ޕީޕީއެމުން "ރުމާލު 2" ގައި ރޭ ބޭއްވި ޖަލްސާގައި ތޯރިގް ވާހަކަ ދައްކަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު
15 ފެބުރުއަރީ 2018 - 13:52
ޕީޕީއެމް ދޫކުރައްވައި، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ފަހު އަލުން ކޮޅު ބަދަލުކުރެއްވި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އަނެއްކާވެސް ޕީޕީއެމް ޕޯޑިއަށް ރޭ އަރުއްވައިފި އެވެ؛ އޭނާގެ ފާޑުކިއުން އަމާޒުކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ.
ރައްޔިިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކުރައްވައި، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް މިދިއަ އަހަރު ނުކުންނެވި ތޯރިގު، ރޭ ރައީސް ޔާމީންގެ ކުރިފުޅުމަތީގައި ވިދާޅުވީ ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ ހަގީގަތް މައުމޫނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސްރީ ލަންކާގެ ތަމަޅަ ހަނގުރާމަވެރިން މާލެއަށް އެރި ހަމަލާގެ "އަޑި" އެނގިވަޑައިގަންނަވާ ދެ ބޭފުޅަކު މިވަގުތު ދުނިޔޭގައި އެބަ ތިއްބެވި ކަމަށެވެ. އެއީ މައުމޫންގެ އިތުރުން އޭރުގެ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރެއްވި އިބްރާހިމް ހުސެއިން ޒަކީ އެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ތޯރިގު ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ފޮތާއި މީގެ ދެ އަހަރު ކުރިން ޑިފެންސް މިނިސްޓްރީން ނެރުނު ފޮތް ވިދާޅުވި އިރު ސާފުނުވާ ކަމެއް އޮތް ކަމަށެވެ. އެއީ އެ ހަނގުރާމަވެރިން ނިސްބަތްވާ ޕްލޮޓް ޖަމާއަތުގެ ވެރިޔާ އުމާމޭޝްމަރަންއާ އެކު ލަންކާގެ ހޮޓަލެއްގައި ޒަކީ ބައްދަލުކުރެއްވުމެވެ. އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް މައުމޫނާއި ޒަކީ ހާމަކޮށްދެއްވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު އަޑުއެހިން ހުސެއިން ޒަކީ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްލޮޓް ޖަމާއަތުގެ ވެރިޔާ އުމާމޭޝްމަރަންއާ ނޮވެމްބަރު 3 ގެ ކުރިން ލަންކާގެ ހޮޓަލަކުން ދިމާވި ވާހަކަ،" ތޯރިގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު 3ގެ ހަމަލާއިން ރާއްޖެ ސަލާމަތްކުރީ އިންޑިއާ ސިފައިން ނޫން ކަމަށެވެ. އެކަން ކުރީ ދިވެހި ސިފައިން ކަމަށް ވިދާޅުވެ، ސިފައިންނަށް ތައުރީފްކުރެއްވި އެވެ.
"އަޅުގަނޑު ދިވެހި ސިފައިންނަށް ސެލިއުޓް ކުރަން،" ތޯރިގް ވިދާޅުވި އެވެ.
އެކަމަކު ހަމަ އެ ނޭވާގައި އޭނާ ވިދާޅުވީ ހަނގުރާމަވެރިން ފިލައިގެން ދަމުން "ޕްރޮގްރެސް ލައިޓް" ގައި ގެންދިޔަ ރަހީނުން ސަލާމަތްކުރީ އިންޑިއާ ސިފައިން ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އިންޑިއާ އަށް ޝުކުރު ދެންނެވި އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުންގެ ތެރެއިން ޕީޕީއެމާ ގުޅިވަޑައިގެންފައި ވަނީ ތޯރިގުގެ އިތުރުން އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އެވެ. އެހެން ހުރިހާ ބޭފުޅުން މިހާރު ވެސް ގެންދަވަނީ ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމި
15 February 2018
ޓޮމްއަކީ ޤައުމީ ބަޠަލެއް، ޓޮމް ދެއްކެވީ ވަރަށް ރަގަޅު ވާހަކަ އަޅުގަނޑުވެސް އަޑުނާހާ ވާހަކަ ތަކެއް ވަރަށް ފަށުވި އިބާރާތުން ތަސްވީރު ކޮށްދެއްވައިފި، އެކަމަށް ޓަކައި ޓޮމްއަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން
ހޯހޯ
15 February 2018
ކޮޅުބަދަލު ވީގޮތް އެބަޖެހޭ ބުނަން
އިހޫ
15 February 2018
ނުބައިކޮށް ތިޔަ ނަންކިޔަނީ.. އުމާމަހޭޝްވަރަން
ސަލީމްބެ
15 February 2018
ޓޮމް ތީ އެކަމު ބޮޑު ވަރު..ގައިމު ލަދަށްދޯ ގަޔަށް އަންނައުނު ލައިގެން އުޅެނީ
ބޮން
15 February 2018
ތޯރިގު ފިކުރު ބަދަލުވިގޮތް ހޯދާކަށް ނުޖެހޭތޯއެވެ. ބުލެކް ބޮކްސް ހޯދަން އަންގަވާ ދެއްވާނެކަމަށް އުއްމީދު ކުރަމެވެ.
ޙަފްޞާ / މާލެ
15 February 2018
އަދިވެސް އިތުރު މެމްބަރުން ގުޅޭނެ! މަޖުލިސް އަލުންފެށޭއިރު އިރާދަކުރެއްވިއްޔާ ސަރުކަރުކޮޅުގަ 51 މެމްބަރުން ތިއްބަވާނެ! އެއްޗެއް ވިސްނޭނީ ބުއްދިކޮށްގެންނެވެ. ޤާވްމުގެ މަޞްލަޙާތާ އަމްނު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާ ފިނޑި ޢަމަލުތަކަށް ރައްޔިތުން ނޫނެކޭ ބުނަމާތޯއެވެ؟
ސިންތިލީ ވޫމް
15 February 2018
ހަދާނެ ނަހަދާނެ ގޮތެއްނެތިގެން މަރައްތެޅެނީ މިހާރު، ދިވެހިން ކާރީގައި އަގެއްނެ ބަޔެތީ
888
15 February 2018
ހައްގުގޮތް އެނގުނީމަ އެގަބޫލު ނުކުރާނީ ޖާހިލުން
އެމްސް
15 February 2018
ވަޒީފާގެ ރައްކާތެރިކަން އިސްވަނީ
ހެހެހެ
15 February 2018
ކެކެކެކެ، އަދި ކޮޅުބަދަލުވާނެ