ކޯޓަށް ވަޑައިގަތުމަށް މައުމޫން ލޯންޗުން ފައިބައިވަޑައިގަންނަވަނީ. މައުމޫންއާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ ކުރާއިރު، އެމަނިކުފާނު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
24 މާޗް 2018 - 18:51
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދެ ފަނޑިޔާރަކާއި ސިޔާސީ ބޭފުޅުންތަކަކާ ދެކޮޅަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި ނަމަވެސް، އެ ބޭފުޅުންގެ އަޒުމެއް ނުގުޑާނެ ކަމަށާއި އެއީ އަސާސެއް ނެތް ދައުވާތަކެއް ކަން ސާބިތުވާނެ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ކުއްލި ހާލަތު އިއުލާންކޮށް، ހައްޔަރު ކުރި ބައެއް މީހުންގެ މައްޗަށް އެއްވެސް އުސޫލެއް ނެތި، އާބިޓްރަރީކޮށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހިންގި އިޖުރާއަތުތަކަކީ އިންސާފުން، ޝަރީއަތް ކުރުމުގެ ހައްގު އެ ބޭފުޅުންނަށް ނުދިނުމަށް ވެވުނު އިއުތިރާފެއް ކަމަށެވެ. ޓެރަރިޒަމްގެ ދައުވާކޮށް، އެތައް ބަޔަކު ބަންދުކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
"ގާނޫނުއަސާސީގެ އާންމު ހަމަތަކަށް ގޮންޖަހާ ކަމަށް ފާޅުގައި ކުރެވުނު އިއުލާނެކެވެ. ސަރުކާރާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކުގެ މި އަމަލު ގުޅިފައިވާ ޕާޓީތަކުން ކުށްވެރި ކުރަމެވެ،" ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރި ބޭފުޅުންނަކީ ޓެރަރިސްޓުން ކަމަށް ދުނިޔެއަށް ދެއްކި ނަމަވެސް، އެއީ އިސްލާހަށްޓަކައި ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ގޮތަކަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަމަށް ވެސް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ކުއްލި ހާލަތު އިއުލާން ކުރީ ވަކި ބަޔަކު ރަހީނު ކުރުމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ހިންގާ ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ކޯޓުތައް ބޭނުން ކުރަމުން ގެންދަނީ ސަރުކާރުގެ އެ އަމަލުގައި ގާނޫނީ ސިފަ ޖެއްސުމަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައި ވަނީ ސަރުކާރުގެ އެ އަމަލަށް އެއްބާރުލުން ނުދިނުމަށާއި އެ ޖަރީމާގައި ބައިވެރިނުވުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ މުވައްޒަފުންނަށް ހިތްވަރުދީފަ އެވެ.
"ދިވެހި ރައްޔިތުންނާ މެދު ނިރުބަވެރި އަމަލެއް ހިންގުމަކީ މި ދައުވާ އުފުލިފައިވާ އެއްވެސް ފަރާތުން ކުރާނޭ ކަމެއް ނޫންކަން ދިވެހި ރައްޔިތުން ހެކިވާނެ އެވެ،" ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާގެ އިސް ބައެއް ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން މިހާރު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެގޮތުން އެ ބޮޑު ދައުވާއާ މިހާރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ދެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު އާއި އަހުމަދު އަރީފް ހިމެނެ އެވެ. އަދި ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނި ގޮތުގައި އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރަކީ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި ދުރާލައި ރާވައިގެން ނެރުނު އަމުރެއްކަން ސާފުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
25 March 2018
ނުގުޑާތަ؟ ހިނގަބަހީ މަރުގެ ހުކުމް އިއްވަން! އޭރުން ގުދާނެނު!
އިލޮޅި ކައްޕިތާނު
25 March 2018
އަޒުމް ގުޑުވާނެ ކަމެއް ނެތޭ. އަޒުމް ކިޔާލަ ކިޔާލާ ޖަލުގަ ތިބެލަން ވީއޭ.
ސަމްސު
24 March 2018
އާ ދެން ތިހެން ކިޔާ. 5 އަހަރު ހަމަވީމަ ވެރިކަން ނިމުނީ. ދެން ބުނާނެ މަ ބުނީމެއް ނޫންހޭ ވެރިކަން ވައްތާލާނަމޭ. ދެން އެވާނެތަ ވައްޓާލީ ކަމަށް. ވެއްޓުނު ވެރިކަމަކަށް މިހާތަނަން ފެނުނީ ނަޝީދުގެ ވެރިކަން. އެހެން ވެރިކަން އެމީހެއްގެ މުއްދަތު ހަމަ ކޮށްފަ ފޭބީ.
ދޮގެއްތަ؟
25 March 2018
ތި ލަގަބުން ސަލާމަތް ވެވޭތޯއެއްނު އަހަރުމެން މި ތެޅި ބާލަނީ.
ހޫރު
24 March 2018
ކިތައްމެވަރެއް އެރުވިޔަސް، ޔާމީނުގެ ވެރިކަމެއް ދެނެއް ދެމިއެއްނޯއްނާނެ. ދާދިއަވަހަށް އެކަމުގެ އުފާ ފާޅުކުރާ މަންޒަރު ފެނިގެންދާނެ. އިންޝާﷲ.
ދަފުތަރު
24 March 2018
ޞަލިމުން އަނިޔާ ކުރާއިރު ބައްލަވަން މިރުސޯދުގައި ޚަލިޤުލް ކައުނައިނި ވާކަން ނޭގެނީތަ އަޖާބެކޭ... ބަލަ ގަދަ ދައްކާ މީހުން ނިދާހައި ނުހޭލެވިދޭނެ އެވެ. އިންސާނުން ނަކީ މިވަރުގެ ކުޑަ ކުޑަ ބާރެއް ނެތް މަޚްލޫޤު އެކެވެ.
ތެދު
24 March 2018
ﷲ ގަންދީ ހުވާކޮށް ރައްޔިތުންނަށް އަނިޔާވެރިވާ ފަރާތްތަކަށް އެކަމުގެ ބަދަލު ﷲ ދައްކަވާނެ, ހުވަޔަކީ ކުޅިވަރެއް ސަމާސާއަކަށް ކުރާކަމެއްނޫންކަން, ހުވަޔާ ޚިލާފުވުމުގެ ހުރި ނުބައިކަން ފެންނާނެ,
ފަހުދު
24 March 2018
ކަލޭމެން ދައްކާ ވާހަކަ ގަބޫލުކުރާނީވެސް ޔޫރަޕް ޓެރަރިސްޓުންނާ އެމީހުންގެ މި ސަރަހައްދުގެ އެޖެންޓް. ތިހެން ޓެރަރިސްޓު ބަޔާންތައް ނެރުނީމާ ހަގީގަތް އޮޅޭނެތަ؟
ނަސީމު
24 March 2018
ޔާ ﷲ އަނިޔާ ލިބެމުންދާ އަޅުންގެ ދުޢާގައި ބަރަކާތްލައްވައި މިއަނިޔާވެރިކަމުން މިންޖުކުރައްވާނދޭވެ! ހައްގަށް ނަޞްރުދެއްވާ, ބާތިލް ނެތިދިއުން އަވަސްކުރައްވާނދޭވެ!
ދަލޭ
24 March 2018
ޔާ ﷲ މި މުސީބާތެއްފަދަ ވެރިކަނުން މިންޖުކުރައްވާނދޭވެ!
ޝާނާ
24 March 2018
އަނިޔާވެރިންގެ ނިމުން ހިތިވާނެ, ﷲއިންޝާ