ރައީސް ބިލެތްފައްސަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ރައީސް ސަލާމްކުރައްވަނީ: --ފޮޓޯ: ރައީސް އޮފީސް
02 ޖުލައި 2018 - 13:00
މި އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓު ވަކި ބޭފުޅަކަށް ދޭން ޖެހިގެން އުފެދިފައި އޮތް ހަމަނުޖެހުމާއި އުދާސްތައް، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސުމާ އެކު ފިލައިގެން ހިނގައްޖެ ކަމަށާއި ރައްޔިތުންނަށް އިތުރު ތަކުލީފު ނުޖައްސައި އެ ޕާޓީން ވެސް ކެމްޕޭން ކުރަންވީ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މޭ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީ ގައި، މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަން ދިނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެކަމަކު، އެމަނިކުފާނަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ހެދި އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނުދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހަމަޖެއްސުމަށް ކޮންގްރެސް އިން ވަނީ ފާސްކޮށްފަ އެވެ.
އިދިކޮޅު ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް، ރައީސް ޔާމީން ބަލިކުރަން ނެރޭ ކެންޑިޑޭޓަކީ ވެސް އިބޫ އެވެ.
ށ. އަތޮޅަށް ރައީސް ޔާމީން މިއަދު ފެއްޓެވި ދަތުރުފުޅުގައި ބިލެތްފައްސަށް ވަޑައިގެން، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ރަސްމިއްޔާތުގެ ނިމުން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުން، ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސުމުން އުފާފުޅު ކަމަށެވެ. އެ ނިންމުމަކީ އެމްޑީޕީގެ އިތުރުން ގައުމަށް ވެސް ހަމަޖެހުން ލިބިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ދުވަސްތަކުގެ ތެރޭގައި، ވަކި ބޭފުޅަކަށް ކުރިމަތި ނުލެއްވޭތީވެ މިއައި ހަމަނުޖެހުންތަކާއި ހޫނުގަނޑު، މި އުދާސްތައް އިރާދަކުރެއްވިޔާ ފިލައިގެން ދިޔައީ ކަމަށް،" ރައީސް ޔާމީން ވިދާޅުވި އެވެ.
"މިވަރުގެ ބޮޑު ހަމަޖެހުމެއް އެމްޑީޕީ އަށް އައީމާ އަޅުގަނޑު އުއްމީދު ކުރަނީ މި ހަމަޖެހުމާ އެކީގައި މުޅި ގައުމުގެ ސުލްހަވެރިކަމާއި މަސްލަހަތަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް. އެހެން ކަމުން، އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ދަންނަވަމުން، އަޅުގަނޑު ހަމަ އެމްޑީޕީގެ ބޭފުޅުންނަށް ވެސް ދަންނަވާލަން ބޭނުން ވަނީ އަމާންކަމާ އެކީގައި ރައްޔިތުންނަށް ފަސޭހަކަމާ އެކީގައި ރައްޔިތުންނަށް އިތުރު ތަކުލީފުތަކެއް ނުޖައްސައި ރައްޔިތުންގެ ހިތުގެ ކަށަވަރުކަން ހޯދުމަށް ކުރާ މަސައްކަތް ކެމްޕޭނުގައި އަޅުގަނޑުމެން ކުރަންވީއޭ."
އެމްޑީޕީގެ ކޮންގްރެސްގައި އިބޫ ވޯޓު ދެއްވަނީ: ރައީސް ޔާމީނާ ވާދަކުރަން އިދިކޮޅުން ނެރެން ހަމަޖައްސާފައި ވަނީ ވެސް އޭނާ. --ފޮޓޯ: އަހްމަދު ނިޝާތު/މިހާރު
ވެރިކަން ކުރާ ޕާޓީމ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ އެމަނިކުފާނު ކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކެމްޕޭންގައި ދެ ޕާޓީން ވެސް ކުރާ ކަންކަމަކީ ރައްޔިތުންނަށް އުނދަގޫވާ ކަންތައްތަކަކަށް ވެގެން ނުވާނެ ކަމަށެވެ. ރައްޔިތުންނަށް އުނދަގޫ އުފުލަން ނުޖެހޭ އަދި ގެއްލުން ނުވާ ގޮތަށް ކެމްޕޭން ކުރަން ޖެހޭ އަނެއް ސަބަބަކީ، އިންތިޚާބަށް ފަހު ރައްޔިތުންނަށް ގެއްލުންތަކެއް ލިބިއްޖެ ނަމަ އެކަން އާރާސްތުކުރަން އަނެއްކާވެސް އެތައް އަހަރެއް ހޭދަވެ ފައިސާ އާއި އެތައް ވަގުތެއް ވެސް ހޭދަވާނެ ކަމަކަށް ވާތީ ކަަމށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޕީޕީއެމުން ވެރިކަމާ ހަވާލުވިއިރު ގައުމުގައި އޮތީ މުޅިން ވެސް ހަމަނުޖެހުމެވެ. އެކަމަކު، އެކަން ބަދަލުކޮށް ގައުމުގައި މިހާރު އޮތީ ތަރައްގީގެ މަޝްރޫއުތަކާ އެކު ހަމަޖެހުން ކަމަށް ރައީސް ވިދާޅުވި އެވެ. ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ވެސް ދަސްކުރަންވީ ގައުމު އާރާސްތުވާ ގޮތަށް ކަންކަން ކުރުން ކަމަށާއި ރައްޔިތުންގެ ތަންތަނާއި މުދާ ލޫޓުވައި ގެއްލުން ދިނުމުގެ އުސޫލުތައް ދޫކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު އުއްމީދު މިކުރަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އެކީގައި ދެން އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގެ ތެރޭގައި ދެން އަނެއްކާވެސް ދިވެހިރާއްޖެ އަށް އަމާން ފަސް އަހަރެއް ގެނެސްދެވޭތޯ. އަމާން ފަސް އަހަރެއް ގެނެސްދެވިއްޖެ ނަމަ އެއީ، ފާގަތިކަމާއި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފަހިވެގެންދާނެ ކަންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބިސްބެ
03 July 2018
މަވެސް މިހުރީ ވަރަށް އުފަލުން......ކައްޕިގެ ވެރިކަން ނިމޭތީ.....
ބޮކި ބޮކި
02 July 2018
ޔާމީނު ބުނީ މަތަ ކޭމްޕޭން ކުރެވޭނީ . ހަމަ އަހާލީ.....
އާދަނު
02 July 2018
އުދާސްތަށް ފިލީމަދޯ އަދުރޭމެން އިރުކޮޅަކާ ޓީވީއަށްއެއަރާއެކިޔަނީ ޕަޕެޓެކޭ އަނެކައްޗެކޭ..!!
އަލިފް
02 July 2018
މީ ކީކޭ ކިޔާ މީހެއް ހެއްޔެވެ؟ ހީވަނީ އަމިއްލަ މުވައްޒަފަކާ މުހާތަބް ކޮށް ވާހަކަ ދައްކާ ހެންނެވެ. ހައިރާން ވެއްޖެއެވެ.
ޔުނައިޓެޑް އައްޑޫ
02 July 2018
އިބޫ އާއެކު ތިޔަވަނީ އުދާސްތައް ބޮޑުވެފައި. ޕޯލްތައް ބަލައިގެން ދައްކަވާ ވާހަކައެއް ދެއްކުން ބުއްދިވެރި.
ބޭދަނާ
02 July 2018
އިދިކޮޅުން ނިންމުންތައް ވަރުގަދަވާތި ހަމަމަގަށް ދަތުރަށް ތައްޔާރުވަނީ
މައްނޫބުރި
02 July 2018
އުދާސްތައް ފިލީކީ ނޫން! އިތުރުވީ
ނަދީމްނަދީމް
02 July 2018
އިބޫ އާއި ޑރ. މައުސޫމް މެންފަދަ ބޭފުޅުން ނުކުތީމައި ދެން ދެއިރު ދެދަޅައަށް ނިއުސްކޮންފަރެންސް ބާއްވާނީ..އެކަމަކު ބުނާނެ ހާހެއްނުވެއޭ.
ޕައްލަމްބެގެ ބުރޯ
02 July 2018
މިފަދަ ބަލާގާއްތެރި މޭރުން ރިވެތި ވާހަކަތަކަށް ދިވެހިން ތަރުހީބް ދޭނެ އެވެ އެމްޑީ ޕީގެ އަންނި މިމަގަމުގަ ހުރެގެން މިހާލަތުގަ ވިދާޅުވާނީ ގަދަ ބަސްތަކެވެ އެއީ ތަހުޒީބް ކަމުގަ ކޮންމެވެސް ބަޔަކު ދެކޭތީ އެވެ،ހަގީގަތުގަ ރައީސް ޔާމީނުއަށް ކަތި ފިޔަވަޅެއް އެޅިފަ ހުރިއްޔާ އެޅުނީ މި ހުރިހާ އާފާތްތަކުން މިންޖުވަން އެހެން މަގެއްނެތިގެން އަދި ތަންކޮޅެއް ފަހުން ދިވެހިންގެ ދޫތަކުން ގޮވަމުންދާނެ އެކަމަކު އެއީ އަހަރެމެންކަހަލަ ބޯ ބީތާވެފަ ތިބޭމީހުންގެ ވިސްނުންފޯރާފަޝައްވުރެން މާ އަޑިން ހިނގަމުން ދާކަންކަން ވީމަ އަހަރެމެންނަށް ރޭކާ ނުލާ އިވޭ އަޑުތަކުގެ މައްޗައް ހަޅޭއްލަވަނީ ،
ށުކުރު
02 July 2018
ރައީސްގެ ތާއީދު އިބޫއަށް ދިނުމުން ޝުކުރުއަދާކުރަން. ރައީސް ވޯޓުއަޅުއްވާނީވެސް އިބޫއަށް ކަމަށް ފެނޭ. ނިހާނުގެ ފޭވަރައިޓަކީވެސް ިބޫ.