ރައީސް ޔާމީން ގއ. ވިލިނގިލީގައި ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ/ރައީސް އޮފީސް
09 އޯގަސްޓް 2018 - 13:22
ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންތަކެއް، އެ ޕާޓީ ދޫކުރައްވައި އިދިކޮޅު ޕާޓީތަކާ ގުޅިވަޑައިގަތުމުން ޕާޓީ ބަލިކަށިވެ ރައްޔިތުންގެ މަޖިލީހުގައި ވެސް ނިކަމެތިކަން ލިބުނު ކަމަށް ރައީސް އަބްދުﷲ ޔާމީން ގއ. ވިލިނގިލީގައި އިއްޔެ ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ދައްކަވާނީ، ސިޔާސީ ވާހަކަފުޅު ކަމަށް ވިދާޅުވެ، ފެއްޓެވީ ޑީއާރުޕީ ދެ ބައިވެ ޕީޕީއެމް އުފެދުމާ ހިސާބުންނެވެ. އޭރު، ޗެސް ބޯޑުގައި ސިޔާސީ ގޮތުން ކުޅެމުން ދިޔަ ކުޅިވަރުގައި، ރައީސް ވިދާޅުވި ގޮތުގައި، މަނާ ޖެހީ ބޮންތިރިއަށް، ސައި ޖެހީ ޕީޕީއެމް އުފައްދައިގެންނެވެ. އޭރު އޮތް އެމްޑީޕީގެ ވެރިކަން ނިންމާލާފައި ދާންވެއްޖެ ކަމަށް އެ ޕާޓީން ގަބޫލުކުރީ ޕީޕީއެމް ވަރުގަދަކަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2013ގެ ރިޔާސީ އިންތިޚާބު ޕީޕީއެމުން ކާމިޔާބުކޮށް، ޕާޓީ ވަރުގަދަކަމާ އެކު އޮއްވައި ގެއްލުން ދިނީ މެމްބަރުންތަކެއް ރިޝްވަތުގެ އަވައިގައި ޖެހިގެން ކަމަށެވެ.
"އެކަމަކު އެއީ [ޕާޓީ އަށް ނިކަމެތިކަން ލިބުމަކީ] ބަޔަކު ޚިޔާނާތްތެރިވީމަ ނުކުންނަ ނަތީޖާ. ހަމަ ގައިމު ވެސް ނުފޫޒު ނުފޯރައެއް ނޫން އެ ބޭފުޅުން އަޅުގަނޑުމެންގެ އޮޑިން ފުންމާލައިގެން ދިޔައީކީއެއް،" ޕީޕީއެމުގައި ތިބެފައި އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ފެށި 12 މެމްބަރުންނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިލިނގިލީގައި ވާހަކަފުޅު ދައްކަވާއިރު، ޖަލްސާގެ ބައިވެރިން އަޑު އައްސަވަނީ. --ރައީސް އޮފީސް
މަޖިލީހުގައި ސާފު މެޖޯރިޓީ އޮތް ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރައީސް ޔާމީނާ މެދު ހިތްހަމަނުޖެހުނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރުން ބޭނުންވާ ހުރިހާ ގޮތަަކަށް ކަންކަން ކުރަން ފެށުމުންނެވެ. އެ ނުތަނަވަސްކަމުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން، އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވެސް އެ މެމްބަރުން ސޮއިކުރައްވައި ބައެއް މެމްބަރުން އަމިއްލަ އަށް ޕާޓީން ވަކިވެވަޑައިގަތީ އެވެ.
ރައީސް ޔާމީން ވަނީ، އިދިކޮޅާ ގުޅިވަޑައިގެން ހުންނެވި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ޕީޕީއެމްގެ ވިންދު ޖަހާ ހަށިތަކުން ވޯޓު ލައިގެން އަޅުގަނޑުމެން މިތަނުން މީހަކު ހޮވީ. އެކަމަކު އެ ބޭފުޅަކަށް ނޭނގުނު އެ އަމާނާތް ދަމަހައްޓާކަށް ތެދުވެރިކަމާ އެކީގައި. އެހެންވީމަ ނުފޫޒުތަކެއް އެހެރީ ފޯރާފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން، ގއ. ވިލިނގިލީގައި. --ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ވިލިނގިލީ މެމްބަރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ހުންނެވި ނަމަވެސް ވިލިނގިލީގެ ރައްޔިތުން ތިބީ ސަރުކާރާ އެކުގައި ކަމަށެވެ.
"ވިލިނގިއްޔާ ދޭތެރޭގައި އެންމެ އަޅާލާފައި އޮތް ސަރުކާރެއް އޮތީ އަޅުގަނޑުމެންގެ ފިކުރުގައި،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތިން އަހަރާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވިލިނގިއްޔަށް ހޭދަކޮށްފައި ވަނީ 18 މިލިއަން ރުފިޔާ އެވެ. އެކަމަކު، 4،000 އާބާދީގެ ވިލިނގިއްޔަށް މި ސަރުކާރުން މިހާތަނަށް ނިންމާފައިވާ މަޝްރޫއުގެ އަދަދު 425 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވިލިނގިއްޔަށް މި ސަރުކާރުން ވެސް އަޅާލާފައިވާ ކަމާ މެދު ދެބަސްވެވޭނެ މީހެއް ނުހުންނާނެ ކަމަށެވެ. އެ ރަށުގައި ފެނާއި ބަނދަރާއި ނަރުދަމާގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
10 August 2018
އެކަހަލަ ނަފުސުވިއްކާމީހުން ނަސީބެއްނު ފުންމާލިކަން އެހެންނޫންނަމަ އޮޑިވެސް ވިއްކާލީސް
ނިޔާވެރިޔާގެހިޔަނިންސަލާމަތްވޭ
09 August 2018
ދަންނަވަންތޯ އޮޑި ފެތެންފެށީމަ މީހުން ފުމޭނެ އެވެ. ވޯޓުލާ ނިމޭއިރު މިވެރިކަން ނިމުނީކަން އަދި އޮޑި ފެތުނީކަން ރަސްމީކޮށް ކަނޑައެޅޭނެ އެވެ.
އިހުސާން
09 August 2018
ގަދަ ވަޔާއި ވިއްސާރައިގައި އޮޑި ދުއްވަން ޖެހުނީމަ ހީކަރުވާ، ތުރުތުރު އަޅާ މީހުން އޮޑިން ފުންމާލައިގެން ދިއުން އެއީ ވަރަށްވެސް އުފާވި ކަމެއް، ހަގީގަތުގަ އެފަދަ މުނާފިގުން ނެތުން އެއީ މަނިކުފާނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް.
ބަރުބާަދު
09 August 2018
އޮޑީގަތިބުމާ ފުމްމާލައިގެންގޮސް ބޭނުންއޮޑިޔަކައް އެރުމުގެ ހައްގުއެއީ އެމީހުންނައް ލިބިގެންވާ އެއްޗަކައްނުވަނީބާ؟. ޑިމޮކްރަސީ ތިއޮތީ އެކޮޅުކޮޅުން ދަސްވެފަ. މިހާރު ތިޔައޮޑީގައެތިބީ ބަނދެފަތިބިމީހުނާ، ފުންމާލާއިރައް ބޮލައްބަޑިޖަހާނެކަމުގެ ބިރައް ތިބިމީހުން.
ޢޮޑީގަ
09 August 2018
ޢޮޑީގެ މިހާރު ތިބީ މުދަލުގަ ބޭނުމުގަ ތާށިވެފަ ތިބި ރަހީނުން އެކަނި.
ޗެލްސީ
09 August 2018
އޮޑީގެ މިސްރާބު ގޯސްވީމާ ފުންމާލުމުގެ ހައްގު ފަޅުވެރިންނަށް އޮންނަންވާނެ.. ފުންމާލީމާ މަނިކުފާނު ހެއްދެވިގޮތަކީ ހިކިފަސް ތަނަކަށް އެރިޔަނުދީ ކަނޑުފައްތަން މަސައްކަތް ކުރުން
އަލީގ
09 August 2018
އެވިދާޅުވާ އޮޑިއައް މީހުން އެރުވިގޮތްވެސް އެންމެބޮޑައް ހަމަ އެނގިވަޑައިގަންނަވާނީ އެމަނިކުފާނައް އަދި އޮޑިއައްއެރިމީހުންނައް ލިބުނު ރޯއްޖާ އެރޯދި ހޯދަން އެމީހުންގެ ޒަމީރު ވިއްކާލަންޖެހުނުވަރުވެސް ހަމަ އެނގި ވަޑައިގަންނަވާނީ އެމަނިކުފާނައް އެންމެފަހުން ދެން ކެތްނުވެގެން އެއޮޑިން ފުންމާލިމީހުންނައް ޖެއްސިހާލު އަހަރެމެން ހުރިހާ ރައްޔިތުންނައްވެސް އެނގޭ.
ސުތުލި ގޯނީގަ ބޮސްދޭ ފާތޭ
09 August 2018
ތި އޮޑި ފެންމަތީ އޮތްކަންވެސް އެއީ ނަސީބެއްދޯ؟ ޚަޒާނާ ދަވާލާފަ އަނިޔާވެރިކަން އިންތިހާ ޔަށް. ޢަދުލުވެރިކަމެއް ނެތް! ރައްޔިތުންގެ މަޖްލިސް ހިސޯރު ކޮށްގެން ހިތުން ވެރިކަމެއް މިމީހާވެސް މިކުރަނީ! އަހަރުމެން ޔާމީން ގެޔަށް ފޮނުވަލަނީ 23 ސެޕްޓެމްބަރ ގައި ވޯޓް ލައިގެން ބޮޑު ނަތީޖާއަކުން ޔާމީނު ބަލިކޮށްފަ! އެދުވަހު ހުރޭ ބުނަން ހުރިހާ ރައްޔިތުންވެސް އޮޑިންފުންމާލައްޕޭ!
ސާއިދު
09 August 2018
މެމްބަރު ދޯކާދިނަސް ރައްޔިތުން ތިއްބަވާނީ ރައީސް އާއި އެކު. އެއްލަކިން ރައީސް ޔާމީން 2018
ަހަންބެ ބޮންޒޯ ދިޔމިގިލި
10 August 2018
ސާއިދަށް މާގިނ ވޯޓް ލިބޭނެ ޔާމިނަށް ވުރެ
ޑޮންއަލިފު
09 August 2018
ޕާޓީ ބަލިކަށިވާ އިރައް މަޖިލިސް ހިސޯރު ކުރަންޖެހޭތަ؟