އީރާންގެ ބޯޓުގައި އޮތް ކަމެއް ބެލެވޭ ދަލެއް، އުލިގަމު ފަޅު ތެރޭގައި. މި ދަލުގެ ތެރޭގައި ހުރި މަސްތުވާތަކެތި ފުލުހުންނާ ވަނީ ހަވާލުކޮށްފައި.
28 ޖޫން 2018 - 22:28
ހއ. އިންނަފިނޮޅު ފަރަށް އުރުނު އީރާނުގެ ބޯޓުގައި އޮތް ކަމަށް ބެލެވޭ ދަލެއްގެ ތެރެއިން މަސްތުވާތަކެތި ހިމެނޭ ދެ ޕެކެޓެއް މިއަދު ފެނިފައިވާ ކަމަށް އުލިގަމު ކައުންސިލުން މިރޭ ބުނެފި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މިދިޔަ މަހުގެ ފަހުކޮޅު ފަރަށް އެރި ބޯޓުގައި ޕާކިސްތާނުގެ މީހަކާއި އީރާނުގެ ހަތް މީހަކު ތިއްބެވެ. މި ބޯޓު ފަރަށް އެރި ކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފުން ބޯޓު ކައިރި އަށް ދިއުމުން އެ މީހުން ވަނީ ބޯޓާއި ބޯޓުގައި ހުރި މަސްތުވާތަކެތީގައި ރޯކޮށްލުމަށް ފަހު އަޅައިގެން ކަނޑަށް ފުންމާލައިފަ އެވެ.
އެހެންވެ، ބޯޓުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަނީ ލައްގައިފަ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނަސް، ބޯޓުގައި ރޯކޮށްލައިފައި ވާތީ ބޯޓުގައި ހުރި މަސްތުވާތަކެތީގެ އަދަދެއް ސީދާ ދެނެގަނެވޭ ގޮތެއް އަދިވެސް ނުވެ އެވެ.
އުލިގަމު ކައުންސިލް މެމްބަރު އިމާދު އަބްދުﷲ "މިހާރު" އަށް މިރޭ ވިދާޅުވީ، ދަލުގެ ތެރެއިން މަސްތުވާތަކެތި ފެނުނީ އެ ރަށުގެ ބަޔަކު ދޯންޏެއްގައި ކަނޑުމައްޗަށް މިއަދު ނުކުމެ އުޅެނިކޮށް ކަމަށެވެ. ކަނޑުމަތިން ފެނުނު އެ ދަލަކީ އީރާނުގެ ބޯޓުގެ އެއްޗެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ބަޔަކު ދާ ފަޅުތެރެ އަށް ވައްދައިގެން ބެލިއިރު، ބޯޓުގެ ބައެއް ބައިތައް ވެސް ހުރި ދަލުގެ ތެރޭގައި ތާށިވެފައި. އެހެންވެ، ފަޅު ތެރެއިން ދާ އަދި ނެގިފައެއް ނުވޭ،" އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވި ގޮތުގައި ދަލުގެ ތެރެއިން ފެނިފައި ވަނީ މަސްތުވާތަކެތި ހިމެނޭ ދެ ޕެކެޓެކެވެ. ދެ ޕެކެޓުގައި ހުރި މަސްތުވާތަކެތި ހުރީ ވަރަށް ބޮޑަށް އަނދައިގެން ގޮސް، ވިރިފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.
"ފުލުހުން މިހާރު ވަނީ އެ ތަކެތި ނައްތާލާފައި،" އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ އެމްއެންޑީއެފުން ބޯޓު ކަނޑުގެ ތެރެއަށް ފައްތާލާފައިވާތީ ބޯޓުގައި ހުރި ތަކެތި ރަށްރަށަށް އަދިވެސް ލެއްގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އީރާނުގެ ބޯޓުން ފެނުނު މަސްތުވާތަކެއްޗަކީ ރާއްޖެ އަށް ޚާއްސަ ކޮށްގެން އެތެރެކުރި އެއްޗެހިތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެ ބޯޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުދުހުދު
30 June 2018
މިފަހަރުވެސް ވާހަކަދައްކަން ނޭގިގެން ތަ ކިލޯ ހުރިވަރު ނޭހިގެން މިއުޅެނީ ..
އިސް
29 June 2018
ތިއަށް ކިޔާނީ ހެކި ފޮރުވުން.
ރޮކެޓް ސައިންސް
29 June 2018
މިވެރިކަމުގާ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއް ތަހުގީގުކޮއް ނިމިފައެއްނުވޭ. އަދި ނިންމާކަށް ބޭނުމެއްވެސް ނުވާނެ.
ސޭކުސްތާނު
29 June 2018
ފީނާ ދިރާސާކުރަން ނުލާހިކު ވަރުހުންނާނެ ސިފައިން އެކަމަކު ތިކަން ހަމަ އޮބާލީ ވީނުވީ ވެސް ނުބަލާ. ގައިމު ވާނުވާ ބަލަން ބޭނުން ނުވީމާ ނުން؟ ނޫނީ ހުރިހާކަމެއް އިނގޭ ބަޔަކު އޯޑަރު ދިނީމާ ދެއްތޯ ތިވަރު ބޮޑެތި ހެކިތަކެއް ނައްތާލާނީ؟
ކުލްސުމް
29 June 2018
ދެން އިތުރަށް ތިވާހަކަ ދެއްކުމުގެ މާނައެއް ނެތް. ރާއްޖޭގައި ތިކުޅިއެއް ކުޅެނީ އަތްނުފޯރާ ހިސާބުގައި ތިބޭ ބަޔަކު. ތިކަމެއް ނުހުއްޓޭން ނުވެސް ހުއްޓުވޭނެ.
ކާނި
28 June 2018
ކިހާދެރަކަމެއް ކަލޭމެންނަށް ކީއްތަ އެއަށް ކޮންމެގޮތެއް ހެދިއްޔާ.
ދޮންތަކުރު
28 June 2018
އެބޯޓު ފައްތާލަން ޖެހުނީ ކީއްވެ. ކާކު ބުނެގެން. ނުފައްތައި އޭތި ބޭނުން ނުކުރިޔަސް އޭގެ ތަހުގީގު ހިންގަން އޭތިބޭނުން ނުވަނީތަ.ރާއްޖެ އެގެރެވެ މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި މިފަދަ ގޮތަކަށް ހަރަކާތްތެރިވި ބޯޓެއް ނައްތާލީ އެމްޑީއެފުން ނަމަ އެމީހުންއޭތި ނައްތާލަން ޖެހުނު ގޮތް ރައްޔިތުން ބަލަން ބޭނުމޭ ބުނެފިއްޔާ ބުނާމީހާ ކުއްވެރި ވާނެތަ. ކަލޭމެންނަށް ތިޔަ ތަހުގީގުތަކާއި ކުރިމަތިލާން ޖެހޭނެ ގޮތަށް ދިވެހިން ވޯޓުލާނެ. އިންޝާ ﷲ. ކަލޭމެން ދެން ތިބޭ ޖަރީމާ ސަރުކާރު ކޮޑުގައި ޖަހައިގެން
ޙެކި
28 June 2018
ހެކި ނައްތާލީ ކޯޓު އަމުރު ހޯދައިގެންތަ؟