މަޖިލީހުގެ އިދާރާގެ މައި ގޭޓްގައި މިއަދު ތަޅު އަޅުވާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 ޖުލައި 2017 - 11:31
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ނުވަދެވޭ ގޮތަށް ގޭޓްތަކުގައި ތަޅު އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުންނަށް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ބާއްވާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނިކޮށް، މަޖިލީހުގެ އިދާރާގެ ހުރިހާ ގޭޓުތައް ތަޅުލައި، ސިފައިން ދަނީ ދެ ފަރާތު ގޭޓް ކައިރީގައި ފޯރިމަރަމުންނެވެ. އަދި މަޖިލީހުގެ އިދާރީ މުވައްޒަފުން ފިޔަވައި އިތުރު ބަޔަކު އެ ތަނަށް ވަނުން ވަނީ މަނާކޮށްފަ އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގެ އިދާރާ އަށް ވަންނަ ގޭޓުތަކުގައި ތަޅު އެޅުވުމުގެ ބާރު ސިފައިންނަށް ނޯންނާނެ ކަމަށެވެ. އަދި މެމްބަރުންނަށް ކޮންމެ ގަޑިއެއްގައި ވެސް މަޖިލީހަށް ވަދެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިފައިންނަށް މަޖިލީހުގެ ގޭޓުތަކުގައި ތަޅެއް ނޭޅުވޭނެ. މިއީ ދައުލަތުގެ އެއް ބާރު ހުއްޓުވަން ސިފައިން ހިންގި އަމަލެއް ކަމަށް ދެކެނީ،" ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވަނީ މެމްބަރުން މިއަދު މަޖިލީހަށް ވަޑައިގަންނަވާއިރު، ހުރަސް ނޭޅުމަށް ސިފައިންނަށް ގޮވާލައްވައިފަ އެވެ. މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން އަންނަނީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުންނެވެ.
މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ މެމްބަރުންނަށް މަޖިލީހަށް ނުވަދެވޭ ގޮތަށް ސަލާމަތީ ބާރުތަކުން މަޖިލީހުގެ އިދާރާގައި ތަޅު އެޅުވި މައްސަލައިގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވި ގޮތުގައި މަޖިލީހުގެ މެމްބަރުންނަށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ އެވެ.
ހޭޝް ޓެގަކާއެކު ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ ހުދުމުހުތާރު ވެރިކަމަކަށް ނޫނެކޭ ވިދާޅުވެފަ އެވެ.
Raajjeyge Rayyithunge Majlis ga @MNDF_Official thalhu alhuvaa membarunves Majlis ah nuvahdhan amurukoffi. QA aa khilaaf nuvumah govaalan pic.twitter.com/SD9sHgnBcA
— Ahmed Mahloof (@AhmedMahloof) July 24, 2017
މަހްލޫފް ކުރެއްވި ޓުވީޓު.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގައި ސިފައިން ތަޅު އަޅުވައި މެމްބަރުން މަޖިލީހަށް ނުވައްދަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ސިފައިން ގާނޫނުއަސާސީއާ ހިލާފު ނުވުމަށް މަހްލޫފް ވަނީ ގޮވާލައްވައިފަ އެވެ.
"ސިފައިންގެ ޗީފްއާ ވާހަކަ ދެއްކިން. އަޅުގަނޑު އެދުނިން ގާނޫނާ ހިލާފު އަމުރުތަކަށް ތަބާނުވެ، ނިންމުން އަނބުރާ ގެންދިއުމަށް. އެކަމަކު ޖަވާބުގައި އޭނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް، ކޮމެޓިއެއް ވެސް ނެތެއް ނޫންތޯއޭ،" މަހްލޫފް ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއް މިއަދު ނޯންނާނެ ކަމަށާއި އެންމެ އަވަހަށް ވެސް ދެން ޖަލްސާއެއް ބާއްވާނީ އަންނަ ހޯމަ ދުވަހު ކަމަށް މަޖިލީހުގެ އިދާރާ އިން އިއްޔެ ވަނީ ބުނެފަ އެވެ.
މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ވެއްދުމުން، ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު ޖަލްސާއެއް ބާއްވާނެ ކަމަށް ބެލެވުނެވެ. ނަމަވެސް އޭގައި ސޮއި ކުރެއްވި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ އެކު، މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ އިދާރާ އިން ވަނީ ބާތިލު ކޮށްފަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން ވިދާޅުވަނީ މިއަދު މަޖިލީހުގެ ޖަލްސާ ބާއްވައި މަސީހް މަގާމުން ވަކި ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުންބަ
24 July 2017
ޢުސޫލުތަކާ ޚިލާފައް މެމްބަރުންނައްވެސް ނުވަދެވޭނެ
އަލީ
24 July 2017
ދައުލަތުގެ އެއްބާރުގައި އަނެއް ބާރުގެ މީހުން ފޮނުވައިގެން ތަޅުއެޅުވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް.
ޢަލީ
24 July 2017
އެއޮތީ އަޅުވާފަ، ނިކަން ވަދެބަލަ ވާގޮތްބަލަން.
އިހޫ
24 July 2017
ތަޅު ވެސް އަޅުވާނަން އެހެން ގޮތް ގޮތް ވެސް ހަދާނަން!!
ހިހޫ
24 July 2017
މިވެރިކަން ދެމެހެއްޓޭކަށް ނެތް މިނިވަން މުއައްސަސާ ތަކުގެ ބާރު ކަޑުވާނުލާ. އެހެންވީމާ އެއުޅެނީ ހުރިހާ ބާރުތައް އަންބޮޑިއަށް ލައި ބަދެގެން. އެހެންނުންވާނީ. ރައްޔިތުންގެ ތާއީދެއް ނެތް. ނަމަވެސް ވެރިކަން ބޭނުން. އެހެންވީމާ ދައްކާ ގެރިކަން މީ
ތަޅު ޔަގީން
24 July 2017
މިވަރުން ދަންޔާ އާންމު ރައްޔިތު މިހާގޭ ދުރުގަވެސް ސިފައިން ތަޅު އަޅުވަފާނެ! ވެއްޓޭނެ ޔަގީން
ހެނބަދޫގައި އަލީ މައުރޫފް އެޅި އިންޖީނުގެ މައި ދޮރުން
24 July 2017
ކޮން ފިހާރައަކުންތަ ތަޅު ގަތީ. މިއުޅެނީ ރަނގަޅު ބްރޭންޑެއްގެ ތަޅެއް ނުލިބިގެން. ޢަޅެ ކޮންމެވެސް ކުއްޖަކު ރިޕްލައި ކޮއްލަ ދެއްޗޭ!
ކޮސް
24 July 2017
މަޖިލީހުގެ ޖަލްސާއެއް، ކޮމެޓިއެއް ވެސް ނެތެއް އެހެން ދުވަސްތަކުގައި ކީއްވެތޯ ތަޅުއަޅުވައިގެން ސެކިއުރިޓީ ނުބަލަހައްޓަނީ، އަދި އެފަދަ ދުވަސްތަކުގައި މެމްބަރުންނަށް މަޖިލީހަށް ވަދެވެނީ.
އުޑު
24 July 2017
މިފެނުނީ ހުދުމުހުތާރުމީހުން އެތަންވަށައިލައިގެންއުލޭތަން ކިތަންމެވަރަކަށް ފެލުނަސް ރައްޔިތުންނިކުމެ ތަންތަނަށް އެއްވާނެ މުޒާހަރާކޮށްވެސްހަދާނެ.... ރައްތިއްތީ
އުޑު
24 July 2017
މިހާރުމިފެންނަނީ ހުދުމުހުތާރު ވެރިޔާއާއި ހުދުމުތާރު ސިފައިންގެ ހުދުމުހުތާރުކަން
ބޮޑުތަޅު
24 July 2017
ތަޅު އެޅުވޭނެ އެއޮތީ އަޅުވާފަ ނުވެސް ވަދެވޭނެ ދެން ނިކަން ވަދެބަލަ !!!!!!!!!!!!!!!!!!