ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި، އިދިކޮޅު ހަރަކާތުގެ އިސް ލީޑަރުން ގާސިމާއެކު: ބަނގުރަލުގެ މައްސަލައެއްގައި ފުލުހުންނާއި ކަސްޓަމްސް އިން ވަނީ އޭނާގެ ރިސޯޓްތައް ފާސްކޮށްފައި. --ފޮޓޯ/މިހާރު
18 ޖެނުއަރީ 2018 - 11:03
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހުރިހާ ރިސޯޓުތަކަށް އެއްފަހަރާ ފުލުހުންނާއި ކަސްޓަމްސްގެ އޮފިޝަލުން ފޮނުވައިގެން ފާސްކުރީ އޭނާ އަށް ޖެއްސުންކޮށް ބިރުދައްކަން ކަމަށާއި އޭގެ ސަބަބުން ގެއްލުން ލިބޭނީ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ކޯޓު އަމުރަކާ އެކު ގާސިމްގެ ފަސް ރިސޯޓެއް ރޭ ފާސްކުރީ، ބޮންޑެޑްވެއާ ހައުސް އިން ރޯޔަލް އައިލެންޑް އެންޑް ސްޕާ މެނޭޖްމަންޓުގެ ނަމުގައި ދޫކުރި ބަނގުރާ، ސަން އައިލެންޑަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައާ ގުޅުން ހުރި ހެކި ހޯދަން ކަމަަށް ބުނެ އެވެ.
މިފަދަ ތުހުމަތެއްކޮށް، ގާސިމްގެ ރިސޯޓްތައް ފާސްކުރި މައްސަލާގައި އިދިކޮޅު ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓުވީޓެއްގައި، ރާއްޖޭގައި 127 ރިސޯޓާއި 14 ޓޫރިސްޓު ހޮޓަލާއި 450 ގެސްޓު ހައުސްގެ އިތުރުން 130 ޓޫރިސްޓު ސަފާރީ އޮންނަ ކަން ވަނީ ފާހަގަކުރައްވައިފަ އެވެ. މި ދާއިރާގައި މިހާ ގިނަ ތަންތަން ހިމެނޭއިރު، ގާސިމްގެ ފަސް ރިސޯޓު ކުއްލިއަކަށް ފާސްކުރަންވީ ސަބަބަކާ މެދު އެމަނިކުފާނު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
"ދެން ބުނާނެ ހުރިހާ ކަމެއް ވެސް ކުރާނީ އިންސާފުންނޭ،" ރައީސް ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެ މައުމޫން ވިދާޅުވި އެވެ.
Rājjē gai 127 tourist resort, 14 tourist hotel, 450 tourist guest house, 130 tourist safari ulhan’dhu oiy iru emme mīheh ge 5 resort kulliakah fuluhunnā custom mīhun gos check kurumakī kon kahala kameh? Dhen bunāne hurihā kameh ves kuranī insāfunnē!!
— Maumoon Abdul Gayoom (@maumoonagayoom) January 17, 2018
ގާސިމްއާ ދޭތެރޭގައި ސަރުކާރުން އަޅާ ފިޔަވަޅުތައް ކުށްވެރިކުރައްވަމުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަނގުރާ ހުރި ކަމަށް ބުނެ ސިޔާސީ ބޭނުމަށް ރިސޯޓްތަކަށް ފުލުހުން ފޮނުވައިގެން ޓޫރިސްޓުން ބިރުގެންނެވުމުން ގެއްލުން ދެވެނީ މުޅި ޓޫރިޒަމަށް ކަމަށެވެ.
އެ މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ރިސޯޓްތައް ފާސްކުރީ ގާނޫނުތަކާ ޚިލާފަށް ކަމަށެވެ. އެއީ ގާސިމަށް ފުރައްސާރަކޮށް ބިރުދައްކަން ކުރަމުން އަންނަ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Banguraa huri kamah bune siyaasee beynumah, resort faharah fuluhun fonuvaigen fathuruverin birugenevumun gehlun e dhevenee mulhi fathuruverikamuge sina'athah. Mikan kuhverikuran!
— Mohamed Nasheed (@MohamedNasheed) January 18, 2018
ރައީސް ޔާމީނަށް ފާޑުކިޔަމުން އަންނަ ފަރާތްތައް ޖަލަށް ލައި، އެ ފަރާތްތަކުގެ އާއިލާތަކަށް ފުރައްސާރަކޮށް މުދަލަށް އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"ފަތުރުވެރިކަމުގެ ހައި ސީޒަންގައި ރާއްޖޭގެ ފަސް ރިސޯޓަކަށް ދައުލަތުން އަރައި މި ހިންގާ ޖަރީމާއިން ހާމަވަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެ އަށް ލިބިފައިވާ ކާމިޔާބާއި ކުރިއެރުން ނައްތާލައި ރާއްޖޭގެ އިގްތިސާދު ހަލާކުގެ ތެރެއަށް ވައްޓާލުމަށް އަބްދުﷲ ޔާމީން ފަސްނުޖެހޭނެ ކަމެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް އިހްތިރާމް ކުރުމެއް ނެތި ކުރު ރާސްތާގެ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށް ދައުލަތުގެ މުވައްސަސާތައް ނާޖާއިޒު ގޮތެއްގައި ބޭނުންކުރަމުން އަންނަ ކަމެވެ،" ބަޔާނުގައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ގާސިމްގެ ރިސޯޓުތަކަށް ފުލުހުން ފޮނުވީ، އޭނާއާ ދޭތެރޭގައި ރައީސް އަބްދުﷲ ޔާމީން ޒާތީވެގެންނެވެ. އެގޮތަށް ކަންކަން ކޮށްގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މީހުންގެ ނަފްރަތު ލިބުން ނޫން ކަމެއް ނުވާނެ. ސިޔާސީ ވާދަވެރިން ބަލިކުރަން ތިޔަ އުޅެނީ އުސޫލުން ބޭރުން ކުޅެގެން. މެޗު ފުލް ޓައިމް ކުޅެ ނިމޭއިރު ރައީސް ޔާމީންގެ ޓީމު ބޮޑު ތަނުން ބަލިކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.
ގާސިމްގެ ރިސޯޓްތައް ފާސްކުރަން ނެރުނު އަމުރުގައި، އެ ރިސޯޓުގައި ހުރި ހުރިހާ ލިޔެކިޔުންތަކަކާއި ބަނގުރަލާއި އޫރު މަހުގެ ފިޒިކަލް ސްޓޮކާއި ސްޓޮކް ބަލަހައްޓާ ކޮމްޕިއުޓަރު ސިސްޓަމްތަކާއި ސްޓޯރޭޖް ޑިވައިސްތަކުގެ އިތުރުން މައްސަލައާ ގުޅުން ހުރި ހުރިހާ ސާމާނެއް ފާސްކުރަން ވަނީ ހުއްދަ ދީފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށުގައި ޖަލަށް ލާން ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ގޮތަށް މިހާރު ޖަރުމަނުގައި އުޅުއްވާ ގާސިމްގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާކޮށްފައިވެ އެވެ. އެގޮތުން 2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެންމެ ފުރަތަމަ ކުރި ދައުވާތައް ކުރިއަށް ދަނިކޮށް މިހާރު ވަނީ ގާސިމްގެ ތިން ކުންފުންޏެއް އަތުން އިތުރު 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މީރާ އިން ދައުވާކޮށްފި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣަފޫރުބޭ
18 January 2018
ގާސިމް ފުނޑިގެންދާއިރުގަވެސް އިދިކޮޅުހުމީހިން ތިޔަތިބެނީ އަތްޖަހަން ގާސިމަކީ އޭނާގެ އަމިއްލަ ސިކުނޑީގައި މަސައްކަތްކުރާނަމަ ބަރާބަރުމީހެއް އެކަމަކު މިހާރު ގާސިމް ރަންކުރަނީ އިދިކޮޅުގައިތިބި ގާސިމަށް ވަފާތެރިކަމަށް ހެދިގެން އުޅޭ ގާސިމުގެ ހަގީގީ ދުސްމިނުން ގާސިމަށްގޮވާލަން ތިބޭފުޅާގެ އަމިއްލަ ސިކުނޑިން މަސައްކަތްޕުޅު ކުރެއްވުމަށް
ފާތީ
18 January 2018
ގާސިމުގެ ރިސޯޓުތަކަށް ފުލުހުން ފޮނުވައި ސްޕާތައް ބަންދުކުރުވީ ކެނެރީ ނަޝީދުގެ ޑިމޮކުރަޓިކު ވެރިކަމުގައި. މިއަދު ކަންކަން ދެކޭ ގޮތް ތަފާތުމިވީ އަނެއްކާ ކީއްވެބާ؟ ކޮންމެ ީމހެއްގެ ވިސްނުން ވެރިކަން ލިބުމާއިއެކު ބަދަލުވަނީ ކީއްވެބާ؟
ޝިހާން
18 January 2018
ރައީސް ޔާމިން ގާސިމް އާދޭތެރޭ އޮތްހަސަދަވެރިކިން ތިކަމުންވެސް އެނގިގެންދަނީ..ތިކަމުން މީހުންގެ ނަފްރަތު ލިބުން ނޫން ކަމެއް ނުވާނެ..ގާސިމްގެ ވިޔަފާރި ފުނޑާލިޔަސް ދޫދެއްވާ ގޮތަކަށް ނޫން ގާސިމް އެހުރީ...
ހިޔަމަ
18 January 2018
ނަޝީދު ފުލުހުން ފޮނުވައިގެން ވިލާ ރިސޯޓުތަކުގެ ސްޕާތައް ޗެކް ކުރީމަ ޓްއަރިޒަމް އިންޑަސްޓްރީއަށް ނުވި ގެއްލުމެއްބާ މިއަދު ވާނީ.ބަލަ ނަޝީދު ދިވެހިންގެ ތެރެއިން މަދުބަޔަކު ކަލޭގެ ވާހަކަ އަޑު އަހަނީ.އެހެން ވީމަ މޮޅު ވާހަކަ ނުދައްކާ.ޔާމީން ގާސިމްއާ ތޮޅެން ބަހައްޓާފަ އިދިކޮޅު އިއްތިހާދުން ހަސަން އުގެއިލު ޕްރޮމޯޓު ކުރަންވީ.އުގެއިލުއަށް ބަދަލެއް ގެނެވިދާނެ ކަން ޔަގީން.ޔާމީން މިހާރު ތިއުޅެނީ ނަޝީދު އުޅުނު ގޮތަށް....