ރިޕޯޓް / ކޮރަޕްޝަން

މަގާމާ އެކު ފައިސާވެރިންނަށް! ވާނުވާއެއް ނޭނގޭ!

މަޖިލީހުގެ މެމްބަރުން ފަދަ، ދައުލަތުގެ ބޮޑެތި މަގާމްތަކުގައި ތިބޭ މީހުންގެ ބޮލުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އެޅުނީމާ ވަރަށް ފަސޭހަ އިން އެ ކަންކަމުން ރެކިގަންނަ އިރު، އެ މީހުންގެ ފައިސާ އާއި މުދަލާއި ވިޔަފާރީގެ މަސްލަހަތުތައް ރައްޔިތުންނަށް ހާމަކުރަމުންނެއް ނުދޭ. ފައިލް ފޮޓޯ: މަޖިލިސް

ދައުލަތުގެ މަގާމެއް ލިބޭ އިރަށް ކުއްލިއަކަށް ބޮޑެތި މަހުޖަނުންނަށް ވެގެންދާ މީހުން އެހާ ފަސޭހަ އިން ފާޑުކިޔުންތަކުން ރެކިގަންނަނީ ކިހިނެއް ހެއްޔެވެ؟ ގޯއްޗާއި ފްލެޓާއި ކާރު ފަދަ އަގު ބޮޑު މުދާ މިލްކުކުރަނީ ހަމަ ހަލާލު ފައިސާއިންނޭ ބުނެލާފައި އެ މީހުންނަށް ފަރުޖައްސާލެވެނީ ކިހިނެއް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބޮޑެތި މަގާމްތައް ފުރާ އެ ނޫން ވެސް ގިނަ ބަޔަކު ރިޝްވަތުން ފޯވެފައިވާ ކަން ގަބޫލުކުރާ އާއްމުން ކުރަންވީ މި ސުވާލުތަކެވެ.

ފުލުފުލުން ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވަމުންދާ އިރު އަދި ޚާއްސަކޮށް މަޖިލީހުގެ މެމްބަރުން ރިޝްވަތު ދީ، ހިފައި އުޅޭކަން އެ މީހުންގެ އަމިއްލަ އިއުތިރާފުން އެނގިފައިވާ އިރު، އެއާ އެކުއެކީގައި ފެންނަނީ އެފަދަ ތުހުމަތުތައް ރައްދުވާ މީހުން ކުއްލިއަކަށް ބޮޑެތި ފައިސާވެރިންނަށާއި މުދާވެރިންނަށް ބަދަލުވެގެންދާ މަންޒަރެވެ. އެކަމަކު ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރަން ހަގީގީ މާނައިގައި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟

ދައުލަތުގެ މަގާމްތަކުގައި ތިބޭ މީހުންނަށް ނުހައްގު މުއްސަނދިކަމެއް ލިބިނުގަނެވޭނެކަން ކަށަވަރުކުރުމުގެ އެންމެ އަސާސީ ފިޔަވަޅަކީ އެ މީހުންގެ މާލީ އަދި ވިޔަފާރީގެ މަސްލަހަތުތައް ތެދުވެރިކަމާ އެކު، ގަވާއިދުން ހާމަކުރަން ޖެހޭ ގޮތް ހަމަޖެއްސުމެވެ. މިހާރު ވެސް، ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންނާއި މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުންނާއި ޕްރޮސެކިއުޓަ ޖެނެރަލާއި ބައެއް މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަހަރަކު އެއް ފަހަރު އެ މީހުންގެ މުދަލާއި ފައިސާގެ ބަޔާނެއް ކަމާ ބެހޭ ވަކި ފަރާތްތަކަކަށް ހުށަހަޅަން ޖެހެ އެވެ. އެކަމަކު އެއީ، އާއްމުންނަށް ނޭނގޭ ގޮތަށް އަދި މަގްސަދު ހާސިލް ނުވާ ގޮތަށް، ހަމައެކަނި ނަމެއްގައި ކުރަން އޮންނަ ކަމެކެވެ.

ފުރަތަމަ މައްސަލައަކީ، މާލީ ބަޔާން ހުށަނާޅާ މީހުންނާ ދޭތެރޭ އަޅާނެ ފިޔަވަޅެއް ގާނޫނެއްގައި ނެތް އިރު އެކަން ނުކުރާ މީހުން ޒިންމާދާރުކުރެވޭނެ ގޮތެއް ވެސް ނެތުމެވެ. ދެވަނަ ކަމަކީ، ބަޔާނުގައި ހިމަނަނީ ސައްހަ، ތެދު މައުލޫމާތުތޯ ކަށަވަރުކުރަން ނުޖެހުމެވެ. އަދި ތިން ވަނަ މައްސަލައަކީ، އެފަދަ ބަޔާންތައް އާއްމުކޮށް ޝާއިއުކުރަން ނުވަތަ ހާމަކުރަން ވެސް ގާނޫނީ ގޮތުން ލާޒިމް ނުކުރާތީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް، މަގާމްތައް ފުރާ ގިނަ މީހުންނާއި އެ މީހުންގެ މާލީ ބަޔާންތަކާ ހަވާލުވާ މުއައްސަސާތަކަކުން ނުދެކުމެވެ. އެންމެ ކުޑަމިނުން، މާލީ ބަޔާން ހުށަހަޅަނީ ކިތައް މީހުން، ނުވަތަ ކޮން ބައެއްކަން ވެސް އެ ތަންތަނުން އިސްވެ ހާމަކުރަމުން ނުދާ އިރު އެ މައުލޫމާތު ހޯދުން ވެސް ވަނީ އުނދަގޫ ކަމަކަށެވެ.

"މި ކަހަލަ ކަންތައްތަކަށް ބަދަލެއް ގެނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުންގެ ފަރާތުން. އާއްމުން މިކަން ރަނގަޅަށް ގަބޫލުކޮށްފިއްޔާ އަދި އާއްމުންގެ ފަރާތުން ޕްރެޝާއެއް އަންނަ ކަމަށް ވަންޏާ، ގާނޫނު ހަދަން ތިބީ މަޖިލީހުގެ މެމްބަރުން ކަމަށް ވިޔަސް، އެ ބަދަލު އަންނާނެ."

މުއައްސަސާތަކުގެ ސިއްރުވެރިކަން

މާލީ ބަޔާނާ ގުޅުން ހުރި މިފަދަ މައްސަލަތައް ބޮޑަށް ހާމަވާން ފެށީ 2015 އިން ފެށިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހިންގަމުން އަންނަ "ހާމަކުރޭ!" ކެމްޕެއިނާ އެކުގަ އެވެ. އެ ހަރަކާތުގައި އެ ޖަމްއިއްޔާގެ ތަޖުރިބާ އިން ފާހަގަވި މައިގަނޑު ދެ ކަމަކީ މާލީ ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަން ސިއްރުކުރާ ކަމާއި އެއީ ސައްހަ ބަޔާންތަކެއްތޯ ނުބަލާ ކަމެވެ. މާލީ ބަޔާން ބަލައިގަންނަ މުއައްސަސާތަކަކީ މަޖިލީހުގެ އިދާރާ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހާއި ޖުޑީޝަލް ސާވިސް ކޮމިޝަނެވެ.

"އަޅުގަނޑުމެން މައުލޫމާތަށް އެދުނީމަ، މިއިން އެއްވެސް ފަރާތަކުން ނެތް، ސަބްމިޓްކުރެވިފައި ހުރި މައުލޫމާތު ވެރިފައިކުރަން އެއްވެސް ވަރަކަށް މަސައްކަތްކުރިތޯ ބުނެދީފައެއް. ނުކުރަމެކޭ އެއްވެސް ފަރާތަކުން ސީދާ ބުނީއެއް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ބެލެވެނީ ސަބްމިޓްކުރީމަ އެ އެއްޗެހިތައް ހަމައެކަނި ފައިލްކޮށްލާފައި ބަހައްޓަނީއޭ،" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއާ ޕްރޮޖެކްޓް ކޯޑިނޭޓަރު އާހިދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގައި ލާޒިމްކޮށްފައި އޮންނަ ގޮތަށް މާލީ ބަޔާން ހުށަހަޅާކަން ކަށަވަރުކުރުމަކީ ވެސް އުނދަގޫ ކަމެކެވެ.

"މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން އަޅުގަނޑުމެން އެދިގެން އެކި ތަންތަނުން އެކި ވަރަށް ޖަވާބު ލިބިފައި ހުރީ،" އާހިދު ވިދާޅުވި އެވެ.

"މިސާލަކަށް ބުނަންޏާ، އޮޑިޓް އޮފީހަކަށް ބުނެއެއް ނުދެވުނު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން މިދިޔަ 10 އަހަރު ތެރޭ މާލީ ބަޔާން ހުށަހަޅާފައި ވަނީ ކޮން ބަޔަކު، ކޮން އަހަރުތަކެއްގައި ކަމެއް. ޖުޑީޝަލް ސާވިސް ކޮމިޝަނުން އެއްފަހަރު ބުނެދިން، ހުރިހާ ފަނޑިޔާރުން ބަޔާން ހުށަހެޅި ކަމަށް. ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ފުރަތަމަ އެ ވަރު ވެސް ބުނެ ނުދޭން އުޅެފައި އަޅުގަނޑުމެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އެ ކަންތައް އެޕީލްކޮށްގެން އެންމެ ފަހުން 2016ގައި ބުނެދިނީ އެ ވަގުތު ބަންދުގައި ހުންނެވި އެއް މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން މާލީ ބަޔާން ހުށަހެޅިއޭ."

ކެބިނެޓް ބައްދަލުވުމެއް: ދައުލަތުގެ އެންމެ މަތީ ވެރިންގެ މާލީ ބަޔާން އާންމުކުރެވޭނެ ގޮތެއް އޮންނަން ޖެހޭ

އަމިއްލަ ޒިންމާ

ގާނޫނީ ގޮތުން ލާޒިމް ކަމަކަށް ނުވިޔަސް ކޮރަޕްޝަނަށް ނޫނެކޭ ބުނުމާއި ޑިމޮކްރެސީ ނެގެހެއްޓުމުގެ ރޫހުގައި މާލީ ބަޔާން ހާމަކުރުމުގެ އިޚްތިޔާރު މަގާމްތައް ފުރާ މީހުންނަށް އެބަ އޮތެވެ. "ހާމަކުރޭ!"ގެ ޕްރެޝަރާ އެކު، މަޖިލީހުގެ ބައެއް މެމްބަރުން އެކަން ކޮށްފައި ވެސް ވެ އެވެ. އެކަމަކު އެ ކެމްޕެއިން ފެށި އަހަރު އެންމެ 12 ވަރަކަށް މެމްބަރުން އެ މީހުންގެ މާލީ ބަޔާން ސޯޝަލް މީޑިއާގައި ހާމަކުރުމަށް ފަހު، ވޭތުވެދިޔަ ދެ އަހަރު އެ އަދަދު ވީ އެ އަށް ވުރެ ވެސް ދަށެވެ. ބައެއް ކަންބޮޑުވުންތަކާއި އުޒުރުތަކާއި ބަހަނާތައް ވެސް އެ ކަމުގެ ތެރެއިން ފާހަގަވެގެން ދިޔަ އެވެ. އަދި މެމްބަރުންގެ މާލީ ބަޔާން ހުށަހަޅަން ދީފައި އޮންނަ ފޯމެޓުން އެ ކަމުގެ މަގްސަދު ހާސިލްވާ ކަމަކަށް ގިނަ މީހުން ނުދެކެ އެވެ.

"ދައުލަތުގެ ބޮޑެތި މަގާމްތަކުގައި ތިބި ފަރާތްތަކުން ލިބެން އަޅުގަނޑުމެން މި އުއްމީދުކުރާ ސަޕޯޓް އަދިވެސް ހަމަ ނުލިބޭ. ގިނަ ފަރާތްތަކަކުން އަދިވެސް ގަބޫލެއް ނުކުރޭ މާލީ ބަޔާން އާއްމުކޮށް ހާމަކުރަން ޖެހޭނެ ކަމަކަށް،" އާހިދު ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކުރަމުންދާ ކަމެއް މާލީ ބަޔާން ހާމަކުރުމަކީ. އެއާ ހެދި ނުހައްގު މުއްސަނދިކަން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވޭ އެ ގައުމުތަކުގައި. އަދި އެއާ ހެދި ކޮރަޕްޝަންގެ އަމަލުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރެވެމުން ދަނީ."

"އާއްމުން ގަބޫލުކޮށްފިއްޔާ ބަދަލު އަންނާނެ"

މައިގަނޑު ގޮތެއްގައި ދިމާވެގެން މި އުޅެނީ، ކަމުގެ ރޫޙަށް ނުބަލައި، ގާނޫނުން ކަންތައްތަކެއް ކަނޑައަޅާފައި ނެތީމާ، އެ ބާގަނޑުތަކުން ދެމިގަންނަ މައްސަލަ އެވެ. އެކަމަކު ގާނޫނާއި ގަވާއިދުތައް ހަދަން ތިބި މީހުން މި ބާގަނޑުތައް ބައްދައިދީފާނެ ހެއްޔެވެ؟ މިއީ އެ މީހުންގެ އަމިއްލަ ނަފްސަށް ރައްދުވާ، އަމިއްލަ މަސްލަހަތު އެކުލެވިގެންވާ ކަމެކެވެ.

މަޖިލިސް ތެރެއިން ކޮރަޕްޝަން ނައްތާލާށޭ ބުނެ އެންޓި-ޑިފެކްޝަން ބިލެއް ވަގުތުން ވަގުތަށް ފާސްކޮށް ގާނޫނަކަށް ހެދި އިރު، ދެން ހުރި ފިޔަވަޅުތައް ނާޅަނީ ކީއްވެގެން ހެއްޔެވެ؟ މަތީ މަގާމްތަކުގައި ތިބޭ މީހުންގެ މާލީ އަދި ވިޔަފާރީގެ މަސްލަހަތުތައް އާއްމުންނަށް ފެންނާނެ ގޮތަށް ހާމަކުރަން މަޖުބޫރުކުރުމާއި ހާމަކުރަނީ ފުރިހަމަ އަދި ތެދުވެރި މައުލޫމާތެއްތޯ ކަށަވަރުކުރުމާއި ނުހައްގު މުއްސަނދިކަން ލިބިގަންނަ މީހުންނަށް އަދަބު ދިނުމުގެ މަގުތައް ފަހިކޮށްދޭންވީ ނޫން ހެއްޔެވެ؟ ނުހައްގު މުއްސަނދިކަމަކީ ކުށެއް ކަމަށް ކަނޑައަޅަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި އޮތް "އިލިސިޓް އެންރިޗްމަންޓް" ބިލް މަޖިލީހަށް ފޮނުވައިގެން އަވަހަށް ފާސްކުރަންވީ ނޫން ހެއްޔެވެ؟

އެކަމަކު މި ކަންތައްތަކެއް ނުވެ އެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުން، އެ މީހުން އަމިއްލަ އަށް ބޯލަނބަން ޖެހޭ ނުވަތަ އަމިއްލަ މަސްލަހަތަކަށް ބުރޫއަރާފާނެ ފަދަ ކަމެއް އަމިއްލަ އަށް އިސްނަގައިގެން ހެޔޮ ނިޔަތެއްގައި ކުރާ މަންޒަރު ނުފެންނަންޏާ ދެން އޮންނާނީ އާއްމުން އެ މީހުން ލައްވައި އެކަން ކުރުވުމެވެ.

"މި ކަހަލަ ކަންތައްތަކަށް ބަދަލެއް ގެނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުންގެ ފަރާތުން. އާއްމުން މިކަން ރަނގަޅަށް ގަބޫލުކޮށްފިއްޔާ އަދި އާއްމުންގެ ފަރާތުން ޕްރެޝާއެއް އަންނަ ކަމަށް ވަންޏާ، ގާނޫނު ހަދަން ތިބީ މަޖިލީހުގެ މެމްބަރުން ކަމަށް ވިޔަސް، އެ ބަދަލު އަންނާނެ. ކޮންމެ ގޮތެއް ވިޔަސް މަޖިލީހުގެ މެމްބަރުން ފަސް އަހަރު ކޮށްފައި މި އަންނަ އަހަރު އަނެއްކާވެސް އިންތިޚާބުވާން ބޭނުމިއްޔާ ދާން ޖެހޭނީ ރައްޔިތުންގެ ކުރިމައްޗަށް،" އާހިދު ވިދާޅުވި އެވެ.

"މި ކަމަކީ ރައްޔިތުންނަށާއި ގައުމަށް ވެސް ލިބޭނެ ފައިދާއެއް ކަމުގަ އާއި އަދި މާލީ ބަޔާނެއް އާއްމުކޮށް ހާމަކުރުމަކީ އޭގެ ސަބަބުން އެ ފަރާތަކަށް ވެސް ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމާއި ހަމައެކަނި ގެއްލުމެއް ލިބޭނީ އެ ފަރާތުން ނުހައްގު ގޮތުގައި މުއްސަނދިވެފައި ހުރިއްޔާކަން، މި ހުރިހާ ކަންތައްތަކެއް ރައްޔިތުންނަށް އަންގައިދޭން އަޅުގަނޑުމެން ބޭނުންވަނީ."

ކޮންމެ ގައުމެއްގައި ވެސް، ދައުލަތުގެ ބޮޑެތި މަގާމްތަކުގައި ތިބޭ މީހުން އެ މީހުންގެ ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން ހޯދުމުގެ ޖާގަ ވަރަށް ބޮޑަށް އޮވެ އެވެ. ރާއްޖޭގައި އެފަދަ އެތައް ކަމެއް ފަޅާއަރައި ސާބިތުވަމުން، ނުވަތަ ތުހުމަތުތަކާއި ޝައްކުތައް ކުރެވެމުން ދާއިރު، ނުހައްގު މުއްސަނދިކަން ހުއްޓުވައި އެފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރުމުގެ އިތުރުން ފަސޭހަ އިން އެފަދަ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅޭނީ ވެސް މާލީ މަސްލަހަތުތައް ތެދުވެރިކަމާ އެކު ރަނގަޅަށް ހާމަކުރަމުން ގެންދާ އަދި އެފަދަ މައުލޫމާތުތަކުގެ ސައްހަކަން ބެލުމުގެ ސަގާފަތެއް އުފެދިގެންނެވެ.

37 ކޮމެންޓް, 55 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 5%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިމްވޯރު

19 April 2018

އާސިޔަތޫ ކަނބުލޯ މިފަހަކަށް އައިސް ތި ލިއާ ލިއުންތައް އިންތިހާބަށް ދިއުމުގެ ކުރިން ގައުމާ ދޭތެރޭ ވިސްނާލަމާތޯ ކިޔާފައި ފޮތެއްގޮތަށް ނެރޭ. ތަންކޮޅެއް އަގުހެޔޮކޮށް ލިބޭގޮތަށް. މަ ގަންނާނަން ގައިމުވެސް. ގަނެގެން ހިލޭ ބަހާނަންވެސް މެ މަށަށް ވެވުނު ވަރަކުން.

The name is already taken The name is available. Register?

ހަމަހަމަ ކަމާއި އިންސާފު

19 April 2018

ބަލާލި ކޮންމެ ދިމާލަކުން ވެސް ކިރޮޕުޝަން. ދިވެހިން ދިވެހިންގެ ގޮތުގައި އަތް ޖަހާލަ ޖަހާލާ.

The name is already taken The name is available. Register?

ހައްގުގަ

19 April 2018

ރައްޔިތުންގެ މެމްބަރުންނަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަކީ ދެން އަންނަ ރައްޔިތުންގެ މަޖްލިހުގެ އިންތިޚާބުގައި ނުހޮވިދާނެ ގޮތެއް ދިމާވުން. މަޖްލިހުގައި ތިބެ މާލީ ބަޔާން ހުށަނާޅާ މެމްބަރުން ދެން އަނެއްކާ ކުރިމަތިލާއިރު މިފަދަ މީހުންނާ ބެހޭ މިފަދަ ކަންކަން ރައްޔިތުން ރަގަޅަށް ބަލަން އެބަޖެހޭ. ތާއީދު ކުރެވޭ މީހާއަކީ ސާފު ހުދު ފޮތިކޮޅަކަށް ހަދައިގެން ހަގީގަތަށް ބުރަނުވެ ތިބެ އަމުދުން މިހާރު ޕާޓީއަކަށްޓަކައި ތާއީދުކުރުން މައްސަލައަކީ. މާލީ ބަޔާން ހުށަނާޅާ މެމްބަރަކު އަލުން ކުރިމަތިލާނަމަ އެމީހެއްގެ މާލީ ބަޔާނާ މެދު ސުވާލުކުރުން ދެން އެދާއިރާއަށް ކުރިމަތިލާ އެހެން މީހުންވެސް ނަގައިގެން އުޅޭނަމަ އެކަމަށް ފޯކަސް ލިބޭނެ. މެމްބަރުންނަށް އެންމެ ބޮޑު ޕްރެޝަރެއް ކުރެވޭނެ އެއް ވަގުތަކީ އެމީހުން ކެމްޕޭންކުރާ ދުވަސްވަރު. އެފަދަ ވަގުތުތަކުގައި އެހެންނޫނީ އަޑުނާހާ ވާހަކަތައް އަޑުއަހައި އެއަށް ޖަވާބުދާރީނުވެވޭނަމަ ގޮނޑި ގެއްލޭ މަންޒަރު ފެނުމުން ކޮންމެވެސް އަސަރެއްކުރާނެ.

The name is already taken The name is available. Register?

ގުގުމާ

19 April 2018

ވަރަށް ރަނގަޅު ވާހަކައެއް. ވަރަށް ފުރިހަމަ ލިއުމެއް.

The name is already taken The name is available. Register?

ތީ ހަމަ ތެދެއް

19 April 2018

ތީހަމަ ތެެދެއް މިސާލަކަށް ގޭސްވިއްކާ ބޮޑުމީހާ ކަން ލިބޭއިރު މިއުޅެނީ ބާ ސައިކަލު ގަނޑެއްގަ. ޢިރުކޮޅަކުން މޮޅު ސައިކަލްތައް ކާރުތައް މާލޭންގޯތި . ލިބޭ މުސާރައަކުން އެކަނި މިހާ ތިޔާގި ކަމެއް ނުލިބޭނެ ކޮންމެ ދިމާލަކށް ބެލިއަސް ނުފޫޒުގަދަ މަގާމެއް ލިބޭ އިރަށް ހީވަނީ ޚަޒާއެއްގެ ތަޅުދަނޑި އެއްވެސް ލައްވާލާހެން.

The name is already taken The name is available. Register?

ޟަޒް

19 April 2018

އިންކަމް ޓެކްސް ނަގަންޖެހޭ.

The name is already taken The name is available. Register?

ޒުވާނުން

19 April 2018

ކޮބާތަ ކޮންމެ އަތޮޅަކަށް ދޭން ބުނި ފަޅުރަށްތައް! މެމްބަރާ މަޓީއަށް ބެހީތަ؟ ކޮންމެ 5000 މީހަކަށް ފަޅުރަށެއް ވޯޓު ބޭނުމިއްޔާ! ރިސޯޓާ ދަނޑުބިމާ ހިންގާ އަދި ހިމާޔަތްކޮށްފައި އެއްބައި ބާއްވަން ޒުވާނުން ރެޑީ!

The name is already taken The name is available. Register?

ރިޔާޒު

19 April 2018

ފައިސާވެރިއަކު ފަގީރުވެދާނެ، ފަގީރަކު މުއްސަންދި ވެދާނެ، މިއިން ކޮންމެފަރާތަކަށްވެސް ފްލެޓެއް ލިބިދާނެ. އެއީ ނޫސްވެރިންވިޔަސް އިދިކޮޅުންވިޔަސް އެއްކޮޅުންވިޔަސް އެކަމަށް ހަސަދަވެރިވާކަށް ނުޖެހޭ، އިދިކޮޅުފަރާތްތައް ފްލެޓްގެ ވާހަކަދެއްކެނީ މިހާރު އާދަޔާޚިލާފަށް ފްލެޓް އަޅާތީ، ދުވަސްކޮޅަކުން ދައްކާނެ ބްރިޖްމަތިން ދަތުރުކުރާ ފަރާތްތަކުން ފީނަގާވާހަކަ، ހައްތަހާވެސް އިދިކޮޅު ނޫސްވެރިން ހިތުޖެހޭ ކަންކަން،

The name is already taken The name is available. Register?

އޮރެންޖް

19 April 2018

މަށަށް ފެންނަނީ ފްލެޓް އެއްވެސް ވަރަކަށް ނާޅާ އެއްވެސް ބަޔަކަށް ނުވިއްކުން. ފްލެޓް ގަންނަ ކޮންމެ މީހަކީ ކޮރަޕްޓް ވެފައިވާ މީހެއްކަމަށް ބެލެން އޮތިއްޔާ ފްލެޓް އެޅުންތާ އެހެންވީމާ މައްސަލައަކީ.

The name is already taken The name is available. Register?

ހެޔޮނުވާނެ

19 April 2018

ތިހަދާ ފްލެޓް ތަކާއެކީ ހުޅުމާލެ އަށް ވެާނެގޮތަކާ މެދު ބިރުގަނޭ ކޮރަޕްޝަން ލާރީ ން މުޅިންވެސް ގަންނަނީ ފްލެޓްތައް ޓަސްޓަސްލާފަ ފްލެޓްތައް ދެތިންހަތަރު މިލިޔަން ދީފަ ގަންނަނީ ކޮރަޕްޝަން އަށް ކުރާ ތުުހުމަތާ އެކު އެތުހުމަތު ކުރެވޭ މީހާގެ ނަމުގައި ހުރި ފްލެޓްތަކުގެ އަގުތަކާ އަދަދުތައް. ފްލެޓް ތައްއަޅާ ވަރަކަށް އެތައްމިލިއަން ރުފިޔާއަށް ފްލެޓްތައް ވިކެނީ . 1 ރުފިޔާ 2 ރުފިޔާ އަށް ކަންމަތީ ފިހާރައިން ވިއްކާ ހެދިކާ ވިކޭހެން ބުއްދި ގަބޫލުނުކުރެވޭ ؛ ހުރިހާ ފްލެޓް ބިންގާއަޅާއިރު ވިކިފަ ކޯޗެއްބަލަނީ ލާރިހިފައިގެން އައީ ވިއްކީ މިލިޔަނުން ލާރިހޯދީ ކިހިނެއްތޯއެއް ނުބަލާ

The name is already taken The name is available. Register?

މަހަށްދޭދޭ

19 April 2018

ކެނެރީގެ ނަޝީދުގެ ވެރިކަމުގައި އަލީވަހީދު ގަނެގެން ގޮސް އޭނާގެ ގަތް ވާހަކަ ޓްރާންސްޕޭރެންސީ ގައި ތިބޭ ވަންސައިޑެޑް މެން އެވާހަކަ ނުދައްކަނީ އެއީ ކޯއްޗެއް ހަނދާން ވެގެންތޭ މަމެން ބުނަން ނެތީމު ދޯ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..

The name is already taken The name is available. Register?

1254

19 April 2018

ކެނެރީގޭ ނަސީދު ކުރާ ހަޑިކަންތައް ކަލޭ ކުރާތީއޭ މައްސަލައަކީ އަންނަމުން ބުނީ ކެނެރީގޭ ނަސީދު ހަޑިކަންތައް ކުރާތީ މަ މިއައީ ރިތިކަންތައް ކުރާށޭ. އެކަމަކު ކެނެރީގޭ ނަސީދު ކުރީ ހުރިހާ ކަމަކާ އަދި އިތުރަށް އެތައް ކަމެއް ކޮށްފި! ލަދުވެސް ނުގަނޭ ދޯ އަނގަ ހުޅުވަން!

The name is already taken The name is available. Register?

އަލްޖިބްރާ

19 April 2018

"މި ކަހަލަ ކަންތައްތަކަށް ބަދަލެއް ގެނެވޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުން ރައްޔިތުންގެ ފަރާތުން. އާއްމުން މިކަން "ރަނގަޅަށް ގަބޫލުކޮށްފިއްޔާ އަދި އާއްމުންގެ ފަރާތުން ޕްރެޝާއެއް އަންނަ ކަމަށް ވަންޏާ، ގާނޫނު ހަދަން ތިބީ މަޖިލީހުގެ މެމްބަރުން ކަމަށް ވިޔަސް، އެ ބަދަލު އަންނާނެ." ސްޕްރީމް ކޯޓުގެ ނިންމުން ބޮލާލާޖެހީ އާއްމުން ޤަބޫލުނުކުރީމަތަ ؟ ބާރުގެ ބޭނުންކޮށްގެން ޣައެރު ޤާނޫނީ އަމަލުތައް ހިންގަނީނަމަ އެއްކަމެއްވެސް ރަގަޅެއް ނުކުރެވޭނެ ! ކަލޭމެން ހިތައް އެރިހާގޮތަކަށް ޤަލަމުން ފާޑުފާޑުގެ ލިއުންތަށް ލިއެ ޝާއިއު ކުރިއަކަސް މިޒާތުގެ ނުލަފާ ވެރިން ތަންތަނުގައި ބައިތިއްބާފާ ތިބޭހާހިދަކު އެއްކަމެއްވެސް ރަގަޅެއް ނުވާނެ !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454