އިދިކޮޅު މެމްބަރުންތަކެއް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
12 މާޗް 2018 - 23:28
ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވިދާޅުވީ ކޮމެޓީން ބިލް ފާސްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގި ކަންކަމަށް ބިލްގެ ބާރު ލިބޭ ގޮތަށް ކަމަށެވެ. އެކަމަކު، ކޮމިޓީ ރިޕޯޓު އަދި ހާމަކޮށްފައި ނުވާތީ ބިލަށް ގެނައި ބަދަލުތައް އަދި އެނގިފައެއް ނުވެ އެވެ.
ބިލުގައި ފާހަގަ އެ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހަށެވެ. އެ ހުކުމުގެ އުސޫލުތައް ހިނގާނީ އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސްވަންދެން ކަމަށާއި އެއީ މުހިންމު ގާނޫނެއް ކަމަށް ވެސް އެ ދުވަހު ކުރި ހުކުމުގައި ބުނެފައިވެ އެވެ.
އެކަމަކު، މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައިވަނީ ޕާޓީ ބަދަލުކުރާ މެމްބަރުން ގޮނޑި ގެއްލޭނެ ކަމަށް އެ ކޯޓުން މިދިޔަ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން އޭރު ކަނޑައަޅާފައި އޮތަސް، އެއްވެސް މެމްބަރެއްގެ ގޮނޑި އެ ހުކުމުގެ ދަށުން ނުގެއްލޭ ކަމަށް އެ އަމުރުގައި ކަނޑައެޅި އެވެ. އެކަމަކު، ކޯޓުން ފަހުން ވަނީ އެ ބަޔަށް އަމަލު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެފަ އެވެ. ނަމަވެސް ބާތިލެއް ނުކުރެ އެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތަށް ބިލު އިސްލާހު ކުރިއިރު، މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ކަނޑައެޅި ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިމެ އެވެ.
އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ އެވެ.
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުވާ މެމްބަރަކު އޭނާގެ އެ ދައުރުގައި ޕާޓީއަކާ ގުޅުމުގެ ފުރުސަތު ލިބެ އެވެ. މިނިވަން މެމްބަރަކު، ފުރަތަމަ ފަހަރަށް ޕާޓީއަކާ ގުޅިއްޖެ ނަމަ، ބިލްގައިވާ ގޮތުން އެ މެމްބަރުންނާ މެދު އަމަލު ކުރާނީ ޕާޓީ ޓިކެޓްގައި އިންތިހާބުވާ މެމްބަރުންނަށް ވެސް ކަނޑައަޅާފައިވާ އުސޫލެވެ.
ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކޮށްގެން ނުވާނެ ކަމަށް އަމުރުކޮށްފައި ވަނިކޮށް، އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ހުށަހަޅައި ކުރިޔަށް ނުގެންދެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވި އެވެ.
ބިލަށް ތަޅުމުގައި ބަހުސް ކުރެއްވި ޕީޕީއެމްގެ ގިނަ މެންބަރުން ވަނީ އެންޓި ޑިފެކްޝަން ބިލާ މެދު ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރައްވައިފަ އެވެ. ބައެއް މެމްބަރުންގެ ކަންބޮޑުވުމަކަށްވީ އެ ބިލު ގާނޫނަކަށް ވުމަށް ފަހު ގަވައިދުތައް ހެދުމުގެ ބާރު އިލެކްޝަނާ ހަވާލުކޮށްފައި އޮތް މާއްދާއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހު ކަބީލަ
13 March 2018
ވަރަށް ބޮޑަށް އޮޅިއްޖެ، ގާނޫނު އިސްލާހްކުރީތަ، ނޫނީ ގާނޫނު ފުނޑާލީތަ؟
މަނޭސް
13 March 2018
ތީކުރަންވެފަ ނުކުރެވިއޮތް ބޮޑުކަމެއް.ޖީބު ބޮޑުކުރާ މީހާ ގޭގަހުރެގެން ބޮޑުކުރަން މެންބަރުގޮޑި ދޫކޮށްލަން ޖެހޭނީ.އަހަރެމެން މެންބަރުން ހޮވަނީ ވިޔަފާރި ކުރާކަށްނޫން
ހަސަން33
13 March 2018
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުން ހޮވުމުގެ ބަދަލުގައި ޕާޓީތައް ދާއިރާތަކުގައި ވާދަކޮށް ގޮނޑި ލިބޭ އަދަދަށް ޕާޓީގެ ފަރާތުން މެންބަރުން މަޖިލިހަށް ފޮނުވާ ގޮތަށް ގާނޫނު ބަދަލުކުރުމުން އިތުރަށް ފުރިހަމަވާނެ ކަމަށް ފެނޭ. ޕާޓީއިން ބޭނުންވާގޮތަށް މެމްބަރުން ވޯޓުދޭން މަޖުބޫރުވާނެ. ދައުރުގެ މެދުތެރެއިން ޕާޓީއާއި މެދު ހިޔާލު ތަފާތުވެއްޖެނަމަ އެހެން މެމްބަރަކު ޕާޓީގެފަރާތުން ބަދަލުކުރެވޭނެ.
ހަސަން33
13 March 2018
18 ވަނަ ރައްޔިތުންގެ މަޖިލިސް ފެށުނު ދުވަހުން ފެށިގެން ހިނގި ހުރިހާ ކަމަކަށް ބާރުލިބޭ ގޮތަށް ފާސްކުރުން މާއައުލާކަންބޮޑު.
2314
13 March 2018
ބައްޔެއްނު. އިންކަމް ޓެކްސް ބިލާ އެންމެ ކުޑަ އުޖޫރަ ފާސްކޮށްބަލަ. މުސާރަ ހަލާލު ކުރަން.
ނަމޫނާ ކަތީބު
13 March 2018
ސަރުކާރުން ގާނޫނުތަކަށް މިގެންނަ އިސްލާހުތަކަކީ ގާނޫނާއި އެއްގޮތައް ގެނެވޭ އިސްލާހުތަކެއްތޯ ފުލުހުންނާއި، ސިފައިން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހެއެވެ. ގައުމު މިދަނީ ހަލާކުވެ ޚުދުމުޚުތާރު ވެރިކަމެއްގެތެރެއަށެވެ. މިހާރު ނުވި ރައްކަލެއް ފަހުން ނުވެވޭނެއެވެ. ރައްޔިތުންނޭވެ ނިކަން ހޭލާށެވެ.
ގެރެގެރެ
13 March 2018
ސޯސް
ހެޔޮ ދުޢާ
13 March 2018
މިހެންވެސް މިކަމެއް ނުހުއްޓުވޭނެ އެވެ.ހަމަ ގަޑި ޖެހުމުން ނިމޭނެއެވެ.ހަޤީޤަތުގައި އިރު "އޮއްސެން ދެން އިނީ 15 މިނިޓް" އެވެ. ﷲ އަކުބަރު
ާކިތާބީ ހެކި
13 March 2018
މެމްބަރުން ނަކީ ރައްޔިތުން ޔާމީނަށް ހޮވާދޭ ބައެއް ތޯއެވެ؟
ފަޑުއްކަ
13 March 2018
މި ހެން މިކަން ކުރެވުނީތީ މި ކުރާ މީހުން ފަހުން ރޯނެއެވެ.އެމީހުނަށް ވެސް އެކަން އެގޭނެއެވެ.
ދިވެހިން ސަލާމަތް ކުރަޢްވާށި
13 March 2018
ނިދާފައި ނުހޭލެވި ދާނެ އެވެ.ﷲ އަށް ބިރުވެތި ވާށެވެ. "ޒާލިމުން އަނިޔާ ކުރާއިރު ބައްލަވަން މިރުސޯދުގައި. ޚާލިޤުލް ކައުނައިނި ވާކަން ނުއެގުނީތަ އަޖާބެކޭ..