ސަމީރު: އޭނާ މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން ވަނީ އަންގާފައި - ފޮޓޯ: މިހާރު
06 ސެޕްޓެމްބަރ 2017 - 15:46
ޖުމްހޫރީ ޕާޓިިީގެ ސެކްރެޓަރީ ޖެެނެރަލް އަހުމަދު ސަމީރު މާދަމާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި، އޭނާ އަށް ޗިޓު ފޮނުވައިފި އެވެ.
އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒް ކައިރީގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ދައުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ސުވާލުކޮށް، ބަޔާން ނެގުމަށް މާދަމާ ހަވީރު 5:00 އަށް ފުލުސް އޮފީހަށް ހާޒިރު ވުމަށް އެ ޗިޓުގައި ސަމީރަށް ވަނީ އަންގައިފަ އެވެ.
މި މައްސަލާގައި މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ސަމީރު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ބަންދުގެ މުއްދަތު އިތުރުކުރުމަށް އޭގެ އަނެއް ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ދިނުމާއި ޖިނާއީ ކުށެއްގައި ބައިވެރިނުވުމަށް ޝަރުތުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
ސަމީރު ދޫކޮށްލިއިރު، ފުލުހުން ވަނީ އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ފުލުހެއްގެ ގައިގައި ޖެހުމާއި ދައުލަތް ހިންގުމުގެ ދާއިރާ އަށް ހުރަސްއެޅުމާއި ތަނަކުން ފިލައިގެން ދިއުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުމުގެ ތުހުމަތު ހިމެނެ އެވެ.
ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ސަމީރު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑައަލީ
07 September 2017
އިދިކޮޅަށް ބަސްބުނާ ކޮންމެ މީހަކު ޖަލަށް މިއީ ޑިމޮކްރަސީތަ ނޫނީ ދީމާކުޜާތީތަ؟
ޖެއްސުމުގަ ހައްދުފަހަނާ
06 September 2017
މަށަށް ފެންނަނީ އިދިކޮޅު އެންމެން ފުލުސް އޮފީހުގަ ނޫނީ ފުލުހުންގެ އިދާރާ ކުރިމަތީ ގޮނޑިއަޅާގެން ނޫނީ ގާގަނޑު މަތީ އަބަދު ތިބެން ގޮވާލާ އިރަށް ވާހަކަ ދައްކަން.. ފުލުހުންގެ ފޫހިފިލުވާދެން..
ޖައިސާމް
06 September 2017
ޔާމިނޫ. ތިހެން އޮބަހައްޓައިގެން ހުރިހާ އެންމެން ޖަލަށްލައިގެން ހިފަހައްޓާލެވޭނީ ވަކިވަރަކަށް.
ހަނދުކޭތަ
06 September 2017
މިޔަންމާއޭ ކިޔައިގެން ވާހަކަ ދައްކާ އިރު މިގައުމަކީ މިހާރު މިދުނިޔެ މަތީ އޮތް އެއްމެ ޖާހިލު ގައުމު. އިންސާނިއްޔެތެއް، އިންސާފެއް ނެތް ގައުމެއް
ހަސަނަ
06 September 2017
ހޭލުންތެރި އެކަކުވެސް ސަލާމަތުން ނުބަހައްޓާތި. މިޔަންމާއެކޭ މި ރާއްޖެއެކޭ މާބޮޑު ތަފާތެއް ނެތް
އިންސާފުގެނަގު
06 September 2017
ސަރުކާރު, ރައްޔިތުންނަށް ހާދަހެޔޮފުޅު އަލުލުއިންސާފު ގާއިމްކުރާ ސަރުކާރެކޭ މިނޫންދުވަހެއް އޮތްކަން ހަނދާންކުރޭ ﷲ ގެ ދަރުބާރުގައި ސުވާލުވެވޭނެކަން. އެދުވަހަކުން އެހީތެރިވެދޭނެ އެއްވެސް މުއައްސަސާއެއްގެ ބާރެއް އާރެއް ނޯންނާނެ ކަލަކު ވޮޑިގެންވޭ ބިރުވެތިވޭ
ހާލަތު
06 September 2017
ފުލުހެއްގެ ގައިގައި ޖެހުން. ދައުލަތް ހިންގުމުގެ ދާއިރާ އަށް ހުރަސްއެޅުން. ތަނަކުން ފިލައިގެން ދިއުން އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުން. ކީކޭ ދެން ބުނާނީ!؟ މިއީ ލައިވްކޮށް ޓީވީން މަންޒަރުތައް ދައްކަމުން ދިޔަ ވަގުތެއްގައި ހިނގި ކަންކަމެވެ. އަހަރެންގެވެސް ސިނކުޑި ގޮވައިފިއެވެ.