ރައީސް ޔާމީން (ކ) އާއި މަޖިލީހުގެ ރައީސް މަސީހު: މުޅިން ތަފާތު ދެ ބާރެއް ނަމަވެސް މަސީހު ހުންނަވަނީ ރައީސް ޔާމީން ވިދާޅުވާ ކޮންމެ ގޮތެއް ކުރައްވަން ތައްޔާރަށް
04 ޖުލައި 2017 - 07:52
ވެރިކަން ކުރާ ޕީޕީއެމް/ އެމްޑީއޭގެ މަޖިލިސް ބައެއް މެމްބަރުން ހީކުރި ގޮތާ މުޅިން ޚިލާފެވެ؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަކިކުރުމުގެ މައްސަލާގައި، ޕީޕީއެމްގެ 10 މެމްބަރުންނާ އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގައިފި އެވެ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދީ، މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. މިއީ މައްސަލަ ހުށަހަޅަން އެކަނި ސޮއިކުރި އަދަދެވެ. މި މައްސަލާގައި އެއްކޮޅަށް ވޯޓު ދެއްވާނެ އެތައް މެމްބަރުންނެއް ތިއްބެވި ކަމުގެ ޔަގީންކަން އިދިކޮޅު ފަރާތްތަކުން ދެ އެވެ.
އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި އޮތީ މަސީހު ވަކިކުރަން ބޭނުންވާ އަދަދަށް ވޯޓު ހަމަވެ، އެމަނިކުފާނުގެ މަގާމު ވެސް "ގެއްލިފަ" އެވެ. އެކަމަކު އެކަން ނިންމޭނީ މަޖިލީހުގެ ތަޅުމުގަ އެވެ. މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ބޭނުން ވަނީީ އެ ޖަލްސާ އަށް ހާޒިރުވާ މެމްބަރުންގެ އަޣުލަބިއްޔަތެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެ ފަހަރަށް ފޭލްކޮށްލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އެންމެ ފަހުން ގެނައި އިސްލާހާ އެކު، ސަރުކާރު ކޯލިޝަނުން ތިބީ މަޖިލީހުގެ ރިޔާސަތު ދިފާއުކޮށްގެންނެވެ. މަޖިލީހުގެ ރައީސް ކަމުގައި މަސީހު ބަހައްޓަން ބޭނުންވާލެއް "ބޮޑުކަމުން" އެ އިސްލާހު ގެނައީ، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަށް ވުރެ ވެސް މަޖިލީހުގެ ރައީސްގެ ދަރަޖަ މަތިވާ ގޮތަށެވެ. ރައީސުލް ޖުމްހޫރިއްޔާގެ ވަކިކުރުމުގެ ގަރާރު 29 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅޭނެ އެވެ. އެކަމަކު މަޖިލީހުގެ ރިޔާސަތު ބަދަލުކުރަން 42 މެމްބަރުން ހޯދަން ޖެހޭ ގޮތަށް މަޖުބޫރުކުރީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަސީހު ރިޔާސަތުގައި - ފޮޓޯ: މަޖިލިސް
މި ބަދަލާ އެކު ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ މަސީހުގެ މަގާމާ ބެހެން "ލާހިކެއް" ނޫން ކަމަށެވެ. ސަރުކާރަށް މެޖޯރިޓީ އޮއްވައި 42 މެމްބަރުން ހަމަކުރުމަކީ ނުވާނެ ކަމެއްގެ ގޮތުގައި ތިބީ ނިންމައިގެންނެވެ.
އެކަމަކު 42 މެމްބަރުން ހަމަކުރުމަކީ ސަރުކާރު ބަލިކޮށް، އިދިކޮޅު ފަރާތްތަކުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ. މަޖިލިސް ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ސަރުކާރުގެ "ބަލިކަށިކަމާއި ނިކަމެތިކަން" ހާމަވެގެން ދިޔަ ކަމެކެވެ. މި އަދަދާ އެކު ސަރުކާރުން ބަލި ގަބޫލުކުރަން ޖެހޭ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ 42 މެމްބަރުންގެ ސޮޔާ އެކު މަސީހުގެ މަގާމު މިހާރު އެ ވަނީ "ގެއްލިފައި" ކަމަށެވެ. އެހެންވެ އެންމެ ރީތި ގޮތަކީ އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދައްކާލީ 45 މެމްބަރުން. މިއަށް ވުރެ ގިނަ މެމްބަރުން އަޅުގަނޑުމެންނާ އެކު، ރައްޔިތުންގެ ވިސްނުމާ އެކު އެބަ ތިއްބެވި،" ރިޔާޒް ވިދާޅުވި އެވެ.
މަސީހު މަގާމުގައި ބަހައްޓަން ސަރުކާރުން ކިތަންމެ ބޭނުންވިއަސް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން އެމަނިކުފާނާ ދެކޮޅެވެ. މަސީހުގެ އަމަލުތަކާ ދޭތެރޭގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އެތައް މެމްބަރުންނެއް ހިތްހަޖެހިވަޑައެއް ނުގަންނަވަ އެވެ. ވައިބާ ގްރޫޕުން ލީކުވި މެސެޖުތައް ހެއްކަކަށް ފުދެ އެވެ.
މިއީ ހަގީގަތެއް ނޫން ކަމަށް ރައްޔިތުންނަށް ވިސްނައިދޭން ސަރުކާރު ކޮޅުގައި ތިއްބެވި ބައެއް މެމްބަރުން އެތައް މަސައްކަތެއް އަންނަނީ ކުރައްވަމުންނެވެ. ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮއި ހޯދާފައި ވަނީ ވަަގަށް ކަމުގެ ތުހުމަތު އަޅުވައި، މަސީހުގެ މައްސަލަ ސައްހަ ނުވާނެ ކަމަށް ވެސް ދަނީ ވިދާޅުވަމުންނެވެ. އެ ބޭފުޅުން ދައްކަވާ ވާހަތަކުން އެނގޭ ގޮތުގައި، މިހާރު އަމާޒު ހުރީ ކުރީ ދެ ފަހަރެކޭ އެއްގޮތަށް، ކޮންމެ ފިޔަވަޅެއް އަޅައިގެން ނަމަވެސް، މައްސަލަ ފޭލްކޮށްލުމަށެވެ.
އެހެންވެ ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮއި ފޯޖްކޮށްފައިވާ ކަމުގެ ތުހުމަތުކޮށްފި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ފަހު އިދިކޮޅު ޕާޓީތަކުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދުގެ ސޮއި ހިމަނާފައި ވަނީ، ޕީޕީއެމުން ބުނާ ގޮތުގައި، "ވައްކަންކޮށްގެން"ނެވެ. އޭނާ ވެސް ވިދާޅުވަނީ ސޮއި ނުކުރައްވާ ކަމަށެވެ. މައްސަލަ ބަލައިދޭން އެދި މަޖިލީހަށް ހުށަހަޅުއްވައިފި އެވެ. ޖިނާއީ ތަހުގީގަކަށް ވާތީ ފުލުހުން ވެސް މި މައްސަލައިގެ ތެރެއަށް ވައްދާނެ ކަމަށް ބެލެވެ އެވެ.
"ވަގު ސޮއި" ހިމެނޭ ކަމުގެ ތުހުމަތު ދޮގުކުރަން ހެއްކެއްގެ ގޮތުގައި، ރަޝީދު ސޮއިކުރައްވާ ފޮޓޯ އިދިކޮޅު ފަރާތްތަކުން އާއްމުކުރި އެވެ. އޭނާ ސޮއިކުރެއްވީ ދެ ހެކިންގެ ހާޒިރުގައި ކަމަށާއި ވީޑިއޯ ވެސް އެބަހުރި ކމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
މި މައްސަލަ ނިންމާނެ ގޮތެއް އަދި ނޭނގެ އެވެ. ޕީޕީއެމުން މިހާރު ބުނާ ގޮތަށް މައްސަލަ ބާތިލް ވެސް ކޮށްފާނެ އެވެ. ބާރުގެ ބޭނުންކޮށް މަސީހު މައްސަލަ ސަރުކާރާ އެއްކޮޅަށް މީގެ ކުރިން ދެ ފަަހަރު ވެސް ނިންމީ، މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ޚިލާފަށް އަމަލުކޮށްގެންނެވެ.
މަޖިލީހުގެ ރައީސް އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރައްވާ ނަމަ، މަގާމުން ދުރުކުރުމަކީ ގާނޫނުއަސާސީން މެމްބަރުންނަށް ލިބިދީފައި އޮތް ހައްގެކެވެ؛ މަސީހު މަގާމުގެ ޒިންމާ އުފުއްލަވަން ފަސްޖެހިވަޑައިގެންފައިވާ ކަން ނުވަތަ ރައްޔިތުންނާއި ގައުމީ މަސްލަހަތު އިސްކުރައްވާފައި ނުވާ ކަން ފާސްކުރި ބިލްތަކުން އެ އޮތީ ފެންނާށެވެ. ތިން ބާރު ވަކިކޮށްފައި އޮތަސް މިހާތަނަށް މަޖިލީހުން ކަންކަން ނިންމާފައި ވަނީ، ރައްޔިތުންގެ މަސްލަހު ނަގާލައިގެން ނަމަވެސް، ސަރުކާރުން ބޭނުންވާ ގޮތަކަށެވެ. ވެރިކަން ދިފާއުކުރަން، ރައްޔިތުންގެ އަތުން ނިގުޅައިގަތް ހައްގުތަކުގެ ވާހަކަ ބާއްވާށެވެ. ތިން ބާރު ވަކިކޮށްފައި އޮތް ނިޒާމުގައި، ސުޕްރީމް ކޯޓުން މަޖިލީހުގެ ބައެއް ބާރުތައް އަތުލިއިރު ވެސް، އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، މަޖިލީހުގެ ރައީސް ހުންނެވީ "ހިމޭނުން"ނެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަނީ މަސީހުގެ މައްސަލަ އޮވެގެން ނުވަތަ މަޖިލީހުން ކަންކަން ކުރާ ގޮތް ގޯސްވެގެން ވެސް ނޫން ކަމަށެވެ. އެއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން ކުރިބޯއްޓާ ހަމައަށް އަންނަންވެގެން ވައްދާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މި ފުރުސަތެއް ނުދޭނަން،" ނިހާން ވިދާޅުވި އެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މަޖިލީސް މެދުވެރިކޮށް ކަންކަން ކޮށްފައިވާ ގޮތް ވަރަށް ސާފެވެ. ބިދޭސީންނަށް ރާއްޖެ އިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި އެވެ. އެއީ ވެސް ރައްޔިތުންގެ ހައްގުގައި ކުރެއްވި ކަމެކޭ ސަރުކާރު މެމްބަރުން ވިދާޅުވިއަސް އެކަން ގަބޫލުކުރާނެ މީހުން މަދެވެ. އެތައް ރައްޔިތުންގެ އިހުސާސްތަކާ ދެކޮޅަށް ފާސްކުރި އެ ބިލުން މިހާތަނަށް ލިބުނު މޮޅެއް ވެސް ފެންނާކަށެއް ނެތެވެ.
ރަނގަޅެވެ. ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. ރައްޔިތުންގެ ހެވާއި ލާބަ އަށް ކުރާ ކަމެއް ނަމަ، މަޖިލީސް ތެރެއިން އެކަމެއް ފަހިކޮށްދިނުމަކީ މެމްބަރުންގެ ޒިންމާއެކެވެ. އެކަމަކު، މައްސަލައަކީ މަޖިލީހުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ހަގީގީ ޒިންމާ ބައެއް މެމްބަރުންނަށް އޮޅިވަޑައިގެންފައި އޮތް ކަމެވެ. ނުވަތަ ވަކި ބޭފުޅެއް ދެކެ ބިރުން، ޒިންމާ އަދާނުކުރެއްވޭ ހާލަތުގައި ތިއްބެވުމެވެ.
މި ހާލަތުން އަރައިގަނެ، މަޖިލީހަކީ މިނިވަން ތަނަކަށް ހަދަން ޖެހޭ ކަމަށް މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ދެކެވަޑައިގަންނަވަ އެވެ. އެކަމަކު އެ މަސައްކަތް މިފަހަރު ކާމިޔާބުދާނެތޯ ނުވަތަ ނޫންތޯ މިފަހަރު އެނގޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރިންސެސް
05 July 2017
ތިއީ އެހެން ޤައުމެއްނަމަ އިސްތިއުފާ ދޭނެތާ ކިތަންމެ ދުވަހެއް....
ޙެހެ ހެހެ
05 July 2017
މިސަރުކާރަކަށް ނުކެރެ 6 ކުޅިކުރިއަށް ކުލޭކަށް .އަބަދުވެސް ފަހާ ދުވަނީ 42 ހަމަވީމަ އިގެނީ މަރުފަލި ޖަހަން އަބަދު ބިރު ދައްކަންޏާ ބިރަކަށް ނުވާނެ * ވަޅު ކަށްޓަފުޅި ދާންޏަކަށް ނުސިހޭނެއެއްނު
އަބްދޫ
05 July 2017
އަމިއްލަފުޅަށް ވިސްނާ ވަޑައިގެން ބައްލަވަ. އަޅ:ުގަނޑުގެ ސަޕޯޓް ލިބިގެން ހޮވުނީ ކޮން މެމްބަރެއް ، އަމިއްލަ ސަޕޯޓް އޮވެގެން އަމިއްލަޔަށް މެމްބަރު ކަމެއް ލިބުނުތަ ؟އަމިއްލަޔަށް ހެދި ޕާޓީ އުވާލަން ޖެހުނީ ސަޕޯޓަރުން ގިނަވެ ޖާގަ ނެތިގެންތޯ؟ ވީމާ ތިމާގެ އަމިއްލަ ހައިސިއްޔަތާ މެދު ވިސްނަވާ މި މަގާމް ހޯއްދަވައިދިނުމަށް މަސައްކަތް ކޮށްދެއްވި ފަރާތްތަކާމެދު އިހްލާސްތެރި ނުވެވުމުގެ ހާސްކަން ލިބިލެއްވުމުން މާޔޫސްވެ ލައްވާނެ ކަމެއްނެތް . ވަގުތު ފާއިތުވެއްޖެ. އަންހެނެއްގެ ދަށު ވެއްޖެ ކޮންމެ މީހަކަށް ވާނެ ގޮތް މި އަދު މިއޮތީ ފެންނަން ފަށާފަ .ހަގީގަތުގާ އަންހެނުން މަށަށް މިދެނީ ކޮޅުކެހި ނޫންބާ؟
ޕްރިންސެސް
05 July 2017
ތެދެއް...ފިރިމީހާ އަށްވުރެ އަނބިމީހާގެ ނުފޫޒު ޤައުމުގައި ބޮޑު..
ޖިސްމާނީ
04 July 2017
ބަލަގަ މައުމޫނާ ނަޝީދަށްވެސް އިތުބާރު ނެތިގެން ރަށްޔިތުން ހަޅޭ ޖެހީމާ ވަކިވެގެން ޖެހުނީ ދާން.. މިއަދު އެމީހުން އަލުން ނިކުމެ ރަށްޔިތުން ހޮވާފާ ވާ ސަރުކާރަކާ ދެކޮލަށް ތި އުޅެނީ އެކަން ނުފޮރުވޭނެ
ކިއު 2019 ފުވައްމުލަކު ދެކުނު ދާއިރާ
04 July 2017
މަޖްލިސް ރައީސްގެ އިތުބާރުނެތްކަމުގެ ވޯޓްގައި 45 މެމްބަރުން ސޮއިކުރުމުން ދައްކައިދެނީ ޕީޕީއެމްގެ ލީޑާރ ޝިޕާއި ޕާރލަމެންޓްރީ ގްރޫޕް ފެއިލްވެފައިވާ މިންވަރު ނޫންތޯ؟ ރައްޔިތުންގެ މަޖްލިސްގެ ރައީސަކީ ޕީޕީއެމް ޕާރލަމެންޓްރީ ގްރޫޕާއި އަދި ލީޑަރޝިޕްގެ ސިޔާސަތު ދިފާއުކުރުމުގައި ފެއިލްވެފައިވާ މިންވަރު ފޮރުވަން ގުރުބާންކުރެވޭ ކަންބަޅިއަކަށް މިވަނީ ވެފައި
3ފ
04 July 2017
މޮޅުކޮށްލަން 42އަށް ބޮދަލުކުރީމަ މި ލަނޑު މިލިބުނީ. މިހާރުވާގޮތުން 42 ސޮއިކޮށްފަލީމަ އެލާބަޔަކަށް ޔަގީންކަން އެބައޮވޭ މިއޮތީ މިކަން ނިމިފަކަން. ކުރިން ވިއްޔާ 25 ވަރު ސޮއިކޮށްފަލީމަ އެ މައްސަލަ ލާ ބަޔަކަށް އެހާ ޔަގީންކަމެއްނޯވޭ ވޯޓުލާ ނުނިމެނީސް. އަދި މެޖޯރިޓީއޮތް މީހުން ނުވަތަ ޕީޕީއެމަށް އެ ކޮންޓްރޯލުކުރަން ފަސޭހެވި ސަބަބަކީ މެންބަރުން ބިރުން ތިބޭތީ. ވޯޓު ލައި ނިމި ބޭނުންވާ ވަރަށް ވޯޓު ހަމަނުވެއްޖިއްޔާ އެމީހުންގެ ވިޔަފާރިޔާ ދާއިރާގެ ޕްރޮޖެކްޓުތަކާއި ގާތް މީހުންގެ ވަޒީފާ އެދިޔައީ ވިއްޔާ.
އިސްލާހު
04 July 2017
ރިޔާޒުރަޝީދު ކޮބައި ތޯއެވެ. އޭނާ ގެ ރައުޔު މިކަމުގައި ގަދަ ބަހަކުން ނަމަވެސް އެބަ ބޭނުން ވެއެވެ.
ޢޮރެވާ
04 July 2017
ބަލަގަ ތިޔަ ބުނާ ބިލްތަކައް އެމްޑީޕީ މެމްބަރުން ވޯޓު ނުލާތާ؟ ކަލޭމެން ހާދަ ގަމާރުވީމައޭ ތިހީކުރަނީ މީގެން އެެއްވެސް ބަޔަކު ގައުމާއިގެން އުޅޭހެން. އެންމެންވެސް ބޭނުންވަނީ އަމިއްލަ ޖީބަށް ބަރުކުރަން. ޢެމްޑީޕީ ވިޔަސް، ޕީޕީއެމް ވިޔަސް. ހުސް އެކައްޗެއް.
ޑާޑާޑާޑާ
04 July 2017
ނިހާނޫ، މާލޭ ރިޔާޒޫ ތަމެންވެސް ދެން އާދޭ މަމެން ކައިރިޔަށް! ތިޔޮއް މަަހަށް ދާން ޖެހެނީ ތަމެން! ތަމެންގެ ބޮލިހިލަން ޖެހެނީ! ޕިންކީސް ހުރިހާ މެންބަރުންވެސް އާދޭ! އަނަނަގާ! އަވަހަށް އަންނަގާ! ހަމަ އަންނަންޖެހޭނީ!
443
04 July 2017
ފޮނިބައިސާނުކަޑާ ރައްޔަތުނައް ދަށްކަންވީ ތިޔަ ވޯޓުނަގާ ބޭރު ކުރާތަން...ތިކަހަލަ ކިތަންމެ ޑުރާމާއެށް ކުޅުނު މަންޒަރު އަހަރުމެން މިތިބީބަލާފަ...އަސްލު މަންޒަރު ފެންނައިރު ހަމަ 0- 0