ޚަބަރު / ގާނޫނީ ވަކީލު މައުމޫން ހަމީދު

މަޖިލިހުގެ އިދާރާގައި ތަޅު އެޅުވި މައްސަލާގައި ދައުވާ ކުރަން ޖެހޭނެ: މައުމޫން ހަމީދު

ވަކީލް މައުމޫން ހަމީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ހުރިހާ ގޭޓެއްގައި މިދިޔަ ހޯމަ ދުވަހު ސިފައިން ތަޅު އެޅުވި މައްސަލާގައި އެކަމުގައި ޒިންމާވާން ޖެހޭ އެންމެންނާ މެދު ދައުވާ ކުރަން ޖެހޭނެ ކަމަށާއި އެއީ ސަލާމަތީ ޚިދުމަތް ދޭ ފަރާތްތަކުން ހިންގި ވަރަށް ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެ ގާނޫނީ ވަކީލު މައުމޫން ހަމީދު އިއްޔެ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަނުމަށް ސިފައިންނާއި ފުލުހުން ހުރަސްއަޅައި، އަދި އެ އިދާރާ އަށް ވަދެވަޑައިގެންނެވި މެމްބަރުން ނެރުނު މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މަޖިލިހުގެ މެމްބަރުން މަޖލިހުގެ އިދާރާ އަށް ވަދެވަޑައިނުގެންނެވޭނެ ކަމަށް ބުނުމަކީ މަޖިލިހުގެ އިދާރާ އަށް ވެސް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

"ގޭގައި ގެންގުޅޭ ނޯކަރު މީހާ މި ބުނަނީ މި ގެއަށް ވެރިމީހާ ވަނުން މަނާކޮށްދޭށޭ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ނުލައި ރައްޔިތުންގެ މަޖިލިސް ކުރާ ގެއެއް ނުހުންނާނެ،" މަޖިލިހުގެ މެމްބަރުންނަކީ މަޖިލިހުގެ އިދާރާގައި ބާރުގަދަ ބައެއް ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވި އެވެ.

"މަޖިލިހުގެ އިދާރާގެ މުވައްޒަފުންނަކީ މަޖިލިހުގެ މެމްބަރުންގެ މަސައްކަތަށް ފަހިކޮށްދޭން ތިބޭ ބައެއް. މަޖިލިހުގެ ސެކްރެޓޭރިއޭޓަކީ ވެސް މަޖިލިސް މެމްބަރުންނަށް ކަންކަން ފަހިކޮށްދޭން ތިބޭ ބައެއް."

މަޖިލިހުގެ އިދިކޮޅު މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން އެސްއޯ ފުލުހުން މިދިޔަ ހޯމަ ދުވަހު ހުރަސްއަޅަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

އޭނާ ވިދާޅުވީ މަޖިލިހުގެ އިދާރާ އަށް މެމްބަރުންނަށް ވަދެވަޑައިނުގެންނެވޭނެކަން އެންގެވުމުގެ ބާރެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އަމީން އާންމަށް ވެސް ނޯންނާނެ ކަމަށެވެ. އެހެންވެ ގާނޫނީ ގޮތުން ނެތް ބާރެއްގެ މައްޗަށް ބުރަވެ، މަޖިލިހަށް މެމްބަރުން ވަދެވަޑައިނުގަތުމަށް އެންގުމަކީ ކޮންމެ ބަޔަކު ކުރިޔަސް ގާނޫނާ ޚިލާފު ކަމެއް ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އެހެން އެދިވަޑައިގަތުން އެއީ އޭގެ ޒާތުގައި ބާތިލް އެއްޗެއް. ސިފައިންނަކަށް ވިދާޅެއް ނުވެވޭނެ [މަޖިލިހުގެ އިދާރާ އިން] އެގޮތަށް އެދިފައި އޮތީމާ އެގޮތަށް އަމަލުކުރީއެކޭ،" މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަކުރީ މަޖިލީހުގެ އިދާރާ އިން ރަސްމީކޮށް އެދުމުން ކަމަށް ޑިފެންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާތީ އެއަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ކޮށްފައި ވަނީ ބާތިލް އަމުރެއް ކަމަށާއި އެފަދަ އަމުރަކަށް ތަބާވުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގެ ތެރެއިން ސިފައިންނަށް އެނގެން ޖެހޭނެ ކަމަށެވެ.

"ސިފައިންގެ ވާޖިބަކީ އެ ގަޑީގައި ވިދާޅުވުން، ތިއީ ބާތިލު އަމުރެކޭ. ތިމަންނަމެންނަށް ގާނޫނީ ހައިސިއްޔަތެއް ނެތޭ ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރެއް މަޖިލިސް ކުރާ ގެއަށް ވަނުން މަނާކުރުމުގެ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި މަޖިލިހުގެ އިދާރާގެ ސަލާމަތީ ކަންކަން ބެލުމުގެ ޒިންމާ ސިފައިންނަށް އޮންނާނެ އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މަޖިލިހުގެ އިދާރާ އަށް ވަނުން މަނާކުރުމުގެ އެއްވެސް ބާރެއް ސިފައިންނަށް ނޯންނާނެކަން ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"ހުއްދަ ނެތި ވަންނަން އުޅޭ ބަޔަކު ހުއްޓުވިދާނެ. އެކަމަކު ސުވާލަކީ ސިފައިން ބެއްލެވިތޯއޭ އެއްވެސް ބޭފުޅެއްގެ ހުއްދަ އޮތްތޯ ނުވަތަ ނެތްތޯ؟ މަޖިލިސް މެމްބަރެއްގެ ހުއްދަ އޮތްތޯ ބައްލަވާކަށް ނުވެސް ޖެހޭނެ. އެއީ ސިފައިންނަށް އެނގެން ޖެހޭނެ މަޖިލިހުގެ މެމްބަރުން. އެއީ ސިފައިންގެ ޓްރެއިނިންގައި ވެސް ޒަމާނުއްސުރެ ދައްކާނެ ކެބިނެޓްގެ ހުރިހާ ވަޒީރުންނާއި މަޖިލިސްގެ ހުރިހާ މެމްބަރުންގެ ފޮޓޯތައް. އެހެންވީމާ މަޖިލިސް މެމްބަރެއް ނޭނގޭ އެކަކު ވެސް ސިފައިންގޭގައި ހުރެގެން ނުވާނެ. އެފަދަ މީހަކު ހުއްޓަސް އެ މީހަކު މަޖިލިހުގެ އިދާރާ އަށް ފޮނުވައިގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލިހުގެ އިދާރާގައި ތިއްބެވި އިދިކޮޅު މެމްބަރުން ނެރުމަށް އެސްއޯ ފުލުހުން ވަންނަން އުޅުމުން ބައެެއް މެމްބަރުން ހުރަސްއަޅަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މަޖިލިހުގެ މެމްބަރުން މަޖިލިހުގެ އިދާރާ އިން ނެރެން ފުލުހުން އެތަނަށް ވަން މައްސަލާގައި މައުމޫން ވިދާޅުވީ، އެ ހިސާބުން ވެސް ފުލުހުން ތިބީ ގާނޫނީ ކުށެއް ކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ހޯމަ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަދެ، ފުރަތަމަ ކުރަން ޖެހޭ ކަމަކީ މެމްބަރުންނަށް ހުރަސްއެޅި ސިފައިންނާއި ފުލުހުން ހައްޔަރުކުރުން ކަމަށެވެ.

"އަދި އެ ދުވަހު މަޖިލިހުގެ އިދާރާ އަށް މެމްބަރުން ވަނުމަށް އެތަނުގެ މުވައްޒަފަކު ހުރަސްއެޅި ނަމަ އެ މީހަކު ވެސް ހައްޔަރު ކުރަން ޖެހޭނެ. މަޖިލިސް ހިންގުމަށް މިގޮތަށް ހުރަސްއެޅުމަކީ ދައުލަތުގެ އެއް ބާރު ހުއްޓުމަކަށް ގެނައުން. އެއީ މި ދައުލަތް، ދައުލަތެއްގެ ގޮތުގައި އޮންނައިރު ހުއްދަ ވެގެން ވާނެ ކަމެއް ނޫން. އެގޮތަށް އެއްވެސް ބަޔަކަށް ކަންކަން ކުރުމުގެ ގާނޫނީ ބާރެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރަން މަޖިލިހުގެ މެމްބަރުން ހުރަސްއެޅި ކަމަށް ފުލުހުންނަށް ނުބުނެވޭނެ ކަމަށާއި ފުލުހުންގެ ދައުރު ގާނޫނުއަސާސީ އާއި ގާނޫނާއި ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި ވާނެ ކަމަށެވެ. އަދި ފުލުހުންގެ ދައުރުގެ ބޭރުން އެއްވެސް ބާރެއް ބޭނުން ކުރުމަކީ ޖިނާއީ ކުށެއް ކަމަށް ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި މައްސަލާގައި ސިފައިންނާއި ފުލުހުން ފަރުދީ ހައިސިއްޔަތުން ވެސް ޒިންމާވާން ޖެހޭނެ. ގާނޫނުގައި ވަރަށް ސާފުކޮށް ބުނާނެ ފުލުހުންގެ ހުވާކޮށްގެން ހުންނަ ކޮންމެ ބޭފުޅަކު ވެސް ޒިންމާވާން ޖެހޭނެ ކުރެއްވި ކަންތައްތަކާއި ނުކޮށް ދޫކުރެއްވި ކަންތައްތަކާއި އަދި އެ ބޭފުޅެއްގެ އަމުރުގެ ދަށުން މީހަކު ކުރި ކަމަކަށް ވެސް،" މައުމޫން ވިދާޅުވި އެވެ.

"މިސާލަކަށް އެތަނުގައި ބެރިކޭޑް ބަހައްޓަން އަމުރުކޮށްފާނެ ކޮންމެވެސް ސީނިއާ އޮފިސަރެއް. އެ މީހަކު އެތަނުގައި ހާޒިރުވެ ނެތިދާނެ. އެކަމަކު އެ އަމުރު ކުރެއްވި ބޭފުޅާ އެކަމަށް ޒިންމާވެވަޑައިގަންނަވާނެ. އެ އަމުރުގެ ނަތީޖާ އާޚިރުގައި ދައުލަތުގެ އެއް ބާރު ހުއްޓުވުން. އެހެންވީމާ މިކަން ކުރި އެންމެންނަށް ދައުވާ ކުރަން ޖެހޭނެ."

ވަކީލު މައުމޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

މައުމޫން ވިދާޅުވީ ހޯމަ ދުވަހުގެ ޖަލްސާ ބޭއްވުމަށް ހުރަސްއެޅީ ސިފައިންނާއި ފުލުހުންގެ އަމިއްލަ ހައިސިއްޔަތުން ކަމަށާއި އެ ނިންމުންތަކުގައި ގާނޫނީ އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމަށެވެ. އަދި ޖަލްސާ ކެންސަލްކުރި ކަން އެންގެވި ކޮންމެ ބޭފުޅަކު ވެސް އެކަން ކުރެއްވީ ގާނޫނީ ނަޒަރުން ބަލާއިރު އަމިއްލަ ހައިސިއްޔަތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ރަސްމީ ހައިސިއްޔަތުގެ ރައްކާތެރިކަން ވެސް ނުލިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"މިކަމުގައި ކޮންމެ ބޭފުޅަކު ވިޔަސް ޖަވާބުދާރީ ކުރުވުން ވަރަށް މުހިންމު. ކޮންމެ ބޭފުޅަކު ވެސް ޖެހިވަޑައިގަންނަވަން ޖެހޭނެ ގާނޫނު ކުރިމަތީގައި ޖަވާބުދާރީވާން. މި ޖަވާބުދާރީ ކުރުވުމާ ނުލައި މި ދައުލަތް ހިންގަން ވަރަށް އުނދަގޫވާނެ. މިވަރުގެ ކަމެއް ހިންގާފައި އެކަން ކުރި ބަޔަކު މިނިވަންކޮށް އުޅުމަކީ މީހަކު މަރާލާފައި ނުވަތަ އެކަހަލަ ބޮޑު ޖަރީމާއެއް ހިންގާފައި އެ މީހުން ހާމަންމަތީ އެންމެންގެ ތެރޭގައި އުޅުމަށް ފުރުސަތު ދެވުން ފަދަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

"މިހާރު މި ކަތިލެވުނީ ދުސްތޫރު. މި ކަތިލެވުނީ ދުސްތޫރީ ނިޒާމުގެ އެންމެ މުހިންމު އެއް ބައި. އެއީ ދައުލަތް ހިންގުމަށް ބޭނުންވާ ގާނޫނުތައް އުފައްދާ މެމްބަރުން. މަޖިލިހުގެ މެމްބަރުންގެ ބާރު މިއޮތީ ކަތިލާފައި. ރައްޔިތުންގެ މަޖިލިހާ މެދު މި ހިންގި ބޮޑު ޖަރީމާ އަށް އިންސާފު ނުލިބޭހާ ހިނދެއްގައި ދައުލަތުގެ އެއް ބާރާ ނުލައި ދައުލަތް މި ހިނގަނީ."

މައުމޫން ވިދާޅުވީ ދައުލަތުގެ ބާރެއް ހުއްޓުވުމަކީ އެންމެ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ޚާއްސަކޮށް އެކަމުގައި ތަންފީޒީ އިދާރާއެއް ހިމެނޭ ނަމަ އަދަބު އެތައް ގުނައެއް ބޮޑުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ އިދާރާގެ މަސައްކަތަށް، ނުވަތަ މަޖިލިހުގައި ހުރި މައުލޫމާތުތައް ހޯދުމަށް ކޮންމެ ގަޑިއެއްގައި ވެސް މެމްބަރުންނަށް ވަދެވަޑައިގަތުމުގެ ބާރު އޮންނާނެ އެވެ. އެހެންވެ މަޖިލިހުގެ މެމްބަރުން އެ އިދާރާ އަށް ވަދެވަޑައިގަތުމަށް ގަޑިތަކެއް ދިނުމުގެ ބާރު ނެތް ކަމަށް ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ސުޕްރީމް ކޯޓުގައި 2010 ވަނަ އަހަރު ތަޅު އެޅުވި މައްސަލަ އަށް ވުރެ ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ގޭޓްތަކުގައި ސިފައިން ތަޅު އެޅުވި މައްސަލަ މާ ބޮޑު ކަމަށާއި މާ ގޯސް ކަމަށެވެ.

އެއީ ގާނޫނާ ޚިލާފަށް މަޖިލިސް ބަންދުކޮށްފައި ހުންނަހާ ހިނދަކު ގާނޫނު ހެދުމާއި ގާނޫނު އުވާލުން ފަދަ ކަންކަން ހުއްޓުމެވެ. އަދި މިނިވަން މުއައްސަސާތަކާއި މުޅި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ކޮނޑުގައި އެޅިފައިވާއިރު، މަޖިލިހުގެ އިދާރާގައި ތަޅު އެޅުވުމަކީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނާނެ ގާނޫނު ހެދުމުގެ ބާރު ދިވެހި ރައްޔިތުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހަށޭ. އެހެންވީމާ އެއީ އެހާ ބޮޑު ބާރެއް ހަވާލުކޮށްފައިވާ ބައެއް. އެހެންވީމާ ދައުލަތުގެ އެއް ބާރަށް އެބަ ޖެހޭ އެކަށީގެންވާ ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭނެ. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޒިންމާއަކީ ހުރިހާ އެންމެން ތަބާވާން ޖެހޭ ގާނޫނުތައް ހެދުން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި ނަޝީދުގެ ވެރިކަމުގައި ސިފައިން ހިފެހެއްޓި މައްސަލާގައި ވެސް ދައުވާ ކުރަން ޖެހޭނެ އެވެ. އަދި އެ މައްސަލާގައި ދައުވާ ކުރެއްވުމާއި ނުކުރެއްވުމުގެ އިޚުތިޔާރު ޕްރޮސެކިއުޓަ ޖެނެރަލަށް ލިބިވަޑައިގަންނަވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

58 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 2%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދައުވާ

31 July 2017

ތަޅު އެޅުވި މައްސަލާގައި ދައުވާ ނުކުރީ ކުެރެވެން ނެތީމާ. އެހެންނޫންނަމަ ތިޔަމައްސަލަ މާބޮޑު ކުރީސް.

The name is already taken The name is available. Register?

ްްޤާނޫނު

31 July 2017

މި ފުރުސަތުގެ ބޭނުންހިފައި، ރައްއިތުންގެ ހައްޤަށް އަރައިގަތުމުގަ ސަލާމަތީބާރުތަށް ބިރުވެރިވާންޖެހޭ ފަދަ ސަރީއަތް ތަކެއް ކުރެވެންޖެހޭ، ތިކަންކަމަށް އަމުރު ކުރި މީހާއިން ފެށިގެން ބެރިކޭޑު ޖެހިމީހާއާއި މެންބަރުންނަށް ސީދާ ހުރަސް އެޅި ސިފައިންނާއި ފުލުހުން އަދި މަޖިލިސް ތެރައަށް ވަދެ ތިބި ކޮންމެ ފުލުހަކާއި ސިފައިންގެ މީހަކަށް ވަކިވަކިން ފަރުދީ ގޮތުން ޖިނާއީ ދައުވާކުރެވި އިންސާފް ޤާއިމު ކުރަންޖެހޭ، މުސްތަޤް ބަލައްޓަކާ އިބުރަތެއްގެ ގޮތުން. ވެރިކަން ބަދަލު ވުމަށް ފަހު، ފުރަތަމަވެސް މި އެންމެން ވަޒީފާއިން ސަސްޕެންޑު ކުރަން ޖެހޭ، އަދި އޭގެ ފަހުގަ މައްސަލަތައް ތަހުޤީގު ކޮށް ޕީގީ އަށް ފޮނުވާ ދައުވާ އުފުލަންޖެހޭ، އަދި ކުށްވެރިވާ ފުލުހުންނާއި ސިފައިން ވަޒީފާއިން ވަކިކޮށް ޖަލަށް ލާންޖެހޭ މީހަކު ޖަލައްލައި މިކަން އިޔާދަ ނުވާނޭހެން ނިންމަންޖެހޭ،

The name is already taken The name is available. Register?

މަގުބޫލު

31 July 2017

ޔާމީން އަށްވުރެއް މައުމޫން ހަމީދުގެވެސްހުންނާނެ ޤާބިލްކަން، ވެރިކަމަށް! مأمون حميد ރައީސްކަމަށް!

The name is already taken The name is available. Register?

ޙުސޭނު

31 July 2017

ޤާނޫނީ ހަމަތަކުގެ ވަރަށް ފުރިހަމަ ބަޔާނެއް ކަމުގައި ދެކެން. މައުމޫން ޙަމީދަކީ ވަރަށް ކުޅަދާނަ ޤާނޫނީ ވަކީލެއް. އެކަން އެމަނިކުފާނު ދެއްވާ އިންޓަރވިއުތަކާއި މިފަދަ ބަޔާންތަކުން ހާމަވޭ.

The name is already taken The name is available. Register?

ގޮއްޔެ

31 July 2017

ތި ދަޢުވާ ހުށަހަޅަންޖެހޭނީ ޗައިނާގެ ކޯޓަކަށް. އޭރުން ފަހަރެއްގައި އިންސާފުން ތަންކޮޅެއްނަމަވެސް ލިބުން އެކަށީގެންވޭ.

The name is already taken The name is available. Register?

Hi

31 July 2017

މީނާ މޮޔަވީތަ؟

The name is already taken The name is available. Register?

ބަލާ މީހެއް

31 July 2017

ކޮމެންޓް ކޮށްފައިހުރި ބޭފުޅުންގެ ތެރޭގައި އިދިކޮޅަށް ކޮމެންޓްކުރި ގިނަ ބޭފުޅުން ބައްލަވަފައިވަނީ ވަކާލާތުކުރެއްވިފަރާތުން ދެއްކެވި ވާހަކަފުޅުގެ މެދުތެރެއިން ނަންގަވާފައިވާ ކުޑަކުޑަ ލަފްޡަކަށްކަމަށް އަޅުގަނދު ދެކެމެވެ. އަސްލުގައި މައުމޫނުގެ ވާހަކަފުޅު ބިނާކުރައްވަފައިވަނީ ޤާނޫނީ ހަމަތަކަށް ބައްލަވައި، ނިޒާމު ފެށޭހިސާބުން (އެންމެ ބާރުގަދަ) މަޖިލިސް ހުއްޓުވުމުގެ ވާހަކައިން : ވީމާ މައުމޫނު ދެއްކެވި ހުއްޖަތަކީ 100 އިން 100 ބުއްދީގެ ހަމަތަކަށް ބަލައިގަނެވޭ ރަނގަޅު ވާހަކަތަކެއް . އިދިކޮޅަށް ކޮމެންޓް ކުރެއްވި ބޭފުޅުންވެސް ޤާނޫނުގެ ހުއްޓުވުމާއި އަދި ބާރުތައް ދޭންހުރިފަރާތަށް ދަތިކުރުމަކީ ހުއްޓުވުންކަމަށް ޤަބޫލުކުރޭނެ .

The name is already taken The name is available. Register?

އަހްމަދު ޢަލީ

31 July 2017

މައުމޫން ޙަމީދޫ، ހޮޅިވާހަކަ ނުދައްކާ، މަނިކުފާނަށް ނޭނގޭތޯ މަޖިލިސްގެ ރައީސަށް ލިބިގެންވާ ބާރު..

The name is already taken The name is available. Register?

މަރީ

31 July 2017

ބަލަ ހަސަނާ (ނޯކަރު މީހާ) މި ބަސް ބޭނުންކޮށްފަ އެ އޮތީ މިސާލެއްގެ ގޮތުންކަން ފާހަގަ ކޮށްލަން، ގައިރު ގާނޫނީ އަމުރުތަކަށް ކިޔަމަން ނުވުމަށް ގޮވާލަން.

The name is already taken The name is available. Register?

އަލިބެ

31 July 2017

ވެރިކަން މިހިރަ ކުރައްވާގޮތެއް ދޯ؟ އަޅޭފަހެ މިވަރުވާއިރު ސްޕްރީމްކޯޓުން ބަހެއް ބުނަންވެއްޖެނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454