އިލެކްޝަންސް ކޮމިޝަނުގެ ބައެއް މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި - ފޮޓޯ: މިހާރު
03 ޑިސެމްބަރ 2017 - 15:22
ރައްޔިތުންގެ މަޖިލީހުގެ އެތައް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅިތާ އެތައް މަހެއް ވެގެން ދާއިރު އެ އިންތިހާބުތައް ބޭއްވުމާ މެދު ކޮމިޝަނުން ގެންގުޅޭ ހިމޭންކަން އަދިވެސް ނިމުމަކަށް ނާދެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވަން ގާނޫނު އަސާސީ ލާޒިމްކުރެ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެ ޒިންމާ އުފުލާ ގޮތަކާ މެދު މީޑިއާއަށް އަދި އެއްވެސް މައުލޫމާލެއް ހާމައެއް ނުކުރެ އެވެ. އިންތިހާބު ބާއްވާނެ ދުވަހެއް އޮޅުންފިލުވަން ނުވަތަ ކޮމިޝަނުން އެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ހޯދަން ގުޅިޔަސް އެއްވެސް މެމްބަރަކު ޖަވާބެއް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ޕާޓީން ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކަށް އަމިއްލައަށް ބަދަލުވުމުން ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން މިހާތަނަށް ޕީޕީއެމްގެ ކުރީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މަޖިލީހުގެ ގޮނޑި ގެއްލުނު ބައެއް މެމްބަރުން، (ކ-ވ) ސައުދު، އިލްހާމް، ސިނާން، ލަތީފް، ލޯޔަރު ވައްޑެ އަދި އަމީތު.---މިހާރު ފޮޓޯތައް
އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން ސިޓީ ފޮނުއްވި އެ މެމްބަރުންނަކީ ޕާޓީން ވަކިނުވާ ބައެއް ކަމަށް ޕީޕީއެމުން ކަނޑައެޅުމުން އިލެކްޝަންސުން ނިންމި ނިންމުން ސައްހަ ނުވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.
އެކަމަކު އިދިކޮޅު އިއްތިހާދާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މެމްބަރުން ގެންދަނީ އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާންނުކުރުމަކީ އިލެކްޝަންސް ކޮމިޝަނުން ގާނޫނުއަސާސިއާ ހިލާފުވުން ކަމަށް ބުނަމުންނެވެ.
އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.
މުހައްމާ (ކ) އަދި ޝަހުދީ: އެންމެ ފަހުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ދެ މެމްބަރުން
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ފުރުއްވި ގޮނޑި ވެސް ހުސްވެއްޖެ ކަމަށް ދާދި ފަހުން ވަނީ އިއުލާންކޮށްފަ އެވެ.
ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް ސެޕްޓެމްބަރު މަހު އީސީން ބުންޏެވެ. އަދި މި އަހަރަށް މަޖިލީހުން ފާސްކޮށްދިން 493 މިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓުގައި އެ އިންތިހާބުތަކަށް 26 މިލިއަން ރުފިޔާ ކަނޑައެޅި އެވެ.
މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ވަނީ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ. އެކަމަކު، ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނުތާ ދެ މަސްދުވަހަށްވުރެ ގިނަ ދުވަސްވީއިރު ވެސް އިންތިހާބެއް ނުބޭއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
04 December 2017
ހިމޭނުން ނުތިބެ ކީއްކުރާނީ އެތިބީ ވާނެ ހައެއްޗެއްވެ އަތައްގޮވާފަ
ޗަކޮއި
04 December 2017
ސުލޭއަކަށް ނުކެރޭނެ. އިންތިޚާބު ބާއްވާކަށް. އޭނަޔަށްވެސް އެނގޭ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، އަދި ސްޕްރީމްކޯޓުގެ ހުކުމަށް ބަލާއިރުވެސް މެންބަރުންގެ ގޮނޑި ނުގެއްލޭނެކަން. އެކަމަކުވެސް ގޮނޑިގެއްލިއްޖެކަމަށް ބުނާށޭ އޭނަ ގާތު މީހަކު ބުނުމުން އެކަން އޭނަޔަށް އެއޮތީ ކުރެވިފަ. އެހެންވެ މިހަރު ގޮތްދޫނުކުރަންވެގެން އެ ހުންނަނީ. އަސްލަކީ އެއްވެސް މެންބަރެއްގެ ގޮނޑިއެއްނުގެއްލޭ.
ޓޮމް
04 December 2017
ބާއްވާނެ ދުވަސް އެގޭނެ ރައީސް ޔާމިނަށް. އެމަނިކުފާނު އަބަދުވެސް ކަން ކުރާނީ ގާނޫނީ އިމުގަތެރެއިން.
ރައްޔިތު މީ
04 December 2017
އިލެކްޝަންގެ ވެރިންނަށް ޒިންމާ އަދާ ނުކުރެވޭތީވެ އެވެރިންގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށް ގޮވާލުން
ވަކިވަކި
03 December 2017
ވަކި ބައެއް ބުނީމާ ބުނިހާ ގޮތަކަށް އަމަލުކުރާ ކޮމިޝަނެއްތީ! އެބޭފުޅުންނަށްވެސް ގަބޫލްކުރެވޭނެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން!!
ސަމާސާ
03 December 2017
އިލެކްޝަންސްގެ "ވެރިޔާ" ގެ އޯޑަރަށް ނޫނީ އެތަނުގައިތިބި ޕަޕެޓުންނަށް ގުޑާވެސް ނުލެވޭނެ!! އަދި ޗުޕްވެސް ނުބުނެވޭނެ!! "ވެރިޔާ" އަކީ ދުނިޔޭގައި ނެތްވަރުގެ މޮޅު ، ގާބިލު ، ވެރިޔަކަށް ހެދިގެން އުޅޭ ވެރިޔެއް.
ސައްޕެ
03 December 2017
އެ ބޭފުޅުންނަށްވެސް އެނގިލައްވާ ބޭއްވިޔަސް ބަލިވާނެކަން...ދެން ހިމޭނުން ތިބުން ނޫން ކަމެއް ނެތް!!!
އަލީ ނަސީރު
03 December 2017
ތިއީ ހާސްވާ ވަރުގެ ކަމެއް ނޫނޭ! އެއީވެސް ހަމަ ދިވެހިން. ރަތްލާޖެހި ދިވެހިން! ހުރިހާ މުއައްސަސާ ތަކެއް ރީތިކޮން ބުނާނަމަ، ފުނޑިފަ އޮތް ގައުމެއްގަ، އީސީ ގެ ވާހަކަ މަތިމަތިން ފަށަފަށައިގެން ދެއްކުމުގެ މާނައެއް ނެތް! ގައުމުގަ ޒިންމާ ނަނގާނެ އެއްވެސް ބަޔަކު ނެތް. އެވާހަކަ ދައްކާމީހަކައް ހަޖޫ ޖަހާނީވެސް، އެހެންތާވާނީ، މިފަހަކުން ފެނިފަ ނެތް ސިފައެއް ވިއްޔާ އެއީ!
ބެއްޔާ އައްޑޫ
03 December 2017
ތިޔައީ ސާފު މައްސަލައެއް. ގޮނޑިއެއް ނުގެއްލޭ. ގެއްލިގެން އުޅެނީ ކަމިޝަނުގެ އިތުބާރު. އިތުބާރު ގެއްލިގެން އެބޭފުޅުން އެއުޅުއްވަނީ. ފެނުނުހާ އަވަހަކަށް ކަމިޝަނުގެ ނިންމުން އިއްވާނެކަން ޔަގީން
އަލީގ
03 December 2017
ތިކޮމިޝަންގަ ތިތިބަ މެންބަރުންނަކީ ހާދަހާ ބޮޑެތި އިނާޔަތްތަކެއް ލިބެމުންދާނެ ބައެކޭދޯ އެހެންނޫންނަމަ ހަމަ ކަނޑައެޅިގެން މިހަލާފުވެވެނީ ގާނޫނު އަސާސީއާ އަދި ނުވިތާކައް ސްޕްރީމްކޯޓުގެ ނިޔާއާކަން އެގޭއިރު އަދި ކޮންމެވެސްދުވަހަކުން މިކުއްތަކައް ޖަވާބުދާރީވާން ޖެހޭނެކަން އެގޭއިރު ކަހާތަން ހިރުވާވެސްނުލާ ނުތިބޭނެތާ.