ޚިޔާލު

ކޮލަމް ފަސް މިނެޓް: މަސީހެވެ، ހަގީގަތުގައި ވެސް އިތުބާރު ނެތީ ނޫންތޯ އެވެ!

މަޖިލީހުގެ ރައީސް މަސީހު: އެމަނިކުފާނު ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައި.

ވެރިކަންކުރާ ޕީޕީއެމުން އޮގަސްޓް 26، 2016 ގެ ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް، އިދިކޮޅު ސިޔާސީ ބޭފުޅުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ އިދިކޮޅު ބޭފުޅުންނަށް ބޯޅަ ނުލިބުމުން، މަސައްކަތް ކުރައްވަނީ ދަތިއަޅުވައި ވައްޓާލައިގެން ބޯޅަ ހޯދަން ކަމަށެވެ. އެ ގޮތަށް އިދިކޮޅު ފަރާތްތައް މޮޅުނުވާނެ ކަމަށާއި، "މޮޅުވާން ޖެހޭނީ ކުޅެގެން" ކަމަށް މަސީހު އެރޭ ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރުން އަމަލު ކުރަމުންދާ ގޮތުންނާއި ވެރިކަން ކުރާ ޕީޕީއެމުން މަޖިލީހުގެ ތެރޭގައި އަމަލު ކުރަމުންދާ ގޮތަށް ބަލާއިރު، ކުޅެން ބޭނުންވަނީ ކޮން ބައެއް ކަމާއި، ވާދަވެރިންގެ ފައިގައި ދަތިއަޅުވައި ވައްޓާލައިގެން ހުރިހާ ކަމެއް ކުރަން އުޅެނީ ކޮން ބައެއް ކަމާ މެދު ސުވާލު އުފެދެ އެވެ. ނޫނެކެވެ. ސުވާލެއް ނުއުފެދޭހައި ސާފެވެ.

އެރޭ މަސީހު ދެއްވި އެ ދައުވަތާ ގުޅިގެން، އިދިކޮޅު ސިޔާސީ ބޭފުޅުން، މަސީހާ ދެކޮޅަށް ފުރަތަމަ ދަނޑަށް ނުކުތީ 26 ކުޅުންތެރިންނާ އެކުގަ އެވެ. ނަމަވެސް އެ ކުޅުންތެރިންގެ ތެރޭގައި މަސީހުގެ ޓީމުގެ ބައެއް މެމްބަރުން ވެސް ހިމެނޭ ކަން އެނގުނު ހިސާބުން، އެ މެމްބަރުންގެ ވިޔަފާރީގެ މަސްލަހަތުތަކަށާއި އާއިލީ ވަޒީފާތަކުގެ މަސްލަހަތަށް ކުރިމަތި ކުރި ފިއްތުންތަކަކީ އެ މެޗުން މަސީހު މޮޅުވި ސަބަބެވެ.

މާޗް 27، 2017ގައި ކުޅުނު އެ މެޗް ވެސް، މަސީހު އެ ވިދާޅުވި ގޮތަށް ކުޅެން ފުރުސަތު ދިން ނަމަ، މޮޅުވީހީ އިދިކޮޅު ޓީމު ކަން މަސީހަށް އެނގިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ދަތިއަޅުވައިގެން ވާދަވެރިން ބަލިކޮށްލީ އެވެ. މަސީހަށް އިތުބާރު އޮތްތޯ ބެލުމަށް އެ ދުވަހު ނެގި ވޯޓަކީ ވެސް މަޖިލީހުގެ ތާރީޚުގައި ރެކޯޑަކަށް ފުދޭނެ އެވެ.

މަޖިލީހުގެ ވޯޓު ނަގާ އިލެކްޓްރޯނިކް ނިޒާމުގައި މައްސަލަ ހުރި ކަމަށް ބުނެ، އަތް އުފުލައިގެން ވޯޓު ނަގަން އެ ދުވަހު ފާސްކުރީ، އެ ވިދާޅުވި މައްސަލަ ޖެހިފައި ހުރި ނިޒާމު ބޭނުން ކޮށްގެން ނެގި ވޯޓެއްގަ އެވެ. އަދި މަސީހަށް އިތުބާރު އޮތްތޯ މެންބަރުން ކުރެ ވަކިވަކިން އެހީ، ވޯޓު ލާން ނިންމި ގޮތާ މެދު ޚިޔާލު ތަފާތުވި 13 މެމްބަރުން، ސިފައިންގެ އެހީގައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްގެންނެވެ. މަސީހުގެ ބަހުން ނަމަ، ކުޅި ބަލަން ތިބި މީހުންތަކެއް ދަނޑަށް އަރުވައި 13 ކުޅުންތެރިންގެ ފައިގައި ދަތިއަޅުވައި ވައްޓާލައިގެންނެވެ. އެ ހާލަތަށް ދިޔުމުން، މަސީހު މެޗުން މޮޅުވީ ކަމަށް 48 ކުޅުންތެރިއަކު އެއްބަސްވެ މެޗު ނިންމައިލީ އެވެ.

އެ ދުވަހުގެ ވޯޓަށް މަޖިލީހަށް ވަން އިރު ވެސް ޕީޕީއެމުން ބުނަމުން އައީ މަޖިލީހުގައި އެ ޕާޓީގެ ސުޕަ މެޖޯރިޓީ އެބަ އޮތް ކަމަށެވެ. ނަމަވެސް ޖަލްސާގެ ވަކި ހިސާބަކުން ސާބިތުވެގެން ދިޔައީ އެ ބުނާ ސުޕަ މެޖޯރިޓީ އެ ޕާޓީ އަށް ނެތް ކަމެވެ. އޮތީ ސިމްޕަލް މެޖޯރިޓީއެއް ކަމެވެ.

އެ ހިސާބުން ސަރުކާރަށް ވެސް ކަށަވަރުވީ، މަސީހަށް މަޖިލީހުގައި އިތުބާރު ނެތް ކަމެވެ. އަދި މަޖިލީހުގައި ކަން ހިނގާ އާންމު އުސޫލަށް ކަންތައް ދޫކޮށްލައިފި ނަމަ، މަސީހު ސަލާމަތް ނުކުރެވޭނެ ކަމެވެ. އެހެންކަމުން އިތުރު މެޗަކަށް ނުކުތުމުގެ ކުރިން ޓީމު ލިސްޓުގައި ހިމަނަންޖެހޭ ކުޅުންތެރިންގެ އަދަދު މަތިކޮށްލި އެވެ.

އެޕްރީލް 10، 2017ގައި މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ މަދުވެގެން 42 މެމްބަރުންގެ ސޮޔާ އެކުގަ އެވެ. އެއީ އޭގެ ކުރިން 15 ސޮޔާ އެކު ކުރެވެން އޮތް ކަމެކެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް ހުށަހަޅައިފި ނަމަ، މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްވާނެ ކަން ޔަގީން ވުމުން، އިތުބާރު ނެތް ކަމަށް ހުށަހެޅިޔަ ނުދިނުމަށްޓަކަ އެވެ.

މަޖިލީހުގައި ހޯމަ ދުވަހު ބާއްވަން ތާވަލު ކުރި ޖަލްސާ ފެށުމުގެ ކުރިން ރިޔާސަތު މޭޒު އިދިކޮޅު މެމްބަރުން ހިސޯރު ކޮށްފައިވާއިރު އެ ބޭފުޅުން ދުރުކުރުމަށް ސިފައިން މަސައްކަތް ކުރަނީ.

އެންމެ 15 މެމްބަރުންގެ ސޮޔާ އެކު އެ މައްސަލަ ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފި ނަމަ، މަސީހު ކަތިލާނެ ކަން ކަށަވަރުވާތީ، ޕީޕީއެމުން ޔަގީން ކުރީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެންބަރުން މަސީހާ ދެކޮޅަށް ނުނެރެވޭނެ ކަމަށެވެ. އެހެންކަމުން، ޓީމު ލިސްޓުގައި ކުޅުންތެރިން ހިމަނަންޖެހޭ އަދަދު 42 އަށް އިތުރުކޮށްލީ އެވެ.

މަޖިލީހުގެ ގަވާއިދަށް އެވަރުގެ ބަދަލެއް ގެންނަން އެ ޖެހުނީ، ކުޅެގެން ބަލި ކުރަން ދައުވަތު ދެއްވި ނަމަވެސް، އިދިކޮޅު ޓީމާ ވާދަ ކުރެވޭހާ ހަކަތަ އަމިއްލަ ޓީމުގައި ނެތް ކަން މަސީހަށާއި އެމަނިކުފާނުގެ ޓީމަށް ވެސް ކަށަވަރު ވާތީ އެވެ. އެހެންކަމުން މުޅި ޓީމަށް މަޖުބޫރުވީ ދިފާއީ ކުޅުމަކަށް ގޭމް ޕްލޭން ބަދަލު ކޮށްލާށެވެ.

މަސީހު ވަކި ކުރުމުގެ ފުރުސަތު ކިތަންމެ ހަނި ކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓުމަކަށް ނާދެ އެވެ. އެންމެ ފަހުން ޖުލައި 3 ވަނަ ދުވަހަކީ އެކަން ކާމިޔާބު ކޮށް، ގަވާއިދުގައި އެޅުވި ބޮޑު ތަޅު ވެސް ފުނޑާލައި، 45 މެމްބަރުންގެ ސޮޔާ އެކު، މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި ދުވަހެވެ.

މަސީހާ ދެކޮޅަށް ކުޅެން ނެރުނު 45 މެމްބަރުންގެ ޓީމް ލިސްޓުގައި، އަމިއްލަ ޓީމުގެ 10 ކުޅުންތެރިންގެ ނަން އޮތް ތަން ފެނުމަކީ މަސީހަށާއި ޕީޕީއެމަށް އަދި ސަރުކާރަށް ވެސް ލިބުނުނެ ކުއްލި ޝޮކަކަށް ނޫނީ ނުވާނެ އެވެ. އޭގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާ އެންމެ އަރިސް ކަމަށް އެއް ދުވަސްވަރެއްގައި ބެލެވުނު ބައެއް މެންބަރުން ވެސް ހިމެނެ އެވެ.

އިދިކޮޅު ފަރާތްތަކުން އަނެއްކާ ވެސް ޓީމު ވަރުގަދަ ކުރުމާ އެކު، އެ ކުޅުންތެރިން ދަތި އަޅުވައި ވައްޓައިލެވޭނެ އެހެން ގޮތެއް ސަރުކާރުން ހޯދި އެވެ. މަޖިލީހުގެ ޖުމްލަ އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ މެމްބަރުން މަސީހު މަގާމުން ވަކި ކުރަން ހުށަހެޅުމުން ސަރުކާރަށް ޔަގީން ވީ، ހަމަޖެހިފައި އޮތް އުސޫލުތަކުގެ ތެރެއިން މަސީހު އެ މަގާމުގައި ބެހެއްޓެން ނެތް ކަމެވެ.

މި ފަހަރު މަސީހުގެ ޓީމުގެ ފަރާތުން، މެޗުގެ ކަންތައް ހަވާލު ކުރީ ބަދަލު ރެފްރީއާ އެވެ. މެޗް ކުޅެން ދަނޑަށް ވެސް އަރަން ނުޖެހި، މަސީހުގެ ޓީމު މޮޅުވި ކަމަށް ކަނޑައެޅުމަށްޓަކައި، އިދިކޮޅު ޓީމު ލިސްޓުގައި ހިމެނޭ މީހުން ދަނޑުގެ ހަތަރު ފާރުން އެތެރެ ވެސް ވިޔަ ނުދިނުމަށެވެ. އެހެންކަމުން ދައުލަތުގެ ބަންޑާރަ ނާއިބު ސުޕްރީމް ކޯޓުގައި އެދިވަޑައިގަތީ، މަޖިލީހަށް އެ މީހަކު އިންތިހާބުވި ޕާޓީން އެއްވެސް ގޮތަކުން ވަކިވެއްޖެ ނަމަ، އެ މީހަކު މަޖިލީހުގެ މެމްބަރުކަމުން ވަކިވީ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި އިރު، މަޖިލީހުގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވަނީ، މަޖިލީހުގެ ރައީސްގެ މަގާމުގައި މަސީހު ބަހައްޓަން ބޭނުން ނުވާ ކަން ރަސްމީކޮށް ކަނޑައަޅައިފަ އެވެ. އަދި އެ ކަމުގައި ބައިވެރިވި ޕީޕީއެމްގެ 10 މެމްބަރުން، ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުގެ ކުރިން އެ ޕާޓީ ވެސް ދޫކުރެއްވި އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމް ވެސް، ސަރުކާރުން ބޭނުންވި ގޮތަށް އިލެކްޝަންސް ކޮމިޝަނުން މާނަކޮށް، އެ ހުކުމުގައި ބުނެފައިވާ ގޮތާ ކަނޑައެޅިގެން ޚިލާފަށް، ޕީޕީއެމްގެ މެމްބަރުންތަކެއް މަޖިލީހުން ވަކިކުރީ ވެސް ހަމަ މަސީހު ތިޔަ ގޮނޑީގައި ބައިންދަވާށެވެ. އެއީ ވެސް، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން މަސީހަށް މިހާރު ތިޔަ މަގާމު އަދާ ކުރެއްވެން ނެތް ކަން ސަރުކާރަށް ވެސް ކަށަވަރުވީމަ އެވެ. ކުޅެން ހަމަ ދޫކޮށްލާ އިރަށް، 45 އަށް ވުރެ ގިނަ ގޯލު ބައިކޮޅަށް ވަންނާނެ ކަން ޔަގީވާތީ، އަނެއްކާ ވެސް ދަތިއަޅުވައިގެން ވައްޓައިލީ އެވެ.

މިހާރު މަސީހަށް ކިތަންމެ ކަމެއް ޔަގީންވެވަޑައިގަންނަވާނެ އެވެ. އެއީ މަޖިލީހުގެ އަޣުލަބިއްޔަތަށް ވުރެ ވެސް ގިނަ ބަޔަކު އެމަނިކުފާނަށް އިތުބާރު ނުކުރައްވާ ކަމެވެ. މަސީހު އެ މަގާމުން ދުރުކުރަން ބޭނުންވަނީ، އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއި ކުރެއްވި 45 މެމްބަރުން އެކަނި ނޫން ކަމެވެ. އަދި މަގާމުން ދުރުކުރަން ސޮއި ނުކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ވެސް، މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކިތަންމެ މެންބަރަކު ތިއްބެވި ކަމެވެ.

ނަމަވެސް، ކުޅެގެން އިދިކޮޅު ޓީމު ބަލިކުރުމުގެ ގާބިލްކަން މަސީހުގެ ޓީމުގައި ނެތުމުންނާއި، އެފަދަ ރޭވުންތެރިކަމެއް ކޯޗުގެ ކިބައިގައި ވެސް ނެތުމުން، ކުޅުމުގެ ފުރުސަތު އިދިކޮޅު ޓީމަށް ދެވެން ނެތީ އެވެ. އިދިކޮޅު ޓީމުގެ ހުރިހާ ކުޅުންތެރިން ދަތިއަޅުވައި ވައްޓާލައިގެން ނޫނީ، ސިޔާސީ ދަނޑުގައި ހިނދުކޮޅަކަށް މަޑުކޮށްލެވެން ވެސް މަސީހަށް ނެތީ އެވެ.

ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ނަމަ، މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، އެ ކަމަށް ނަގާ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވާނެ އެވެ. މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވޭ އެންމެ ދަށް ކޯރަމަކީ، 22 މެންބަރުން ކަމަށްވާ އިރު، އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި ވޯޓު ނަގާއިރު ތިބީ 22 މެންބަރުން ކަމަށް ވެފައި، އިތުބާރު ނެތް ކަމަށް އެންމެ 12 މެމްބަރުން ވޯޓު ދެއްވިޔަސް، އެ މީހަކު މަގާމުން ވަކިވީ އެވެ. މާނައަކީ 85 މެމްބަރުން ތިއްބެވި މަޖިލީހަކުން އެންމެ 12 މެމްބަރުން ވޯޓު ދެއްވައިގެން ވެސް މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރެވިދާނެ އެވެ.

މިއީ އެހާ ފަސޭހަ އިން އޮތް ކަމެކެވެ. ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ރޫހަކީ ވެސް، މަޖިލީހުގެ ވީހާ ގިނަ މެމްބަރުންގެ އިތުބާރާއި ރުހުމާ އެކުގައި މަޖިލީހުގެ ރައީސް އޭނާގެ މަގާމު ފުރުއްވުމެވެ. ހަމަ އެފަދައިން، ކިތަންމެ މަދު އަދަދެއްގެ މެމްބަރުން ވޯޓު ދެއްވައިގެން ވިޔަސް، އޭނާގެ އިތުބާރު ނެތް ކަމަށް ފާސް ވެއްޖެ ނަމަ، އެ މަގާމުގައި އޭނާ ނުހުންނެވުމެވެ. އެހެން ނޫން ނަމަ، އެހާ މަދު އަދަދެއްގެ ވޯޓުން މަޖިލީހުގެ ރައީސްގެ މަގާމު ގެއްލެން، ގާނޫނުއަސާސީ ވެސް އަދި މަޖިލީހުގެ ގަވާއިދު ވެސް ޖާގައެއް ނުދިނީހެވެ.

ރައީސް ޔާމީން (ކ) އާއި މަޖިލީހުގެ ރައީސް މަސީހު: މަގާމުގައި ދެމިހުންނެވުމަށްޓަކައި ދެ ބޭފުޅުންނަށް ވެސް އެކަކު އަނެކަކުގެ ބޭނުންތެރިކަން އިންތިހާ އަށް ބޭނުންވޭ. - ފޮޓޯ: މަޖިލިސް

އެކަމަކު، މިއަދު މި ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. މަޖިލީހުގެ މާސިންގާ އަޣުލަބިއްޔަތަކުން އެ ބުނަނީ، މަސީހު ދެން ތިޔަ މަގާމުގައި ބަހައްޓަން ބޭނުން ނުވާ ކަމަށެވެ. މަނިކުފާނަށް އިތުބާރެއް ނެތް ކަމަށެވެ. ޑިމޮކްރެސީގެ ހަމައަކީ އަޣުލަބިއްޔަތަށް ތަބާވުމޭ ބުނާ އިރު، ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތަކަށް އެންމެ ބޮޑަށް އިހްތިރާމް ކުރައްވަން ޖެހޭ ބޭފުޅަކީ މަޖިލީހުގެ ރައީސް ނޫންތޯ އެވެ!

ނަމަވެސް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތުގެ ރުހުމާ ދެކޮޅަށް، އަދި ގާނޫނުއަސާސީގައި އެކަށައަޅާފައިވާ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތަކާ ވެސް ޚިލާފަށް، މަޖިލީހުގެ ރިއާސަތުގައި ތިޔަ އިންނަވަނީ، ދުނިޔޭގެ އެހެން ޑިމޮކްރެސީތަކުގައި އަމަލު ކުރައްވާ ގޮތް އެނގިވަޑައި ނުގަންނަވާތީ ތޯ އެވެ!

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަޖިލިސް ހަލަބޮލިވެ ނިޒާމު ގެއްލުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ހާލަތްތަކުގައި، ހަމަޖެހިފައި އޮންނަ އުސޫލުން، ސަލާމަތީ ޚިދުމަތްތަކުގެ އެހީތެރިކަމާ އެކު މަޖިލިސް ކުރިއަށް ގެންދާނެ އެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން އޮންނަ އުސޫލެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ އެ މީހަކަށް އިތުބާރު ނެތް ކަމަށް ބުނެ، އެ ގޮތަށް އެކަން ފާސްވާނެ ކަމުގެ ކަށަވަރުކަން ލިބުމުން، އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލަކީ އަމިއްލަ އަށް ރީތި ގޮތުގައި އިސްތިއުފާ ދެއްވުމެވެ. އެއީ ތިމާގެ ސިޔާސީ ހަޔާތް ބަރުބާދުވާން ބޭނުން ނުވާ ނަމަ އެވެ.

އެކަމަކު މިއަދު ތިޔަ ގަސްދު ކުރެއްވީ، އަމިއްލަ ޕާޓީން، މަނިކުފާނަށް އިތުބާރެއް ނުކުރާނަމޭ ވިދާޅުވާ ކޮންމެ މެމްބަރަކު (ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތަށް) މަޖިލީހުން ވަކިކޮށްގެން ވިޔަސް މަގާމުގައި ދެމިހުންނަވާށެވެ. މަނިކުފާނަށް އިރުޝާދު ދެއްވާ ފަރާތްތަކުން ވިސްނައިދެއްވަނީ ވެސް، ކޮންމެ ގޮތަކުން ވިޔަސް ތިޔަ މަގާމުގައި ބަހައްޓަވާނެ ކަމަށެވެ. އެއީ ސަރުކާރުން ފޮނުވާ ކޮންމެ ލިޔުމެއްގައި ތައްގަނޑު ޖަހައިދެއްވާ ބޭފުޅެއްގެ ގޮތުގައި މަނިކުފާނުގެ ބޭނުން ހިފުމަށެވެ. އާޚިރުގައި އަމިއްލަ އަތުން ތިޔަ ކަތިލައްވަނީ، އަމިއްލަ މުސްތަގުބަލެވެ.

46 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 91%
icon sad icon sad 3%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފޫĹ6

03 August 2017

ލަދުގެ ކަންފުޅެއްވެސް

The name is already taken The name is available. Register?

ކަލޯ

03 August 2017

މިމީސްގަނޑު ފެނުނަސް ހާދަހާވާ ފޫއްސެކޭވަނީ. ހަމަ ހުވާމިބުނީ. އެހުންނަގޮތެއް ދޯ؟ ހެހެހެ

The name is already taken The name is available. Register?

ޥިސްނާމީހާ

02 August 2017

ވަރަށް އިބުރެތްތެރި ފިލާވަޅެއް ލިއްބައިދެނިވި ލިއުމެއ

The name is already taken The name is available. Register?

ތިރާކުނު ވަކަ ސައީދު

02 August 2017

ހަގީގަތަކީ މަސީހަކީ ނާގާބިލު ފޭލިއަރެއް. އެހެންވީމަތާ މީހަކު އެންގިގޮތަކަށް ހެދިގެން އެއްވެސް އަގެއް ބުރަދަނެއް ނެތް މީހެއްގެ ގޮތުގައި އެ ހުންނަވަނީ. ވަރަށް ސަލާމް.

The name is already taken The name is available. Register?

އާދަމް ޝަރީފް

02 August 2017

އާދެ ވރަށް ރީތި ބަހުން ލިޔެ ފަރުމާ ކުރެވުނު މިރިޕޯޓް ހަމަ ވ ފައްކާ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

02 August 2017

ސިނކުޑީގައި ތެތްކަމެއް ހުރިމީހެއްނަމަ މިހާރު އިސްތިއުފާ ދީންތާ ކިތަންމެ ދުވަހެއް. ޔާމީނާއި މަސީހާއި ދެމީހުންގެ ތަފާތަކީ ޔާމީނު އިސްތިއުފާދީފިނަމަ ވަރަޢް ބޮޑު ޖިނާއީ ތަހްގީގެއް ކުރެވޭނެ އަދި ދިގުމުއްދަތަކަށް ޖަލަށް ވެސް ލެވޭނެ އެހެންވީމަ ޔާމީނަކަށް ނެތް ވެރިކަމުގަ ބަގުޑިބެއްދުން ނޫން ގޮތެއް. އެކަމަކު މަސީހު އިސްތިއުފާދިނަސް ދައުރު ހަމަވަންދެން މެމްބަރު ކަމުގައި ދެމިހުރެވިދާނެ. ހިންގާނެ މާބޮޑު ޖިނާއީ ތަހުގީގު ތަކެއް ނޫޅޭނެ. ވީމާ މަސީހަށް ދަންނަވާލަން އޮތީ ތިގޮތަށް ޔާމީނު އަށް ނުހެއްލޭށޭ އެމީހެއްގެ ސަލާމަތެއް ހޯދާނީ އެމީހެކޭ. އަވަހަށް އިސްތިއުފާ ދޭށޭ.

The name is already taken The name is available. Register?

އަނދިރި

02 August 2017

ވަރަށް ފުރިހަމަ ލިޔުމެއް، ނޭނގިގެން އުޅޭބަޔަކަށް މިލިޔުމުން އެއްޗެއް އެނގޭނެކަމަށް ފެނޭ!

The name is already taken The name is available. Register?

އިބޫ

02 August 2017

އާދެ ވރަށް ރީތި ބަހުން ލިޔެ ފަރުމާ ކުރެވުނު މިރިޕޯޓް ހަމަ ވ ފައްކާ. މަސިހު އަށް ދަންނވަން އޮތީ ކިތަންމެ ގަދަ އެއް ދެއްކކިޔަސް، މި 10 މމެަބރުން ވަކި ކުރިޔަސް ކުރިއަށް އޮތ ް2 މަސް ތެރޭ އިލެކްޓް ވަނި ހަމަ މަސިހ އާއި ދެކޮޅު އެމްޕީ އިންނޭ މި ގައުމުގައި ރައީސް މައުމޫން ރައީސް ނަޝީދު، ގާސިމް އިބރާހިމް އެއްކޮޅަށް އެރީމް ވިން ނުވާނެ ގޮތެއް ނެތޭ..... ވެދުން

The name is already taken The name is available. Register?

ިއިއްސެ

02 August 2017

މަސީހު އަށް ވެދުން ސަލާމް، ދިވެހި ގައުމު ފުނޑާލާފަވެސް ފިނޮޅެއްގައި ހިފަހައްޓަން ތިއުޅެނީ އެ ހިފައިގެން ކަށްވަޅަކަށް ނުދެވޭނެ. ހަމަ ބުނެލީ.

The name is already taken The name is available. Register?

އިތުބާރޭ

02 August 2017

މޮޅުވާހަކައެއް ތިބުނީ. ތިޔަ މަޖުލީހަށް އެހެން މީހަކު ލާފަ މެމްބަރުންނަށް ރިޝްވަތު ޖަހާލާފަ އޭނާ ވައްޓާލީމާ ތިބުނަނީ އިތުބާރު ނެތިއްޔޭ. އެންމެ ރަނގަޅު ގޮތަކީ މިހާރު އިތުބާރު ގަނެލައިފީމޭ މިހެން ބުނުމެވެ.

The name is already taken The name is available. Register?

އިތުބާރޭބޭބެ

02 August 2017

މެމްބަރުން ޕާޓީ ބަދަލުކުރަނީ ރިޝްވަތު ދީގެންކަމަށް ބުނާނަމަ، ފުރަތަމަ އެކަންކުރީ ކޮންބައެއްތޯ؟ ޖޭޕީން އިންތިޚާބުވި 15 މެމްބަރުންގެ ތެރެއިން 10 މެމްބަރުން ޕީޕީއެމްއަށް ގެންދިޔަ. އެމްޑީޕީން އިންތިޚާބުވި 4 މެމްބަރުން ޕީޕީއެމަށް ގެންދިޔަ. އަމިއްލަ އެތައް މެމްބަރުންނެއް ޕީޕީއެމަށް ގެންދިޔަ. ގާތްގަނޑަކަށް 16 ވަރަކަށް މެމްބަރުން ގެންދިޔަނޫންތޯ. ތިވިދާޅުވަނީ ހަމަ ރިޝްވަތުދީގެންނޭތޯ؟

The name is already taken The name is available. Register?

ސަދުބަރަކާ

02 August 2017

ގޯނިހިފައިގެން މެމްބަރުންގާތަށް ދިޔަމީހާ ހުރީ ކޮންފަޅިޔެއްގަތޯ؟ ކާކުތޯ ރިޝްވަތުދިނީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454