މައުމޫން، މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ވަޑައިގަތުމަށް ކާރަށް އަރައިވަޑައިގަންނަވަނީ. ---ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
28 މެއި 2018 - 18:04
ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޖަލު ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާލައިގެންނެވެ. އެކަމަކު، އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅިގެން ޒާތީ މައުލޫމާތުތަކެއް ހާމަ ކުރަން ބޭނުންވާ ކަމަށް ވިދާޅުވެ. މީޑިއާ އާއި އަޑުއަހަން ވަދެ ތިބި މީހުންނަށް އެ މައުލޫމާތުތައް ހާމަކުރަން އިއުތިރާޒް ކުރައްވާތީ، އެ މީހުންނާ ނުލައި އަޑުއެހުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް މައުމޫންގެ ވަކީލުން އެދިވަޑައިގެންނެވި އެވެ.
ނަމަވެސް، އާއިލާގެ ބޭފުޅުން ޝަރީއަތުގެ މަޖިލީހުގައި ތިއްބަވަން އިއުތިރާޒް ނުކުރައްވާތީ، އެ އަޑުހުމުގައި މައުމޫންގެ ދަރިކަނބަލުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކޯޓު ރޫމްގައި އިންނެވި އެވެ. އަދި، މައުމޫންގެ ބަންދާ މެދު، މައްސަލަ ބައްލަވާ ގާޒީ އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ގޮތެއް ނިންމެވީ، އެހެން މީހުން ޝަރީއަތުގެ މަޖިލީހުން ބޭރުކޮށްފަ އެވެ.
އަޑުއެހުން ސިއްރު ކުރުމުގެ ކުރިން މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ މި މަހުގެ އެކި ދުވަސްތަކުގައި މައުމޫންގެ ސިއްހީ ހާލުކޮޅު ޑޮކްޓަރުން ބެއްލެވި ކަމަށެވެ. އަދި މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާތީ ޑޮކްޓަރު، ވަރަށް ގިނަ އިރުޝާދުތަކެއް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މައުމޫނަށް ޖެހިފައިވާ، ބޮލަށް އެނބުރުން އެރުމުގެ ބަލި، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި ފައިސަލް ވިދާޅުވި އެވެ.
އެގޮތުން މައުމޫންގެ އިސްތަށިފުޅު ނުގުޑުވުމަށާއި އަވަހާރަފުޅުލައްޕަވާ އިރު، ވަކި ކޮޅަކަށް އަދި ވަކި ގޮތަކަށް އޮންނެވުމަށާއި ވަކި ބާވަތެއްގެ ތަކެތި ފަރިއްކުޅުއްވަން ދެއްވުމާއި އާއިލާގެ ބޭފުޅަކު އަބަދުވެސް އަރިހުގައި ހުންނެވުމަށާއި ކަސްރަތު ކުރެއްވުމަށް ޑޮކްޓަރު އިރުޝާދު ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މައުމޫން، ހަރަކާތްތެރިވުމުގައި ސަމާލުވެވަޑައިގަތުމަށާއި ކޮންމެ ދުވަހަކު ފިޒިއޮތެރަޕީ ހެދުމަށް ޑޮކްޓަރު އެންގެވި ނަމަވެސް، އެކަމަށް ފުރުސަތު ފަހިވެފައި ނެތް ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުދިނުމުގެ ސަބަބުން ހާލުކޮޅު ރަނގަޅު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ފަޒުނާ ވިދާޅުވީ މައުމޫންގެ އަރިހުގައި ފުލުހުން ތިބޭ ކަމަށާއި ކޮންމެ ތިން މިނިޓަކުން މައުމޫންގެ ހާލުކޮޅު ފުލުހުން ބަލާ ކަމަށެވެ. އަދި މައުމޫނަށް ގަވައިދުން ފިޒިއޮތެރަޕީ ދޭ ކަމަށް ވިދާޅުވެ، ފަޒުނާ ވަނީ މެޑިކަލް ލިޔުންތައް ގާޒީއާ ހިއްސާ ކުރައްވައިފަ އެވެ. މައުމޫންގެ ބަންދަށް ލުޔެއް ދެއްވުމަށް ފަޒުނާ އިއުތިރާޒް ކުރެއްވި އެވެ.
ފަޒުނާގެ ވާހަކަ އަށް ރައްދު ދެއްވައި، ފައިސަލް ވިދާޅުވީ މައުމޫނާ މެދު ފުލުހުން އަމަލު ކުރާ ގޮތް ކިތަންމެ ރަނގަޅު ނަމަވެސް، މައުމޫން ފަސް ފަހަރަށް ވެއްޓިވަޑައިގެންފައިވާ ކަމަށެވެ. އަދި، ފުލުހުންނަށް، މައުމޫންގެ ހާލުކޮޅު އެންމެ ރަނގަޅަށް ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވެއްޓިވަޑައިގެން ހޭނެތިފައި އޮންނެވި ނަމަވެސް ފުލުހުންނަށް ނޭނގިދާނެ ކަމަށާއި އެ މަނިކުފާނަށް ނުރައްކަލެއް ކުރިމަތިވެ ވެއްޓިވަޑައިގެންފި ނަމަ ބޮޑެތި އަނިޔާތަކެއް ލިބުމުގެ ބިރު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ގާޒީ ހައިލަމް ނިންމެވީ، މައުމޫންގެ ބަންދަށް ލުޔެއް ދެވޭނެ އެކަށީގެންވާ ސަބަބެއް ދިފާއީ ވަކީލުންނަށް ދެއްކިފައިނުވާތީ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ.
މީގެ އިތުރުން މައުމޫންގެ ވަކީލް، މައުމޫން ހަމީދު ވަނީ ގާނޫނީ ގޮތުން ވެސް ރައީސް މައުމޫން ބަންދުގައި ބަހައްޓަންޖެހޭ ހަމައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއްގެ ގޮތުގައި އޭނާ ނެންގެވީ މަރުގެ މައްސަލައެއްގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ތިން މީހަކު ދާދި ފަހުން ކްރިމިނަލް ކޯޓުން ގޭ ބަންދަށް ބަދަލުކޮށްފައިވުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުން ބަންދު ވެސް ނުކޮށް ދޫކޮށްލާފައި ތިބޭތީ އެވެ. ނަމަވެސް، އެ ނުކުތާއާ ގުޅިގެން ވެސް ގާޒީ ނިންމެވީ މައުމޫން ބަންދުގައި ބެހެއްޓުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
ޝަރީއަތް ނިމެންދެން މައުމޫން ޖަލު ބަންދުގައި ބަހައްޓާފައިވަނީ އެ މަނިކުފާނުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އެމަނިކުފާނު ބަންދުގައި ހުންނެވުމުން ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅު ނުވާ ކަމަށް ބުނެ، ބަންދަށް ލުޔެއް ދޭން އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުން ގެންދަވަނީ ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބެ
29 May 2018
ނަފްސާނީ އަނިޔާ ދެނީއެވެ.
ޝިރުމީނު މޫސާ
29 May 2018
ކިހާދުވަހަކު ހިފެހެއްޓިދާނެ؟
ދުންފަތް
29 May 2018
ހަމަހުވާމިބުނީ ބުރިޖާއި އެއްލަކިން ލައިސަންސަށްވުރެ ބޮޑަށް މަ ބޭނުމީ ހަމަހަމަ ޢަދުލުއިންސާފު. މިނިވަން ފަނޑިޔާރުގެއެއް. މިހާރު ހުރިހާކަމެއް ތިޔަކުރުވަނީ ކޯޓް މެދުވެރިކޮށް. ނުރުހޭ ހުކުމެއްނެރެފިނަމަ ދެން ވާނެގޮތް ދެނެވޮޑިގެންވަނީ މާތްﷲ.
ދަރަނިކާ
29 May 2018
40ހަކަށް އަހަރު
ހުރިގޮތް
29 May 2018
މައުމޫން ހަމީދު ވަނީ ގާނޫނީ ގޮތުން ވެސް ރައީސް މައުމޫން ބަންދުގައި ބަހައްޓަންޖެހޭ ހަމައެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި މައުމޫނަށް އެކަށީގެންވާ ފަރުވާ ނުދިނުމުގެ ސަބަބުން ހާލުކޮޅު ރަނގަޅު ނުވާ ކަމަށް ވަކީލުން ސަބަބުތަކާއެކު ވިދާޅުވުމުންވެސް ގާޒީ ހައިލަމް ނިންމެވީ، މައުމޫންގެ ބަންދަށް ލުޔެއް ދެވޭނެ އެކަށީގެންވާ ސަބަބެއް ދިފާއީ ވަކީލުންނަށް ދެއްކިފައިނުވާތީ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް https://mihaaru.com/news/36648 ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން މައާފެއް ނެތް: ރައީސް ޔާމީން. https://mihaaru.com/news/36669
ދަރަނިބޯ
29 May 2018
މިގައުމުގައި އޮތް ބޭއިންސާފު ފެނުނީމާ ހަމަ ހައިރާންވޭ މިގޮތަށް މިކަން ކުރާތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވަނީ ހަމަ އަޖައިބުވޭ އެކަމަކު މިހާރު ތަފާތަކީ އެންމެނަށްވެސް މިބޭއިންސާފު އެނގޭކަން އަދި މިބޭއިންސާފާ ރާއްޖޭހެ ގިނަމީހުން އިދިކޮޅުކަން މިކަން ނިމިގެންދާއިރު މި ބޭއިންސާފުހިންގި މީހުންގެ މަތިން ހަނދާން ނައްތާނުލުން އެއީ ކުރަންޖެހޭކަމަކީ
އަސޭލާ
29 May 2018
ނުޖެހޭ ދޭކަށް އެމީހަކު ކުރި ކަމެއްގެ ސަޒާ އެމީަކަށް ލިބޭނެ
ކެވެލި
29 May 2018
އިތުބާރެއް ނެތް ބަޔަކު ކުޅޭ ޑްރާމާ. ކުރިއަށް ނޫން ދަނީ ފަހަތަށް ދަނީ.
އަލިބެއްޔާ، އެކުވެރިސުވައިދީބް
29 May 2018
ދުނިޔެ އަކީ ވަށް އެއްޗެކެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ. އަޑި ގަނޑަކަށްފަހު އުސް ގަނޑެއް އަންނާނެއެވެ. ރައީސް އުސްތާޒް މައުމޫނައް ސާބިތުކަންދެއްވައި ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި. އާމީން!
އާދަނު
28 May 2018
މަރުގެ މައްސަލައިގަ ތުހުމަތު ކުރާމީހުނަށްވުރެ މައުމޫން 80 އަހަރުން މަތީބޭފުޅަކު ނުރައްކާ ކަމަށް ފަނޑިޔާރަށް ފެނުނީ..!!! މީ ކޮންކަހަލަ އަދުލް އިންސާފެއް. ހަމަ ވަކިމީހަކު އަންގާ ގޮތްދޯ!!