ރިޕޯޓް / ބޯހިޔާވަހިކަން

ފްލެޓް ލިސްޓުން އެތައް ބަޔަކު ރުޅިގަދަވެފައި، ޖަވާބެއް ނެތް!

ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް: ގެދޮރުވެރިކަމުގެ މަޝްރޫއުގައި ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލި.

ލިބުނު ޕޮއިންޓުގެ އަދަދުން، އެތައް ބަޔަކު ތިބީ ގެދޮރުވެރިކަމުގެ މަޝްރޫއުން ފްލެޓް ކަށަވަރުކޮށްގެންނެވެ. އާއްމުކޮށްފައިވާ އުސޫލަށް ބަލާއިރު ވެސް 90 ޕޮއިންޓަށް ވުރެން މަތިން މާކްސް ލިބުނު މީހުންނަށް ފުރުސަތު ބޮޑެވެ. ހަތަރު އަހަރުގެ ދިގު އިންތިޒާރު މިދިޔަ ހޯމަ ދުވަހު ނިމުނުއިރު، ލިސްޓު ނެރެފައި އޮތީ އުއްމީދުކުރި ގޮތަކަށް ނޫނެވެ. އެ ލިސްޓުން ވާނުވާއެއް ނޭނގެ އެވެ. ފޯމު ހުށަހެޅި ގާތްގަނޑަކަށް 15،000 މީހުންގެ ތެރެއިން ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަމެއް، ކޮން އުސޫލަކުން ކަމެއް ވެސް ސާފެއް ނޫނެވެ. ފްލެޓް ދިނީ އެންމެ ހައްގުކަން ބޮޑު މީހުންނަށްތޯ ސުވާލު އުފައްދާނެ ޖާގަ ވެސް ލިސްޓުގައި އޮތީ ދީފަ އެވެ.ި

މި މަޝްރޫއުގައި ފްލެޓަށް ކުރިމަތިލީ މީހުން ފުރަތަމަ ޝަކުވާ ކުރަން ޖެހުނީ، ލިސްޓު އާއްމުކުރުން ލަސްވާތީ އެވެ. ފޯމުތައް އިވެލުއޭޓްކޮށް، ދިރިއުޅުމުގެ ހާލަތު ބަލަން ހަތަރު އަހަރު ނެގުމަކީ އެތައް ބައެއްގެ ކަންބޮޑުވުމެކެވެ. މި މުއްދަތުގައި އެތައް ބައެއްގެ ދިރިއުޅުމުގެ ހާލަތު ވަނީ ބަދަލުވެފަ އެވެ. ފްލެޓް ދޭނީ މި ބަދަލުތަކަށް ރިއާޔަތްކޮށްފައިތޯ ސުވާލު އުފައްދަމުން ދަނިކޮށް، ހޯމަދުވަހު ލިސްޓު އާއްމުކުރުމާ އެކު އެތައް ބައެއްގެ ރުޅިގަނޑު ފަޅައިގެންދިޔައީ އެވެ.

ފްލެޓަށް ޝަރުތު ހަމަވީ 661 މީހުންގެ ލިސްޓު އާއްމުކުރީ، އެއީ ކޮން ބައެއް ކަން ސިއްރުކޮށްފަ އެވެ. މީގެ ކުރިން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނީ ކޮން ބައަކަށް ކަން އާއްމުކުރި އެވެ.

ކުރީގެ ސަރުކާރުތަކުން ފްލެޓް ދީފައިވާ ގޮތަށް ފާޑުކިޔައި ހައުސިން މިނިސްޓްރީން މިފަހަރު ބުނަމުން އައީ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފަހު ފްލެޓް ދޭނީ އެންމެ ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ. އެ ޔަގީންކަން އެތައް ފަހަރަކު ނޫސްވެރިން މެދުވެރިކޮށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދެއްވި އެވެ. އެކަމަކު މި ސަރުކާރުގެ ބެލުމުގެ ދަށުން ފުރަތަމަ ދޫކުރި ފްލެޓްތައް ލިބުނީ އޭގެ އެންމެ ހައްގުވެރިންނަށްތޯ މިހާރު މި ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބުތަކެއް ވެސް ހުރީމަ އެވެ.

ފްލެޓް ލިބުނީ ކިތައް ޕޮއިންޓުން؟

ލިސްޓު އާއްމުކުރުމާ އެކު އެތައް ބަޔަކު ކުރަން ޖެހުނީ މި ސުވާލެވެ. އެކަމަކު ޖަވާބު ނުލިބި، ޝައްކުތައް ހައްތަހާ ވަނީ ބޮޑެވެ. މީގެ ކުރިން، ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމުކުރަނީ ފްލެޓް ލިބުނީ ކޮން ބަޔަކަށްތޯ އަދި ކިތައް ޕޮއިންޓުންތޯ ސާފުވާ ގޮތަށެވެ. އެކަމަކު މިފަހަރު ލިސްޓު އާއްމުކޮށްފައި އޮތީ ހަމައެކަނި ފޯމު ނަމްބަރާ އެކުގަ އެވެ. މިއީ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުންދާ މައްސަލައެކެވެ.

މިފަހަރު ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބިގެންތޯ އަދި ފްލެޓަށް ޝަރުތު ހަމަނުވީ ކިތައް މާކްސް މަދުވެގެންތޯ ވެސް ސާފުވާގޮތެއް އަދި ނުވެ އެވެ. ފްލެޓަށް އެދި ހުށަހެޅި ފޯމުގައި ހިމެނި މައުލޫމާތަށް ދިން ޕޮއިންޓްގެ އިތުރުން ދިރިއުޅުމުގެ ހާލަތު ބަލަަން ކުރި ސާވޭ އަށް ފަހު ލިބުނީ ކިތައް ޕޮއިންޓްތޯ ވެސް ނޭނގެ އެވެ. އެންމެ މުހިއްމީ ދިރިއުޅޭ ހާލަތެވެ.

ޕޮއިންޓް ދިން ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މީހުން ދެކޭ ގޮތުގައި ފްލެޓް ލިބުނީ ކޮން ބަޔަކަށް ކަން އެނގޭ ގޮތަށް ލިސްޓު އާއްމުނުކުރީ، ހައްގު ނޫން މީހުންނަށް ފްލެޓް ދީފައިވާ ކަން ފަޅާއަރާފާނެތީ އެވެ. އެއް ބަޔަކަށް 90 އަށް ވުރެ މަތިން ޕޮއިންޓް ލިބި ފްލެޓް ކަޓާފައިވާއިރު، އެއަށް ވުރެ ދަށުން މާކްސް ލިބުނު އެތައް ބަޔަކަށް ފްލެޓް ލިބުނީ ކޮން އުސޫލަކުންތޯ ސާފުކޮށްދޭން ވެސް އެތައް ބަޔަކު ދަނީ އެދެމުންނެވެ. ސަތޭކަ ޕޮއިންޓް ލިބުނު މީހެއްގެ ނަން ވެސް ލިސްޓްގައި ނެތްކަން ސޯޝަލް މީޑިއާ އިން އާންމުވި އެވެ.

"ކެޓަގަރީ އެކަކުން ކުރިމަތިލި، ނޭވާނުލެވޭ ވަރުގެ ތަންކޮޅެއްގައި އެތައް ދަރިން ގޮވައިގެން އުޅޭ މީހުންނަށް ވެސް ފްލެޓް ހައްގެއް ނުވޭ. އެކަމަކު އެއަށް ވުރެ މަދުން ދަރިން ތިބެ، މަންމަ އާއި ބައްޕަގެ މާލޭގެ ގެދޮރު ހުރެ ބޯހިޔާވަހިކަން ލިބޭނެކަން ކަށަވަރުވާ މީހުންނަށް އެ ކެޓަގަރީން ފްލެޓް ލިބިފައިވޭ. މިއީ ޕޮއިންޓް ދިނުމުގައި ކޮން ކަހަލަ އިންސާފެެއްތޯ؟" ޕޮއިންޓް ދިން ގޮތާ މެދު ނުރުހުންވެ ޓުވިޓާގައި މީހަކު ލިއެފައިވެ އެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމުނުކުރީ އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ. މިވާހަކަ ފްލެޓަށް ކުރިމަތިލީ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ.

"ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމުނުކުރީ ހައްގު ރައްކާތެރިކުރާކަށް ނޫން. ފްލެޓް ދިނީ ލިބުނު މާކްސްގެ ތަރުތީބަކުން ނޫން. އެހެންވެ އާއްމުކުރަން ނުކެރެނީ. ފްލެޓް ލިބުނުކަން އާއްމުކުރަން ބޭނުން ނުވާ މީހަކު އެތައް ގަޑިއިރެއް ވަންދެން ދިގު ކިއޫއެއްގައި ޖެހިގެން ފްލެޓަށް އެދި ފޯމު ހުށައެއްނާޅާނެ،" އެކަކު ކުރި ކޮމެންޓެއްގައިވެ އެވެ.

މިފަހަރު ދޫކުރާ ފްލެޓްތައް: ފްލެޓް ދިން ގޮތުގެ ތަފްސީލް ހާމަނުކުރާ މައްސަލަ ވަނީ އޭސީސީ އަށް ހުށަހަޅާފައި.

ފްލެޓްތައް ދޭން ކަނޑައެޅި ބައިތައް

- މި މަޝްރޫއުގައި ކެޓަގަރީ އެކަކުން ފްލެޓް ދޫކުރަނީ މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ވާ މީހުންނާއި މާލޭގައި ރަށްވެހިވެފައިވާ މީހުންނަށް.

- ދެ ވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނަށް، ތިން ވަނަ ކެޓަގަރީ ހާއްސަކޮށްފައި ވަނީ ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންގެ ތެރެއިން އެ ބިންކޮޅު އެއްކޮށް ސަރުކާރަށް ދޭން އެއްބަސްވާ މީހުންނަށް.

- ތިން ކެޓަގަރީގައި ވެސް ޕޮއިންޓް ދިނުމުގައި ބަލާ ގޮތަށް އޮތީ މާލޭގައި ރަށްވެހިވެފައިވާ މުއްދަތަށާއި ބޯހިޔާވަހިކަމުގެ ހާލަތާއި އެ މީހަކު ދިރިއުޅޭ ހާލަތަށް. އޭގެ ތެރޭގައި ދަރިންގެ އަދަދާއި އާއިލާގެ އާމްދަނީ ހިމެނޭ.

އެތައް ބައެއްގެ ހައްގު، ދެ ފުށް ފެންނަން ޖެހޭ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ދޫކުރަން އިއުލާންކުރި 1،100 ފްލެޓަށް އެތައް ހާސް ބައަކު ކުރިމަތިލީ މިހާރު ދިރިއުޅެމުން އަންނަ ދަތި ހާލަތުން އަރައިގަނެވޭނެ ކަމުގެ އުއްމީދުގަ އެވެ. ތިން ކެޓަގަރީއަކަށް ބަހާލި މި މަޝްރޫއުގައި ދޫކުރަން ނިންމި ފްލެޓްގެ އަދަދު ފަހުން ބަދަލުވީ 704 އަށެވެ. އޭގެ ފަހުން ލިސްޓު އިއުލާންކުރިއިރު، ދޫކުރަން ނިންމާފައި މިއޮތީ 661 ފްލެޓެވެ. މި މަަޝްރޫއަށް ކަނޑައެޅި ޖުމްލަ އަދަދު ދޫނުކުރެވުނީ ކީއްވެކަން ވެސް މިއޮތީ ސާފުކޮށްދޭން ޖެހިފަ އެވެ.

މާލޭގައި ގެދޮރުގެ ދަތިކަން އިންތިހާ އަށް ބޮޑެވެ. ގެދޮރުވެރިކަމުގެ މަޝްރޫއަށް ކުރިމަތިލީ އެންމެންނަށް ފްލެޓެއް ނުދެވޭނެ އެވެ. އެއީ ސަރުކާރަށް މި ވަގުތު ކުޅަދާނަ ކަމެއް ވެސް ނޫނެވެ. އެކަމަކު، އޭގެ ތެރެއިން ފްލެޓް ލިބުނީ އެންމެ ހައްގުވެރިންނަށްތޯ ޔަގީންކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ.

އެތައް ބައެއްގެ ހައްގުތައް އެކުލެވިގެންވާ މި މައްސަލާގައި އިންތިހާ އަށް ޝަކުވާ ބޮޑުވެފައިވާއިރު ވެސް ހައުސިން މިނިސްޓްރީ ހިމޭނުން އޮތުމަކީ މައްސަލައެކެވެ. ފްލެޓް ލިބުނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށްތޯ ސާފުކޮށްދޭން ޖެހެ އެވެ.

ހައުސިން މިނިސްޓްރީން އެކަން ކުރަން ބޭނުން ނުވާ ނަމަ، ކަމާ ބެހޭ އެހެން އިދާރާތަކުން ވެސް މި މައްސަލަ ބަލަން ޖެހެ އެވެ. ފްލެޓް ދިން އުސޫލު ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެ އެވެ. އެއީ އެތައް ހާސް ބަޔަކާ ގުޅިފައިވާ މައްސަލައަކަށް ވާތީ އެވެ.

71 ކޮމެންޓް, 125 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 53%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޯދިގު

17 September 2017

ޕީޕީއެމް އޮފީސް ބޯއީއެއް ބުނި ތިކަމާ ހާސްނުވާށޭ 2018 ނިމުމުގެ ކުރިން 14000 މީހުން ނަން ފުލެޓް ލިބޭނެ ވާހަކަ ވަރައް އުފަލުން މިހުރީ އެހެން ބުނީމަ .... މިފަހަރު ލިބުނު ބޭފުޅުން ނަން މަރުހަބާ!

The name is already taken The name is available. Register?

ފާރިސް

15 September 2017

ތިމާ އަކީ ފްލެޓް ލިބެންޖެހޭ މީހެއް ނޫންކަން އެނގޭ އިރުވެސް އެކަމަށް ކުރިމަތިލާ މީހުންނަކީ މާ ބޮޑު މުނާފިގުން. މުނާފިގު ވިސްނުން ތިބި މީހުންގެ ތެރޭގަ ވެރިކަން ކުރާ މީހާ ވެސް ހުންނަން ޖެހޭނީ ތާށިވެފަ.

The name is already taken The name is available. Register?

ފުލެޓް

15 September 2017

ރުޅިމަޑެއްނު އަދިވެސް

The name is already taken The name is available. Register?

މުސަ

14 September 2017

ދިވެހީންނަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެއެވެ. ކިހިނެއްތޯ 15000 މީހުންނަަށް އެއް ފަހަރާ މިވަގުތަށް ނިމިފަހުރި 661 ފުލެޓް ދެވޭނީ. ކެތްތެރިކަމާއެކު މަޑުކޮށްލާ ބާކީތިބި މީހުންނަަސްވެސް އިރާދުކުރެއްވިއްޔާ އަދި ފުލެޓްތަށް އެބަ ނީމޭ ވ އަވަހަށް ނިމޭވަރަކުން ހަވާލުކުރަމުންދާނީ

The name is already taken The name is available. Register?

ނިކަމެތިި މީހާ ):

14 September 2017

11،12،13 މި 3 ދުވަހު ވެސް ހެނދުނު 11:30 ގައި ހައުސިންގެ ބޮޑެތި މީހުންނާއި ބައްދަލްކޮށް ފްލެޓް ދެވިފައިވާ ގޮތާއި މެދު އާންމުންނަށް މައުލޫމާތު ސާފު ކުރެވޭ ގޮތަށް މީޓިން އެއް ބޭއްވި. އެންމެންގެވެސް ބޮޑު ސުވާލަކަށްވީ ފްލެޓް ދެވިފައިވަނީ އިންސާފުން އެންމެ މަތިން ޕޮއިންޓް ލިބުން މީހުންނަށްތޯ. އެކަމް ޖަވާބެެއް ނުލިބުން. ކަންތައް ވެފަ އޮތް ގޮތް ނޭނގޭ ކަމަށް ބުނެ ޖަވާބުދާރީ ވާން އައި އިސްވެރިން ހުރީ ހަނު. މީޓިންވެސް ބާއްވަނީ އެއްވެސް އިއުލާން އެއް ކުރުމެއްނެތި އެ ދުވަހަކު އެ ވަގުތު ޝަކުވާއާއިގެން ގޮސް ތިބޭ މީހުންނަށް އެކަނި

The name is already taken The name is available. Register?

ކކކކކކކ

14 September 2017

ފްލެޓް ލިބުނު މީހުނަށްވުރެ ފްލެޓަށްއެދި ފޯމް ހުށަހެޅި މީހުން ގިނަވުމާގުޅިގެން، ފްލެޓް ނުލިބޭ ކޮންމެ މީހަކުވެސް ހުންނާނީ ރުޅިގަދަވެފައެވެ. ފްލެޓް ލިބުނު މީހުން ތިބޭނީ ހިތްހަމަ ޖެހިފައެވެ. އެހެންވީމާ، އަޑުގަދަވާނީ ފްލެޓް ނުލިބޭ މީހުންގެ އަޑެވެ.

The name is already taken The name is available. Register?

ހާނިދު

14 September 2017

ކެޓެގަރީ 1 އިން އަޅުގަނޑަށް 98 ޕޮއިންޓްސް ލިބުނު އެކަމަކު ފްލެޓެއް ނުލިބޭ، ނަމަވެސް އަޅުގަނޑުދަންނަ މީހަކަށް 82 ޕޮއިންޓްސް ލިބި އޭނަގެ ފޯމްނަމްބަރު ޢިޢުލާންގައި އެބައިން. މިޝަކުވާ އަޅުގަނޑުވާނީ މިއަދު ސިޓީއެއް މެދުވެރިކޮށް ހައުސިންއަށްލާފައި. ޖަވާބު އަންނަގޮތަކުން، އޭސީސީ އަދި އެޗްއާރްސީއެމް އަށް ދާން ރެޑީވެހުރީމެވެ.!

The name is already taken The name is available. Register?

ޒަމާން

14 September 2017

ދަރުމަވާނެ.....އުޞޫލާ އެއްގޮތަށް ކަންކަން ގެންގޮސްދީބަލަ.....

The name is already taken The name is available. Register?

އަބްދުއްރަހީމް

14 September 2017

85 އާއި 100 މާކްސް އާއި ދެމެދު މާކްސް ލިބުނު އެތައްބަޔަކު އަހަރެން ދަންނަން ، އަހަންނަކީވެސް ފްލެޓަށް ކުރިމަތިލީ މީހަކަށްވާތީ ގާތް ރައްޓެހިންވަނީ ލިބުނުމާކްސް ހިއްސާ ކޮއްފާ ، އެކަމަކު އެއިން އެކަކަށްވެސް ފްލެޓެއް ނުލިބޭ ، އެކަމަކު މެޑަމްގެ ބޮޑީގާޑެއްގެ އަނބިކަބަލުންނަށް ފްލެޓެއް ލިބުނު ، އޭނާގެ މާކްސް އަކީ 82 . މިވަރުގެ ބޮޑު އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާކަށް ނުވާނެއެއްނު

The name is already taken The name is available. Register?

ަާއާނަ

14 September 2017

އެންޓި ކޮރަޕްޝަނުން މި މައްސަލަ ބަލުން އެދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454