ކުޅުދުއްފުށީ ހޮސްޕިޓަލް، ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ ހަވާލުކުރުމަށް ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ -- މިހާރު ފޮޓޯ: ހުސެން ވަހީދު
03 އެޕްރީލް 2018 - 12:24
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ހިންގަން، އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައިއާ) އެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ މަސައްކަތް ފަށައިފި އެވެ.
އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިއުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައިއާ ކުޅުދުއްފުށީ ހޮސްޕިޓަލް ހަވާލުކުރީ 50 އަހަރަށެވެ. އެކަމަކު އެ އެއްބަސްވުމާ އެއްގޮތަށް ހޮސްޕިޓަލް ނުހިންގުނީ، އެ ކުންފުނީގެ ދެ ހިއްސާދާރުން ކަމަށްވާ ފައިޒަލް ޚާން އާއި އަލީ އުސައިދާ ދެމެދު އުފެދުނު މައްސަލަތަކަކާ ހެދި އެވެ. އެ މައްސަލަތައް ހައްލުކުރަން ދިވެހި ސަރުކާރުން 10 ދުވަހުގެ މުއްދަތެއް ވެސް ދިނެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް.-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
އެއްބަސްވުން އުވާލުމުގެ މަސައްކަތް ފެށީ، މި މައްސަލަތަކަށް އެދެވޭ ހައްލެއް ނުހޯދުމުންނެވެ. އެއްބަސްވުން އުވާލުމާ ގުޅޭ ގޮތުން މިނިސްޓްރީން އަދި ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެއްބަސްވުން އުވާލުމުގެ މަސައްކަތް ފެށީ، މުއްދަތެއް ދީގެން ވެސް މައްސަލަ ހައްލު ނުވުމުން، އެޓާނީ ޖެނެރަލްގެ ލަފާ ވެސް ހޯދައިގެންނެވެ.
ހެލްތު މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެއްބަސްވުން އުވާލަން ނިންމި ކަމެއް، އެ މިނިސްޓްރީ އަށް އަދި އެނގިފައި ނުވާ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ، ރައީސް އޮފީހުގައި ކަމަށާއި ގޮތެއް ނިންމާނީ ރައީސް އޮފީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް މިއަދު ވިދާޅުވީ ދައުރު ނިމުމުގެ ކުރިން، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަކީ، ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދަކަށްވި ނަމަވެސް، އެ ވައުދު ނުފުދި، ހޮސްޕިޓަލުގެ ހާލަތު ދަށްވަމުންދާތީ، ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ހޮސްޕިޓަލާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުން ކައުންސިލާ ހިއްސާކޮށްފައި ނުވިއަސް އުއްމީދަކީ، އެތަން ވީހާވެސް އަވަހަކަށް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ ޝަކުވާތަކެއް އެބަހުރި. ދައުރު ނިމޭއިރު ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ނުވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެއް،" އަބްދުއްލަތީފް ވިދާޅުވި އެވެ.
އެއްބަސްވުން އުވާލަން ސަރުކާރުން ނިންމިއިރު، ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ އެކު ވެފައިވާ އެއްބަސްވުން ނިމޭ ހިސާބުން، އެ ތަން ތަރައްގީކުރަން ސަރުކާރުން ރާވާފައިވާ ޕްލޭންތައް ކުރިއަށް ގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އެތަނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން ޕްލޭންތަކެއް ކަނޑައަަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހިއްސާދާރުންގެ މެދުގައި ބޮޑު މައްސަލަގަނޑެއް އުފެދިފައިވާއިރު، ހޮސްޕިޓަލް ހިންގުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތު އެއް ބޭފުޅަކު ގެންދަވަނީ އަނެއް ބޭފުޅެއްގެ އިސްތަށިފުޅުގައި އަޅުވަމުންނެވެ. ކޮރަޕްޝަންގެ މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންއަމާ
04 April 2018
މިސަރުކާރު ސިފަކުރެވެނީ ނުއިންނައިރު ވައްބެ ދޮންއަލީ އިނީމަ ވައްބެ ވައްސޮރު އަލީ
މާމަ
04 April 2018
ކޮބާތޯ ރޮކެޓް ސްޕީޓްގަ ގެންނަން ބުނި ތަރައްގީ
ނުނން
03 April 2018
ގެއްލުމުގެ ބަދަލުވެސް ނަގަންވީ އަދީބް އަތުން ދޯ !
ހުއްބުލް ވަތަން
03 April 2018
ނަތީޖާ ނުނެރެވެންޏާ މިސަރުކާރުން ބޭރުކުރާނެ ކޮންމެ ބަޔަކައްވިޔަސް
ގޯނިފުލު
03 April 2018
ހެހެ... ކޮންދުވަހަކުންތޯ ހދ ގަ އެހުޅުވި ރިސޯޓު ކޮންމެވެސް ކަމެއް މެދުވެރިވެގެން ހުއްޓާލަނީ؟
ޝަހީދާ
03 April 2018
އަނެއްކާވެސް އީންޑީޔާއައް ސުމެއް ރާއްޖެއައް އެކެއް..
ބާސާ
03 April 2018
އަބަދުވެސް ތިހާލުގަ އުޅެންޖެހެނީ ؟ ކޮބާ ކުރިން ކެޑި ފޮނި
އަލީިި
03 April 2018
އިންޑިޔާޔަށް ދީގެން ކެނޑޭނެ ފޮންޏެއްނޯންނާނެ. ތިވެސް ޗައިނާއަށް ދިންނަމަ މިހާތު ކޮޅިދައްކާލީސް. ފެންވަރުގަ ހިންގާލާނެކަން ޔަގީން. އިންޑިޔާ ދަސްކުރަންވެއްޖެ. ދަސްވާހާދުވަސްވެސް ވެއްޖެ. އަމިއްލަ އެދުން މާބޮޑަށްވެސް ބޮޑުބައެއްއެއީ.
ގްރީން
03 April 2018
ދެން އެކިކުލަބަރީމީހުން ދެގައުމު ޖައްސާ ފިއްތާ ބާރުކުރޭ. އެއެއްނު ނުވެއޮތް ކަމަކީ.
ަުއުތުރު ބެއްޔާ.
03 April 2018
ކޮބާތޯ ހަވާއެރުވުން .ދެންއުވޭނީ ފުރީޓްރޭޑް އެގުރީމެންޓް.
އަލީިިި
03 April 2018
އިންޑިޔާޔަށް ދީގެން ކެނޑޭނެ ފޮންޏެއްނޯންނާނެ. ތިވެސް ޗައިނާއަށް ދިންނަމަ މިހާތު ކުޅިދައްކާލީސް. ފެންވަރުގަ ހިންގާލާނެކަން ޔަގީން. އިންޑިޔާ ދަސްކުރަންވެއްޖެ. ދަސްވާހާދުވަސްވެސް ވެއްޖެ. އަމިއްލަ އެދުން މާބޮޑަށްވެސް ބޮޑުބައެއްއެއީ. ފުރީ ޓްރޭޑްގެ ފައިދާ އަދި ފެންނާނެ. ހިއްވަރު ހުރިއްޔާ ބަލަބްތިބޭތި. އެކަން ގަބޫލުކުރެވޭތީވެ އެކަން ވިއަނުދޭން މަސައްކަތް ކުރަމުން އެދަނީ.