ޚަބަރު / މީޑިއާ

އާ ކޮމިޝަން، މީޑިއާތަކަށް އިތުރު ބިރުވެރިކަމެއް؟!

ނޫސްވެރިންތަކެއް މުޒާހަރާއެއް ކަވަރު ކުރަނީ: އާ ކޮމިޝަންގެ ބިލުގައި މީޑިއާތަކުން ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި.

ނޫސްވެރިން އޮބިއަޅުވަން ފާސްކުރި އަބުރުގެ ގާނޫނާ އެކު ރާއްޖޭގެ މީޑިއާތައް މިވަނީ "ނޭވާ ހޮޅި އަށް" އެޅިފަ އެވެ. އެ ގާނޫނާ އެކު މީޑިއާތަކަށް ހަތަރު ފަރާތުން ވެސް އޮތީ ބިރުވެރިކަމެވެ. އެކަމަކު އެވަރުން ވެސް ސަރުކާރުން ބޭނުންވި މަގްސަދު ހާސިލެއް ނުވި އެވެ. އެހެންވެ، އާ ކޮމިޝަނެއް ވުޖޫދު ކޮށްގެން ނަމަވެސް ނޫސްވެރިން މައިތިރިކުރުމުގެ މަސައްކަތް އަނެއްކާ މިވަނީ ފަށައިފަ އެވެ.

ސަރުކާރުން މިފަހަރު ނިންމީ، ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް ވެސް އުވާލުމަށް ފަހު މުޅިން އާ ކޮމިޝަނެއް އުފައްދާށެވެ. އެ ކޮމިޝަން އުފެއްދުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފުރަތަމަ ކިއުން ވެސް އިއްވައިފި އެވެ. ފުލުހުން މެދުވެރިކޮށް ވަކި ކޮންޓެންްޓްތަކެއް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް، ބްރޯޑްކާސްޓަރުންގެ ލައިސަންސް ބާތިލްކުރަން ކޯޓަށް ހުށަހެޅުމުގެ ބާރު ލިބިދޭ ގޮތަށް އުފައްދަން އުޅޭ ކޮމިޝަނާ ގުޅޭ ބިލުގައި މީޑިއާތަކުން ކަންބޮޑުވާ އެތައް ކަމެއް އެބަހުއްޓެވެ. އޭގައި ހިމަނާފައިވާ ބައެއް މާއްދާތަކަށް ބަލާއިރު އާ ކޮމިޝަނާ އެކު މީޑިއާތަކަށް ކުރިއަށް ވުރެ ވެސް ބިރުވެރިކަން ބޮޑުވާނެ އެވެ. މިނިވަން ނޫސްވެރިކަން ހައްތަހާ ދާނީ ފަހަތަށެވެ.

ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދު ފޮނުއްވި ބިލުގައިވާ ގޮތުން މީޑިއާ ކޮމިޝަންގެ ބިލު ގާނޫނަކަށްވެ، ތަސްދީގު ކުރަން ފެށުމާ އެކު، މީޑިއާ ކައުންސިލްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ބައެއް މާއްދާތައް އުވޭނެ ކަމަށެވެ. އެއީ، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތަކެވެ.

މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން މިހާރު އެކުލެވިގެންވާ ގޮތް: މި ދެ މުއައްސަސާ އުވާލައި ހަތް މެމްބަރުންގެ ކޮމިޝަނެއް އުފައްދަން ސަރުކާރުން ވަނީ ނިންމާފައި.

ބިލުގައި ހިމަނާފައިވާ ބައެއް ކަންކަން:

- ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓަރުންނާއި ނޫސް މަޖައްލާތަކާއި މީޑިއާގައި މަސައްކަތް ކުރާ މީހުންނާއި ނޫސްވެރިން އަމަލުކުރަނީ ގާނޫނާ އެއްގޮތަށްތޯ ބެލުން.

- މީޑިއާއާ ގުޅުން ހުރި މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ކޮމިޝަނަށް ދީފައިވޭ. އެގޮތުން މައްސަލަތައް ބަލަން މީހުން ކޮމިޝަނަށް ހާޒިރު ކުރުމާއި އާންމުކޮށް ހުޅުވާ ނުލައި މައްސަލަތައް ބެލުމާއި ކޮމިޝަންގެ މެމްބަރަކަށް އެކަނި މައްސަލަ ބެލުމުގެ ބާރާއި ހެކި ހޯދުމުގެ ބާރު ދީފައިވޭ.

- މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު އެ ކޮމިޝަނަށް ދީފައިވޭ.

- އެއްވެސް މައުލޫމާތެއް ހޯދުމަށް ނޫހެއްގެ ނުވަތަ މަޖައްލާއެއްގެ އިދާރާގައި ކޮމިޝަނުން އެދިއްޖެ ނަމަ، އެދުނު ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ނޫހުގެ ނުވަތަ މަޖައްލާގެ މަސްއޫލުވެރިޔާ އެ މައުލޫމާތެއް ކޮމިޝަނަށް ދޭންޖެހޭ. މިއީ، ނޫސްވެރިކަމުގެ އެންމެ މުހިއްމު އެއް އަސާސްކަމަށްވާ މަސްދަރު ސިއްރުކުރަން ހުރސްއެޅޭ ގޮތަށް އޮތް މާއްދާއެއް.

- މައްސަލައެއް ބަލަން ފަށާތާ މަހެއް ތެރޭގައި ކޮމިޝަނުން ގޮތެއް ނިންމަންޖެހޭ.

- މީޑިއާތަކާ މެދު ބޮޑެތި ފިޔަވަޅު އެޅުމުގެ ބާރު ދީފައިވޭ. އޭގެ ތެރޭގައި އާމްދަނީގެ ދެ ޕަސަންޓަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމާއި ޕްރޮގްރާމް ޝެޑިއުލްގެ ބައެއް ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމާއި ފުލުހުން މެދުވެރިކޮށް ވަކި ކޮންޓެންްޓްތަކެއް ބްރޯޑްކާސްޓް ކުރުން ހުއްޓުވުމާއި ތަކުރާރުކޮށް ގާނޫނާއި ގަވައިދާ ހިލާފުވާ ނަމަ، ލައިސަންސް ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ލައިސަންސް ބާތިލް ކުރުން ހިމެނޭ.

- ނޫހަކުން ނުވަތަ މަޖައްލާއަކުން ޝާއިއުކުރާ ކޮންޓެންޓަކީ އިިސްލާމް ދީނާއި ގައުމީ ސަލާމަތާއި އާންމު ނިޒާމު ނުވަތަ، އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ބެލެވިދާނެ ހާލަތުގައި ފުލުހުން މެދުވެރިކޮށް އެ ކޮންޓެންޓެއް ޝާއިއުކުރި ވަސީލަތެއް ހުއްޓުމަކަށް ގެނައުމަށް ކޮމިޝަނަށް އެންގޭނެ ކަމަށް ބިލުގައިވޭ.

- ނޫހަކުން ނުވަތަ އަމިއްލަ މަޖައްލާއަކުން ތަކުރާރުކޮށް ގާނޫނާއި ގަވާއިދު ހިލާފުވަމުން ދާނަމަ، އެ ފަރާތުގެ ރަޖިސްޓްރީ ބާތިލް ކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު، ކޯޓުން ނިންމާ ގޮތެއްގެ މަތިން ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ވެސް މީޑިއާ ކޮމިޝަނަށް ދީފައިވޭ.

- ތަކުރާރުކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާ ނަމަ، 10،000ރ. އާއި 100،000ރ. އިން ޖޫރިމަނާ ކުރުމާއި އިސްލާހު ކުރަން ޖެހޭ ކަންކަން ކުރަންދެން، ނުވަތަ މައްސަލަ ބަލައި ނިމެންދެން އެ ތަނެއް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލަން އެންގުމުގެ ބާރު ދީފައިވޭ.

މީޑިއާތައް "އިނދަޖައްސާނެ"، ސިޔާސީ ކޮމިޝަނެއް!

މީޑިއާތަކުން މިހާރު ވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރާ އެއް ކަމަކީ، ބްރޯޑްކާސްޓިން ކޮމިޝަން ސިޔާސީވެފައި އޮތުމެވެ. މިނިވަން ކޮމިޝަނެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތަސް ސަރުކާރުން ބޭނުންވާ ބަޔަކު އެ ކޮމިޝަނަށް އައްޔަންކޮށްގެން ސަރުކާރުން ބޭނުންވާހާ ގޮތަކަށް މީޑިއާތަކާ ދޭތެރޭގައި ފިޔަވަޅުތައް އަޅަމުން ދިއުމެވެ.

އެ ކޮމިޝަނުގެ ނިންމުންތަކުގައި ހަމަހަމަކަމާއި އިންސާފުވެރިކަން ނެތް މިންވަރު މި ފަހުން ނިންމި މައްސަލަތަކުން އެ އޮތީ ފެންނާށެވެ. މިކަމާ ގުޅިގެން މީޑިއާތަކާއި ނޫސްވެރިން ދަނީ އިހްތިޖާޖު ވެސް ކުރަމުންނެވެ. އެކަމަކު، މި ކަންބޮޑުވުންތަކާއި ޝަކުވާތައް އަހާކަށް ސަރުކާރުން ބޭނުމެއް ނުވެ އެވެ. އާ ކޮމިޝަނެއް އުފައްދަން މިއުޅެނީ، ސިޔާސީ ނުފޫޒު އަނެއްކާ ވެސް އޭގެ ތެރެއަށް ވަރަށް ބޮޑަށް ފޯރާ ގޮތަށެވެ.

"ބްރޯޑްކާސްޓިން ކޮމިޝަން ސިޔާސީ ވެފައި އޮތަސް މީޑިއާ ކައުންސިލުން އަމަލުކުރަމުން އަންނަނީ އުސޫލްތަކާ އެއްގޮތަށް. އެ ކޮމިޝަނެކޭ އެއްގޮތަށް މީޑިއާ ކައުންސިލުން އަމަލުނުކުރާތީ ސަރުކާރުން ރުޅިއާދޭ، ހިތްހަމައެއް ނުޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް މަޖިލީހުގެ ކޮމެޓީތަކުގައި މި ހިތްހަމަނުޖެހުން ފާޅުކޮށްފައިވޭ،" ރާއްޖޭގެ ސީނިއާ ނޫސްވެރިއަކު ވިދާޅުވި އެވެ.

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން މިދިޔަ ބުދަ ދުވަހު މުޒާހަރާ ކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މި ބިލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރެއްވި، ރާއްޖޭގެ ސީނިއަ ނޫސްވެރިން ވިދާޅުވި ގޮތުގައި އެ ބިލުގައިވާ ބައެއް ކަންކަމަށް ބަލާއިރު، އެއީ މީޑިއާތައް އިނދަޖައްސަން އުފައްދާ ސިޔާސީ ކޮމިޝަނެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތެވެ. އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، މީޑިއާތަކަށް މެމްބަރުން ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދީފައިވުމެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަނަށް މެމްބަރުން އިންތިހާބުކުރުމާއި ވަކިކުރުމުގެ ބާރު ދީފައި ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. އެކަމަކު މަޖިލިހަށް ނަން ފޮނުއްވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

މިއީ، ސަރުކާރުން ބޭނުންވާ ބަޔަކު ކޮމިޝަނުގައި ބައިތިއްބައިގެން ހިތު ހުރިހާ ގޮތަކަށް ކަންކަން ކުރަން ވެގެން ކުރާ ކަމެއް ކަމަށް ވެސް ތުހުމަތުކުރެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީ ވަނީ 500،000ރ. އިން ޖޫރިމަނާކޮށްފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސަން އޮންލައިންގެ ޗީފް އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ރާއްޖޭގައި ދެ މުއައްސަސާއަކުން މީޑިއާތައް ރެގިއުލޭޓްކުރާ ގޮތަށް މިހާރު އޮންނަ ގޮތް ބަދަލުކޮށް، އެއް ފުރާޅަކަށް ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. މީޑިއާތަކަށް ހާއްސަކޮށް ވަކި ދެ މުއައްސަސާއެއް އޮތުން ލާޒިމު ނޫން ކަން ފާހަގަކުރައްވަމުން ވިދާޅުވީ މައްސަލައަކަށް ވާނީ ކޮމިޝަނަށް މެމްބަރުން ކަނޑައަޅާ ގޮތް ކަމަށެވެ.

"ދެ މުއައްސަސާ އެއްކޮށްލާ އިރު މިނިވަންކަމާއެކު ރެގިއުލޭޓްކުރެވޭނެ ބަޔަކު އިންތިހާބު ކުރެވޭ ގޮތަށް އެކަން އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިސާލަކަށް، މީޑިއާތަކުގެ ތެރެއިން އިންތިހާބުވާ ބަޔަކާއި ދެން ރައްޔިތުންގެ މަޖިލީހުން، ރައީސުލް ޖުމްހޫރިއްޔާ ނޫނިއްޔާ ސަރުކާރުން ކަނޑައަޅުއްވާ ބައެއް. އެއީ ތިން މެމްބަރުން ސަރުކާރުން ކަނޑައަޅައި އަނެއް ހަތަރު މެމްބަރުންނަކީ މީޑިއާ އިން ކަނޑައަޅާ ބަޔަކަށް ވުން. އޭރުން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދެވޭނީ،" ހިރިގާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މައްސަލަތައް އިންސާފުވެރިކަމާ އެކު ތަހުގީގުކޮށް، ފިޔަވަޅު އެޅޭނީ އެގޮތަށް ކޮމިޝަން އެކުލަވާލައިގެންނެވެ.

ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް ވިދާޅުވި ގޮތުގައި ހަރަދު ކުޑަ ކުރުމުގެ ނަމުގައި، އާ ކޮމިޝަނެއް އުފައްދަނީ މީޑިއާތަކުގެ ފުރިހަމަ ކޮންޓްރޯލް ސަރުކާރަށް ނެގުމަށެވެ. ބްރޯޑްކާސްޓިން ކޮމިޝަން ސިޔާސީ ވެފައިވީ ނަމަވެސް މީޑިއާ ކައުންސިލުން ހަމަތަކަކާއި އުސޫލްތަކެއް ގެންގުޅޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. އެހެންވެ ސަރުކާރުން ބޭނުންވަނީ، ފިޔާޒް ވިދާޅުވި ގޮތުގައި، ބްރޯޑްކާސްޓަރުންގެ އިތުރުން އޮންލައިން ނޫސްތަކާއި މަޖައްލާތައް ވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުން ފަދަ ހަރުކަށި ފިޔަވަޅު އެޅޭނެ ހުރިހާ ގޮތެއް ހެދުމަށެވެ.

"މިއީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ނަންތަކެއް ފޮނުއްވައިގެން، އުފައްދަވާ ސިޔާސީ ކޮމިޝަނެއް. މިއުޅެނީ، މީޑިއާތަކަށް ހެވެއް އެދިގެންނެއް ނޫން. ބޭނުމަކީ ބްރޯޑްކާސްޓިން މީޑިއާތަކުގެ އިތުރުން އޮންލައިން އަދި ޕްރިންޓް މީޑިއާތަކަށް ވެސް ސަރުކާރުން ބޭނުންވާ ފިޔަވަޅުތައް އެޅުން،" ފިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ނަގާލައި، ނޫސްވެރިކަން ފަހަތަށް ވައްޓައިލި މިންވަރާ މެދު ކަންބޮޑުވާންޖެހޭ ކަމަށެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބަށް ވާއިރު، މީޑިއާތައް އޮބަހައްޓާނެ ހުރިހާ ގޮތްތަކެއް ސަރުކާރުން ހޯދާނެ ކަމަށެވެ. އެހެންވެ އެ ކޮމިޝަނަކީ މީޑިއާތަކަށް ކުރިމަތިކުރުވާ ބިރެއް ކަމަށް ފިޔާޒް ގަބޫލުކުރައްވަ އެވެ.

މި ބިލުގައި ކިތަންމެ ކަންބޮޑުވުން ހުއްޓަސް އެކަންކަން ހައްލުކުރާނެ ކަމަށް ނުބެލެވެ އެވެ. އެއީ، އަބުރުގެ ގާނޫނުގެ ނަމުގައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަން ހުއްޓުވަން ފާސްކުރި ގާނޫނަށް ހުށަހެޅި ކަންބޮޑުވުންތައް ވެސް ބޮލާލައި ޖަހައި ސަރުކާރުން ބޭނުންވި ގޮތަށް ގާނޫނު ފާސްކޮށްފައި އޮތުމުންނެވެ.

މި ގާނޫނުގެ ދިފާއުގައި މިހާރު ވެސް ވާހަކަ ދައްކަވާ ސަރުކާރުގެ އިސް ވެރިން އައްސަވަނީ މިހެންނެވެ؛ އަބުރުގެ ގާނޫނު އައި ފަހުން ނޫސްވެރިންނަށް ނުލިޔެވެނީ ކޯއްޗެއް ހެއްޔެވެ؟ ބްރޯޑްކާސްޓް ނުކުރެވެނީ ކޯއްޗެއް ހެއްޔެވެ؟ ރަނގަޅު ވާހަކައެކެވެ. މި ގާނޫނާ އެކު ވެސް އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތައް ވެސް ހުއްޓުމަކަށް ނާދެ އެވެ. އެކަމަކު ބަރިބަރި އަށް ޖަހައި ބަލަމުންދާ މައްސަލަތައް މަދެއް ނޫނެވެ. ލައްކައިން މިލިއަނުން ކުރާ ޖޫރިމަނާތައް ދަނީ އިތުރު ވަމުންނެވެ. ކޮންމެ އިރަކު ވެސް "މަޅި ކަރަށް މަހާލަން" އެ މައްސަލަތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ސަރުކާރަށް އެބައޮތެވެ.

އާ ކޮމިޝަނާ މެދު ވެސް މީޑިއާތަކުގެ ކަންބޮޑުވުންތައް ހުރީ މިހެންވެ އެވެ؛

24 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 8%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާންބެ

01 November 2017

ނޫސްވެރިކަން ކުރަނީކީ މީހުންގެ މަސްކާކައްނޫ ތިގާނޫނުވަރަތްމުހިންމު އުވާލަންޖެހޭޓީވީޗެނަލް ތަކެއްވެސް އެބަހުރި އުވާލުމައްފަހު އިތުރުލައިސަންސެއްވެސް ނުދެވޭގޮތައްހަދަންޖެހޭ 100%ތާއީދު ތިބިލައް

The name is already taken The name is available. Register?

އަބްދުއްލާ

01 November 2017

އަބުރާ ނުބެހި ވަގަށް ނުގޮވާ ނުވަތަ ތިމާލިޔާލިއުމެއް ނުވަތަ ތިމަބުނާ ވާހަކައެއް ސަރީއަތަށް ސާބިތު ކޮށްދެވޭގޮތަށް ނޫސްވެރިކަން ކުރަންވީއެއް ނު އެކމަށް މަނަލެއްނެތް ދޯ އިސްލާމްދީނުގާވެސް ހުއްދަވެގެން ނުވޭ ތިމާއަށް ފެންނަ ކޮންމެ އެއްޗެއް ދުލުން ބުނެލާ ގަލަމުންލިޔެ ހަދާކަށެއް.ތިމާ ފާފަވެރި ނުވާގޮތަށް ކޮންމެ ކަމެއްވެސް ކުރަން އޮންނަނީ

The name is already taken The name is available. Register?

ޝަހާމް

01 November 2017

މީޑިއާތަކުގެ މީހުން މިނިވަންކަމުގެ ނަމުގައި ހިންގާ ޖަރީމާތައް އިތުރުވެގެން ގޮސް ގައުމު ގެ އިޖްތިމާއީ ފޭރާން ވީދި ހަލާކުވާ ހިސާބަށް ދިޔައީމާ، ދެން ފެނިގެންދާނީ މިބާވަތުގެ ކަންކަމެވެ. މިކަންކަމުގެ ސަބަބުން މި މުޖްތަމާއު މިހާރު ވެއްޓެމުންދާ ވަޅުގަނޑުން ސަލާމަތް ކުރެވިދާނެއެވެ. މީޑިއާތައް ހަމަ މަގަށް އެޅުވުމަށް މިއީ ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސެލްފް ރެގިއުލޭޓަރީ ސިސްޓަމް ގާއިމް ކުރިއެވެ. އެކަމަކު ހުރިހާ މީޑިއާތަކަކަށް އެކަންވެސް ފެއަރ ވެގެން ގޮސްފައެއް ނުވެއެވެ.

The name is already taken The name is available. Register?

ސަރަނަދޫރު

01 November 2017

ސަރުކާރު ނޭވާ ހޮޅިއަށް އެޅިފަތިއޮތީ! ތިޔަހެން ތިއްބާ ހިތި ގޮތަކަށް މިވެރިކަން ވެއްޓޭން އިންޝާﷲ

The name is already taken The name is available. Register?

ހޮނޑާފުށީ ބޮޑުހުސޭން

01 November 2017

ކޮންމެ ގޮތެއްވިޔަސް ތިޔަބިލުގެ އެޑްވާންޓޭޖް ލިބެންއޮތީ އަންނަ އަހަރު ވެރިކަން ކުރަން ލިބޭނެ މީހަކަށް ، ތިޔަ މަޅީގަ ޖެހެންތިބޭނީ ޔާމިނާއި އޭނަގެ އައުވާނުން ، މިހާރު ޔާމިނަށް ހެޔޮވަރުކޮށް ގާނޫނުއަސާސީ ކޮށާމަށާއިރު އަންނަ އަހަރު ވެރިކަން ކާމިޔާބު ވާނެ ކަމުގެ ކިތައް ޕަސެންޓް ޔަގީންކަންބާ އޮތީ ، ހުދު ޔާމިންއަށްވެސް ހަމަބުއްދިން ވިސްނައިފިއްޔާ އެގޭނެތޯއްޗެ ކާމިޔާބު ނުވާނެކަން

The name is already taken The name is available. Register?

ޚިޔާލް123

01 November 2017

ވަރަށް ރަގަނޅު ވާހަކައެއް، އެކަމަކުވެސް 2018 ވިންކުރާ ފޯމިއުލާގައި އެބައޮތް މީޑިއާ ބިމަށް ތިރިކުރަން އެގޮތުން އަންނަ ކަންކަން މިއީ ، ރާއްޖެ ޓީވީ ، ވިލާ ޓީވީ ސަޓްޑައުން ކުރުން އެބައޮތް، އެކަމަކުވެސް އަޅުގަނޑުވެސް ހިތަށް އަރާ މިވެރިންނަށް ކިހައި ގެރެންޓީއެއްބައިވައޭ އޮތީ 18 ލިބޭނެކަމަށް،

The name is already taken The name is available. Register?

ގައުމީދޫ

01 November 2017

ދިވެހިރާއްޖޭގައި އަސާސީ މިނިވަންކަން މިދަނީ ނިގުޅައިގަންނަމުން. ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން ހިންގާ ޓީވީ ޗެނެލުން ދަނީ ރައްޔިތުންގެ އަބުރު ކަތިލައި ރައްޔިތުންގެ ފައިސާއިން ޖުރިމާނާ ދައްކަމުން. ދިވެހި ދައުލަތުގެ މިނިވަން މުވައްސަސާތަކައް އައްޔަންކުރެވޭ މެމްބަރުން ، ރައްޔިތުންގެ ހައްގުތައް ހަނިކުރުމަށް އެހީވެދީ އިންސާފުން ބޭރުން ކަންކަން ކުރާ ކަން ސާބިތުވެއްޖެނަމަ، އެފަދަ ފަރާތްތައް ދައުލަތުގެ އެއްވެސް މަގާމެއް ނުފުރޭގޮތައް ގާނޫނުތައް ބައްޓަންކުރަން ޖެހޭ. އަލަށް އެކުލަވާލާ މަޖްލިސް އިން މިކަންކުރަންފެނޭ!

The name is already taken The name is available. Register?

ޕޮކަންޑިމޭން

01 November 2017

ތިމާމެންނަށް ސާބިތުކުރެވޭނެ ތެދު ޚަބަރުތައް ކޮންމެ މީހެކޭ ކިޔައިގެން ގެނެސްދިން ކަމުގައިވިޔަސް އެއްވެސް ބިރުވެރިކަމެއް ނޯންނާނެ. ބިރުވެރިކަން އުފެދިގެން މިއުޅެނީ އެއްވެސް ހަމައެއް ލަމައެއްނެތި ހިތުހުރިހާ އެއްޗެއް ތިމާމެން ސިޔާސީގޮތުން ހިތްނުރުހޭ މީހުންގެ އަބުރުކަތިލުމަށް ކިޔާއުޅޭ ލިޔެއުޅޭ މީހުންގެ ތެރޭގައި.

The name is already taken The name is available. Register?

ކޭޖް

01 November 2017

ޤާނޫނޫއަސާސީ އާއި ހިލާފަށް ޤާނޫނު ތަކާއި ގަވާއިދުތައް ހަދާއިގެން ދިވެހި ރައްޔިތުންނަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްޤުތައް ނިގުޅައިގަންނަމުން ދިއުމަކީ ބޮޑު ޖަރީމާއެކެވެ. މާކަގިނަ ގުވަހެއް ނުވާނީސް އެބަޔަކު ތައްޔާރުކުރި ދަންތުރަ ތަކުގައި އެބަޔަކު އަމިއްލަޔައް ޖެހިގެން ސަލާމަތް ނުވެގެން އުޅެން ޖެހޭތަން ވެސް ފެނިދާނެއެވެ.

The name is already taken The name is available. Register?

މޫދު

01 November 2017

ބަރާބަރު 300 އެއްހާ ދުވަސް ދެން އޮތީ އެފަހުން ތިއްބަވަންޖެހޭ ގޮޅިތައްވަނީ ތިއަބޭފުޅުންނަށްޓކައި ކެތްމަދުވެފައި.

The name is already taken The name is available. Register?

ޔުނައިޓެޑް އައްޑޫ

01 November 2017

މަހުޖަނުންގެ އަޅުންކުރާ ނޫސްވެރިކަމަކީ ނޫސްވެރިކަމެއް ނޫން. އެއީ މަހުޖަނުން ހިންގާ ޖަރީމާތައް ފޮރުވާ މަހުޖަނުގެ މޫނު އޮމާންކޮށްދިނުން.

The name is already taken The name is available. Register?

ފަގީރުކޮއި

01 November 2017

އެހެންވީމާ ސަޕޯޓަރުންނަކީވެސް މުޅިންވެސް މަހުޖަނުން. ފަގީރުންނަކީ ރައްޔިތުންގެ ތިޖޫރީ ބިލިޔަނުން މައްކޮށްލި ގްރޫޕް އެކަނި ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454