ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި (ކ-ވ) ރިޔާޒް، އަބްދުއްރަހީމް އަދި ނިހާން ބައިވެރިވެވަޑައިގަންނަވަނީ. -
31 ޖުލައި 2018 - 19:42
ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށްތައް ތަފްސީލްކޮށް ހިމަނައިގެން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް، ވެރިކަން ކުރާ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އަބްދުއްރަހީމް އެ އިސްލާހު މަޖިލީހަށް ފޮނުއްވީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގައި ރިޝްވަތުގެ ކުށް ކަނޑައަޅާފައިވާ މާއްދާ އުނިވެގެންދާ ގޮތަށް ބިލެއް ހުށަހަޅާފައިވަނިކޮށެވެ. އެ ބިލު މިހާރު ވަނީ ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ފާސްކޮށްފަ އެވެ. އެކަމަކު، އެ ބިލު ފާސް ކުރެވޭނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓެއްގައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ.
އިބްރާހިމް ދީދީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާ އަށް ހުށައެޅުއްވި އެ އިސްލާހުގައި އެ މާއްދާގައި މިހާރު ބުނާ ރިޝްވަތުގެ ވާހަކައާ އެއްވެސް ކަހަލަ ގުޅުމެއް ނެތް ބައިތަކެއް ހިމެނެ އެވެ. އޭނާގެ އިސްލާހުތައް އަމާޒު ކުރައްވާފައި ވަނީ "ކޯޓުތަކުގެ ހުރުމަތް ކެނޑުމާ" އެވެ. އެ އިސްލާހުގައި ރިޝްވަތުގެ ކުށް ހިމެނިފައި ނެތުމުން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ޕީޕީއެމާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
އަބްދުއްރަހީމް، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު، މިދިޔަ ހަފުތާގައި މަޖިލީހަށް ވައްދާފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ. އަދި މި ބިލުގެ ފުރަތަމަ ކިއުން، އިއްވުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް މިހާރު ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް، ޕީޕީއެމުން ބުނީ އަބްދުއްރަހީމްގެ އިސްލާހަކީ ކުއްލިއަކަށް އައި އިސްލާހެއް ނޫން ކަމަށާއި ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ވެސް މި ދެ އިސްލާހާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ގާނޫނުލްއުގޫބާތަށް ހުށަހަޅާ އިސްލާހު ދެ ބަޔަކަށް ބެހިފައި އޮތް އިރު، އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހު މާ ބޮޑަށް ވެސް ފުރިހަމަވެފައި ރިޝްވަތުގެ ކުށް ތަފްސީލް ވާނެ ކަމަށެވެ.
"(ރިޝްވަތުގެ ކުށް) 550 ވަނަ ބާބާ ހަމައަށް ދިޔަ ކަމަށް ދަންނަވަނީ ތަރުތީބުން އޭގެ މައްޗަށް އެއްޗެއް އިތުރު ކުރެވިއްޖެ ނަމަ، ފުރޮޅިގެން އަންނާނީ ފަހަތަށް ނޫންތޯ 510 ގައި އޮތް ނުކުތާ. އެ ނުކުތާ ގެއްލުނީކީ ނޫން. އުވީކީ ވެސް ނޫން... ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނަށް ވުރެ މާ ފުރިހަމަ، ވާޝަނެއް އިތުރު ކުރަން މި އުޅެނީ. އެއީ ތަފާތުވެގެންދާ ކަމަކީ،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި އިބްރާހިމް ދީދީ، ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ގައުމީ ސަލާމަތާ ގުޅުން ހުރި ހިޔާނާތުގެ ކުށާއި ބަޣާވާތްކޮށްގެން ވެރިކަން ވައްޓައިލުމުގެ ކުށާއި ކުލީ ސިފައިން ހޯދައިގެން ސަރުކާރު ވައްޓާލުމުގެ ކުށް ވަނީ ބަޔާންކޮށްފަ އެވެ. އަދި އިސްލާމް ދީނާ އިދިކޮޅު އަމަލުތަކަކީ ވެސް ހިޔާނާތްތެރިވުމުގެ ކުށުގެ ގޮތުގައި ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް މަޖިލިހަށް ވެއްދި ބިލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނަށްވުރެ ފުޅާކޮށް، ކޮރަޕްޝަން ހުއްޓުވުމަށް "ބޮޑު ޗެޕްޓަރެއް" އެކުލަވާލެވިފައި އޮތް ބިލެއް ކަމަށް ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ގާނޫނުލްއުގޫބާތުގެ ގާނޫނަށް އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހު ކޮމިޓީން ނިންމާ ތަޅުމަށް ފޮނުވާފައިވީ ނަމަވެސް ދެ އިސްލާހު ވެސް ފާސްވެގެން ދާނީ އެކައްޗެއްގެ ގޮތުގައި ކަމަށެވެ.
ޕީޕީއެމްގެ ނައިބު ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނުލްއުގޫބާތުން ރިޝްވަތުގެ ކުށް އުވާލަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކައަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެން ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އަދި ރިޝްވަތުގެ ކުށް އުވާލަން އުޅެނީ އިދިކޮޅު ފަރާތްތަކުން ކަމަށް ވެސް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ.
މި ސަރުކާރަކީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރަމުން އަންނަ އެންމެ ވަރުގަދަ ސަރުކާރު ކަމަށާއި ސަރުކާރުން ކޮރަޕްޝަނާއި ހިޔާނާތް ނުވަތަ ރިޝްވަތުގެ ކުށް ގާނޫނުލްއުގޫބާތުން ނެގުމުގެ މަސައްކަތެއް ނުކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނާ
01 August 2018
އަދުރޭމެން ކަރުން ނާރުނަގާފަ ހަޅޭއްލެވިޔަސް ކޮށްފަހުރި ކަންތައް ފޮހެވިގެނެއް ނުދާނެ. ރައްޔަތުންނަށް ނޭގޭ އެއްޗެއްނެތް. ކިތަންމެ މަކަރުވެރިކަމާއެކު އުޅުނަސް ދެނެވޮޑިގެންވާ ފަރާތެއްވެ. އަމިއްލަ ނަފުސަށް އޮޅުވާލިޔަސް އެފަރާތަކަށް އޮޅުވައެއްނުލެވޭނެ. ފެންނެތްތާގަ ބަކަތަޅަން ނޫޅޭ. ވަރަށް ސަލާމް.
އަށްޗި
01 August 2018
އަމައްޔާއި، އެޅުނު ޅައެތިން ސަލާމަތްވާން އުޅުއްވާ ގޮތެއް.
ބެއްޔާ
01 August 2018
މިއީ މިޤައުމުގައި ތިބި އެންމެ މުޑުދާރު ބައިގަނޑު! މިފަހަރު ވޯޓުން ރައްޔިތުން މި ޕީޕީއެމް ބައިގަނޑަށް ނޫނެކޭ ބުނެމާ!
ވަތުބަތާނަ
01 August 2018
މަގުޞަދަކީ ނުވަތަ ބޭނުމަކީ ތި ފާސްކުރަން އުޅޭ އެއްޗެއްގެ ކުރިން ދީފައިވާ ރިޝްވަތާއި ނަގާފައިވާ ރިޝްވަތަކީ ކުށެއް ނޫންކަމަށް ހެދުން ތޯ؟
އެންމެންއެކީއެކަށް
01 August 2018
ވެރިކަން ބަދަލުވާތަނުން، ކޮންމެވެސް ބަޔަކު ތީގަ ބެދޭނެ ކަމަށް ބެލޭވޭ.
ޢިބަ
01 August 2018
ކަރަޕްޝަން ހުއްޓުވުމަށް ތިޔަމީހުން ކުރާކަން ތައް އެބަފެނޭ.ކުޑަ މިސާލެއް.ކުރީގެ އޯޑިޓާ ޖެނަރަލް ނިއާޒު ނައިބު ރައީސް އަދީބު ގެ ކަރަޕްޝަން ރޔ ގެ ސަމާލު ކަމަށް ގެނައުމުން ދެއްވި ޖަވާބު އަދި އެބޭފުޅާ މަގާމުން ވަކި ކޮއްލި އަވަސްކަން.ބޮޑު ސޯބު އެނބުރޭ ގޮތަކަށް ކުދި ސޯބު ތައް އެނބުރޭނީ
ޯުގރރރ
01 August 2018
ސިޔާސީ ޕޮއިންޓް ހޯދަން ޤާނޫނުލްއުޤޫބާތު ކޮށާ މަށާކަށް ނުވާނެ. ވަރަށް ދެރަކަމެއް ތި ކުރައްވަނީ.
އަލީބަލީ
01 August 2018
މި މީހުން އެއްވެސް އެއްޗެއް ތެދަކަށް ނުބުނާނެ. ރިޝްވަތު އާންމު ކުރަން ކުރެވެން ހުރި ކަމެއް މަޑުމަޑުން ކުރަން އުޅެނިކޮށް ފަޅާއެރީ. މިހެންވެގެން މި ބުނަނީ މި މީހުންނަށް ވޯޓުދޭން ހެޔޮނުވާނެއޭ! ކޮރަޕްޝަނާއި އަނިޔާވެރިކަމާއި މަކަރާއި ޖެއްސުންކުރުން ހައްދުން ނެއްޓިފައި.
ސައީދާ
01 August 2018
މިވަގުތު ލިބިގަންނަންޖެހޭ ފިލާވަޅަކީ ވެރިކަން ބޭނުންވެގެން އެންމެންވެސް އުޅޭ ދުވަސްވަރެއްކަން.
އަލީ!
01 August 2018
ރިޝްވަތޭ މިކިޔަނީ އެންމެގިނައިން ރިޝްވަތުދޭމީހުނާ ރިޝްވަތު ހިފާމީހުން.