ރައީސް ޔާމީން، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަރީފް އައްޔަން ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
28 ޖެނުއަރީ 2018 - 13:48
ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް ހުންނެވީ ފުރިހަމަ އިހްތިޔާރާއެކު އޭނާގެ މަގާމުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިހެން ބުނީ، ރިޝްވަތުގެ ތުހުމަތުގައި ހަ މަސްވަންދެން ބަންދުގައި ބަހައްޓާފައި މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލުމަށް ފަހު އިއްޔެ އަނެއްކާ ހައްޔަރުކުރި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލަ ބެލުމުން އަރީފް އެކަހެރިކޮށް އެކަން ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނާ އަހުމަދު ސައުދީއާ ހަވާލުކުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަަން، ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ ބޮޑެތި ތަހުގީގުތައް އަބަދުވެސް ކުރަނީ ހާއްސަ ޓީމްތައް ނަގައިގެން ކަމަށެވެ. އެގޮތުން، ފާރިސްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ސައުދީ އާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދުގެ ބެލުމުގެ ދަށުން ކަމަށް ޝިފާން ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ.
"އަރީފް ހުންނެވީ ފުރިހަމަ އިހްތިޔާރާއެކު މަގާމުގައި. ފުލުހުންގެ ހުރިހާ ކަމެއް ހިނގަމުން ދަނީ ކޮމިޝަނަރުގެ ކޮމާންޑްގެ ދަށުން،" ޝިފާން ވިދާޅުވި އެވެ.
ފާރިސްގެ މައްސަލަ ބެލުން ސައުދީ އާއި އަހުމަދު މުހައްމަދާ ހަވާލުކުރުމާ ގުޅޭގޮތުން ކޮމިޝަން އޮފިސަރުންނަށް މެސެޖަކުން އަންގާފައިވާއިރު އޭގައި ވާގޮތުން ވަކި މައްސަލައެއް ޑީސީޕީ ސައުދީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމިޔަސް ފުލުހުންގެ އެއްވެސް މަގާމަކަށް އަދި އޮނިގަނޑަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ.
ސީޕީ އަރީފާއި ފާރިސް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއްބަނޑުއެއްބަފާ ދެބެންނާ ކަމަށް ވާއިރު، އިއްޔެ ފާރިސް ހައްޔަރު ކުރުމުގެ ކުރިން އަރީފް، ފާރިސްއާ ބައްދަލު ކުރެއްވި ކަމަށް މީޑިއާގައި ފާރިސް ވިދާޅުވެފައިވެ އެވެ. ފާރިސް ވިދާޅުވެފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން އަރީފަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ. ނަމަވެސް އަރީފާއި ފާރިސް ބައްދަލުކުރެއްވި ވާހަކަ އާއި ފާރިސް ދެއްކެވި ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފަ އެވެ. ރިޝްވަތުގެ ތުހުމަތުގައި ހަ މަސް ވަންދެން ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު، ފާރިސް ކްރިމިނަލް ކޯޓުން މިނިވަން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމަކު އޭނާ މިނިވަންކުރިތާ އެއް ދުވަސް ފަހުން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އިއްޔެ އަލުން ހައްޔަރުކުރުމަށް ފަހު ރޭގައި ވަނީ ފާރިސްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުނައިޓެޑް އައްޑޫ
29 January 2018
މަގާމުގައި ހުންނެވީ ފުރިހަމަ ބާރާއެކުއޭ ބުންނަޖެހުނީ ކީއްވެ؟ މަގާމުގެ ބާރާއި އިޚްތިޔާރުތައް ދޭތެރެ ދޭތެރެއިން ނުލިބިވެސް ހުންނަންޖެހޭދޯ؟
އިއިންސާފް
28 January 2018
އަދީބުއަށް 500%، އަރީފުއަށް 1000% ތޯ؟؟؟
ސަދާގަތު
28 January 2018
އަދީބަށް ވެސް 500 % އިތުބާރު ކުރެއްވި އެވެ.ދެންވީ ކިހިނެއް ތޯއެވެ؟އަދީބު ޗައިނާއަށް ފޮނުވާލާފައި މި ކޮޅަށް އައި ވަޤުތު އެއަރ ޕޯޓުން ގެއަށް ވެސް ނުދެވުނު ނޫންތޯއެވެ
ހަސަންމަނިކު
28 January 2018
އަދީދުވެސް ނުންނެވީ %500 އިތުބާރާ އެކުގަތާ، ވައްޓާލާ ޖަލައްލިއިރުވެސް!
ތުނިޔަ
28 January 2018
ބާރު ހުރިވަރު އެބަފެނޭ...ސީޕީ އަރީފުގެ ހިޔަނިވެސް ނުފެނޭ، އަދި ޚަބަރެއް ހިލަމެއްވެސް ނެތް...ތިހެން މީޑިޔާ ސްޓަންޓް ނުޖެއްސިއްޔާ ރަނގަޅުވާނީ.
ކަހަނބު
28 January 2018
ތަމެން ދައްކާވާހަކަ މިރާއްޖޭގަ އުޅޭ ކުކުޅުހާވެސް ގަބޫލުކުރާނެހެނެއް ހިޔެއްނުވޭ. އަނެއްކާ މި ވެރިން ދައްކާވާހަކަ މިހާރު ތަރުޖަމާކުރަންޖެހޭނީ އެކޮޅުކޮޅުން އަނެއްކޮޅަށް. މިސާލަކަށް %50ޕަސެންޓް، %70 ޕަސެންޓް ތާއީދު ކުރުން ކަހަލަ ކަމެއްދޯ؟
ވެވެ
28 January 2018
އަނެންކާ ގަޔައްބާރު ޔުނީފޯމެއް ލައިގެން ހުރިވާހަކަބާ
ވާލުސޮރު
28 January 2018
ތާރީޚް އިޔާދަވާން ފުރުސަތު ނުދޭނެ ވާހަަކަ އިވުނީއްސުރެ ދެން އިވޭނެ އަޑަކަށް ސަމާލުކަންދީގެން ހުއްޓާ އަނެއްކާ މި އިވެންފެށީ ހަމަ އެޒާތުގެ ވާހަކަތަކެއް!
އިގްބާލް
28 January 2018
އަދީބަށް %500 އިތުބާރު ދިން ހަނދާންވަނީ
ފާތުމާއްތަ
28 January 2018
ރައީސް ނަޝީދުގެ ވެރިކަމުގައި ވެސް ތިގޮތަށް އެތައްފަހަރަކު އިވުނު. ސިފައިންނާ ފުލުހުންގެ މުއައްސަސާގެ ތެރޭގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމުގަ. އެކަމަކު ވެސް ރައީސް ނަޝީދު ބައިވެރިވާ ބައްދަލުވުންތަކުގައި ދައްކާ ވާހަކައަށް ވުރެން ގަދައީ ތަޅުންގަނޑުގައި ބޫޓުން ތަޅާއަޑު. ފަހުން އިވުނީ އެހެން އަޑުތަކެއް. އެހެން ކުލަތަކެއް. އެހެން މަންޒަރެއް. ފަހުތެޅުމާއެކު ފިލްމުނިމި ސްކްރީނަށް ދިއެންޑް ވެސް އެރީ. އެހެންވީމާ ތިޔަ ވާހަކަ ގަބޫލުކުރަން ވަރަށް ދަތި.