އަބުރު ރައްކާތެރިކުރުމުގެ ބިލާއި ނޫސްވެރިކަމަށް ކުރިމަތިކުރުވާ ގޮންޖެހުންތަކާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންތަކެއް މުޒާހަރާކުރަނީ.
23 ޖުލައި 2016 - 13:54
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާގޮތަށް އެކުލަވާލާފައިވާ، އަބުރުގެ ރައްކާތެރިކުރުމުގެ ބިލް އަންނަ ހޯމަ ދުވަހު ފާސްކުރަން ނިންމާފައިވާ ކަމުގެ އަޑު ފެތުރިއްޖެ އެވެ.
ހޯމަ ދުވަހު ބިލް ފާސްކުރާނެ ކަން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އެއްވެސް މެމްބަރަކު ރަސްމީކޮށް ކަށަވަރުކޮށެއް ނުދެއްވި އެވެ. އެކަމަކު "މިހާރު"އާ ވާހަކަ ދެއްކެވި ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވަނީ ހޯމަ ދުވަހު ބިލްފާސްކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ "މާ ލަސްތަކެއް ނުވެ އެ ބިލް ފާސްކުރާނެ" ކަމަށެވެ.
މީގެއިތުރުން، މި ބިލް ފާސްކުރުމާ ގުޅޭގޮތުން ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންތަކެއް ވައިބަ ގްރޫޕެއްގައި ދައްކަވާފައިވާ ވާހަކަތަކެއްގެ ސްރީންޝޮޓްތަކެއް ވަނީ އާންމުވެފަ އެވެ.
އެ ގްރޫޕްގައި، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެފައި ވަނީ ބިލުގެ ބަހުސް ހޯމަ ދުވަހު ނިންމައި ހަމަ އެ ދުވަހު ކޮމެޓީ އަށް ފޮނުވަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ކޮމެޓީން ވެސް އެ ދުވަހު ބިލް ފާސްކުރަން ފެނިވަޑައިގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި މެމްބަރުންތަކެއް ބައިވެރިވަނީ: އަބުރު ރައްކާތެރިކުރުމުގެ ބިލް ހޯމަ ދުވަހު ފާސްކުރަން ނިންމާފައިވާއިރު، އެ ބިލުގައި ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހިމަނާފައިވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ރިޔާޒްގެ އެ ވާހަކަ އަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވަނީ ތާއީދުކުރައްވައި ރިޔާޒުގެ ހިތްވަރާއި ކެރުމަށް "ސާބަސް" ދެއްވައިފަ އެވެ.
އަބްދުއްރަހީމަށް ފަހު ވިލިނގިލީ ދާއިރާގެ ސައުދު ރިޔާޒްގެ ވާހަކަ އަށް ތާއީދުކުރެއްވުމުން، ބިލް ފާސްކުރުން "އެއީ ސީރިއަސް ވާހަކައެއް" ކަމަށާއި "މިކަން ވާނެ މިގޮތަށް ގެންދަން" ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އަބުރު ރައްކާތެރިކުރުމުގެ ބިލަށް އިސްލާހުތަކެއް ގެނެސް އަލުން މަޖިލީހަށް ހުށަހެޅީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުށަހެޅުއްވި ބިލުން "ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އެކީ ނިގުޅައިގެންފައިވާތީ" މީޑީއާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުންނެވެ.
މިހާރު ހުށަހަޅާފައި އޮތް ބިލްގައި ވެސް ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކޮށްފި ނަމަ އަދަބެއް ކަމުގައި ކަނޑައަޅާފައި ވަނީ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އިސްލާހުކޮށްފައި ފޮނުވި ބިލުގައި ވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ކުޑައެއް ނޫނެވެ.
މީގެ ކުރިން ނިހާން ހުށަހެޅުއްވި ބިލާ ދާދި އެއްގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި ބިލުގައި އެތައް ހުރަސްތަކެއް އަދިވެސް ކުރިމަތިކޮށްފައިވެ އެވެ. އެ ބިލުގައި ވެސް އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ ހޯމް މިނިސްޓްރީއަށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމާއި އާންމު ނިޒާމާ ހިލާފު ހިޔާލު ފާޅުކުރުމާއި އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅުކުރި މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ގާނޫނުގެ ދަށުން ކޯޓުން ކަނޑައަޅަން ވާނެ ކަމަށް ބިލުގައިވެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، ތިން މަހާއި ހަމަހާ ދެމެދު މުއްދަތަކަށް ޖަލަށްލެވޭނެ އެވެ. ޖޫރިމަނާ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުދައްކައިފިނަމަ، ހޯމް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅަން ޖެހެ އެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވާނެ އެވެ.
އަދި ވަކި ހަބަރުތަކެއް މީޑިއާތަކުން ރިޕޯޓް ނުކުރެވޭނެ ގޮތް ހަދާފައިވުމުގެ އިތުރުން ހިޔާލުފާޅުކުރުން ވަރަށް ބޮޑަށް ވަނީ ހިފަހައްޓައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހިމް
24 July 2016
ނޫސްވެރިން ނައްވެސް އެމީހުން ބޭނުންހާ އެއްޗެއް ކިޔުމުގެ މިނިވަންކަން ދޭކަށް ނުޖެހޭ. ވަކި މިންގަޑެއް އޮންނަންވާނެ. އެކަމު ޙިޔާލު ފާޅުކުރުމުގެ މިނިވަންކަން މާބޮޑަށް ހަނިކޮށްގެން އެކަމުގެ ނާޖާއިޒު ފައިދާ ނަގަން މަޖުލިސް މެންބަރުން އުޅޭ ވައްތަރަކަށް ކުލަވަރު ފެންނަނީ... މަޖުލީހުގަ ތިބޭ ގިނަމެންބަރުން ތިބެނީ އަމިއްލަ އެދުމުން ފޯވެފަ... އަނެއްކަ މިކޮމެންޓް އައްވެސް ދައުވާކޮށްފާނެ ދޯ .....
އައްޕި
23 July 2016
ބިލަށް ވޯޓުނުދޭ މެމްބަރުންނަށް ކާރު ނުލިބޭގޮތަށް ގަވަިދެއް ހަދާފަ ތީގެ ވޯޓާށް އަހާ!!! މިއޮތީވާ ބަޔަކަށް މަޖިލީހެއް ހިބައިން ލިބިފަ.
ބޮޑުސޯޓު ޓީވީ
23 July 2016
މިކަން ދެން ނިންމާ ހިސާބައް މިދިއައީ....!!!!
އަހްމަދު
23 July 2016
ވ ރަގަޅު ބިލެއް ތިޔަބިލުން ސަރުކާރުން ރައްޔިތުން އަދި ޚާއްޞަކޮށް ނޫސްވެރިންނާއި ޓީވީ ސްޓެޝަންތައް ސައިޒްކޮށްލެވޭނެ. މިވަރުންވެސް މިވެރިން ހިތްހަމޖެހިއްޖެނަމަ ރަގަޅު. ދެރައީ މިވަރުންވެސް ނުފުދޭނެތީ.
އަހްމަދު
23 July 2016
ހަދަންވީ ގޮތަކީ މަޖުލިހުން މިހާރުގެ ސަރުކާރަށް ފޑު ކިޔާ ލިޔެ ވާހަކަދއްކަނީނަމަ އެމީހަކާމެދު ޓެރަރިޡަމްގެ ދައުވާކޮށް ކޯޓްގެ ކުރިމއްޗަށް ދާއިރަށް ވަވުތުން ހުކުމްޖަހާގޮތަށް ތިޔަމަޖްލިހުން ފާސްކޮށްދޭންވީ. އެއިރުން ޤައުމު ހިތަކަށް ލިބުނީ . ބިއުޓްފުލް ލިޓްލް ސިންގަޕޫރަކަށް ބަދަލުވީ.
އަހަމާއިދީ
23 July 2016
އަނބުރު ރައްކާތެރިކުރުމުގެ ބިލާއި ނޫސްވެރިކަމާއި ކޮންކަމެއްތަ ؟ ނޫސްވެރިކަމަކީ މީހުންގެ އަނބުރު ކަތިލުމާއި މަސްކެއުންތަ ؟ ތަންކޮޅެއް ޒިންމާދާރުކޮށް ނޫސްވެރިން "ނޯ" ތިކިޔާ މީހުން އުޅެންވެއްޖެއެއް ނޫން. މި ކޮމެންޓްވެސް ނުޖަހާތި. ބައިދަވޭ އައިޑޯން ސަޕޯޓް ޔާމިން ބަޓް ސްޓިލް ޖާރނަލިސްޓް ނީޑް ޓު ނޯ ދެއާރ ލިމިޓްސް.
ރަދީފް
23 July 2016
ލަދުކޮބާ މެމްބަރުން؟؟؟
ކިޔުންތެރިޔާ 767
23 July 2016
ޕ.ޕ.މ ޕީޖީ ގުރޫޕުން ކުރާ ކަންކަން ޕާޓީގެ ރައިސް ބަލައި ނުގަންނަ އިރު، ގިނަ ރައްޔިތުންވެސް ބަލައި ނުގަނޭ. ނަމަވެސް މަޖިލީހުގައި ބާރު އޮތުމުން ނޫސްވެރިން ވުޖޫދުން ނައްތާލާ ބިލެއްވެސް ފާސްކޮށްފާނެ ދެއްތޯ.
ތުއްތޮންބެ
23 July 2016
ކިރިޔާ ބާރެއް ލިބުނަސް މިއުޅޭ "ވެރިން" ނަށް ހީވަނީ ދުނިޔޭގަ އެންމެ "ގަދަބާރަކީ" އެމީހުން ކަމަކަށެވެ. އެއީ ކުށް ހީއެކެވެ. މަޖިލިސް ގެ އަޣްލަބިއްޔަތު އޮތަތީ ބޭނުން ބިލެއް ފާސްކުރެވިދާނެތީއެވެ. އެކަމަކު ފާސްކުރިޔަސް ރައްޔިތުންގެ ދުލަކު ނުހިފޭއްޓޭނެއެވެ. ބޭނުން ޚިޔާލެއް ބޭނުން ގޮތަކަށް ރައްޔިތުން ފާޅުކުރަމުންގެންދާނެއެވެ. އެކަމަކު ފަހަރުގަ "އާއުކުޅުތަކެއް" ބޭނުން ކޮށްފާނެއެވެ. އެހެންކަމުން ތަންފީޒު ނުކުރެވޭ ގާނޫނުތައް ހެދުމުން އާޚިރުގަ ލަދުގަންނަން ޖެހޭނީ އެ "ހަޑިހޭވި" ބައެކެވެ. ނޫސްވެރިން އެއްގޮތަކަށްވެސް ޖެހިލުންވާނެކަމެއް ނެތެވެ.
ހިލަރީ
23 July 2016
ސާބިތު ނުހިފޭ ތޯތޯ ވާހަކަ ދެއްކުމަކީ މުޅިގައުމަށް ފެތުރޭ ކެންސަރަށްވުރެ ނުބައި ގިލަންވެރިކަމެއް... ބަދުނާމުކުރުމާ ދޮގުއިލްޒާމުތަށް ތިލަނުކޮށްވެސް ނޫސްވެރިކަން ކުރެވިދާނެ...
ނިއުޝާދު
23 July 2016
ރޯމާ ދުވާލު ރިސްވަތުގެ ފައިސާ ގޯނި ގޯނިން ބަހާފަ މުޅި ދުނިޔެއަށް ފެންނަ ގޮތަށް އަމިއްލަޔަށް އެކަމަށް އިޢުތިރާފުވީމަވެސް އެ އޯކޭ...ޢިއްޒަތްތެރި މެމްބަރުން ވީމަ...މި ޤައުމުގަ މިހާރު އޮތް އުޞޫލަކީ ވައްކަމާ މާރާމާރީ ހިންގިޔަސް އޯކޭ އޭ ނުފޫޒު ގަަދަ ބަަޔަކު ކުރި ކަމެއް ނަމަ. ޢެކަމު އެވާހަކަ ދެއްކުން މަނާ...އަޅެ މީ ދިވެހި ރާއްޖެތަ..ނޫނީ ސަދޫމްތަ...އޮޅިއްޖެ...