އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް: އަންނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ ޖެނުއަރީ 14 ވަނަ ދުވަހު.-- މިޙާރު ފޮޓޯ
15 ނޮވެމްބަރ 2017 - 13:40
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އަންނަ އަހަރު ޑިޖިޓަލައިޒް ކުރާނެ ކަމަށާއި އޭރުން ފޮތް ދަބަހުގެ ބަދަލުގައި ދަރިވަރުން ސްކޫލަށް ގެންދާނީ ޓެބްލެޓް ކޮމްޕިއުޓަރު ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދުު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ މި އަހަރުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާ އަށް އަންނަ އަހަރު އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ރާއްޖޭގެ ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކޮށް، އާ މަންހަޖަށް ކިޔަވައިދޭން ފެށުމެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ހުރިހާ ސްކޫލެއް ޑިޖިޓަލައިޒްކޮށް ނިމުމުން، ދަރިވަރުން ބަރު ފޮތް ދަބަހެއް ސްކޫލަކަށް ނުގެންދާނެ އެވެ. އޭގެ ބަދަލުގައި ދަރިވަރުން ބޭނުން ކުރާނީ ލުއި ޓެބްލެޓެއް ކަމަށާއި މި ފަސޭހަ ހުރިހާ ދަރިވަރުންނަށް ވެސް ލިބޭނެ ކަމަށެވެ. ލަފާ ކުރެވޭ ގޮތުން، މި ބަދަލު 2019 ވަނަ އަހަރު ގެންނާނެ އެވެ.
އަމީނިއްޔާ ސްކޫލުގެ ދަރިވަރަކު އޭނާގެ ފޮތް ދަބަސް ބެލެނިވެރިޔާ އަތަށް ދީގެން ސްކޫލުން ނިކުންނަނީ-- މިހާރު ފޮޓޯ
ހުރިހާ ސްކޫލުތަކެއް އަންނަ އަހަރު ޑިޖިޓަލައިޒް ކުރާނެ ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން އަދި މިކަން ރަސްމީކޮށެއް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ފަދަ ބައެއް އަމިއްލަ ސްކޫލުތަކުގައި އަންނަ އަހަރު މަތީ ގްރޭޑްތަކުގެ ދަރިވަރުން ފޮތް ދަބަހުގެ ބަދަލުގައި، ހުރިހާ ފިލާވަޅުތަކެއް ހިމެނޭ ލެޕްޓޮޕެއް ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މުނައްވަރު މިއަދު އިއުލާން ކުރެއްވި ގޮތުގައި ތައުލީމީ ދާއިރާގެ އެ މަޝްރޫއަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ. އަދި ކިޔަވައިދިނުމާއި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ބެލުމާއި ހޯމްވޯކް، ޒަމާނީ ވައްޓަފާޅީގެ އެއް ހަމައެއްގައި ގެނެސްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި މަޝްރޫއުގެ ދަށުން ޓެކްސްޓް ފޮތްތައް ޗާޕު ކުރުމަށް ކުރާ ހޭދަ މުސްތަގުބަލުގައި ލުއި ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގިނަ ސްކޫލުތަކެއްގައި މިހާރު ވެސް ކިޔަވައިދިނުމަށް ސްމާޓް ބޯޑު ފަދަ ޑިޖިޓަލް ގިނަ ވަސީލަތްތަކެއް ބޭނުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓީޗަރ
16 November 2017
ކިހާ ދެރަކަމެއް؟ ދެން ކިހިނެތް ތި ޓެބަށް އަޅާއެއްޗެއް ބަލަހައްޓާނީ. ވޯޓުހޯދަންވިޔަސް ތީ ބޮޑުވަރު. ތިކަހަލަ ކަމެއް މި އަހަރު ކުރީކޮޅުވެސް ކުރަން އުޅުނު ޢަރަބިއްޔާގަ. އެކަމަކު ސުވާލަކީ މި ދޯހަޅި ނިޒާމުގައި ކިހިނެއް ދަރިވަރުން ބަލަހައްޓާނީ. ފޮތް ދަބަސް ބަރުވެގެންއުޅެނީ މިޒަމާނުގަ އެކަނި. ތިޔައްވުރެ މާބުރަކޮށް މާ ފުރިހަމައަށް ކަންކަންކޮށްހައެބަހުރި މާޒީގަ. ހިތަށްއަރާ ކިހިނެތްވެފަބާއޭ މިމީހުނަށް މިތިބެނީ.
ހާސަރު
16 November 2017
އާ ކަރިކިޔުލަމަށް ހެދި ފޮތްތައް އަދި ހުރިހާ ގްރޭޑަކަށް ނުދެވި އުޅެނިކޮށް އަނެއްކާ އަނެއް ކަންތައް. ގްރޭޑް 8 ގައި އާކަރިކިޔުލަމަށް ކިޔަވަން އަދި ފަށާނީ މިއަންނަ އަހަރު. ތިވަރުކަމެއް ކުރަންވާނީ ލަސްލަހުން ޓީޗަރުންވެސް ރަގަޅަށް ތަމްރީން ކޮށްގެން. ކަޓެއް ނަގަން ކޮށްލާ ހޭދައަކުން އަހަރެމެންގެ ދަރިންކޮޅުގެ ދުވަސް ދުއްވާނުލާ! މިހާރުވެސް ބެލެނިވެރިން ޖީބުބް އެތައް ހޭދައެއް ކޮށްގެން ހަބޭހަށް ޓިޔުޝަން ނަގާތީ ޖީސީއީން ކުދިން މިރޭޓްގައި ފާސްވަނީ. ތިޔަކުރާބޮޑުހޭދަތައް ނުކޮށް ކުލާހަކަށް 20 ކުދިންނަށް ހަދާބަލަ އޭރުން މާކާމިޔާބު ވާނެ . އިމާރާތްތައް އިތުރަށް ހަދަންޖެހޭނެ އޭގެން ވެސް ކަޓް ނެގިދާނެއެއްނުން!
ެއަހުމަދު
16 November 2017
އެންމެ ރަނގަޅީ ވައިޓްބޯޑުން ކިޔެވުން. ވީޑިއޯއެއް ނުވަތަ އެނިމޭޝަނެއް ދައްކާލަން ޑިޖިޓަލް ސިސްޓަމުތައް ބޭނުންކުރިޔަސް ރަނގަޅު. އެކަމު ޕްރޮޖެކްޓަރު ނުވަތަ ސްމާޓްބޯޑު ބޭނުންކޮއްގެން ސްލައިޑްތައް ބޭނުންކޮއްގެން ކިޔަވައިދިނުން ރަނގަޅެެއްނޫން. އޭރުން ޓީޗަރުން ކުދިންނަށް އޮޅުންފިލުވައިދިނުމުގެ ބަދަލުގައި ނެކްސްޓް ސްލައިޑް ނެކްސްޓް ސުލައިޑް ހަދައި ކުދިންނައް ނޭންގުނަސް ފިލާވަޅު ނިންމާލަން (ކަވަރުކުރަން) އުޅޭނެ.
ފަސޭހަ
16 November 2017
އަބަދުވެސް މިވެރިން މި ބަލަނީ އެންމެ ފަސޭހައިން ހަރަދެއް ކޮށްލާ (އޭގެން ކަޓް ނެގޭނެފަދަ) މަޝްރޫޢުތައް ހިންގަން. މިކަމަކީވެސް އިމިގްރޭޝަނުން އތައް މިލިއަނެއް ހޭދަކޮށްގެން އެހެދި ކާޑް ހަދާހެން ކުރާކަމެއް. ލާރި ދޭން ޖެހޭ މީހުންގެ އެކައުންޓަށް ލާރި ޖަމާވީމަ އޯކޭވާނެ. ޓެބްލެޓްތައް ހާލކުވެ، ބަލަހަޓާނެ މަގެއް އިންތިޒާމެއް ހަމަނުޖެހި، ތި ނިޒާމަށް ސަޕޯޓް ކުރާނެ ޓެކްބުކްސް ކޮންވާޓްކުރެވޭނެ ނިޒާމެއް ނެތި، ތިކަން ކުރަނީ ހަމަ އަމިއްލަ ޖީބައް ފަސޭހަމަގަކުން ކަހާލަން. ކޮންމެ ކަމެއްވެސް އެހެން!
ފޫޅު
16 November 2017
ތިޔައީ އެޑިޔުކޭޝަނުން ވަރަށް ރަނގަޅަށް ޕްލޭންކޮށްގެން ދުރުމުސްތަގްބަލަށް ރާވައިގެން ކުރަން އުޅުނުކަމެއް. އެކަމަކު މިހާރު އެކަން އެކުރަނީ އިންތިހާބަށް ކުދިންނަށް ޗޮކްލެޓް ހަދިޔާއަކަށް ދޭހެން ދޭންއުޅޭ އެއްޗެއް. ތިޔަވަނީ ބޮޑު ކޮރޮޕްޝަނެއްގެ ތެރޭން.
ބްރޯ
15 November 2017
ތީބޮޑުވަރު ކަމެއްކުރިޔަނުދެންތަ ތިއުޅެނީ?
ހުސްދޮގު
15 November 2017
ފިނޭންސް މިނިސްޓަރު އިތުރުފުޅު ނުހައްދަވާ! މިހާރު ވަނީ އަންނަ އަހަރުގެ ޓެކްސްޓް ފޮތްތައް ކުދިންނާ ޙަވާލު ކުރެވިފައި. ސްޓޭޝަނަރީސް ބޭނުންވާ ކުދިން އެއަށް އެދި ސްކޫލަށް ސިޓީ ހަވާލުކުރެވިފައި. ތިޔައީ ރައްޔިތުންނަށް އޮޅުވާލުމަށް ދޭ ޓެބެއް. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ.
މަލިކާ
15 November 2017
މިހާރު ހަމަ ކިޔަވާ ދޭށޭ ކިޔާފަ ކުދިން ހަލާކު ކުރަނީ....... މިފެން ވަރުން ދަންޏާ އަދި ކުދިންވިހަނވެސް ބިރުން އުޅެން ޖެހިދާނެ..... މިހާރުވެސް ހަ މަންހަޖެކޭ ކިޔާފަވާއެއް ނުވާއެއް ބެލެނި ވެރިންނަކަށް ނޭގޭ.... މިލިޔަނުން ބިލިޔަނުނ ޚަރަދު ކޮއްފަ މޮޅެތި ޓީޗަރުނ ހޯދަބަލަ......
އައިޖޭ
15 November 2017
ކިހާވަރެއްގެ ރިސާޗެއްގެ ދަށުންބާ މިކަން މިކުރަނީ؟؟ ހަމަ އަހާލީ.... ފިންލަންޑް ގައި މިކަން ކުރަނަމަ ކުރަންވީ، އެއީ އަދު އެނމެ ރަނގަޅު އެޑިޔުކޭޝަން ސިސްޓެމް...
ސަންތި
15 November 2017
އަންނަ އަހަރުގެ ފޮތްތައް ދިނީ ކީއްވެބާ؟ ތިއުޅެނީ އަހަރެމެންގެ ދަރިންނަށް އެއްވެސް ހެވެއްއެދިގެނެއް ނޫން. ދަރިންތައް ހަލާކު ކުރާނެ ގޮތެއް ނެތިގެން.
ސަން
16 November 2017
2019 އޭ ބުނެފަ ދޯ އޮތީ. ރަނގަޅަށް ކިޔާލަބަލަ....