ރިޕޯޓް / ރާއްޖޭގެ ގާނޫނުއަސާސީ

އެންޓި ޑިފެކްޝަން ބިލް: ގާނޫނު އަސާސީ އިސްލާހު ނުކޮށް، މި ބަދަލު ގެނެވޭނެތަ؟

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސުން ކަނޑައަޅާފައިވާ މެމްބަރުން ސުޕްރީމް ކޯޓު ކައިރީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މަޖިލިހަށް ނުވެންނެވޭތާ ހަތް މަސް ވެއްޖެ --ފައިލް ފޮޓޯ

ފްލޯ ކްރޮސިން ނުވަތަ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލުމުގެ މައުލޫއު މި އޮތީ ރާއްޖޭގެ ސިޔާސީ ދާއިރާގެ އެންމެ ހޫނު ބަހުސަށް ވެފަ އެވެ. ޕާޓީ ބަދަލުކުރި ކަމަށް ބުނެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުން އޭރު ވެގެން ދިޔައީ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލި ކަމަށެވެ. އަނެއްކާވެސް އެ ބަހުސެވެ.

ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމަކުންނެވެ. އެ ހުކުމުގެ ދަށުން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި، ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ. އެކަމަކު ފަހުން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެ، ކުރީގެ އަމުރުގައި އެ ހުކުމް ބާތިލްކުރި ބަޔަށް އަމަލު ކުރުން ފަސްކޮށްފަ އެވެ.

އެހެންކަމުން އެ 12 މެމްބަރުން އަދިވެސް ތިބީ މަޖިލިހަށް ވެންނެވޭ ގޮތް ނުވެ، މަގުމަތިވެފަ އެވެ.

ޕާޓީ ބަދަލުވެއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި، އިދިކޮޅުގެ ބާރު ގަދަވުމާ އެކު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅުއްވި މައްސަލައަކަށް، ސުޕްރީމް ކޯޓުން ހައްލެއް ހޯދައިދޭށެވެ.

ޕީޕީއެމުން މިދިޔަ މަހުގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު

ސަރުކާރު ކޯލިޝަންގެ ފަރާތުން މިހާރު ވަނީ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އޮތް ގޮތަށް، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަނޑައަޅާ ގާނޫނެއް ހަދަން "އެންޓި ޑިފެކްޝަން" ބިލެއް މަޖިލީހަށް ހުށަހަޅައިފަ އެވެ. ސަރުކާރު ކޯލިޝަންގެ ފަރާތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ ބިލުގައި ވެސް އޮތީ މެމްބަރުން މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށެވެ.

އެ ބިލުގައި ބުނަނީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވޭ މެމްބަރުންނަށް ޕާޓީއަކާ ގުޅުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު އަމިއްލަ މެމްބަރަކު ވިޔަސް މެމްބަރުކަމުގެ ދައުރުގެ ތެރޭގައި ޕާޓީއަކާ ގުޅުމަށް ފަހު، އެ ދައުރު ހަމަވުމުގެ ކުރިން އެ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ އެފަދަ މެމްބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ބިލުގައިވެ އެވެ.

އެކަމަކު ގާނޫނު އަސާސީގައި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ވަރަށް ސާފުކޮށް ބުނެފައި އޮއްވާ، އޭގައި ނެތް ޝަރުތުތަކެއް ހަދައިގެން، ގާނޫނަކުން އެ ބަދަލު ގެނެވިދާނެ ކަމާ މެދު ގާނޫނީ ބައެއް ބޭފުޅުން ސުވާލު އުފައްދަވަ އެވެ.

މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމްވާ ޝަރުތުތަކާއި މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ގާނޫނު އަސާސީގައި އޮތީ ބަޔާން ކޮށްފަ އެވެ. އެ ހަތަރު ހާލަތުގެ ތެރޭގައި، މަޖިިލީހަށް އިންތިޚާބުވާ ޕާޓީން ވަކިވުން ނުވަތަ ވަކިކުރުން ހިމެނިފައެއް ނެތެވެ. ރައްޔިތުންގެ މަޖިލިހަށް ހާއްސަ ބާބުގައި، ސިޔާސީ ޕާޓީއެއްގެ ނަން ވެސް ގެނެފައެއް ނުވެ އެވެ. މެމްބަރުންނަށް މިނިވަންކަން ދީފައި އޮތީ އެހާ ބޮޑަށެވެ. އެހެންވީއިރު ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، ގާނޫނަކުން ބަދަލު ގެނެވިދާނެތޯ އެއީ ހަގީގަތުގައި ވެސް ސީރިއަސް ސުވާލެކެވެ.

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދެކެވަޑައިގަންނަވާ ގޮތުގައި މެމްބަރުކަމުގެ ގޮނޑި ގެއްލޭ ހާލަތްތައް ގާނޫނު އަސާސީގައި ކަނޑައަޅާފައި އޮތްއިރު، އެ ނޫން ގޮތަކަށް މެމްބަރުކަމުގެ ގޮނޑި ގެއްލޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ. ގާނޫނު އަސާސީ އިސްލާހު ނުކޮށް، މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތެއް ގާނޫނަކުން ކަނޑައެޅުމަކީ ގާނޫނު އަސާސީގައި ހުއްދަކުރާ ކަމެއް، ގާނޫނަކުން މަނާކުރުން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ވަކީލު ޝަމީމް (ކ) މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކޮށްފައި މިއޮތީ ލިސްޓެއް ގޮތަކަށް ނޫން. މިއާ ވައްތަރު އެހެން ހާލަތްތަކެއް ހިމެނިދާނެއެކޭ، އެގޮތަކަށް ނޫން މި އޮތީ. ހަމައެކަނި މި ހަތަރު ހާލަތުގައޭ ގޮނޑި ގެއްލޭނީ އެހެން މިއޮތީ،" ޝަމީމް ވިދާޅުވި އެވެ.

"އެހެންވީމަ މި މާއްދާ އިސްލާހު ނުކޮށް، ގާނޫނަކުން މިފަދަ ބަދަލެއް ގެންނަންޏާ އެވާނީ ގާނޫނު އަސާސީގައި ހުއްދަ ކުރާ ކަމެއް ގާނޫނަކުން މަނާ ކުރުން ކަމަށް."

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގައި ބަޔާން ކޮށްފައި ހުރި ކަންކަމުގެ ތެރެއިން، ގާނޫނަކުން ހަނިކުރެވޭނީ ހަމައެކަނި އަސާސީ ހައްގުތަކެވެ. ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގުތައް ގާނޫނަކުން ހަނި ކުރެވިދާނެ ކަން ފާހަގަކުރައްވައި، ޝަމީމް ވިދާޅުވި ގޮތުގައި، ގާނޫނު އަސާސީގައި ކަނޑައަޅާފައި ހުރި އެހެން ކަންކަމަށް ބަދަލެއް ގެނެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ.

"މިސާލަކަށް ހަނުހުރުމުގެ ހައްގު، ވަކީލެއްގެ ހައްގު. އެފަދަ އަސާސީ ހައްގުތައް ހަނިކުރެވިދާނެ ގާނޫނު އަސާސީގެ 16 ވަނަ މާއްދާގެ ދަށުން މަޖިލީހުން ހަދާ ގާނޫނަކުން. އެ ނޫން ކަންކަމުގައި ގާނޫނު އަސާސީގައި ކަނޑައަޅާފައި ހުރި ކަންކަން ގާނޫނު އަސާސީ އިސްލާހު ނުކޮށް، ބަދަލެއް ނުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ

ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެފަދަ ބަދަލެއް ގެނެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ. ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލިދާނެ ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ނިންމި ނިންމުމަށް ފަހު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން އެންޓި ޑިފެކްޝަން ގާނޫނެއް އަންނަން ޖެހޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ފަހު، އޭގެ ތަފްސީލީ އިޖްރާއާތުތައް ބަޔާން ކުރުމުގެ ގޮތުންނެވެ. އަދި އެ އެފަދަ އިިސްލާހެއް މަޖިލީހުން ގާނޫނު އަސާސީއަށް ގެނަޔަސް، އެ އިސްލާހެއް ހިނގަން ފަށަންވާނީ މަޖިލީހުގެ އާ އިންތިޚާބަކަށް ފަހު ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

މިދިޔަ މަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ނަޝީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

"މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތައް ކަމަށް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގައި ހަތަރު ހާލަތެއް ކަނޑައެޅިގެން ބަޔާން ކޮށްފައިވާއިރު، އޭގެ ތެރެއަށް އެހެން ހާލަތެއް، ގާނޫނު އަސާސީގެ އެ މާއްދާއަށް ބަދަލެއް ނުގެނެސް އިތުރު ކުރެވިދާނެ ގޮތެއް ނުވިސްނެ އެވެ،" ކުރިން ލީގަލް ރިފޯމް މިނިސްޓަރު ކަން ވެސް ކުރެއްވި ނަޝީދު ލިޔުއްވާފައިވެ އެވެ.

"އެންޓި ޑިފެކްޝަނަށް އަމަލުކުރާ ގައުމުތައް މަދު ނަމަވެސް އޭގެ ތެރެއިން ގިނަ ގައުމުތަކުގައި މިކަން ބަޔާންކޮށްފައި އޮންނަނީ ގާނޫނު އަސާސީގައި މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކުރުމުގެ ތެރޭގައި، އެކަމުގެ އެއް ހާލަތުގެ ގޮތުގަ އެވެ. އަދި ތަފްސީލުތައް އައިސްފައި ހުންނަނީ އެންޓި ޑިފެކްޝަން ގާނޫނުތަކުގަ އެވެ،" އޭނާ ލިޔުއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް: ސަރުކާރު ކޯލިޝަނުން އަނެއްކާވެސް ގާނޫނީ މައްސަލައެއް އުފަންކުރުވަނީ --ފޮޓޯ/މަޖިލިސް

މިހާރު ހުށަހަޅާފައި އޮތް ބިލް އޮތް ގޮތުން މެމްބަރަކު ޕާޓީގެ ވިޕްލައިނަކާ ޚިލާފްވިޔަސް އަދި މެމްބަރަކާ މެދު ޕާޓީން ސުލޫކީ ފިޔަވަޅެއް އެޅިޔަސް، މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ވިޕާ ޚިލާފްވެގެން ނުވަތަ އެނޫން ވެސް ސަބަބެއް މެދުވެރިވެގެން މެމްބަރަކާ މެދު ޕާޓީން އަޅާ ސުލޫކީ ފިޔަވަޅަކީ އެ މެމްބަރަކު ޕާޓީން ވަކިކުރުން ކަމަށްވާ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބިލުގައިވެ އެވެ. މިގޮތަށް ބިލުގައި އޮތުމުން އުފެދޭ ސުވާލަކީ ފިޔަވަޅެއް އެޅުމުގެ ގޮތުން މެމްބަރަކު ޕާޓީން ވަކިކުރާ ނަމަ، އިތުރު މަރުހަލާއަކަށް ނުގޮސް އެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން ބޭއްވިދާނެތޯ އުފެދޭ ސުވާލެވެ.

ކޮންމެ ޕާޓީއެއްގައި ވެސް، އެ ޕާޓީގެ މެމްބަރުންނާ މެދު އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ނަމަ، އެކަމެއް މަތީ މަރުހަލާތަކަށް ގެންދިއުމުގެ ފުރުސަތު އޮވެ އެވެ. އެގޮތުން ސުލޫކީ ކޮމެޓީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް ދިއުމުގެ ފުރުސަތާއި، އެ ކޮމެޓީގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ޝަރުއީ ކޯޓުތަކަށް ދިއުމުގެ ފުރުސަތު ވެސް މެމްބަރުންނަށް އޮވެ އެވެ. އެކަމަކު އެފަދަ މަރުހަލާއަކަށް މެމްބަރަކު ހިނގައްޖެ ނަމަ، އެ މެމްބަރެއްގެ ގޮނޑި ހުސްވާނީތޯ ނުވަތަ މަރުހަލާތައް ނިމެންދެން ގޮނޑި ހުސްވި ކަމަށް އިއުލާން ނުކޮށް މަޑުކުރާނީތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ.

މީގެ އިތުރުން ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް މެމްބަރަކު ހޮވިފައި ވަނިކޮށް އެ ޕާޓީއެއް އުވާލައިފި ނަމަ، އެ ހާލަތުގައި އަމަލު ކުރާނީ ކޮން ގޮތަކަށްތޯ އެވެ؟ އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އެ ޕާޓީއެއްގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމެއް ނުވަތަ ނޫންކަން ސާފުނުވާ ކަން ގާނޫނީ ބޭޭފުޅުން ފާހަގަކުރައްވަ އެވެ.

"މިސާލަކަށް ޕާޓީއަކުން އަމިއްލައަށް [އުވާލީ] ނުވަތަ ކޯޓަކުން ޕާޓީ އުވާލީ. އެ ހާލަތުގައި އެ ޕާޓީއެއްގެ މެމްބަރުންގެ ގޮނޑި ގެއްލޭނެތޯ، މި ބިލްގައެއް ނެތް އެ ވާހަކައެއް،" ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.

އެ ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމަނާފައިވާ އެއް ކަމަކީ ބިލުގެ ދަށުން ގޮނޑި ގެއްލޭ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ އިޖްރާއާތު ބަޔާން ކުރުމެވެ. އެކަމަކު އެފަދަ ގޮތަކަށް ގޮނޑިއެއް ހުސްވެއްޖެ ނަމަ އިންތިޚާބު ބާއްވަން ޖެހޭ ގޮތުގެ އެއްވެސް އިޖްރާއާތެއް އެ ބިލުގައެއް ނެތެވެ. ބިލުގައި ހަމައެކަނި ބުނެފައި އޮތީ ކަމާ ބެހޭ ގަވާއިދުތައް ހަދާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ. އަދި ޕާޓީއެއް އުވާލައިފި ނަމަ، އެ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ހޮވިފައި ތިބި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަން ނުވަތަ ނޫންކަން ވެސް އެ ބިލުގައި ބުނެފައެއް ނެތެވެ.

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތަށް އަމަލުކުރާ އެހެން ގިނަ ގައުމުތަކުގައި ވެސް ބަދަލު ގެނެސްފައި ހުރީ ގާނޫނު އަސާސީ އިސްލާހު ކޮށްގެންނެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކޮށްފައި އޮތްއިރު، ގާނޫނު އަސާސީ އިސްލާހު ކުރުމެއް ނެތި، ގާނޫނަކުން އެފަދަ ބަދަލެއް ގެނައުމަކީ، އެއް ބައެއްގެ ނަޒަރުގައި، ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ.

36 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 3%
icon angry icon angry 31%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުރިޔާ

07 March 2018

އަހަރެންގެ ބަހަކީ ރައްޔިތުންވޯޓުންހޮވާ މީހަކު ވަކިކުރެވެންޖެހޭނީ ރައްޔިތުންގެވޯޓަކުންނޭ މީގެތެރެއަށް އިތުރުމީހަކު އަތްލައިގެންނުވާނޭ ޕާޓީލީޑަރުގެ ގޮންމުށުގެ އެތިފަހަރު އަހަރެމެންގެ މެމްބަރުގެ ކަންފަތްމައްޗަށް އަރައިގެންނުވާނޭ

The name is already taken The name is available. Register?

އަހްމަދު

07 March 2018

މިބިލަކީ މެމްބަރުންހޮވަން ބުރަމަސައްކަތްކުރިމީހުންނައް ހަރާންކޯރުވާ މެމްބަރުންނައް ރިސްވަތުނެގުމުގެފުރުސަތުނުދިނުމައް އެޅުނުރަނގަޅުފިޔަވަޅެއް

The name is already taken The name is available. Register?

މަންނާނު

07 March 2018

މީގަވާނެގޮތަކީ ޖެނެރަލް އަދުރޭގެ ނިންމުން އޮއްނާނީ ކޮންމެހެން ޤާނޫނަކަށް ޤަވައިދަކަށް ބެލުމެއް ނުއޮއްނާނެ ދެންމީހަކުއެޗެކޭ ބުނެފިއްޔާ ރަބަރުތައްގަޑު ޖަހާ ތަން އޮއްނާނެނުން އެތަނައް ހުށައަޅައިގެން ބޭނުންގޮތަކަށް ހަދާލީމަ ނިމުނީ

The name is already taken The name is available. Register?

ކުރިކީލަ

07 March 2018

އެއްދޮގު ހަދަންޏާ އަނެއް ދޮގު ހަދަން ޖެހޭނެ. ސަލާމަތް ވާނެ ގޮތެއް ނޯންނާނެ. ކުޑަމިނުން މިކަމާ ވިސްނަންޖެހޭ. އަމިއްލަ ރައްކާތެރިކަމެއް ބޭނުން ނަމަ.

The name is already taken The name is available. Register?

ސިންތިލީ ވޫމް

07 March 2018

މަނުދެކެން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލެން ޖެހޭނެ ކަމަކަށް. ތިޔަކަލަ ބޮޑެތިކަން ކަން ކުރުމުގެ ކުރިން ރައްޔިތުންގެ ކާރިން ޙިޔާލު ހޯދާލާނަމަ ކުރިން!!!!

The name is already taken The name is available. Register?

ދަލޭކަ

07 March 2018

ތި ބިލާ އެއްކޮޅަށް ވޯޓުދޭ މެމްބަރުންނަށް ދެން އޮންނަ މަޖިލީހަކަށް ގެންނާކަށް ތާއީދެއް ނުލިބޭނެ, ރައްޔިތުން ވޯޓެއް ނުދޭނެ,

The name is already taken The name is available. Register?

ސިއާ

07 March 2018

ތި ބިލަކީ ވަކިބަޔަކަށް އަމާޒުކޮށްފައިވާ އަމިއްލަ އެދުމުން ފޯވެފައިވާ ނުބައި ނުލަފާކަން ދައްކާލާ, ރައްޔިތުންނަށް އަނިޔާވެރިވުން ހައްދުފަހަނައަޅާފައިވާ ބިލެއް, ތިބިލާ އެއްކޮޅަށް ވޯޓުދެނީ ކޮންބައެއްތޯ ރައްޔިތުން ވަރަށް ރަނގަޅަށް ބަލަން މިތިބީ, ވޯޓުދޭ މެމްބަރުން ދެން އޮންނަ މަޖިލީހަކަށް ކުރިމަތިލާއިރު, ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ބިލަށް ވޯޓުދީފައިވާ މެމްބަރަކަށް, ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ހީކޮށްގެން ނުވާނެ,

The name is already taken The name is available. Register?

ކުރޮޅި

07 March 2018

ގާނޫނު އަސާސީގެ ބާރެއް މިރާއްޖެއަކު ނެތެވެ. ހަމަރަގަޅަށް ކަންކަން ހިގަހިގާ އޮއްވާ ސްޕްރީމް ކޯޓަށް ދަންވަރު ބަންޑާރަ ނައިބާއި ސިފައިންގެ ޗީޕް އޮފް ސްޓާޕް ވަޑައިގެން އެ ކޯޓްގެ ފަޑިޔާރުން ލައްވާ ނެރުނު ހުކުމަކީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެޅުނު އެންމެ ބޮޑު ހުރަހެވެ. އަދި އެ ހުކުމަކީ ރަގަޅު ހުކުމެއް ނޫންކަށް ފަޑިޔާރުންނަށް ވިސްނިގެން ނެރުނު އަމުރާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންގޮސް ސަރުކާރު ބޭނުންވާގޮތަށް މާނަކުރުމުންވެސް ސްޕްރީމް ކޯޓުން ގޮތެއް ނުނިންމާ ދިގުދައްމަމުން ގެންދިއުމަކީ މިއަދު ހާލަތަށް އައި ސަބަބެވެ. މިއަދު އެ ހުކުމް ނެރުނު ފަޑިޔާރުން ކޮބާތޯއެވެ. މިހާރު ސްޕްރީމް ކޯޓްގައި ތިބި ފަޑިޔާރުންވެސް ފުންކޮށް ވިސްނާ ރަގަޅު މަގަށް ފިޔަވަޅެއް ނާޅައިފިނަމަ މާދަމާ އެ ތިން ފަޑިޔާރުން ތިބެން ޖެހޭނެ ތަންވެސް ފެންނަ ކަހަލައެވެ. ގާނޫނު އަސާސީގައި މެމްބަރަކު ވޯޓް ލާ ގޮތަކާމެދު ސުވާލެއްކޮށް ނުހެދޭނެކަން ބަޔާންކޮށްފައި ވަނިކޮށް ވިޕްލައިނާ ހިލާފުވެގެން ފިޔަވަޅު އެޅޭނެތޯއެވެ.

The name is already taken The name is available. Register?

އައިނޯ

07 March 2018

ކައުންސިލްތަކުގެ ބާރު ކަނޑުވާލި ގޮތަށް ރައްޔިތުންގެ މަޖިލީހުގެބާރު ކަނޑުވާކުމަކީ ގާނޫނު އަސާސީގެ ބާރު ކެނޑި މުޅި ނިޒާމު ގަޑުބަޑުވެ ، ހުރިހާ މުއައްސަސާތައް މައްސުނިވެ ، މުއައްސަސާތަކުގެ މިނިވަންކަން ގެއްލި މުޅި ނިޒާމު ހަރާބުވެ ގައުމު ފަސާދައިގެ މަގަށް ހުށަހެޅިގެން ހިގައިގާނެ ކަމަކެވެ. ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރަންވާނީ ހަމައެކަނި އޭރަކު ވެރިކަމުގައި ހުންނަ ބޭފުޅަކުގެ އަތްމައްޗަށް ހުރިހާ ބާރުތައް ފުނިޖެއްސުމުމުގެ ބަދަލުގައި މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތަށް އިސްކަންދީގެންނެވެ. ރައްޔިތުންގެ މަޖިލީހާއި ، ރައްޔިތުންގެ މަމްދޫބުންނަކީ މިނިވަންކަމެއްނެތް އެއްވެސް އާރެއް ބާރެއްނެތް ، ކޯޑިނޭޓަރުންގެ ދަރަޖައިގައި ގެންގުޅޭ ބަޔަކަށް ހެދިދާނެ ގޮތަކަށް މަގުފަހިވާ ގޮތަށް ޤާނޫނުތައް ފާސްކޮށްގެން ނުވާނެއެވެ. ހުދުމުހުތާރު ވެރިކަމެއް މިގައުމުގައި ގާއިމުވެގެން ހިގައިދާނެ ގޮތަކަށް މަގުފަހިކޮށް ދިނުމަށް މަސައްކަތްކުރުމަކީ މިގައުމުގެ މަސްލަހަތު އޮތްގޮތެއްނޫނެވެ.

The name is already taken The name is available. Register?

ގޫޑް އެމްބެސެޑަރު

07 March 2018

ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާ ކޮންމެ މީހަކުވެސް ރައްޔިތުންގެ ވޯޓަކުން ވަކިކުރެވޭގޮތަށް އޮންނަންޖެހޭ. ވަކިކުރުމުގެ ބާރު އެހެން ބަޔަކަށް އޮންނާކަށް ނުޖެހޭ. ވޯޓުލާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރަށް ނޫނެކޭ ބުނެފިނަމަ ގޮނޑި ގެއްލެންޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454