ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ފުލުހުންތަކެއް ޑިއުޓީގައި: ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަށް ފުލުހެއްގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި. --ފޮޓޯ/މިހާރު
01 އެޕްރީލް 2018 - 22:16
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ފުލުހުންގެ ދިފާއީ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.
އެ އަށް ފުލުހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ.
ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ މީގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް އިއްޔެ އިތުރުކޮށްފައިވާއިރު، ހަތް މީހެއްގެ ބަންދަށް ފަސް ދުވަސް އިތުރުކުރީ މިއަދު ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ވެރިކަން ވައްޓާލަން އުޅުމުގެ އިތުރުން ވެސް ގިނަ ތުހުމަތުތަކެއް އެ ފުލުހުންގެ މައްޗަށް ކުރެ އެވެ. އޭގެ ތެރޭގައި، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރު ގާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ހިމެނެ އެވެ.
އެ ފުލުހުންގެ އިތުރުން، ވެރިކަން ވައްޓާލުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން އަރީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަށް ކުރަނީ، އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ތަންފީޒުކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދީގެން ނެރެފައިވާ ޣައިރު ގާނޫނީ އަމުރެކެވެ.
އެ އަމުރުން ދައުލަތް ހިންގުން އޮޅުންބޮޅުން ވެ، ގާނޫނުއަސާސީގެ ބާރުކެނޑިދާނެ ކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަށްގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ހެންވޭރު މެދު ދާއިރާގެ އަލީ އާޒިމް އަދި ބައެއް ސިފައިންނާއި ފުލުހުންތަކަކާއި އާއްމުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
02 April 2018
އެ އަމުރުއަކީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ނުދީ ނެރެފައިވާ ޣައިރު ގާނޫނީ އަމުރެއްވެސްނޫނެވެ. އެ އަމުރުން ދައުލަތް ހިންގުން އޮޅުންބޮޅުނުވެ، ގާނޫނުއަސާސީގެ ބާރުނުކެނޑި ގައުމުގައި އަދުލް ގާއިމްވުން ކަށަވަތުވީސްއެވެ.
ސަޖިދު
02 April 2018
މިވެރިކަން ދާދި އަވަހަށް ނިމިގެން ދާނެ އާމީން
ފާތުން
02 April 2018
ޤާނޫނު އަސާސީގެ ދިފާއުގައި، ކޮއްފަ ތިބި ހުވަޔާ އެއްގޮތަށް އަމަލުކުރީތީ ހަމަ ސާބަސް މިފުލުހުންތަކަށް. މާތްﷲގެ އިރާދަފުޅުން މިސަރުކާރު ބަދަލުވެ، މިފުލުހުންގެ މުސްތަޤްބަލް މާ އޖާލާވާނެ. ހުރިހާ އެންމެންވެސް މިފުލުހުން ދުވާގަ ޝާމިލްކޮށް، އަދި އިތުރު ފުލުހުންނަށްވެސް ހެޔޮވިސްނުން ދެއްވާތޯ ދަންނަވަންވީ.
މަރޭމިތުރާ
02 April 2018
ކިރިޔާ އަޑެއް އިވިލާއިރަށް ބޭނުންގޮތެއް އެހަދާލަނީ.....ހުރިހާ ކަމެއް ގޯހޭކިޔައި އެއުޅޭތަނުން ވަކިކޮށްލަނީ.
ހަސަން
02 April 2018
އަހަރެންގެ އިހްތިރާމް މިފުލުހުންނަށް. ޤާނޫނު އަސާސީ އަށް ކިޔަމަންވާން ﷲ ގަންދީ ހުވާކޮއްގެއް ތިބެ ޤައިރު ގާނޫނީ އަމުރަކަށް ތަބާވުމަކީ ފާފަ އެއް. މިއަދު ވަޒީފާ އާއި ފްލެޓުގެ ބޭނުމުގައި ތިހެން ތިބެވިދާނެ. ސުވާލު ކުރެވޭނު ދުވަހެއް އަންނާނެ.
ސިއާ
02 April 2018
ވެރިކަން ވައްޓާލަން އުޅުނީތަ? ނޫނީ ﷲ ގަންދީކޮށްފާވާ ހުވަޔާ އެއްގިތަށް ގާނޫނުގައިވާ ގިތަށް ކޯޓުގެ އަމުރު ތަންފީޒުކުރަން އުޅުނީތަ? ﷲ ހައްގަށް ނަޞްރުދެއްވާނީ, ކެތްތެރިވޭ ﷲ އިރާދަކުރެއްވިއްޔާ އެދުވަސް އޮތީ ވަރަށް ގާތުގައި, ބާތިލް ނާކާމިޔާބުވާނެ,
އަލީ!
01 April 2018
ތާއީދު ނެތް ވެރިޔަކު ވެރިކަމުގައި ހުރުމަށްޓަކައި މުޅި ސިސްޓަމް މިއޮތީ އޮޅުން ބޮޅުންވެފަ. ޤާނޫނުގެ ބާރެއް ނެތް.!!
ހަސަންފުތު
01 April 2018
ވިސްނާ ފިކުރު ކުރާބަޔަކައް މި ކުޑަ ކުޑަ ދިވެހިރާއްޖޭގައި މި ހިގަމުންދާ ކަންތަކުން އިބުރަތް ހާސިލްވާނެ.. ބަގާވާތެއް ކޮއް ވެރިކަން ބަދަލު ކުރި އެތައް ބަޔެއް މިއަދު އެހެރީ ޖަލުގައި.. އެސްއޯފުލުހުންގެ ބަޔެއްވެސް މިއަދު އެ ހިތިރަހަ ލާފި .. އަދި މިސަރުކާރު ބަދަލުވާ އިރަކުން މިހާރު ރައީސް ޔާމީން ހިމާޔަތުގައި ތިބި އެސްއޯފުލުހުންވެސް އެމީހުން ކޮއްފައި ހުރި ނުބައިކަންތަކުގެ ހިތި ރަހަ ލާނެ .. މާތް ﷲ ގެ ކުޅަދުންވަންތަކަން މިފެންނަނީ.. އަދިވެސް ބޮޑާ ވެފައި ބަސް ނުބުނޭ ... މިވެރިކަން ދެމިއޮތީވެސް ބަޔަކައް އަދަބު ލިބެންކަމައްވެސް ވެދާނެ..
ހޭބަލި ވެފާތަ
01 April 2018
ފުލުހުން ފުލުހުން ހައްޔަރު ކުރުން...ޤާޒީން ޤަޒީން ހައްޔަރު ކުރުން.. އެއްމެ މީހަކަށް ތަކައި..މިއީ ފަހޒަމާނުގެ ކަމެއް
ޒިންދަގީ
01 April 2018
ވެރިކަން ވައްޓާލަން އުޅުނީތޯ ނުވަތަ ސުޕްރީމްކޯޓުން ނެރުނު އަމުރެއް ތަންފީޒުކުރުމަށް، ކޮށްގެންތިބި ހުވަޔާއެއްގޮތަށް އިޚްލާސްތެރި ވާޖިބު ގައުމަށް އަދާކޮށްދޭން އުޅުނީތޯ؟؟