އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
03 ޖޫން 2018 - 15:37
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނަމަ، އިދިކޮޅު ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން، މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އިންތިޚާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ސިޔާސީ އިދިކޮޅު ލީޑަރުންނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރެއްވުން ރަނގަޅު ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
ދެވަނަ ބުރުގައި އިދިކޮޅު ކޯލިޝަން އެކުގައި މަސައްކަތް ކުރާނެ ކަން ޔަގީން ކުރެވޭއިރު، ފުރަތަމަ ބުރުގައި ވަކިވަކިން ވާދަކުރުމަކީ ބޮޑު މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އިދިކޮޅުން އެއްބަސްވާ އެއް ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ އަށް ތާއީދު ކުރައްވަން ނިންމެވީ މަހްލޫފް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުތަކުގައި އިދިކޮޅު ކޯލިޝަން އެކަތިގަނޑެއްގެ ގޮތުގައި ބަދަހިކޮށް ބޭއްވުމުގެ ބުރަ އަދި ރިސްކު ބޮޑު ކަންތައްތަކެއް އިބޫ ކުރައްވައި ތަފާތު ފިކުރުތަކުގެ ލީޑަރުންނާ އެކު ގާތުން މަސައްކަތް ކުރައްވާފައި ވާތީ އެވެ.
އޭނާ ވިދާޅުވީ، އިބޫ ވަނީ ތަފާތު ފިކުރުގެ ލީޑަރުންނާ އެކު މަސައްކަތް ކުރައްވާފައި ކަމަށެވެ. އިދިކޮޅު ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނަށް ބަލާއިރު، އިބޫ އަށް ޕާޓީތަކުގެ ލީޑަރުންގެ އިތުބާރު އޮތް ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފުގެ ބަޔާނުގައި ވާ ގޮތުން އޭނާގެ ތާއީދު އޮތީ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ވަކި ކުރި ހިސާބުން، އެންމެ ގާތުން މަސައްކަތް ކުރެއްވި އަދި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނު ޕާޓީ އަކީ އެމްޑީޕީ އެވެ. އަދި ނަޝީދުގެ ފަރާތްޕުޅުން ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބިވަޑައިގެންނެވި ކަމަށް މަހްލޫފް ވިދާޅުވި އެވެ.
ނަޝީދާ އެކު މަހްލޫފް ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ: ޓުވިޓާ
"ހަމަ އެހެންމެ، އެމްޑީޕީގެ ވިސްނުމާއި ފިކުރު އަދި ގިނަ އުސޫލުތަކާއި ހަމަތަކަކީ މިއަދު އަޅުގަނޑު ވެސް އެކަންކަން ގަބޫލުކޮށް ތާއީދުކުރާ ކަންތައްތަކެވެ. ވޭތުވެދިޔަ ހަތަރު އަހަރު ކުރި ތަޖުރިބާ އިން ލިބުނު ފިލާވަޅުތަކަށް ބަލާއިރު، ރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް ކަށަވަރުކޮށްދީ ތިން ބާރު ވަކިވެފައިވާ ވެރިކަމުގެ ނިޒާމެއް ގާއިމުކުރުމަށް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެމްޑީޕީން ކުރި ދަތުރުގައި ބައިވެރިވެ ކޮންމެވެސް ވަރެއްގެ ހިއްސާއެއް ވެދެވުނު ކަމަށްޓަކައި އުފާކުރަމެވެ،" މަހްލޫފް ވިދާޅުވި އެވެ.
އެމްޑީޕީން ސިޔާސީ މައިދާނުގައި ކުރި ދަތުރުގައި މުހިއްމު ދައުރެއް އަދާކުރައްވައި އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި އެއް ބޭފުޅަކީ ނަޝީދު ކަމަށް ވާއިރު، އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭ ނަމަ، ތާއީދު އޮތީ ނަޝީދަށް ކަމަށް ވެސް މަހްލޫފްގެ ބަޔާނުގައިވެ އެވެ.
މަހްލޫފް އެހެން ވިދާޅުވި އިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެހެންވެ، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެކަމަކު، އެމްޑީޕީން ތަކުރާރުކޮށް ބުނަނީ ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ ނަތީޖާ އަކީ ނަޝީދު މިނިވަން ވުން ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އަމުރުގެ އެ ބައި ވަނީ ބާތިލްކޮށްފަ އެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރާއިރު، އޭގެ ތެރޭގައި މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާ ކުރި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ އާއި މުޒާހަރާއެއްގައި ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި، ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އާއި ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަން މަހްލޫފްގެ މައްޗަށް ސާބިތުވުމާ ގުޅިގެން މީގެ ކުރިން އޭނާ ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްވަ
13 June 2018
އިބޫގެ މައްސަލަ ފައިލުކުރީ ރައީސްކަމަށް ކުރިމަތިލުމުން އިބޫއަށް ހުކުމްކުރުމަށް
ދީމާހު
04 June 2018
މަޑުކޮށްލާ! ރޫޙާނީ ލީޑަރ ބުނާނެ ވަގުތު ޖެހުނީމާ ނެރޭނެ މީހެއް. ޕާޓީ ޑިމޮކްރަޓިކް ކަމުން މައްސަލައެއް ނުޖެހޭނެ ރޫހާނީ ލީޑަރ ނިންމާ ގޮތަކަށް ނިމޭނީ. ނިންމަންވާނީ. އެއީ މަމެން ޔެލޯ ކުދިން ދަންނަ ޑިމޮކްރަސީއަކީ
ފުންނަޒަރު1
04 June 2018
ރޫހާނީ ލީޑަރަކަށް ވަނީ ހާދަ ތާއީދެއް އޮތީމައެވެ. އެއީ އެމަނިކުފާނުގެ މިންނެތް މަސައްކަތް ދެރަ ނުވޭ. ތި އިންތިޒާރު ކުރާ މީހާއަށް އެވަރަށް މަސައްކަތް ކޮށް ތާއީދު ލިބެންދެން
ކައިލި
04 June 2018
ޖުމްހުރީ ޕާޓީގައި އުޅޭނީ ގާސިމްގެ އަޅުން
ލިމް
04 June 2018
މަހުލޫފެއް ނޫންތަ؟
މުހައްމަދު އަހްމަދު
04 June 2018
މަހްލޫފުވެސް ސަޕޯޓް ކުރަނީ އިބޫ އަށް. މައުލޫފު އެ ވާހަކަ އަހަރެންގެ ކޮއްކޮގެ ގާތު ބުނި.. އެކަމަކު މައްސަލަ އަކީ، ނަޝީދުގެ ނަން ނުލާ ބުނެފިއްޔާ މަހުލޫފު ބޭރުވާނެތީ..
މަހުލޫފު އެއީ ފިނޑިކ އެއް ނޫން
04 June 2018
މަހުލޫފު އެއީ ފިނޑި އެއް ނޫން !! ބުނަން ބޭނުން އެއްޗެއް ބުނާނެ
ދަރާނަންދަ
04 June 2018
އެންމެ ރަނގަޅު މީހާ ހުއްޓާ ކީއްވެބާ ބޮޑު މޮޔައެއް ނެރެގެން ޕްރައިމަރީ ބޭއްވީ.
ހަދީޖާ މޫސާ
04 June 2018
އަހަރެންގެ ވޯޓެއް އިބޫއަކަށް ނުދޭނަން، އަހަރެންގެ ވޯޓް މިފަހަރު ދޭނީ ހަމަ އުމަރުއަށް، ކަލޭމެން ހަދާ ހާލީއަކަށް އަހަރެން ބިހެއް ނައަޅާނަން މިފަހަރަކު ސޮރީ އިބޫ
ޝޮކްތެރަޕީ
04 June 2018
އެމްޑީޕީ ނުންކޮމެމީހަކުވެސް ރަގަޅުވާނެ.
__ރައީސު އުމަރާ
04 June 2018
އަހަރެން ވެސް ތާއިދު
ނާއިލް
04 June 2018
މަހުލޫފުގެ ކޮމެންޓަށް ވަރަށް ތާއީދު. މިހާރު މެންޗެއްސްޓާގައި ކިޔަވަމުންދާ ގާނޫނީ ދަރިވަރެއްގެ ހައިސިއްޔަތުން ބުނެލަންއޮތީ އެމްޑީޕީގެ މައިގަނޑު ކޮންސެޕްޓަށް ވ ތާއީދު ކުރަމޭ. އެކަމު މަގުމައްޗަށް ނެރެ ތިޔަ އުޅޭ މީހުން ގޮވާ ތަކެއްޗާއި ޓުއިޓާގައި ތިޔަ ގޮވާ ގޮވެލިފަތިތީ ފުރިހަމަ ޑިމޮކްރަސީއަށް އެޅޭ ވ ބޮޑު ހުރަހެކޭ. ޓިޔަށްވުރެ ބޮޑަށް ތިޔަ ޕާޓީ ޑިސިޕްލިންވެ މެންބަރުންގެވެސް އަހުލާޤީ މާތް މިންގަނޑެއް ހިފަހައްޓަން ވެއްޖެއެވެ. ޢިބޫއަކީ މިފަދަ މާތް އަހްލާޤީ މިންގަނޑު ހިފަހައްޓާ އަދިބހިފަހައްޓާނެ ސާދާ މީހެއްކަން އެނގެއެވެ. އަދި އަންނިއަށް ވުރެ މޮޅަށް އެކިހިޔާލުގެ ބޭފުޅުންނާއި އެކުވެގެން އުޅެން ދަންނާނެ ލީޑަރެއްކަމަށް ދެކެމެވެ.