ޖަލްސާއެއްގައި މައުމޫން ވާހަކަ ދައްކަވަނީ: އދ. ގައި އިއްޔެ ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ގުޅުންހުރި ވޯޓެއް ކަމަށް ވިދާޅުވި-- މިހާރު ފޮޓޯ: ހުސައިން ވަހީދު
16 ސެޕްޓެމްބަރ 2017 - 17:36
ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުންދާ ގަތުލު އާންމުތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ އެޖެންޑާގައި ހިމެނުމަށް އދ. ގައި އިއްޔެ ނެގި ވޯޓުގައި ރާއްޖޭން ބައިވެރިނުވުމަކީ ލަދުވެތި ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ބޮޑު ގަތުލު އާންމެއް ހިންގަމުން ދަނިކޮށް އދ. ގައި އިއްޔެ ނެގި ވޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމާ މެދު ނެގި ވޯޓެކެވެ. އެކަމަކު އެ ވޯޓުގައި ރާއްޖެ ބައިވެރިއެއް ނުވެ އެވެ.
މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަންމާގެ މުސްލިމުންގެ ހިމާޔަތުގައި ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުން ދާއިރު މުސްލިމް ގައުމެއް ކަމަށްވާ ރާއްޖެ އިން އެ ވޯޓުގައި ބައިވެރި ނުވުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އިއްޔެ ނެގި ވޯޓަކީ މިއަންމާގެ މައްސަލަ އަށް ވަރަށް މުހިންމު ވޯޓެއް ކަމަށާއި އެ ވޯޓުގެ ސަބަބުން ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވަން ބާރު އެޅޭނެ ކަމަށް އެ ޓްވީޓްގައިވެ އެވެ.
"އަޅުގަނޑުމެންގެ ދައުލަތުގެ ބައެއް އިސް ވެރިންނަށް މިކަން ނޭނގުމަކީ ލަދުވެތި ކަމެއް،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
އެ މައްސަލަ އެޖެންޑާގައި ހިމަނަން ބޮޑު އަޣުލަބިއްޔަތަކުން ވަނީ ފާސްވެފަ އެވެ. އެ ވޯޓުގައި ރާއްޖެ ބައިވެރި ނުވުމުން އެކަމަށް ފާޑު ކިޔުން އަމާޒުވުމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ ވޯޓަކީ މިއަންމާގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ގުޅޭ ވޯޓެއް ނޫން ކަމަށާއި އެ މައްސަލައިގައި ރޮހިންޖާގެ މައްސަލަ ނުހިމެނޭ ކަމަށެވެ. އަދި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންގެ މައްސަލައަކީ ރާއްޖެ އިން އަބަދުވެސް ކުށްވެރިކުރާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުން
17 September 2017
އެ ގަރާރު ކިޔާލިންތަ؟ އޭގަ އޮތްއެއްޗެއް ނޭނގި ކޮމެންޓް ނުކޮށްބަލަ މައުމޫނޫ
ފޮނިޓައްޕު ހަސަނު
17 September 2017
ސައުދި އަރަބިއާ ހިންގާ ގަތުލު އާއްމު ތަހުގީގު ކުރަންޖެހިދާނެތީ އެމީހުން ރުއްސަންވެގެން ބައިވެރި ނުވީ. ކޮބާ މިނިވަންކަން.
އާދަނު
17 September 2017
ހުސްދޮގު. އިޒްރޭލަށް ބާރު ދޭން ހުށަހެޅި ފެންނަ ނުފެންނަ ވޯޓެއް މީ.
ގެދާނޯމޮސް
17 September 2017
ވޯޓްގައި ބައިނުވާވަރުގެ ވެރިޔަކު މިގައުމުގެ ވެރިކަމަށް ގެނައީ ތިޔަމައުމޫނެވެ. ލަދުކޮބައިތޯއެވެ...!؟؟
ބިއްލާދިން
17 September 2017
ސަރުކާރުން ބެހެއްޓި ފަންޑު ފޮށި ލާރިކޮޅާމެދު ސުވާލު އުފެދިއްޖެ ވޯޓު ނުދިނުމުން
ސޮކްތެރެޕީ
17 September 2017
ވޯޓު ނުލިޔަސް އެއޮތީ ފާސްވެފާ.
އިޔެ
16 September 2017
ވޯޓުގައި ބައިވެރިނުވީ ސުޢޫދީ ސިފައިން ޔަމަނުގައި ހިންގަމުން ގެންދާ ޖަރީމާތައް ތަހުޤީގު ކުރާނެތީ. ރާއްޖެއަކީ މިނިވަން އިސްތިޤްލާލު ޤައުމެއް؟
ފްލެޓް
16 September 2017
ރޮހިންޖާ މީހުންނަށް ފާއިސާ ދިން އިރު ހީވަނީ ދިވެހިން ހާ ހެޔޮ ބަޔަކު ނެތް ހެން. ހަމަ މި ދުވަސްކޮޅު މި އިވުނީ ފްލެޓް ލިބެން ނުޖެހޭ މީހުން އެކަމަށް ކުރިމަތިލައިގެން ފްލެޓް އަތުލި ވާހަކަ. މީހުންގެ މަކަރުވެރިކަން މިހާރު އުޅެނީ އިބިލީހަށް ވުރެވެސް މަތީގަ.
ތުއްތާ
16 September 2017
ސޫތީ ގެ ގައުމާއި އަށް މިލިޔަނާއި މި ގުޅުން އޮތްހާ ހިނދަކު ކޮން ބަޔަކަށް ރުހުން ދެވޭނީ؟
ހާމާނު7
16 September 2017
ގަތުުލު އާންމު ހުއްޓުވަން ކަމެއް ކުރާނެ ކަމެއްނެތް. ފަންޑް ފޮށި ބަހައްޓާލާފައި ގުނޫތު ކިޔާ ޗެކެލްތަކުން ދެބޯގެރި ދުއްވާލަނިކޮށް އެނިމުނީ!
ޒެޑްސް 1
16 September 2017
ރާއްޖެ ސަލާމަތީ މަޖިލީހުގައި ބައިވެރިވުމަށް ރާއްޖެ ބޭނުން. މިކަމަށް ބޮޑެތި ގައުމުތަކުގެ ސަޕޯޓު ބޭނުންވޭ. ވެދާނެ ދޯ ޗައިނާ އިން ބުނީކަމަށް ސަލާމަތީ މަޖިލީހަށް ރާއްޖެ ވެއްދުމުގައި ތިމަންނަ މެން ގެ ތާއީދު މިކަމަށް ލިބޭނީ މި ނެގި ވޯޓުގައި ބައިވެރި ނުވީމައޭ.