނުންވާގޮތް.މުޅި އިސްލާމީ އުއްމަތް ޔަހޫދީންނާ ގުޅިގެން ފުޑާލަމުން އެދަނީ ސީދާ ސައުދީ އިސްވެ އޮވެ.ހިތާމައަކީ ސައްތައިންސައްތަ މި ދިވެހި ސަރުކާރުންވެސް މިހާރި މަދަދުދެމުނަދަނީ ޔަހޫދީންނަށްކަމަށްވުން.ގަތަރަކީ ސީދާގޮތުން ފަލަސްތީންގެ ހިމާޔަތުގައި ވީ ފަރާތް ކަމުން ޔަހޫދީން ރުއްސަން ސައުދީން ކުރަމުންދާ ކަންތއް

The name is already taken The name is available. Register?

ލާލާލާ

28 June 2017

ދުނިޔޭގެ ލޯ ގަތަރަށް، ފަލަސްތީނު މަތިން ހަނދާން ވެސް ނެތް ކަމަށް ދުނިޔެ މިވަގުތަށް ހީކުރި ނަމަވެސް އެއީ ނޯ ވޮރީސް އެކަމުގައި މަމެން. ފަލަސްތީނުގެ މައްސަލަ ވެސް ހައްލު ނުވެގެން އުޅެނީ ގަތަރާއި އަދި އިރާން މީގައި ކުޅޭ ޑަބަލްކްރޮސް ރޯލްގެ ސަބަބުންނެވެ. ގަތަރަކީ އެއީ ޖީސީސީގެ މެމްބަރަކަށް ވެ އޮވެ ޖީސީސީގެ މޭންޑޭޓް އާއި ޚިލާފަށް އިންޓަރނޭޝަނަލް ކޮމިއުނިޓީން ވެސް ޓެރެރިސްޓުންގެ ގޮތުގައި ލިސްޓް ކޮށްފައިވާ ހަމާސް އަދި ހިޒްބުއްލާ އަށް ސޭފް ހެބިޓެޓް އެއް ގަތަރުން ހަމަޖައްސާ ދިނުން ފުރަތަމަ ގަތަރު އެއޮތީ ގޯސް ވެފައެވެ. ދެން އަނެއްކޮޅުން މުޅި އަރަބި ދުނިޔޭގައި ހަދާ ހުރިހާ ނުބަޔެއް ހަދަނީ އިރާނުގެ ރިޕަބްލިކަން ގާރޑުން ކަމަށްވެފައި ސުންނީ މުސްލިމުންގެ ބާރު ދަށް ކޮށްލުމަށް ޓަކައި އިރާނުގެ ރިޕަބްލިކަން ގާރޑުން ކުޅޭ ނުރައްކާތެރި ބްރޫޓަލް އެން ރުތްލެސް ރޫލްގެ ސަބަބުން ލެބަނަން ފަދަ ރީތި ގައުމު ތައް ފުނޑިފައި އެއޮތީ އަދި ފަލަސްތީނަށް މިނިވަން ކަން ނުލިބިގެން އުޅެނީ އަދި ލީބިޔާ ގެ ސަރުކާރު ޕެނިކް ރޫމަށް ވައްދައިގެން އުޅެނީ. އިރާނުން ޝީއީން ޑޮމިނޭޓް ކުރާ މުސްލިމް ބްރަދަރހުޑް އަށް ފައިސާ ދީގެން އެންމެ ބޮޑު ސުންނީ މުސްލިމް އާބާދީ ހިމެނޭ މިސްރު ފުނޑާލަން ދިމާކުރުން އެއީ ފެންނާން ހުރި ހަގީގަތެވެ. މީގައި އިރާނަށް މަދަދު އެންމެ ބޮޑަށް ފޯރު ކޮށްދެނީ ގަތަރުންނެވެ. ގަތަރުގެ އިންޓީރިއަރ މިނިސްޓަރު އަދި ފޮރިންގް މިނިސްޓަރު އަދި ގަތަރު އެއާރވޭޒްގެ ސީއީއޯ ހަމަ މިހާރު އިސްތިއުފާ ދީފައި ގެއަށް ކަނޑާލަންވީއެވެ. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް، މިމަގުން މިކަން ހިނގަން ޖެހޭނެއެވެ. ސައުދީން އެއޮތީ ލާ އޭ ގަތަރާއި ދިމާލަށް ބުނެފައި. ލާ މީންސް ނޯ. ލާލާލާ ލާލާލާ ލާލާލާ..

The name is already taken The name is available. Register?

ދިވެހިން

28 June 2017

ތިހެން ވާހަކަތައް ހުންނަނީ މުނާފިޤުންގެއް

The name is already taken The name is available. Register?

ހާސަރު

28 June 2017

ސައުދީ ވެރިން އެއީ މުސްލިމުންނަށް ވުރެ ބޮޑަށް ފައިސާއާއި އެމެރިކާ އަދި އިޒްރޭލް ދެކެ ލޯބިވާ ބައެއް. މުސްލިމުން ހަނާވަނީ ސީދާ ސައުދީ އާއި ހުރެ! އެމެރިކާގެ ޕަޕެޓަކަށް މުސްލިމް ދެހަރަމްގެ ވެރިން ވީމަ ވާނެ ހައެތި މިއަދު މިވަނީ!

The name is already taken The name is available. Register?

އިސްމާއިލް

28 June 2017

ތި ވިދާޅުވަނީ ލަދުފުޅު ބަސްކޮޅެއް. އެހެނީ، މުސްލިމުން ނަސްރު ދެއްވަނީ ކާކުކަން ހަނދާން ނައްތާލީނޫންތޯ ތި!

The name is already taken The name is available. Register?

ލަބީދް އެންޑް ކަބީރް

28 June 2017

އަބަދުވެސް ސައުދީގެ ވެރިންނަކީ އެމެރިކާޔާ އިޒްރޭލު "އަހުން". ފަލަސްތަިނުގެ އަހުންނެއްނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454