ޚަބަރު / ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރަށް ކުރާ ދައުވާ ފުރިހަމައެއް ނޫން: ދިފާއީ ވަކީލުން

ފަނޑިޔާރުން ހުވާކުރުމުގެ ގޮތުން ސުޕްރީމްކޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު (ވ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ފުރިހަމަނުވާ ކަމަށް ބުނެ ދިފާއީ ވަކީލުން ފާހަގަކުރި ކަންކަމާ ގުޅިގެން އުއްތަމަ ފަނޑިޔާރުގެ ވަކީލުންނާއި ދައުލަތުގެ ވަކީލުންނާ ދެމެދު މިއަދު ޝަރީއަތުގައި ހޫނު ބަހުސްތަކެއް ކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން މި ދައުވާ ކުރަނީ ސަރުކާރުގެ އިދާރާތަކުން ލިޔެކިޔުން ފޮނުވަން ބޭނުންކުރާ، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. އެ ދައުވާއަށް އެމަނިކުފާނު މީގެކުރިން ވެސް ވަނީ އިންކާރު ކުރައްވައިފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ތިން ގަޑިއިރާއި ތިރީސް މިނިޓަށް ކުރިއަށް ގެންދިޔަ އިބްތިދާއީ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ކުރީގެ އަޑުއެހުމުގައި ޝަރީއަތަށް ހުށަހެޅި ހުށަހެޅުންތަކަށް ރައްދު ދިނުމެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން ވަނީ 11 ހުށަހެޅުމެއް ހުށަހަޅައިފަ އެވެ. އޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ގާނޫނުތަކުގެ ދަށުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނާ ހުއްޖަތްތަކެކެވެ. އެގޮތުން ވަކީލުން ފާހަގަކުރެއްވި ގޮތުގައި، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުވާ އުފުލީ ފުރިހަމަ ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ޖިނާއީ އިޖުރާއާތުގެ ގާނޫނާ މުޅިން ހިލާފަށެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން ފުރިހަމަ ނުވަނީ ކޮން އުންސުރެއް ކަން ދިފާއީ ވަކީލުންގެ ފަރާތުން ސާފު ނުވާ ކަމަށެވެ. އެ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ގިނަ ކަންކަން ފުރިހަމަކޮށް، އަދި އުންސުރުތައް ފުރިހަމަވެގެން، ހުށަހެޅި ދައުވާއެއް ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ނަމަވެސް، ދިފާއީ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުލަތުން ހުށަހެޅި ދައުވާގައި އެއްވެސް އުންސުރެއް ފުރިހަމަނުވާ ކަމަށެވެ. އެގޮތުން ދައުވާގައި ކުށުގެ އަމަލެއް ނެތް ކަމަށާއި ދައުވާ އޮތީ އެހެން މީހެއް ކުށް ކުރި ކަން ދޭހަވާ ގޮތަށް ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ. އަދި މިއީ އުއްތަމަ ފަނޑިޔާރު ކުށް ކުރިކަން ކަށަވަރުކޮށްގެން ހުށަހެޅި ދައުވާއެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްޗެއް ފުރިހަމަ ނުވެއޭ ބުނާ ނަމަ، ތަފްސީލުގައި ދައްކާނެ ވާހަކައެއް ނެތް...ދައުވާ ސާފު ނުވެގެން އުޅުނީމަ (ދައުލަތަށް) ދައުވާ ވެސް ސާފުކޮށެއް ނުދެވުނު،" ނޫރުއްސަލާމް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރަށް އިޝާރާތް ކުރައްވައި، ނޫރުއްސަލާމް ވަނީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓަށް ފޮނުވަން އޮންނާނީ ކޮން އެއްޗެއްތޯ ސުވާލު އުފައްދަވައިފަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި ޖެމްސް ހިދުމަތް ހުއްޓުވި ކަމަށް ބުނެ، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ދައުވާ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އުއްތަމަ ފަނޑިޔާރުގެ ނިޔަތާއި އަމަލުގެ ރުކުން ފުރިހަމަވެފައި ނުވާ ކަމަށާއި މިކަންކަން ސާފުނުވާ ނަމަ، މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނޫރުއްސަލާމް ވިދާޅުވި އެވެ.

ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ދައުވާ އުފުލިއިރު، މައުނަވީ ރުކުނާއި ނިޔަތަކީ ކޮބައިކަން ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ޖެމްސްގެ ހިދުމަތް ހުއްޓުވާލަން އުއްތަމަ ފަނޑިޔާރު އަމުރު ކުރެއްވި ކަން އެނގެން އޮތް ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

"އެއަށްވުރެ ބޮޑަށް ކުށުގެ ނިޔަތް ސާބިތުކޮށްދެވޭނެ ކަމަކަށް ނުދެކެން،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

ނަމަވެސް ނޫރުއްސަލާމް ވިދާޅުވީ މައްސަލަ ކޯޓަށް ހުށަހަޅާފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުއްދަ ދީގެންކަން އެނގެން އޮންނަން ޖެހޭއިރު ދައުވާ ފޯމުގައި ސޮއިކުރި މީހާ ސޮއިކުރީ ޕީޖީ ހުއްދަ ދެއްވައިގެން ކަން ވެސް އެނގެން ނެތް ކަމަށެވެ. އެކަމަކު ދައުލަތުގެ ވަކީލް ވިދާޅުވީ އެކަމުގައި ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފުވެފައި ނުވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރި ދައުވާއަށް ދީފައިވާ ނަމާ މެދު ދިފާއީ ވަކީލުން ސުވާލުކުރުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ދައުވާ އަށް ނަން ދީފައި ވަނީ ގާނޫނުލްއުގޫބާތުގައި ނަން ދިނުމަށް ކަނޑައަޅާފައި އޮންނަ ހަމަތަކުގެ މަތިން ކަމަށާއި އެކަމުގައި ވެސް އެއްވެސް ގާނޫނަކާ ހިލާފުވެފައި ނުވާނެ ކަމަށެވެ. މީގެއިތުރުން ކުށް ކުރި ކަމަށް ބުނާ ވަގުތު ހާމަކުރަން ގާނޫނުގައި އޮތް ނަމަވެސް، އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ކުރާ ދައުވާގައި ކުށް ކުރި ވަގުތަކީ މިދިޔަ ފެބްރުއަރީ 4 އަދި 5 ގެ އެކި ވަގުތުތަކުގައި ކަން އެނގެން އޮންނަ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުށް ކުރި ވަގުތު "ސުން ސިކުންތުން ސުންސިކުންތަށް" ހިމަނަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. މިކަން ހެކިންގެ ހެކި ބަހުން އިތުރަށް ސާފުވާނެ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ނަމަވެސް، ރައްދުގައި ނޫރުއްސަލާމް ވިދާޅުވީ ދައުވާގައި ދުވަސްތަކެއް ހުރިއިރު، ވަގުތެއް ނެތް ކަމަށެވެ. ކުށްކުރި ވަގުތު ބަޔާންކުރަންޖެހޭނެ ކަމަށް ގާނޫނުގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ދައުލަތުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރީ މި އަމަލު ހިންގުމަށް އަމުރުކޮށް، ސުޕްރީމް ކޯޓުގައި އެންމެ އިސް ބޭފުޅަކަށް ހުންނެވީ އުއްތަމަ ފަނޑިޔާރު ކަމަށްވާތީ އެވެ. އަދި މި މައްސަލައިގައި އިތުރު ފަރާތެއްގެ މައްޗަށް ތުހުމަތުކޮށްފައި ނުވާއިރު، އެއީ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ނުކުރެވޭނެ ހުރަހެއް ނޫން ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ނޫރުއްސަލާމް ވިދާޅުވީ ދައުވާ އަށް ބެލުމުން، އެތައް ބަޔަކު ބައިވެރިވެފައިވާކަން އެނގެން އޮންނަ ކަމަށެވެ. ދައުވާކުރީ އެންމެ މީހެއްގެ މައްޗަށް ކަމަށާއި ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމުގެ ހައްގު މިކަމުގެ ސަބަބުން ގެއްލިގެންދާ ކަމަށް ވެސް ނޫރުއްސަލާމް ވިދާޅުވި އެވެ.

"މިކަމުގައި އެންމެ ބޮޑަށް ކުށެއް ކުރި ކަމަށް ވާނީ ޖެމްސްގެ ހިދުމަތް ކަނޑާލި މީހާ ނޫންތޯ؟،" އުއްތަމަ ފަނޑިޔާރު ހާޒިރުވެ އިންނެވި އަޑުއެހުމުގައި ނޫރުއްސަލާމް ވިދާޅުވި އެވެ.

މި މައްސަލާގައި ހުށަހަޅާފައިވާ ސިއްރު ހެކި ބަލައި ނުގަތުމަށް ދިފާއީ ވަކީލުން އެދިވަޑައިގަތަސް، ދައުވާގެ ފޯމުގައި ހެކިންނާ ބެހޭ ގޮތުން ތަފްސީލްތައް ހިމަނާފައިވާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި މައްސަލައިގައި ދިފާއީ ވަކީލުންނަށް ދެވެން ހުރި ހުރިހާ ލިޔެކިޔުމެއް ދީފައިވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ، ޖެމްސްގެ ޚިދުމަތް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ދެއްކި ވާހަކައަށް ރިއާޔަތް ކުރުމަށްފަހު، ފަނޑިޔާރު އިބްރާހިމް އަލީ ވަނީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ދެ ފަރާތުން ހެކި ހުށަހެޅުމުގެ ފުރުސަތު ފަނޑިޔާރު ވަނީ ދެއްވައިފަ އެވެ.

ދައުލަތުން އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހުށަހެޅީ ސިއްރު ތިން ހެއްކަކާއި ސިއްރު ލިޔެކިޔުންތަކެކެވެ. އަދި ދިފާއީ ވަކީލުން ވަނީ ހެކި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު، ފަނޑިޔާރު ނިންމެވީ އަންނަ ބުދަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހެކި ހުށަހެޅުމަށެވެ.

ނަމަވެސް އުއްތަމަ ފަނޑިޔާރުގެ ވަކީލް ވަނީ އެ މަނިކުފާނާ ފަސޭހަ އިން ބައްދަލު ނުކުރެވޭތީ އެކަމުގެ ޝަކުވާ ކުރައްވައިފަ އެވެ. ފަނޑިޔާރު އިބްރާހިމް އަލީ ވަނީ އެކަމުގައި ފަސޭހަ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ބުދަ ދުވަހުގެ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ހުށަހެނޭޅިއްޖެ ނަމަ، އިދާރީ މުވައްޒަފުންނާ ވާހަކަ ދައްކައިގެން އިތުރު ވަގުތު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ވަކީލުންގެ ހެކި ބަސް ނެގުން ކަމަށެވެ. އެ އަޑުއެހުން އޮންނަ ތާރީޚެއް ފަހުން ދެ ފަރާތަށް އަންގަވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ދިފާއީ ވަކީލުން ހެކި ހުށަހަޅައިފި ނަމަ، އެކަމަށް ޝަރީއަތެއް ބާއްވާނެ ކަމަށް ވިދާޅުވި އެވެ. އެއަށްފަހު، މި މައްސަލައިގައި އޮންނާނީ ޚުލާސާ ބަޔާން އިއްވުމެވެ.

6 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮލެޖް

01 May 2018

އުއްތަމަފަނޑިޔާރު ރިޝްވަތުނަގައިގެން ނެރުނު އަމުރު ފުރިހަމަތޯ.

The name is already taken The name is available. Register?

ވޯލް

30 April 2018

ރަޢީސް ޔާމީނަަށް ޤާނޫނު އަސާސީގައި އެބުނާ ވާޙަކަތައް އޮޅުން ފިލިވާދޭނެ ޕެނަލްއެއް އުފައްދަން ފެނޭ. ސްޕްރީމް ކޯޓުން އަމުރެއް ނެރުނީމަ، އެކަމަށް ގުޅިގެން ރައީސް އޮފީހުން ސުޕްރީމް ކޯޓަށް އެއްވެސް ސިޓީއެއް ފޮނުވަންޖެހޭ ކަމަށް އެއްވެސް ޤާނޫނެއްގައި ނުވަތަ ޤާނޫނު އަސާސީގައިވެސް ނެތް، އެކަން އެގޮތަށް ކޮށްފިޔާ ރައީސް އަށް އެކުރެވޭ ކަމަކީ ކޯޓުގެ އަމުރަށް ނުފޫޒު ފޯރުވުން އެއީ ޤާނޫނީ ބޮޑު ކުށެއް، އަދި އެފަދަ ނުފޫޒު ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުގެ އެންމެ އިސްފަންޑިޔާރުގެ ހައިސިއްޔަތުން ޖެމްވިއަސް ގޯލްޑްވިއަސް ހުއްޓާލެވޭނެ.

The name is already taken The name is available. Register?

ޤާނޫނު އަސާސީ

01 May 2018

ނޫނޭ. ކޯޓުން ވެސް ނެރޭހާ އަމުރަކަށް ތަބާވާކަށް ނުޖެހޭ. ކޯޓަކަށްވެސް ޤާނޫނު އަސާސީއަށްވުރެ މައްޗެއް ނުވެވޭނެ.

The name is already taken The name is available. Register?

އަހުމަދު ސަލީމް

30 April 2018

އަހަރެން ބޭނުމީ އިސްތިބްދާއީ އަޑު އެހުމުގައި ދައުލަތުން ބުނާއެއްޗަކާއި މުތަވައްސިތު އަޑު އެހުމުގައި އުއްތަމަ ފަނޑިޔާރުގެ ވަކީލުން ބުނާ އެއްޗެއް ބަލަން... ދެން އިތުރަށް މިކަމަށް ގޮތެއް ނިންމޭނީ! އިންޝާﷲ! ރަނގަޅުވާނެ! އިސްތިޚްދާރީ މަރުހަލާ އަދި މާރަނގަޅުވާނެ! ތަބްދީރީވާނެ!

The name is already taken The name is available. Register?

ދާތަ

30 April 2018

ކަންކުރި މީހުން ކުއްވެރި ނުވަވެ އަމުރު ކުރި މީހާތޯ ކުއްވެރިވަނީ ؟ އައިރު ޤާނީ އަމުރުކަށް ތަބާވާކަށްވެސް ނުޖެހޭނޫންތޯއެވެ. ޢަނެއްކޮޅުން ދައުލަތުގެ ޓެކުނިކަލް ދާއިރާގެ މަސައްކަތް ކުރަން ތިބެނީ ދައުލަތުގެ މުވައްޒިފުން ނޫންތޯއެވެ. ދެން ހުކުމަށް ނުފޫޒު ވަދެދާނެ ކަމަށް ޝައްކު އުފެދޭ ގޮތަށް ބަޔަކު މެއިލް މެދުވެރިކޮށްވެސް މުއާމަލާތެއް ހިންގަން އުޅޭކަމަށް ޝައްކު އުފެދޭ ހާލަތުގައި އެކަން ހުއްޓުވުވަން ކުރެވެން އޮތް ކަމެއް ކުރަން ދައުލަތުގެ މުވައްޒަފުން ނުޖެހޭތޯއެވެ ؟ ޙުކުން ތަންފީޒު ކުރުމަށް ދެކޮޅު ހެދުން އެންމެ ރަނގަޅު ކަމަކަށް ވަނީތޯއެވެ ؟

The name is already taken The name is available. Register?

ޒިންދަގީ

30 April 2018

ދައުވާތައް ހަމަޖެހުނަސް ނުޖެހުނަސް އަދި ފުރިހަމަވިއަސް ނުވިއަސް ތީނިމިފައޮތްކަމެއް... މިކަން އެންމެބޮޑަށް އިނގޭނީވެސް ހަމަ އުއްތަމަ ފަނޑިޔާރަށް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454